އެގްރީމެންޓް އޮން ސައުތު އޭޝިއަން ފްރީ ޓްރޭޑް އޭރިޔާ (ސަފްޓާ)ގެ އެއްބަސްވުމުގައި އަފްޣާނިސްތާން ހިމެނުމަށްޓަކައި، ސާރކްގެ މެންބަރު ހުރިހާ ޤައުމުތަކުން ސޮއިކޮށްފައިވާ ޕްރޮޓޮކޯލް [ޕްރޮޓޮކޯލް އޮފް އެކްސެޝަން އޮފް އިސްލާމިކް ރިޕަބްލިކް އޮފް އަފްޣާނިސްތާން ޓު އެގްރީމަންޓް އޮން ސައުތު އޭޝިއަން ފްރީ ޓްރޭޑް އޭރިއާ] ރާއްޖެއިން ތަޞްދީޤު ކުރުމަށް ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ނިންމަވައިފިއެވެ.

މިއަދުގެ ޖަލްސާގައި، އަލަށް ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ދޫކުރެއްވި ރަށްތަކުގެ ތެރެއިން އެގްރީމެންޓާ އެއްގޮތަށް މަސައްކަތް ނިމިފައިނުވާ ރަށްތަކާ ބެހޭގޮތުން 2009 ޑިސެމްބަރު 8 ވަނަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއިން ކަނޑައެޅުއްވި އުޞޫލާ ބެހޭގޮތުންވެސް ވާހަކަފުޅު ދެއްކެވިއެވެ. މިކަމާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވުމަށްފަހު، މިކަމާ ގުޅުންހުރި ބިލްތައް ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހެޅިފައިވުމާއެކު، ރަށްރަށާ ގުޅޭގޮތުން ނިންމެވި ނިންމެވުމަށް ރައްޔިތުންގެ މަޖިލީހުން ބިލް ފާސްވަންދެން ޢަމަލު ނުކުރައްވައި މަޑުކޮށްލެއްވުމަށް ނިންމެވިއެވެ.