بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

އިންސާނާއަށް ދެއްވި އެންމެ މަތިވެރި ނިޢުމަތްތަކުގެ ތެރޭގައި ޞިއްޙަތު ސަލާމަތުން ހުރުމުގެ މަތިވެރި ނިޢުމަތް ލެއްވި اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރުކުރަން. ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމުގެ މަތިވެރި އިރުޝާދު، ނަބަވީ އިރުޝާދު އަޅުގަނޑުމެންނަށް ފޯރުކޮށްދެއްވި މާތް ސާޙިބާ مُحَمَّدٌ نَبِيَّا صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމާއި ބަރަކާތް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި، ސަލާމާއި ބަރަކާތުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ހެލްތު މިނިސްޓަރ ޑޮކްޓަރ ޚަލީލް، އަދި ކައުންސިލްތަކާ ގުޅޭ މިނިސްޓަރ އާދަމް ޝަރީފް، ސަރުކާރުގެ ވުޒާރާތަކުގެ އިސް ބޭބޭފުޅުންނާއި، ސިޓީ ކައުންސިލްގެ އިސްބޭފުޅުން، އަދި މިތަނަށް ވަޑައިގެން ތިއްބެވި ސަރުކާރުގެ އެންމެހައި އިދާރާތަކުގެ ބޭބޭފުޅުން އަދި ދިވެހި ލޮބުވެތި ރައްޔިތުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، ޝައްކެއްނެތް ގޮތުގައި، ދެންމެ މިނިސްޓަރ ފާހަގަކުރެއްވި ފަދައިން، އާދެ، ކުރިން މި ބައްދަލުވުން ފެށްޓެވުމުގެ ގޮތުން ތަޢާރުފު ކުރެއްވި ބޭފުޅާ ފާހަގަކުރެއްވި ފަދައިން، މުޅި ރާއްޖެ ސާފުކުރުމުގެ ޤައުމީ ހަރަކާތެއް މިއަދު ފެށިގެން މިދަނީ. މިކަމުގެ މުހިންމުކަމާ ގުޅޭގޮތުން މިނިސްޓަރ ދެންމެ ކުރު ތަޢާރުފެއް އެ ދެއްވީ.

އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ތާރީޚުގެ ތެރެއަށް މިފަދަ ބަލިތައް، އަޅުގަނޑުމެންގެ ތެރެއިން ނައްތައިލެވިފައި އޮތް ކަމުގައި ވީނަމަވެސް، ފައިލޭރިއާ ފަދަ ބަލިތަކުގެ ބައެއް ޕޮޒިޓިވް ކޭސްތަކެއް އަޅުގަނޑުމެންނަށް ފެނުމަކީ އެއީ، އަޅުގަނޑުމެން ރައްޔިތުންގެ ހިތުތެރޭގައި މާޔޫސްވުމެއް، ނޫނީ ހިތުގެ ނުތަނަވަސްކަމެއް އޮވެދާނެ ކަންކަން. އޮންނާނެ ކަންކަންވެސްމެ. އެކަން ގަބޫލުކޮށް، އަޅުގަނޑުމެން ހުރިހާ މުއައްސަސާތަކާއި، ސަރުކާރުގެ އިދާރާތައް ގުޅިގެން، އަދި އާންމު މަދަނީ ޖަމުޢިއްޔާތަކާއި، އާންމު ރައްޔިތުންނާ ގުޅިގެން މިފަދަ ކެމްޕެއިނެއް ފެށްޓުމަކީ އެއީ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ރައްޔިތުންގެ ހިތްތަކުގައި ހިތްހަމަޖެހުމާއި، އުފާވެރިކަން ގެނެސްދިނުމަށްޓަކައި ފެށްޓެވި ވަރަށް މަތިވެރި މަޤްޞަދެއްގައި ކުރެވޭ ކަމެއް. އެކަމަށްޓަކައި ތިޔަބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޚާއްޞަ ޝުކުރެއް ދަންނަވަން. ޝުކުރިއްޔާ ވަރަށް ބޮޑަށް.

އާދެ، މިފަދަ ކަންކަމުން ސަލާމަތްވުމަށް، ނޫނީ މަދިރި ކޮންޓްރޯލް ކުރުމަށް، މަދިރިން އުފެދޭ ބަލިތަކުން ރައްކާތެރިވުމަށްޓަކައި އަޅުގަނޑުމެންނަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ، އެންމެ އާދައިގެ ތުއްތުކުއްޖާއަށްވެސް އެނގޭނެ ފަދައިން ސާފުތާހިރުކަން. ސާފުތާހިރުވުމަކީ އަޅުގަނޑުމެންގެ
މި ވެށީގެ ރައްކާތެރިކަން އިތުރުކޮށްދިނުމަށްޓަކައި، އަޅުގަނޑުމެން ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމަށްޓަކައި އެންމެ މުހިންމު އެއް ކަންތައް. އަޅުގަނޑުމެން އެންމެން ދަންނަ ކަމެއް. އެހެންނަމަވެސް ފަރުވާކުޑަކޮށްލެވޭ ކަމެއް. އަޅުގަނޑުމެންނަށް ފަރުދީގޮތުންވެސް ވެވޭ، އަދި ޖަމާޢަތުގެ ގޮތުންވެސް، ނޫނީ އަޅުގަނޑުމެންގެ ތެރޭގައި މި ހުންނަ ރައްޔިތުންނަށް އިސްކަންދީގެން މަސައްކަތްކުރާނެ މުއައްސަސާތަކުންވެސް ވެވޭ ކުޑަ އިހުމާލެއްގެ ސަބަބުން އަޅުގަނޑުމެންނާ ކުރިމަތިލާން އެބަޖެހޭ ވަރަށް ބޮޑެތި ކަންކަމާ.

އެ ވާހަކަ ދެއްކުމެއް ނޫން އަޅުގަނޑުމެންނަށް މުހިންމީ. މިއަދު މި ހާލަތުން އަރައިގަތުމަށްޓަކައި އަޅުގަނޑުމެންގެ މުޖުތަމަޢުގެ ފަރުދުންގެ ތެރޭގައި އޮތް އެއްބާރުލުން، އެއްބައިވަންތަކަން ދެއްކުން. ތާރީޚުގައި އަޅުގަނޑުމެން ވަނީ އެކަން އެގޮތަށް ދައްކައިދީފައި. އެހެންކަމުން، މިއަދު މި ފެށޭ ކެމްޕެއިނުގައި އަޅުގަނޑުގެ އެދުމަކީ، ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުން މިކަމަށް އެއްބާރުލުން ދިނުން. މަދަނީ ޖަމުޢިއްޔާތަކާއި، ސަރުކާރުގެ މުއައްސަސާތަކާއި އަދި އެނޫންވެސް އަޅުގަނޑުމެންނާ ގުޅުންހުރި ހުރިހާ ރައްޔިތުން އެއްބައިވަންތަވެ، މިކަމުން ސަލާމަތްވުމަށް ކޮންމެ ދުވަހަކުމެ މި މަސައްކަތް ކުރިޔަށް ގެންދިއުން. އަދި އަޅުގަނޑުމެންގެ އަތޮޅުތެރޭގައި ކައުންސިލްތަކާއި، ޞިއްޙީ ފަރުވާދޭ މަރުކަޒުތަކާއި، އަދި އެހެނިހެން އިދާރާތަކާ ގުޅިގެން، އަދި އާންމު ރައްޔިތުންނާ ގުޅިގެން، ހުއްޓުމެއްނެތި މި ކެމްޕެއިން ކުރިޔަށް ގެންދިޔުމަކީ، އަޅުގަނޑުގެ ވަރަށް ބޮޑު އިލްތިމާސެއްމެ. ޚާއްޞަގޮތެއްގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުން، މި މައިދާނަށް ބަލައިލި ކަމުގައިވިނަމަވެސް، އަޅުގަނޑުމެންނަށް އެބަ ފެނޭ، މަސައްކަތްތެރިން، މަސައްކަތްކުރާ މައިދާންތައް. ޚާއްޞަގޮތެއްގައި، ކޮންސްޓްރަކްޝަން ދާއިރާގެ ސައިޓުތަކަށް އަޅުގަނޑުމެން ވިސްނައިލަން އެބަޖެހޭ. މި ފަރާތްތަކަށް އަޅުގަނޑު ދަންނަވާލަން ބޭނުން، އިންސާނުން ދިރިއުޅޭނެ ފަދަ އިޖުތިމާޢީ މިންގަނޑަށް ފެތޭނެގޮތަށް
އެ ތަންތަން ބެހެއްޓުމަށް. ޚާއްޞަގޮތެއްގައި، ޞިއްޙަތް ރައްކާތެރިކުރުމަށްޓަކައި އަޅުގަނޑުމެން ކުރާ މަސައްކަތަށް އެއްބާރުލުން ލިބޭނެ ގޮތަށް އެ ކަންކަން ބައްޓަންކުރުމަށް އަޅުގަނޑު ގޮވާލަން. މަދިރި ނައްތައިލެވިފައިވާ ތަންތަނަށް ހެދުމަށްޓަކައި، އާލާ ނުކުރެވޭނެ ގޮތަށް އެ ތަންތަން ބައްޓަން ކުރުމަކީ މުހިންމު ކަމެއް.

އެހެންވީމާ، އަޅުގަނޑުގެ ވާހަކަވެސް މާ ދިގުނުކޮށް، އަޅުގަނޑުގެ އެދުމަކީ ރައްޔިތުން މިކަމަށް އެއްބާރުލުން ދިނުން.

އަޅުގަނޑުމެންގެ މި ކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى މި ރާއްޖެއަކީ ބަލިމަޑުކަމުން ސަލާމަތް ކުރެވިފައިވާ ތަނެއްގެ ގޮތުގައި މިންވަރު ކޮށްދެއްވާށި! އަޅުގަނޑުމެން މި ކުރާ ކޮންމެ މަސެއްކަތެއްގައިވެސް ބަރަކާތާއި ހެޔޮ ތައުފީޤު މިންވަރު ކުރައްވާށި!

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.