ސްލޮވާކިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު މިސްޓަރ މެރިއޮން ޓޮމަސިކް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް މިއަދު އަރުއްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ސްލޮވާކިޔާގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި މަރްޙަބާ ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ސްލޮވާކިޔާއާ ދެމެދު އޮތް ގުޅުމާއި މިގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ސްލޮވާކިޔާގެ ސަފީރު ވާހަކަފުޅު ދެއްކެވިއެވެ. މިގޮތުން ރާއްޖެއާއި ސްލޮވާކިޔާއާ ދެމެދު ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހި ކުރެއްވުމާ ބެހޭގޮތުންނާއި، ސްލޮވާކިޔާއިން ރާއްޖެއަށް ޑޮކްޓަރުން ގެންނެވުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އ.ދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ މެންބަރުކަމަށްވުމަށް ރާއްޖެއިން ހުށަހަޅާފައިވާ ހުށެހެޅުމަށް ސްލޮވާކިޔާއިން ތާއީދު ކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. މި ކައުންސިލްގެ މެންބަރުކަމަށް ރާއްޖެއިން ކުރިމަތިލާފައިވަނީ، ރާއްޖެއަށް ތަޢާރަފު ކުރެވިފައިމިވާ ޑިމޮކްރަސީގެ މައިގަނޑު އެޖެންޑާއަކީ، އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުން ކަމަށްވާތީ ކަމަށާއި، އަދި މިރޮނގުން ދުނިޔޭގެ އެހެން ޤައުމުތަކަށްވެސް ރާއްޖެއިން އެހީތެރިކަން ފޯރުއްވައިދެއްވުމުގެ މަޤްޞަދުގައި ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ސްލޮވާކިޔާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ދެޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް، އެމަނިކުފާނުގެ ސަފީރު ކަމުގެ ދައުރުގައި ކުރެއްވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ޕޮލިޓިކަލް އެޑްވައިޒަރ ޙަސަން ޢަފީފާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ އަޙްމަދު ޝަހީދު ބައިވެރިވެވަޑައިގެންނެވިއެވެ.