ސިޔާސީ ހަލަބޮލިކަމާއި، ޚިޔާލުތަފާތުވުންތައް ތަޙައްމަލް ކުރެއްވުމުގައި ސަރުކާރަށް އެއްބާރުލެއްވުން ދެއްވުމުގެ ރޫޙު ކުރިއަށް ނެރުއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އިލްތިމާސް ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އިލްތިމާސް ކުރެއްވީ މިއަދު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ. މުޖްތަމަޢުގެ އެކިފަންތީގައި ހިމެނޭ ބައެއް ލޮބުވެތި ރައްޔިތުންގެ ތެރެއިން ހަރުކަށި ކަމުގައި ދެކެވޭ ގޮތްތައް މަޑުމައިތިރި ކުރައްވައި، މުޅި ޤައުމުގެ އެންމެހާ ރައްޔިތުންގެ ހަމަޖެހުމާއި ކުރިއެރުމަށްޓަކައި، އެކުވެރިވުން އިސްކުރެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި، މިއަދު ދިވެހިރާއްޖެ ޑިމޮކްރަސީގެ މަރްޙަލާތައް ކަޑައްތު ކުރަމުންދާއިރު، ކުރިމަތިން ފެންނަ މަންޒަރުތައް ވަރަށް ސާފު، ވަރަށް އުޖާލާ ކަމަށާއި، ރައްޔިތުންގެ ހިތްތަކަށް ލިބިފައިވާ އަދި ލިބެމުންދާ ހިތްހަމަޖެހުން ބޮޑުކަމުގައި ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް ފާގަތިކަމާއި ބާއްޖަވެރިކަން ހޯއްދަވައިދެއްވުމަށް ސަރުކާރުން މިކުރައްވާ މަސައްކަތްތަކުގެ ސަބަބުން އިރާދަކުރެއްވިއްޔާ މިއަހަރު ރައްޔިތުންނަށް އިތުރު ހިތްހަމަޖެހުން ގެނެސްދެއްވޭނެ ކަމަށާއި، އިތުރު ފަސޭހަތައް ހޯއްދަވައިދެއްވޭނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި ވިދާޅުވި ވާހަކަފުޅުތަކުގެ މައިގަނޑު، އެމަނިކުފާނު އަމާޒު ކުރައްވާ ނާރެހަކީ، ސަރުކާރުގެ މިހުރިހާ މަސައްކަތްތައް އެއީ، ދިވެހި ހުރިހާ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ކެނޑިނޭޅި ކުރެވޭ ކަންކަން ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި، އަޅުގަނޑުމެން އެންމެން އެކުގައި ބިނާކޮށްފައިމިވާ ވާދަވެރި ސިޔާސީ ނިޒާމް، މި ރާއްޖޭގައި ދެމެހެއްޓުމަކީ އަޅުގަނޑުމެން އެންމެންމެ އެންމެ އެދޭނެގޮތް ކަމުގައި ވިދާޅުވިއެވެ. އެހެންކަމުން، މި ނިޒާމުގެ ޠަބީޢަތުން ބޭރުން މިވެރިކަމަށް ލޮޅުމެއްގެނެސް، ލާހިކު ނޫން ބަދަލަކަށް އުންމީދު ކުރަނީނަމަ، އެފަދަ ކަންކަމުގެ ރައްކަލެއްގެ ގޮތުގައި ވެރިކަމުގެ ފަރާތުން ޢަމަލު ކުރުމަށް މަޖްބޫރުވާ ގޮތުގެ ސަބަބުން ގެއްލުން ލިބޭނީ ހަމައެކަނި ވެރިކަމުގެ މި ނިޒާމަކަށް ނޫންކަމާއި، ވާދަވެރި ފަރާތްތަކަށްވެސް އެ ގެއްލުން ލިބޭނެކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިއީ އަޅުގަނޑުމެން އެކަކުވެސް ކަންވުމަށް އެދޭނެގޮތް ކަމަކަށް ދެކެވަޑައިނުގަންނަވާ ކަމަށާއި، ބުއްދިވެރި ގޮތަކީ، މިވަގުތު އެފަދަ ޒާތީ ވާދަވެރިކަމުގެ ތެރެއަށް ވެއްޓިނުގަނެ، ކޮންމެހެން ބޭނުންވާ މުހިންމު ޤައުމީ ތަރަހަތައް ބިނާކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ރޮނގުން އެމަނިކުފާނުގެ ރިޔާސީ ބަޔާން ކުރިއަށް ގެންދަވަމުން، 2013 ގައި އޮންނަ އިންތިޚާބަށް ހުރިހާ ޕާޓީތަކުން ތައްޔާރުވުމުގެ މުހިންމުކަން ކުޑައެއް ނޫންކަމަށާއި، އެހެން ނަމަވެސް، ތައްޔާރުވުމަށްޓަކައި މިއަދު ކުރާން އޮތް ކަމަކީ، ސަރުކާރު ހިންގުމަށް ހުރަސް އެޅުމުގެ މަސައްކަތްކުރުން ކަމަށް ދެކިއްޖެނަމަ އެފަދަ ކަންކަމުގެ ދިފާޢުގައި ސަރުކާރާއި އަދި ކިތަންމެ ޕާޓީއެއް ނުކުންނާނީ ޖޯޝާއެކުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެޖޯޝުގައި މުޑިނެގޭއިރު، ގެއްލުން ލިބޭނީ ހަމައެކަނި ވަކި ފަރުދުންނަކަށް ނޫން ކަމަށާއި، މުޅި ސިޔާސީ ނިޒާމަށް ކަމުގައި ވިދާޅުވިއެވެ. އަދި މިގެއްލުމަކީ އެކަކުވެސް އެދޭނެ ގެއްލުމެއް ނޫން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލެއްވުން މި ރާއްޖެއަށް ބޭނުންވާ މިންވަރު ބޮޑުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މި ސިޔާސީ އެކުވެރިކަން ޙާޞިލު ކުރެއްވުމަށްޓަކައި މި ސަރުކާރަށް ކުރެއްވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ވިދާޅުވެ، މިކަމުގައި ސަރުކާރުގެ ފަރާތުން އެއްބާރުލުމެއް ބޭނުންފުޅުވާނަމަ އެ އެއްބާރުލުންދެއްވައި އަދި އެއްކައިރިވާންޖެހޭ ކަމެއްވާނަމަ މުޅި ޤައުމުގެ މަޞްލަޙަތު އިސްކުރެއްވުމަށްޓަކައި އިރާދަފުޅާއެކު މަސައްކަތް ކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި، ހުރިހާ ސިޔާސީ ޕާޓީއަކާ އެކުގައި ވާހަކަ ދައްކައިގެން، މަޝްވަރާކޮށްގެން ކަންކަން ޙައްލު ކުރުމުގެ އުޞޫލު އިސްކުރެއްވުމަށާއި، މަޖިލީހުގެ އެއްބާރުލެއްވުން ސަރުކާރަށް ނުހަނު ބޭނުންތެރިވެފައިވާ ކަމުގައި ވިދާޅުވިއެވެ. މިވަގުތު މި ރާއްޖޭގައި މިއޮތީ ވަރަށްގިނަ ކަންތައްތަކެއް ކުރާން ފަށަން ޖެހިފައި ކަމާއި، ކުރިއަށް މިއޮތް ދެތިން ހަތަރު މަހެއްގެ ތެރޭގައި، އެތަކެއް މަޝްރޫޢުތަކެއް އޮތީ ފެށްޓޭގޮތަށްކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. މި ރޮނގުން ރިޔާސީ ބަޔާން ކުރިއަށް ގެންދަވަމުން، ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ތަފާތު ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ މެދުގައި ކަންކަމާމެދު ވާހަކަ ދެކެވި ޙައްލު ކުރެވޭނެ އޮނިގަނޑެއް އެކުލަވާލެވިއްޖެނަމަ، އެއީ ރައްޔިތުންނަށް ގިނަގުނަ ކުރިއެރުންތަކެއް ލިބިގެންދާނެ ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ. އަދި ޚިޔާލުފުޅު ތަފާތުވެވަޑައިގަންނަވާ މެންބަރުން ސަރުކާރާ ވާހަކަފުޅު ދައްކަވައިގެން، ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅުއްވާފައި ހުރި ބިލްތަކަށް، އެބޭފުޅުންނަށްވެސް އޭގައި ފެނިވަޑައިގަންނަވާ ކަންތައްތަކެއް ހިމަނުއްވައިގެންވިޔަސް އަވަހަށް ނިންމެވޭތޯ މަސައްކަތް ކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަރިހުން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި، ރާއްޖެއަށް ދިމާވެފައިމިވާ އިޤްތިޞާދީ ޚާއްޞަ ޙާލަތުން މިންޖުވުމަށްޓަކައި ސަރުކާރުން ކަނޑައެޅުއްވި ސިޔާސަތުތައް، ކެތްތެރިކަމާއި ޙިކްމަތްތެރިކަމާއި ވިސްނުންތެރިކަން އިސްކުރައްވައި، މަޑުމައިތިރިކަމާއެކު ތަންފީޒުކޮށްދެއްވުމަށް އިލްތިމާސް ކުރެއްވިއެވެ. އަދި ސަރުކާރާއި ސިވިލް ސަރވިސްގެ މުވައްޒަފުންގެ މުސާރައަށްވެސް ހެޔޮބަދަލުތައް ގެނައުމަށްޓަކައި އިރާދަފުޅާއެކު ވަރަށްބުރަ މަސައްކަތްތަކެއް ކުރެއްވުމުގައި ދެމިތިއްބަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި، އާ ސަރުކާރަށް އަހަރަކާއި ހަތަރުމަސް ހަމަވަމުންދާއިރު، މިކަމުގައި އެކަށީގެންވާ ކުރިއެރުންތަކެއް ހޯއްދެވިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުގެ މައިގަނޑު ފަސް ވަޢުދު ފުރިހަމަ ކުރެއްވުމަށް މިހާތަނަށް ކުރައްވާފައިވާ މަސައްކަތްޕުޅުތަކަށާއި، އެކަމުން ޙާޞިލު ކުރެއްވުނު ނަތީޖާތަކުގެ މައްޗަށް ވަރަށް ތަފްޞީލުކޮށް ބައްލަވާލެއްވިއެވެ.