ވެރިކަން ކުރައްވަމުން މިގެންދަވަނީ އަމިއްލަ ބޭނުންފުޅުތަކެއް އޮވެގެން ނޫން ކަމަށާއި، ވެރިކަން މި ކުރައްވަނީ ރައްޔިތުންނަށްޓަކައި ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިރޭ މިލަދުންމަޑުލު އުތުރުބުރީ ފޯކައިދުއަށް ވަޑައިގެން ފޯކައިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ވެރިކަން ކުރައްވަމުން ގެންދަވާއިރު ހޯއްދަވަން ބޭނުންފުޅުވަނީ ރައްޔިތުން ދެކޭ ގޮތް ކަމަށާއި، ވެރިކަމާ ހަވާލުވެވަޑައިގެން ތިއްބެވީ މިއީ، ކޮންކަމެއްކަން ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވައިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރީގައި ރައްޔިތުންގެ އަޑުއެއްސެވި ކަމަށާއި، ވެރިކަމުގައި މި ހުންނެވީ މިކަން ކުރެއްވޭނެ ކަމަށް ހިތުގެ އަޑިން ގަބޫލު ކުރައްވާތީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަނިކުފާނު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ރާއްޖޭގެ ހާލަތު އޮތް ގޮތުގެ މައްޗަށް ބައްލަވާލައްވަމުން، އޭރު ރާއްޖެ އޮތީ ހަތަރު އަނގޮޅިއެއްގެ ކަންމަތީގައި ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖެ އޮތީ ވަރަށް ބޮޑަށް ދަރާފައި ކަމަށާއި، ލިބޭ މިންވަރަށްވުރެ މާބޮޑަށް ޚަރަދުކޮށް، ނާޖާއިޒު ފައިދާ ނަގަމުން ގެންގޮސްފައިވާ ކަމުގައިވެސް ވިދާޅުވިއެވެ. އަދި އެދުވަހު ރާއްޖެ އޮތީ ބަދަލުކުރުމުގެ ރޫޙުގައިކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، އޭރު ކަންކަން ކުރަމުން ގެންދިޔަ ގޮތަށް މިއަދު ކަން ހިންގަވަން ފެށްޓެވިނަމަ، ޤައުމު މިހާރު އޮންނާނީ ހަލާކުގެ ތެރެއަށް ގޮސްފައި ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.