ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އުތުރުގެ ބައެއް އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅެއް މިއަދު މެންދުރު ފަށްޓަވައިފިއެވެ. މިދަތުރުފުޅުގައި، ތިލަދުންމަތީ އުތުރުބުރީ މަނަފަރުގައި ހަދާފައިވާ ރިޒޯޓް "ބީޗްހައުސް މޯލްޑިވްސް، ދަ ވާރލްޑޯފް އެސްޓޯރިއާ ކަލެކްޝަން" ހުޅުއްވައިދެއްވާނެއެވެ. މިރިޒޯޓް ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތު އޮންނާނީ މިއަދު މެންދުރުފަހުއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، މިލަދުންމަޑުލު އުތުރުބުރީގެ ތިން ރަށަކަށާއި، މިލަދުންމަޑުލު ދެކުނުބުރީ މަނަދުއަށް ވަޑައިގެން، އެރަށްރަށުގެ ރައްޔިތުންގެ ޙާލު ބައްލަވާލައްވައި ރައްޔިތުންނާ ބައްދަލުކުރައްވާނެއެވެ.