بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

السَّلَامُ عَلَيْكُمْ.

އަޅުގަނޑަށް ހީވަނީ މިއަދުގެ މި ވަގުތަކީ، އަޅުގަނޑުމެންގެ ރައީސް އޮފީހުގެ މުވައްޒަފުންނަށް ޝުކުރު އަދާކޮށްލުމުގެ ވަގުތުކޮޅެއްހެން.

އަޅުގަނޑު އެންމެ ފުރަތަމަވެސް ހަމަ ވަރަށް ބޮޑަށް އުފާކުރަން، އަޅުގަނޑަށް މި ފަސް އަހަރު ހަމަކުރުމުގެ ފުރުޞަތު ލިބިގެންދިޔަ ދިޔުމުގައި، އަޅުގަނޑު ޤަބޫލުކުރަނީ، އެކަމުގައި އެންމެބޮޑަށް އަޅުގަނޑު ޝުކުރު އަދާކުރަންޖެހެނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް. ހަމައެއާއެކު، އެކުގައި މަސައްކަތް ކުރެއްވި އެތައް ސަތޭކަ ބަޔަކަށް، ދިވެހި ރައްޔިތުންނަށް، އަޅުގަނޑަށް ހީވަނީ އަޅުގަނޑު ޝުކުރު އަދާކުރަން ޖެހޭނެހެން.

އަޅުގަނޑު 17 ނޮވެންބަރު 2018 ވަނަ ދުވަހު ރައީސް އޮފީހަށް އާދެވުނު ވަގުތުވެސް އަޅުގަނޑުގެ ހިތަށް އަރަމުންދިޔައީ މިކަމަށްވެސް، ކޮންމެ ކަމަކަށްވެސް ނިމުމެއް އަންނާނެއޭ. މި ދުވަހަކީވެސް ހަމަ އަންނާނޭ ދުވަހެކޭ. އަޅުގަނޑުމެން ވަންނަގޮތަށް، ނިކުމެގެންދާނެ ދުވަހެއް އަންނާނެކަން އެއީ ހަމަ އެއްވެސް ޝައްކެއް އޮތް ކަމެއްނޫނޭ. އެހެންވީމާ، އެކަން އަޅުގަނޑު އެ ދުވަހުވެސް ހަނދާންކުރިން.

ރައީސް، އަޅުގަނޑަށް މަނިކުފާނުގެ ފަރާތްޕުޅުން ވަރަށް ގިނަ ކަންތައްތަކެއް ދަސްވެއްޖެ. އަޅުގަނޑަކީވެސް އަޅުގަނޑުގެ އުމުރުން 18 އަހަރުން ފެށިގެން ޖޮބްލެސް ނުވާ މީހެއް. ގާތްގަނޑަކަށް 32 އަހަރު މިވީ މިހާރު. ދުވަހަކުވެސް ވަޒީފާއެއް އަދާނުކުރާ މީހެއްނޫން. ރައީސް ވިދާޅުވިގޮތަށް، ހަމަ އަބަދުވެސް ޒިންމާދާރު މަސައްކަތެއްގައި، އުމުރުން އެންމެ ހަގު ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް މި އުޅެވުނީ. ރައީސް ވިދާޅުވިގޮތަށް، ކޮންމެ މަގާމެއްގައި ހުއްޓަސް، ކުރަންޖެހުނު ކަންތައްތަކުގެ ގޮތުން، މުޅިންވެސް އުޅެންޖެހުނީ އެތައް ބަޔަކާ އެކީގައި. އެތައް ބައެއްގެ ހަމަ ހާލު ބެލުމާއި، އެތައް ބަޔަކާ ގުޅިގެން މަސައްކަތްތައް ކުރަން މި ޖެހުނީ.

އަޅުގަނޑާ ރައީސާ ބައްދަލުވީ، ޚާއްޞަ މަޖިލީހުގައި 2004 ވަނަ އަހަރު. އެ ވަގުތުވެސް، އެންމެ ފުރަތަމަ އަޅުގަނޑާ ބައްދަލުވި ވަގުތުވެސް، ރައީސްގެ ފަރާތްޕުޅުން އަޅުގަނޑަށް ފެނުނު ތަފާތު ކަންތައްތަކެއް. ޚުލްޤު ހެޔޮކަން. އަޅުގަނޑަށް މި ވާހަކަ ވަރަށް ގިނައިން ދެއްކިއްޖެވެސްމެ، އެކިއެކި ޕްލެޓްފޯރމްތަކުގައި. އަޚްލާޤު ރަނގަޅު، ތަފާތުނުކުރުން ގެންގުޅުއްވާ ބޭފުޅެއްގެ ގޮތުގައި. އެއްވެސް މީހަކާމެދު، ވަކި މީހެއްގެ ހައިބަތު ހުންނަ ގޮތަކުން، ވަކި ޢާއިލާއަކަށް، ރަށަކަށް ނިސްބަތްވީތީވެ، ތަފާތުކުރުމަކީ އެއީ، އޮންނަންޖެހޭނެ އެއްޗެއް ކަމަށް އެއްގޮތަކަށްވެސް ޤަބޫލުނުކުރައްވާ ބޭފުޅެއްގެ ގޮތުގައި.

އެހެންވީމާ، އަޅުގަނޑަށް މިއަދު ވަރަށް ގިނަ ފިލާވަޅުތަކެއް ރައީސް އޮފީހުގައި، ޚާއްޞަކޮށް، މި ފަސް އަހަރު ވޭތުވެގެންދާއިރު، ވަރަށް ގިނަ ކަންތައްތައް ދަސްވެއްޖެ. ރައީސްގެ ފަރާތްޕުޅުން ދަސްވި ކަންތައްތައް އަޅުގަނޑަކަށް އަދަދު ގުނައި، އެ އަދަދެއް ބުނެއެއް ނުދެވޭނެ.

ހަމައެއާއެކު، ރައީސް އޮފީހުގެ މުވައްޒަފުން، އަޅުގަނޑަށް ފެނުނީ ވަރަށް ޕްރޮފެޝަނަލް ބޭފުޅުންތަކެއްގެ ގޮތުގައި. އެއް ވެރިކަމުން އަނެއް ވެރިކަމަށް ބަދަލުވެގެންއައީތީވެ، ވީ އެއްވެސް ކަހަލަ ތަފާތު ކަމެއް ނެތް. ރައީސް އޮފީހުގެ މަސްއޫލިއްޔަތުތައް އަޅުގަނޑަށް ފެނުނީ ހަމަގައިމުވެސް އެންމެ ފުރިހަމައަށް. އަޅުގަނޑު ދެން މިއީ އާ މީހެއް ރައީސް އޮފީހަށް. އެހެންނަމަވެސް، އަޅުގަނޑުމެން އަޑުއަހަން، ކުރިން އެކި ކަންތައްތަކުގެ ވާހަކަ. އެއީ އަޅުގަނޑުމެންނަށް އެނގޭ ގޮތަކީ.

އެހެންނަމަވެސް، މި ފަސް އަހަރު އަޅުގަނޑު ދަންނަވާނީ، ތިޔަބޭފުޅުން، ހުރިހާ ޑިޕާޓްމަންޓްތަކުގައި މަސައްކަތް ކުރެއްވި ހުރިހާ މުވައްޒަފުން، ހުރިހާ ވެރިން، ވަރަށް ޕްރޮފެޝަނަލްކޮށް، ތިޔަބޭފުޅުންގެ މަސްއޫލިއްޔަތު އަދާކުރައްވައިފިއޭ. އަޅުގަނޑު މިއަދު ހަމަ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން ބެލީ، ރައީސް ދެއްކެވި މަގުން، ވީހާވެސް ރަނގަޅަކަށް ކަންތައްތައް ކުރެވޭތޯ. އެއްވެސް މީހަކާ ދޭތެރޭގައި ބަދުބަހެއް ނުބުނެ، ރައްޔިތުންނަށް އެންމެ ބޭނުންވާނެ ގޮތަށް، އަޅުގަނޑުމެންގެ ސަރުކާރުގެ ވަޢުދުތައް ތަންފީޒު ކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ ފަހަތްޕުޅުގައި ތިބެގެން މަސައްކަތް ކުރެވޭތޯ. ވީކަމެއް ވީ، ހޯދުނު ކާމިޔާބީއެއް، ރީތި ނަމެއް ލިބިފައި އޮތް ކަމަށްވަންޏާ ލިބުނީ، ވަރަށް ގިނަ ބައެއްގެ މަސައްކަތުންކަން އެއްވެސް ޝައްކެއް ނެތް.

އެހެންވީމާ، އެކަމަށްޓަކައި ޚާއްޞަކޮށް، އަދިވެސް އެއްފަހަރު، ރައީސުލްޖުމްހޫރިއްޔާއަށާއި، އަދި އަޅުގަނޑުމެންނާއެކު މަސައްކަތުގައި ބައިވެރިވެދެއްވި ހުރިހާ ފަރާތްތަކަށާއި، ހިތްވަރު ދެއްވި ބޭފުޅުންނަށާއި، އެ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރަން.

އަޅުގަނޑު މިއަދު ދަންނަވަން ބޭނުން، ރައީސް، އިއްޔެ އަޅުގަނޑާ ބައްދަލުވި، ސިންގަޕޯރގެ އާ ރައީސާ. އަދި އަންނަ އަހަރު ބަދަލުވާ ޑެޕިޔުޓީ ޕްރައިމް މިނިސްޓަރ ލޯރެންސް ވޮންގއާ އިއްޔެ ބައްދަލުވި. އެންމެ ދިގުކޮށް ދެއްކި ވާހަކައަކީ ކޯވިޑުގެ ވާހަކަ. ރައީސްގެ ވާހަކަ ދެކެވުނު. އަޅުގަނޑުމެންގެ ދެ ބައްދަލުވުމުގައިވެސް. ކޯވިޑުގެ ކަންތައްތައް ދިވެހިރާއްޖެއިން މެނޭޖްކުރި ގޮތާއި، އެ ހުރިހާ ކަމަކާ ގުޅިގެން އެމީހުން ވަރަށް ބޮޑަށް އެކަން ފާހަގަކޮށް، އެކަމުގައި އަޅުގަނޑުމެންނަށް މަރުޙަބާ ވިދާޅުވެ، އެ ބޭފުޅުން ވަރަށްބޮޑަށް ޝުކުރު ރައްދު ކުރެއްވި.

އަޅުގަނޑު ދަންނަވާނީ، މިއީ ފާހަގަކުރަންޖެހޭނެ ކަމެކޭ. ފަސް އަހަރެއް ނިމިގެންދިޔައިރު، މުޅި ދުނިޔޭގައި، މުޅި ޤައުމުގައި، ދުވަހަކުވެސް އަޅުގަނޑުމެން ނުދެކޭފަދަ، އަންނާނެ ކަމަށް އެއްވެސްވަރަކަށް އަޅުގަނޑުމެންގެ ސިކުނޑިއަށް ނާންނަފަދަ ދަތި އުނދަގޫ ވަގުތެއް އަޅުގަނޑުމެން ކަޑައްތުކޮށްފައި މިތިބީ. އަޅުގަނޑުމެން އެ ހުރިހާ ޑިފިކަލްޓީސްތަކެއް ގޯތުރޫ ކޮށްފައި މިތިބީ. ތިބިއިރު ފާހަގަކުރަންޖެހޭނެ، އެ ދުވަހު އަޅުގަނޑުމެންނަށް އެކަމުން އަރައިގަނެވި، އެކަމުން ސަލާމަތްވުމުގައި، އެއްވެސް ޝައްކެއް އޮތް ކަމެއްނޫން މިއީކީ، ރައީސުލްޖުމްހޫރިއްޔާ އެކަމުގައި ދެއްވި ސަމާލުކަމާއި، ރެޔާއި ދުވާލު ކުރެއްވި މަސައްކަތްތައް. އަޅުގަނޑު މިއީ އެންމެ ކައިރިން އެ ކަންތައްތައް ފެނުނު އެކަކު.

އެހެންވީމާ، އަޅުގަނޑަށް ހީވަނީ މިކަމުން ޤައުމެއް ސަލާމަތުގެ އައްސޭރިއަކަށް ރައްޔިތުންނާ އެކީގައި ގެންދަވައި، އެ ކަންތައް ކުރެއްވީތީވެ، އެއީ ހަމަގައިމުވެސް އަޅުގަނޑުމެން ވަރަށް ބޮޑަށް ފާހަގަކޮށް، މިއަދު، އެންމެފަހު ވަގުތުވެސް، އެކަމަށްޓަކައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް އަދި އެކަމުގައި މަސައްކަތް ކުރެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރަންޖެހޭނެ ކަމެއް.

އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރަން. ރައީސް އޮފީހުގެ ހުރިހާ ބޭފުޅުންގެވެސް ހިނިތުންވުން އަޅުގަނޑަށް ފެނޭ، ސެކިއުރިޓީން ފެށިގެން ގޮސް، އޮފީހުގެ ހުރިހާ ބޭފުޅުންގެވެސް. އެކަން ފާހަގަކުރަމުން، ތިޔަބޭފުޅުން ތިޔަ ކުރެއްވި ބުރަ މަސައްކަތަށް އަޅުގަނޑު ޝުކުރު އަދާކުރަމުން، އަޅުގަނޑަށް މި ފުރުޞަތު ލިބުނީތީ އެކަމަށް އުފާކޮށް، اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދު ކުރަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.