ސަރުކާރުގެ ވިސްނުމަކީ ތަޢުލީމާއި، އާމުދަނީއާއި، ޞިއްޙަތާއި، އޯގާވެރިކަމާއި، ދިރިއުޅުމުގެ އުފާވެރި އިޙްސާސްތަކުން އެއްވެސް ރައްޔިތަކު މަޙްރޫމް ނުކުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މި ހިނގާ 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ. މިއީ ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު އެމަނިކުފާނު އިއްވަވާ ފުރަތަމަ ރިޔާސީ ބަޔާނެވެ.

ތަޢުލީމީ ނިޒާމަށް ޒަމާނާ އެކަށޭނަގޮތަށް ބަދަލުގެނައުން

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި، ބޮޑެތި އާބާދީތަކާ އެކަށޭނަ މިންވަރަށް ސްކޫލް މަދަރުސާތައް ބިނާކުރުމާއި އެތަންތަނަށް ބޭނުންވާ ޚިދުމަތްތައް ފަހިކޮށްދެވިފައި ނެތްކަން ފާހަގަކުރެއްވިއެވެ. އަޅައިނުލާ ދޫކޮށްލާފައިހުރި ހުރިހާކަމެއް ދިރާސާކޮށް، ތަޢުލީމީ ދާއިރާއަށް ބޭނުންވާ ވަސީލަތްތައް ފަހިކޮށްދޭން ފަށައި، ފައިސާ ނުލިބި މަރާމާތު ނުކުރެވި ހުރި ސްކޫލުތަކުގެ މަރާމާތުތަކަށް 30 މިލިޔަން ރުފިޔާ ކޮންޓިންޖެންސީ ބަޖެޓުން ހަމަޖައްސައި، އެފައިސާ ސްކޫލުތަކަށް ކަނޑައެޅިފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން، މި ސަރުކާރުން ތަޢުލީމީ ދާއިރާގެ 61 ޕްރޮޖެކްޓް މިހާރު ޓެންޑަރިންގ މަރުޙަލާގައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، މުދައްރިސުންގެ ގޮތުގައި އެކި މާއްދާތައް ކިޔަވައިދޭނެ ޤާބިލް ދިވެހީން ގިނަކުރަން ފެށުމާއި، ތަޢުލީމީ ދާއިރާގެ ތަރައްޤީއަށް ކުރިއަށްދާ ކަންކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުވާލެއްވިއެވެ.

ގޯތިގެދޮރުގެ ދަތިކަމަށް ދާއިމީ ޙައްލެއް ގެނައުން

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި، މިހާރު ކުރިއަށްދާ މަޝްރޫޢުތަކާއެކު ގޯތިގެދޮރުގެ ދަތިކަމަށް ދާއިމީ ޙައްލެއް ގެނައުމަށް މަގު ފަހިކުރެވޭނީ ރަސްމާލެ މަޝްރޫޢާއެކުކަން ފާހަގަކުރައްވައި އެ މަޝްރޫޢުތަކަށް އަލިއަޅުވާލައްވާފައިވެއެވެ.
މީގެ އިތުރުން ރަށްރަށުގައި ހުރި ގޯތިގެދޮރުގެ ދަތިކަން ޙައްލުކުރުމަށް، ބިން ހިއްކުމާއި، ގޯތި ދޫކުރުމާއި، ފްލެޓް ބިނާކުރުމުގެ މަޝްރޫޢުތައް މި އަހަރު ފަށާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މާލެއާއި އަތޮޅުތަކާއި ސިޓީތަކުގައި ސަރުކާރުން ބިނާކޮށްދީފައިހުރި ފްލެޓާއި ހައުސިންގ ޔުނިޓްތަކުގެ ކުލިކުޑަކޮށްދިނުމާއި މާލީގޮތުން ލުއިދެއްވުމަށް ސަރުކާރުން ފަހިކޮށްދެއްވާފައިވާ ކަންކަމުގެ ތަފުސީލުތަކަށްވެސް އެމަނިކުފާނު އަލިއަޅުވާލެއްވިއެވެ.

ޞިއްޙީ ދާއިރާ ހަރުދަނާކޮށް ފުޅާކުރުން

ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ "ޕްރިވެންޓިވް ހެލްތު ކެއަރ" ނިޒާމު ފުޅާކޮށް ހަރުދަނާކުރުމަށް ބޭނުންވާ ޚާއްޞަ ޕްރޮގްރާމުތައް ތަންފީޒުކުރުމަށް 2024 ވަނަ އަހަރަށް ޚާއްޞަ ބަޖެޓެއް ހަމަޖައްސަވާފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން އިތުރު 10 އަތޮޅެއްގައި ޕްރައިމަރީ ހެލްތު ކެއަރގެ ނިޒާމު ފުޅާކޮށް، ޚިދުމަތްދޭން ފެށުމާއި މިނިޒާމުގެ ދަށުން ދަމަނަވެށި ފުޅާކުރުމަށް ސަރުކާރުން ނިންމަވާފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ފެންވަރު ރަނގަޅު ބޭސް ރާއްޖެއިން ލިބޭކަން ކަށަވަރުކުރުމަށްޓަކައި "ނޭޝަނަލް މެޑިސިން ޕޮލިސީ" މުރާޖަޢާ ކުރުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށާއި، ރަށްރަށުގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރާއިރު، ކޮންމެ ރަށެއްގައިވެސް އެ ރަށަކާ އެކަށޭނަ ލެބޯޓްރީއެއް ޤާއިމުކުރެވިގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުގައި ޓަރޝަރީ ހޮސްޕިޓަލް ބިނާކުރުމަށް ސަރުކާރުން މިއަހަރު ފަށާ މަޝްރޫޢު ފުރިހަމަވުމުން، މާލެ ނައިސް ރަށާ ކައިރިން ޞިއްޙީ ފަރުވާ ހޯދޭނެ މަގުފަހިވާނެ ކަމުގައެވެ. މީގެ އިތުރުންވެސް، ކުއްލި ފަރުވާއަށް ބޭނުންވާ ޙާލަތުގައި ދުރު ދަތުރުތައް ކުރުމަށްޓަކައި އަންނަ މާރިޗްމަހު އެއާ އެމްބިއުލާންސްގެ ޚިދުމަތް ރާއްޖޭގައި ދޭން ފެށުމުގެ ތައްޔާރީތައް ވަމުންދާ ކަމަށާއި، އަދި މިނޫންވެސް ޞިއްޙީ ދާއިރާގެ ތަރައްޤީއަށް ހުރި އެކިކަންކަމަށް އެމަނިކުފާނު އަލިއަޅުވާލެއްވިއެވެ. އަދި އެމަނިކުފާނުގެ ރިޔާސީ ބަޔާނުގައި ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދިއުމަށް ރާވާފައިވާ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކަށްވެސް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.