ސަރުކާރުގެ ޚަރަދު ކުޑަކުރެއްވުމަށް ސަރުކާރުން ކުރިއަށް ގެންދަވާ ޕްރޮގްރާމް ހުއްޓަވައިނުލައްވާ ކުރިއަށް ގެންދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އައި.އެމް.އެފް.ގެ އޭޝިޔާ ޕެސިފިކް ސަރަޙައްދުގެ ޑެޕިއުޓީ ޑިރެކްޓަރ ޑޮކްޓަރ ކަލްޕަނާ ކޯޗަރއާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުގެ ޚަރަދު ކުޑަކުރެއްވުމަށް 2009 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ސަރުކާރުން އެޅުއްވި ފިޔަވަޅުތައް ދަމަހައްޓަވާނެ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުގެ ޚަރަދު ކުޑަކުރެއްވުމުގެ ގޮތުން، ސިވިލް ސަރވިސްގެ މުވައްޒަފުންގެ މުސާރަ މިވަގުތަށް ކުޑަކުރެއްވުމަށް، ސިވިލް ސަރވިސް ކޮމިޝަނުން ވެވަޑައިގެންފައިވާ އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރައްވައި، ރާއްޖޭގެ އިޤްތިޞާދުގެ މައިގަނޑުތައް އެއް ހަމައެއްގައި ބެހެއްޓެވުމަށް އެ ކޮމިޝަނުން އިސްކަންދެއްވާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ސަރުކާރުން ހިންގަވާ އިޤްތިޞާދީ ޕްރޮގްރާމްގައި ހިމެނޭ އެހެން ކަންތައްތަކާ ބެހޭގޮތުންވެސް އައި.އެމް.އެފް.ގެ ވަފްދާއެކު ރައީސުލްޖުމްހޫރިއްޔާ މަޝްވަރާ ކުރެއްވިއެވެ. މިގޮތުން، ރާއްޖޭގެ ޓެކްސް ނެގުމުގެ ނިޒާމް އިޞްލާޙު ކުރައްވައި ހަރުދަނާ ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލާ ބެހޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ.

ޑޮކްޓަރ ކޯޗަރ ދެއްކެވި ވާހަކަފުޅުގައި، އިޤްތިޞާދު ހަރުދަނާ ކުރެއްވުމަށް ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ އިޤްތިޞާދީ ސިޔާސަތަށް މަރްޙަބާ ވިދާޅުވިއެވެ. އަދި ސަރުކާރުގެ މެނިފެސްޓޯގައި ހުށަހަޅުއްވާފައިވާ ކަންތައްތަކަށް އައި.އެމް.އެފް.ގެ ފުރިހަމަ ތާއީދު އޮތް ކަމުގައި ވިދާޅުވިއެވެ.