ދިވެހި ސަރުކާރުން ކޮސޯވޯގެ މިނިވަންކަން ގަބޫލު ކުރުމުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ އަޙްމަދު ޝަހީދު ރިޝްވަތު ނެންގެވި ކަމަށް ވިދާޅުވެފައިވާތީ، ކުރީގެ އައި.ޑީ.ޕީ.ގެ ލީޑަރު އަދި މިހާރުގެ ޑީ.އާރު.ޕީ.ގެ ޑެޕިއުޓީ ލީޑަރ ޢުމަރު ނަޞީރުގެ މައްޗަށް މިދިޔަ އަހަރު ކުރެއްވި އަބުރުގެ ދަޢުވާ އަނބުރާ ގެންނަވަން ޑޮކްޓަރ ޝަހީދު ނިންމެވުމާ ގުޅިގެން، އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު މަރްޙަބާ ވިދާޅުވެއްޖެއެވެ. ޑޮކްޓަރ ޝަހީދަށް ރައީސުލްޖުމްހޫރިއްޔާ މަރްޙަބާ ވިދާޅުވީ، މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެމަނިކުފާނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޢުމަރު ނަޞީރަކީ މިހާރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ޑެޕިއުޓީ ލީޑަރު ކަމަށްވުމާއެކު، މި ސަރުކާރުގެ ވެރިންނަށް ފާޑުކިޔުމުގެ މިނިވަންކަން، ސިޔާސީ ޕާޓީތަކުގެ އިސްވެރިންނަށް އިންތިހާއަށް ދިނުމަށް ޑޮކްޓަރ ޝަހީދުގެ ފަރާތްޕުޅުން ދެއްކެވި ރީތި ނަމޫނާއަކީ، މުޖްތަމަޢު ބަލައިގަންނާނެ ނަމޫނާއެއް ކަމަށް ވިދާޅުވިއެވެ.

ޑޮކްޓަރ އަޙްމަދު ޝަހީދު، ޑީ.އާރު.ޕީ.ގެ ޑެޕިއުޓީ ލީޑަރ ޢުމަރު ނަޞީރުގެ މައްޗަށް ކުރެއްވި އަބުރުގެ ދަޢުވާގައި ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ފަންސާސް މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯއްދެވުމަށް ވަނީ ހުށަހަޅުއްވާފައެވެ.