بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. ކައު އިތުރު ނަބިއްޔާ مُحَمَّدٌ رَّسُولُ ٱللَّهِ صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލްކުރަން.

ކްލިކް ކޮލެޖުގެ ރައީސް ޑޮކްޓަރ ނައުޝާދު މުޙައްމަދު، މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑޮކްޓަރ އިބްރާހީމް ޙަސަން، ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑޮކްޓަރ މުޞްޠަފާ ލުޠުފީ، ކްލިކް ކޮލެޖުގެ ނައިބު ރައީސް ޙަސަން ޢަބްދުﷲ ސަޢީދު، މެނޭޖްމަންޓުގެ އިސްވެރިން، ހީވާގި މުވައްޒަފުން، ވަކިން ޚާއްޞަކޮށް، މިރޭ ދަސްވެނިވާ އެންމެހައި ދަރިވަރުން، އަދި އެ ދަރިވަރުންގެ ލޮބުވެތި ބެލެނިވެރިން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އެންމެ ފުރަތަމަވެސް އެކިއެކި ކޯސްތަކުން ވަނަތައް ހޯއްދެވި އެންމެހައި ދަރިވަރުންނަށް އަޅުގަނޑު ތަހުނިޔާއާއި މުބާރަކްބާދީ އަރިސްކުރަން. މިފަދަ ޙަފްލާއެއްގައި ބައިވެރިވުމުގެ ފުރުޞަތު ލިބޭކަމީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އެކަމަށްޓަކައި ކްލިކް ކޮލެޖުގެ ރައީސް ޑޮކްޓަރ ނައުޝާދު މުޙައްމަދަށާއި އަދި މި ކޮލެޖުގެ އެންމެހައި މުވައްޒަފުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑު ދަންނަވާނީ، ޤައުމަކަށް އެންމެ މުހިންމު މިވަނީ ތަޢުލީމީ، ޤާބިލް ޖީލެއް ބިނާކުރުމުގެ މަސައްކަތް. ވޭތުވެދިޔަ ގާތްގަނޑަކަށް ބާވީހަކަށް އަހަރު، ކްލިކް ކޮލެޖުން ދިވެހިރާއްޖޭގެ މަތީ ތަޢުލީމު ފުޅާކުރުމަށްޓަކައި، ތަޢުލީމީ ދާއިރާއިން ފުރުޞަތުތައް ހޯދައިދިނުމަށްޓަކައި އެ ކުރެއްވި އެންމެހައި މަސައްކަތް ފާހަގަކޮށް، ޚާއްޞަކޮށް، ކޮލެޖުގެ ރައީސަށާއި އަދި އެންމެހައި ބޭފުޅުންނަށް މި ފުރުޞަތުގައި ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، އެނގިވަޑައިގަންނަވާނެ، ވޭތުވެދިޔަ އަހަރުތަކުގައި، ރާއްޖޭގައި މަތީ ތަޢުލީމު ފުޅާކުރުމަށްޓަކައި، ހަރުދަނާކުރުމަށްޓަކައި، އަދި ގިނަ ފަރާތްތަކަކަށް އެ ފުރުޞަތު ހޯދައިދިނުމަށްޓަކައި، ޕްރައިވެޓް ފަރާތްތަކުން ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފި. ޕްރައިވެޓް ކޮލެޖުތައް ގިނަ އަދަދަކަށް މިއަދު ރާއްޖޭގައި އުފެދިފައި އެބަހުރި. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުން ފަސޭހަކަމާއެކު ތަޢުލީމު ހާސިލުކުރެވޭނެ މަގު ތަނަވަސް ކުރެވިފައި ވެއްޖެ. އަޅުގަނޑުމެން ބަލައިފި ކަމަށްވަންޏާ، ޔުނިވަރސިޓީތަކާއި، އަދި ކޮލެޖުތަކުން ވަރަށް ގިނަ އަދަދަކަށް ދަރިވަރުން ދަސްވެނިވެގެން، ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ނުވަތަ އަމިއްލަ ވިޔަފާރީގެ ބާޒާރަށް ކޮންމެ އަހަރަކުވެސް ނުކުންނަމުން އެބަދޭ.

އެނގިވަޑައިގަންނަވާނެ، އަޅުގަނޑު ކުރީގައިވެސް މި ދެންނެވި ގޮތަށް، ތަޢުލީމީ ޤާބިލް ޖީލެއް މުހިންމު މިވަނީ، ވަރަށް ގިނަ ސަބަބުތަކަކަށްޓަކައި. އަޅުގަނޑުމެން އެބަޖެހޭ، ދުނިޔޭގެ އެހެން ޤައުމުތަކާ އެއްގޮތަށް ކުރިއަރައިގެން ދާން. ޑޮކްޓަރ ނައުޝާދުގެ ވާހަކަފުޅުގައިވެސް އެ ފާހަގަކުރެއްވި ގޮތަށް، ޚާއްޞަކޮށް، ރާއްޖެއަށް އެންމެ ބޭނުންވާ ދާއިރާތަކަށް މީހުން ތަމްރީނުކުރަން އެބަޖެހޭ. ތަރައްޤީގެ އެކިއެކި ކަންތައްތައް ކުރެވިގެންދާއިރު، އެ ކަންތަކަށް އެންމެ ކަމުދާ، އެންމެ ބޭނުންވާ ކަހަލަ ދާއިރާތަކަށް މީހުން ތައްޔާރުކުރެވެން އެބަޖެހޭ.

އާދެ، ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާއަށް އަބަދުވެސް އަޅުގަނޑުމެންނަށް ޚާއްޞަ ސަމާލުކަމެއް ދެވިފައި އޮވޭ. ކޮންމެ ވަގުތެއްގައި އޮންނަ ސަރުކާރަކުންވެސް ގިނަގުނަ މަސައްކަތްތަކެއް މި ދާއިރާއަށް ކުރެވެމުންދޭ. އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންވެސް މި ފަސް އަހަރު ޚާއްޞަކޮށް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެންމެ ބޮޑު އިސްކަމެއް، އެންމެ ބޮޑު ސަމާލުކަމެއް، އެންމެ ބޮޑު އަހަންމިއްޔަތު ކަމެއް ދެއްވި ދާއިރާއަކީ ތަޢުލީމީ ދާއިރާ ހަރުދަނާކޮށް، ފުޅާކޮށް، ގިނަ ބަޔަކަށް ފުރުޞަތުތައް ހޯއްދަވައި ދެއްވުން. ހަމައެއާއެކު، މަތީ ތަޢުލީމުގެ ފުރުޞަތުތައް އިތުރުކުރުމުގެ މަސައްކަތަކީ އެއީ، މިއަދުގެ ސަރުކާރުން އެންމެ މުހިންމު ޕްރޮޖެކްޓެއްގެ ގޮތުގައިވެސް ކުރިއަށް ގެންދިޔަ މަސައްކަތްތައް.

އާދެ، ޑޮކްޓަރ ނައުޝާދުގެ ވާހަކަފުޅުގައިވެސް ފާހަގަކުރެއްވި ގޮތަށް، މި ސަރުކާރުން މިއަދާ ހަމައަށް ގާތްގަނޑަކަށް އަށާރަހާސް ނުވަސަތޭކަ ތިން ފުރުޞަތު ހަމައެކަނި ހިލޭ ޑިގްރީއަށް ވަނީ ފޯރުކޮށްދެވިފައި. އެނގިވަޑައިގަންނަވާނެ، ޕްރައިވެޓް ކޮލެޖުތަކާ އެކުގައި އަނެއްކާވެސް މަސައްކަތް ކުރުމަށްޓަކައި، އިތުރު ފުރުޞަތުތައް ފުޅާކޮށްދިނުމަށްޓަކައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޓިވެޓް ސެންޓަރުތަކާއި، ޖޫނިއަރ ކޮލެޖާއި، އަދި ތަމްރީނުދޭ އެކިއެކި މަރުކަޒުތައް ޤާއިމުކުރުމުގެ މަސައްކަތްތައް ފެށި، އެ ކަންތައްތައް ވަރަށް ބާރަށް ކުރިއަށް ގޮސް، މިހާރު ބައެއް ތަންތަން ހުރީ، ހުޅުވަން ތައްޔާރުވެފައި. އާދެ، މިއީ ވަރަށް މުހިންމު ކަމެއް. މިކަމުގެ މުހިންމުކަން ވަރަށް ބޮޑު. ހަމައެކަނި ހިލޭ ޑިގްރީއަކުން، އެ ފޯރުކޮށްދެވޭ ޑިގްރީން ނިންމާލެވެން ނެތް. އެނގިވަޑައިގަންނަވާނެ، މި ސަރުކާރުން ސްޓޫޑެންޓް ލޯނުވެސް ފުޅާކޮށް، މި އަހަރު އެކަނިވެސް ބާރަސަތޭކަ ހަތްދިހަ ފަސް ފުރުޞަތު ހޯދައިދެވުނު. އަޅުގަނޑު ދަންނަވާނީ މިއީ، ވަރަށް މުހިންމު ކަމެކޭ. އެކިއެކި ދާއިރާތަކަށް މީހުން ބިނާކުރުމާއި، ހުނަރު ދަސްކޮށްދިނުމުގެ މަސައްކަތަކީ އެއީ، އަޅުގަނޑުމެން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ސަމާލުކަން ދެވިގެން ކުރެވެންޖެހޭނެ ކަންތައްތައް.

އާދެ، އަޅުގަނޑު މިއަދު ދަންނަވާލަން ބޭނުންވަނީ، މިއަދުގެ ދަރިވަރުން ޚާއްޞަކޮށް، މިރޭ ދަސްވެނިވި އެންމެހައި ފަރާތްތަކުން، ސަމާލުކަން ދޭންޖެހޭ ކަންތައްތަކެއް އެބަހުރިކަން. ތިޔަ ދަރިވަރުންގެ ތެރެއިން ބައެއް ދަރިވަރުން ވާނީ މިހާރުވެސް ވަޒީފާ އަދާކުރައްވާ ބޭފުޅުންނަށް. އަނެއްބައި ދަރިވަރުންނަކީ މުޅިން އަލަށް ވަޒީފާއަކަށް ޖޮއިން ކުރައްވާނެ ބޭފުޅުންނަށް ވެގެންދާނެ. އަޅުގަނޑުމެން އަބަދުވެސް، އަބަދުވެސް ހަނދާނުގައި ބަހައްޓަން އެބަޖެހޭ، ތިމާއަށް ލިބޭ ފާހަކުން، ލިބޭ ސަނަދަކުން، ކިތަންމެ ބޮޑު ގޮނޑިއެއްގައި އިށީނދެވުނަސް، ފުރަތަމަ ކަމަކަށް، ބޮޑާކަން އިސްނުކުރަން. ތަންކޮޅެއް ހިތްތިރިކޮށް، އެހެން މީހުންނަށް ހިނިތުންވުމާ އެކުގައި މަސައްކަތްކުރުމުގެ ވިސްނުން އަބަދުވެސް އަޅުގަނޑުމެން ގެންގުޅެން އެބަޖެހޭ.

އެނގިވަޑައިގަންނަވާނެ، މުޖުތަމަޢެއްގެ ތެރޭގައި، މާތްވެގެންވާ އިސްލާމްދީންވެސް އަޅުގަނޑުމެންނަށް އަމުރު ކުރައްވާފައި މި އޮންނަނީ، ރިވެތި އަޚްލާޤުގެ ވެރިބަޔަކަށް ވުމަށް. ކުރާ ކޮންމެ ކަމެއްގެ ތެރޭގައިވެސް އެ ކަންތައްތައް އަޅުގަނޑުމެން ދަމަހައްޓަން އެބަޖެހޭ. އަޅުގަނޑުމެން މެއިންޓެއިން ކުރަން އެބަޖެހޭ. އަޅުގަނޑު މިގޮތަށް މި ދަންނަވަނީ، ދިވެހިރާއްޖެވެސް މިއަދު މިވަނީ، ގުޅިލާމެހިފައި. މުޅި ދުނިޔޭގައި ހިނގާ ހުރިހާ ކަމެއްގެ ތެރޭގައި. އޭގެ ހުރިހާ އަސަރުތަކެއް އަޅުގަނޑުމެންނަށްވެސް ކުރޭ. އެނގިވަޑައިގަންނަވާނެ، ވޭތުވެދިޔަ ގާތްގަނޑަކަށް ވިއްސަކަށް އަހަރަކީ މިއީ ޚާއްޞަކޮށް، ސިޔާސީ ގޮތުން ވަރަށް ގިނަ ބަދަލުތަކެއް ރާއްޖެއަށްވެސް އަންނަމުންދިޔަ އަހަރުތަކެއް. ހަމައެއާއެކު، އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނެ، ވަރަށް ގިނަ ބަދަލުތަކެއް އަޅުގަނޑުމެންގެ ތެރެއަށް އަތުވެއްޖެކަން. އަޅުގަނޑުމެންގެ ރަށްތަކާއި، އަތޮޅުތަކާއި، ޢާއިލާތެރޭގެ ވިސްނުމާއި، ފިކުރަށްވެސް ބަދަލުތަކެއް އައި. އެހެންނަމަވެސް، ވިއްސަކަށް އަހަރު ވެގެން ދިޔައިރު، އަޅުގަނޑުމެންނަކީ ޙަޤީޤަތުގައި އަޅުގަނޑު ދަންނަވާނީ ވަރަށް ހޭލުންތެރި ބައެކޭ. އަޅުގަނޑުމެންގެ ޚިޔާލު ތަފާތުވުން، އަޅުގަނޑުމެންގެ ފިކުރު ތަފާތުވުމަކީ، އަޅުގަނޑު ނުދެކެން އެއީ، އަޅުގަނޑުމެން އެކަކު އަނެކަކުގެ މައްޗަށް ރުޅިވެރިކަން އިސްކުރަންޖެހޭނެ ކަމެއް ކަމަކަށް. މީހަކަށް ދެރަގޮތަކަށް އެދެންޖެހޭ ކަމެއްގެ ގޮތުގައެއް. ބަދުބަސްތައް ބުނަންޖެހޭނެ ކަމެއްގެ ގޮތުގައެއް. މި ހުރިހާ ކަމަކުން ދުރުހެލިވުމަށް އަޅުގަނޑުމެން މި ކިޔަވަނީ. އަޅުގަނޑުމެން ޕްރީ ސްކޫލުން ފެށިގެންގޮސް، އޯލެވެލް ނިންމާފައި، އޭލެވެލް ނިންމާފައި، ފައުންޑޭޝަން، ނުވަތަ ޑިޕްލޮމާ، ޑިގްރީ، މާސްޓަރޒް، ޕީ.އެޗް.ޑީ. އަދި އެއަށްވުރެ މައްޗަށް، އެމީހަކު ބޭނުންވަރަކަށް މި ކިޔަވަނީ.

އެހެންވީމާ، މިއަދު އަޅުގަނޑުމެން ދައްކައިދޭންޖެހެނީ ތަހުޒީބުވެފައިވާ މުޖުތަމަޢަކުން ފެންނަކަހަލަ މަންޒަރުތައް. ތަރައްޤީވެފައިވާ ޤައުމަކަށް އަޅުގަނޑުމެންގެ އެންމެން ދަތުރުކުރާއިރު، އެ ނަމޫނާ އަޅުގަނޑުމެން އެންމެން ދައްކައިދޭންވީ. އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން ގަބޫލުކުރަން ބޭނުންނުވި ކަމުގައިވިޔަސް، އަޅުގަނޑުމެންގެ ތެރޭގައި، ޚާއްޞަކޮށް، ސިޔާސީ ޚިޔާލު ތަފާތުވުންތަކާއެކު ވަރަށްބޮޑަށް ނަފުރަތު އޮވޭ. ޚާއްޞަކޮށް، އަޅުގަނޑުމެންގެ ތެރޭގައި ދޮގު ޚަބަރުތައް ފެތުރުން، މި ކަންތައް އޮވޭ. އަޅުގަނޑުމެން ކަމެއް ރަނގަޅު ކުރަން ބޭނުން ކަމަށްވަންޏާ، އެންމެ ފުރަތަމަ އެކަމެއް ގަބޫލުކުރަންޖެހޭނެ.

އަޅުގަނޑުމެން މިއަދު ގަބޫލުކުރަން އެބަޖެހޭ، ތަރައްޤީވެފައިވާ ރާއްޖެއަކަށް، ތަހުޒީބު މުޖުތަމަޢަކަށް، ހަމަޖެހޭ ދިރިއުޅުމަކަށް، އަމާން މުޖުތަމަޢަކަށް، އަޅުގަނޑުމެން ބޭނުންވާ ކަމަށްވަންޏާ، ކިޔަވައިގެން ތިބި މީހުން، އެންމެ ފުރަތަމަ ނަމޫނާ ދައްކަން އެބަޖެހޭ. އަޅުގަނޑުމެންގެ ޅަކުދިންނަށް ފެންނަން އޮތީ، އަޅުގަނޑުމެން ދެއްކި ނަމޫނާއެއް. އަޅުގަނޑުމެން ހިތުހުރިހާ ގޮތަކަށް އުޅެފައި، މަތީ ފާސްތައްވެސް ނަގައިގެން، ހިތުހުރި އެއްޗެއް ކިޔާފައި، ޓުވިޓަރ އާއި ފޭސްބުކާއި، ދެންވެސް ލިޔެވެން ހުރި ހުރިހާ ތަނެއްގައި އެއްޗެހިތައް ލިޔެ، އެކިއެކި ގްރޫޕްތަކުގައި ބޭނުންހާ އެއްޗެއް ލިޔެފައި، އަޅުގަނޑުމެން ގެޔަށް ގޮސްފައި، ނޫނީ އަޅުގަނޑުމެން އޮފީހަށް ގޮސް، ރައްޓެއްސެއް ގާތުގައި ދެން މާ ރިވެތި، މާ ހެޔޮ ނަސޭހަތެއް މީހަކަށް ދިނަސް، އެއީ އެންމެ ރަނގަޅު ގޮތެއް ނޫން.

އެހެންވީމާ، އަޅުގަނޑު މިއަދު މިގޮތަށް މި ވާހަކަ ދަންނަވާލަން މިޖެހެނީ، އަޅުގަނޑު ހުރި މަގާމުގެ ގޮތުންނާވެސް އެކުގައި. މިއަދަކީ ހުކުރު ދުވަސް. ދެން އޮތީ އެންމެ ހުކުރެއް. އަޅުގަނޑަށް ލިބެން އޮތީ އެންމެ ހުކުރެއް. މި މަގާމުގައި އަޅުގަނޑަށް ދެން ބާކީއޮތް ދުވަސްތަކުގައި ހުރެވިއްޖިއްޔާ، އިރާދަކުރެއްވިއްޔާ، އަޅުގަނޑުގެ އުންމީދަކީ އަންނަ ހުކުރާ ހަމައަށް އަޅުގަނޑަށް ހަމަ ހުރެވުން. އެހެންވީމާ، އަޅުގަނޑުމެން ވާހަކަދައްކަން އެބަޖެހޭ. ބައެއްފަހަރު ދައްކާ ވާހަކަތަކުން ބައެއް މީހުންނަށް ފޫހިކަންވެސް އަތުވެދާނެ. އެހެންނަމަވެސް، ވިސްނާލަންވީ ކޮންމެ މީހަކުވިޔަސް، އެއީ ޑޮކްޓަރ ނައުޝާދު ކަމުގައިވިޔަސް، އަދި އަޅުގަނޑު ކަމުގައިވިޔަސް، އަދި އެހެން ބޭފުޅަކަށްވިޔަސް، ރަނގަޅު ވާހަކައެއް ދައްކަވައިފި ކަމަށްވަންޏާ، އެކަމެއް އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭނެކަން.

ވިސްނަންވީ، ކުރީގައި ކަންތައްތައް އޮތް ގޮތަކަށް ނޫންކަން މިއަދު ކަންތައްތައް އޮތީކީ. ވަރަށް ސާފުކޮށް އަޅުގަނޑު މި ދަންނަވަނީ، ކަންތައްތައް މުޅިން ބަދަލުވެއްޖެ. ތިޔަބޭފުޅުން ބައްލަވާ، މުޅި ދުނިޔޭގައި ހިނގަމުންދާ އެކިއެކި ކަންތައްތަކަށް. އެއްކަމަކަށް އަޅުގަނޑުމެންގެ ހިތްތަކާއި ލޯތައް މުޅިން ހުއްޓިފައި މިހުރީ، އެ ޤައުމަކަށް، އަޅުގަނޑުމެން އެންމެ ބޮޑަށް ލޯބިވާ، އެ ޤައުމެއްގެ ރައްޔިތުން ދެކެ އަޅުގަނޑުމެން ވަރަށް ލޯބިވާ އެއް ޤައުމު ކަމަށްވާ ފަލަސްޠީނަށް. ލާއިންސާނީ ޢަމަލުތަކާއި، ބައެއްގެ ވަޒަނުން ބަޔަކު ބޭރުކޮށްލުމާއި، ކުޑަކުދިންނާއި، އަންހެނުންނާއި، އުމުރުން ދުވަސްވީ މީހުންނަށް ކުރާ އަނިޔާތަކާއި، ގަތުލުއާންމުގެ މައްޗަށް.

އެނގިވަޑައިގަންނަވާނެ، މުޅި ދުނިޔޭގައިވެސް މި އޮތީ އެކިއެކި ކޮންފްލިކްޓްތައް. ޤުދުރަތީ އެކިއެކި ހާދިސާތައް. އެނގިވަޑައިގަންނަވާނެ، ކައިރި ޤައުމުތަކުގައި، މިހާރުވެސް އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކުގެ، ބައެއް ސިޓީތަކުގައި ވައިގެ ނުސާފުކަމުން ސްކޫލްތަކާއި ތަންތަން ބަންދުކޮށްފި. އަނެއް ދިމާއަކަށް އަޅުގަނޑުމެން ބަލައިފި ކަމަށްވަންޏާ ހޫނުގަދަކަމުން، މަގުމައްޗަށް ނުކުތުން ރަނގަޅު ނޫން ކަމަށް އެޑްވައިސްއެއް ނެރެފައި މި އޮންނަނީ. ދެން އަނެއްކޮޅަށް އަޅުގަނޑުމެން ބަލައިފި ކަމަށްވަންޏާ ފްލަޑް، ފެން ބޮޑުވުމުގެ ހާދިސާތައް. ފެން ބޮޑުވުމާއި އުދައެރުން ފަދަ ކަންތައްތަކަކީ، މުޅި ދުނިޔޭގައިވެސް އަދި އަޅުގަނޑުމެންގެ ރާއްޖޭގައިވެސް މީގެ ވިހި، ތިރީސް އަހަރު ކުރިން މިގޮތަށް ހިނގި ކަންތައްތަކެއް ނޫން.

އެހެންވީމާ، ކްލައިމެޓް ޗޭންޖާ ގުޅިގެން ކަންތައްތަކެއް ހިނގަމުން އެބަ އާދޭ. ބަދަލުވަމުން އެބަދޭ. ސަސްޓެއިނަބިލިޓީއަށް ދިޔުމަށްޓަކައި މިއަދު އަޅުގަނޑުމެން އެންމެން މަސައްކަތް ކުރަން އެބަޖެހޭ. އަޅުގަނޑުމެންނަށް ބައެއްފަހަރު ހީވޭ، ސަރުކާރުން ދެން ހުރިހާ ކަމެއް ކޮށްދޭން ޖެހޭނެ ކަމަށް. ސަރުކާރެއް، ސަރުކާރަކަށް މިވަނީވެސް މުޅި ޤައުމުގައި ހިމެނޭ ހުރިހާ އެންމެން އެކުގައި މަސައްކަތް ކުރީމާ. ޚާއްޞަކޮށް، ޕްރައިވެޓް ފަރާތްތައް. އެ މަސައްކަތްތަކަކީ އެއީ ޤައުމަކަށް ވަރަށް މުހިންމު ކަންތައްތައް. މިއަދު ހެލްތު ކެއަރ ދާއިރާއަށް ބަލައިފި ކަމުގައިވިޔަސް، އަދި ޕްރައިވެޓް އެޑިޔުކޭޝަން، އަޅުގަނޑުމެން އެޑިޔުކޭޝަން ދާއިރާއަށް ބަލައިފި ކަމަށްވިޔަސް، ދާއިރާއަށް މިގޮތަށް ކުރެވޭ މަސައްކަތުގެ ނަތީޖާ އަޅުގަނޑުމެންނަށް އެބަ ފެނޭ.

އެހެންވީމާ، އަޅުގަނޑު ހަމަ ހިތަށްއެރީ އަޅުގަނޑު މިކަހަލަ ވާހަކައެއްވެސް މިރޭ ދައްކާލަން ޖެހޭނެއޭ. އެއީ ދެން މި މަގާމުގައި އަޅުގަނޑު ހުރެ، މި ކޮލެޖުގެ، ނޫނީ މިފަދަ އެހެން ފުރުޞަތެއް ނުލިބުމަކީވެސް އެކަށީގެންވާ ކަމެއް. އެހެންވީމާ، ބައެއްފަހަރަށް މިކަހަލަ ވާހަކަ ދެއްކުމަކީ، އަޅުގަނޑުގެ ވާޖިބެއްގެ ގޮތުގައިވެސް އަޅުގަނޑަށް ދެކެވޭ.

އާދެ، އަޅުގަނޑު ހަމަ ޚާއްޞަކޮށް، ދަރިވަރުންނަށް ދަންނަވާލަން ބޭނުން، އަޅުގަނޑުމެންނަށް ވަރަށް އެކުއެކީގައި ފަސް އަހަރު ވޭތުކުރެވިއްޖެ. ވަރަށް ބަދަހި ކެބިނެޓެއް އަޅުގަނޑުމެންގެ އޮވޭ. އަޅުގަނޑުމެންގެ ކެބިނެޓުގެ މެންބަރު ޑޮކްޓަރ އިބްރާހީމް ޙަސަންވެސް މިތާ އެބަ އިންނެވި. އަދި ވަކިން ޚާއްޞަކޮށް، އަޅުގަނޑުމެންނަށް ސަމާލުކަމެއް ދެވުނު މުހިންމު ދާއިރާއެއް، ސޯޝަލް ސެކްޓަރގެ ކަންތައްތައް އެއީ. އެކަމުގައި އަޅުގަނޑާ އެކީގައި އެއް ހަމައެއްގައި އަބަދުވެސް ހުންނެވީ ޑޮކްޓަރ މުޞްޠަފާ ލުޠުފީ. ސަރުކާރުގެ އެކިއެކި ކުންފުނިތަކާއި، އަމިއްލަ ފަރާތްތަކާ އެކުގައި އަޅުގަނޑުމެންނަށް މަސައްކަތްތައް ކުރެވިއްޖެ. ކޮލެޖުތަކާއި، ސްކޫލްތަކާއި، ހޮސްޕިޓަލްތަކާއި އަމިއްލަ ވިޔަފާރިވެރިންނާއި، އެކިއެކި އިންޑަސްޓްރީތަކާއެކު ވަރަށް ކައިރިން އަޅުގަނޑުމެންނަށް މަސައްކަތް ކުރެވިއްޖެ.

އަޅުގަނޑު ގަބޫލުކުރަނީ ހޯދުނު ކޮންމެ ކާމިޔާބީއެއް ހޯދުނީ ކުރެވުނު މަސައްކަތުންކަން. ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑު ސަމާލުކަމެއް ދެއްވައިގެން، ރާއްޖޭގެ ތަރައްޤީގެ ވަރަށް ގިނަ ކަންތައްތަކެއް ކުރެވިއްޖެ. ދެންމެ ފަށަމުން އަޅުގަނޑު ދެންނެވީ، ތަރައްޤީގެ މަޝްރޫޢުތަކަށް އެއީ، ރިނިއުބަލް އެނަރޖީ ކަމުގައިވިޔަސް، ވޭސްޓް މެނޭޖްމަންޓް ކަމުގައިވިޔަސް، ބަޔޯމެޑިކަލް އިންޖިނިއަރުން ކަމުގައިވިޔަސް، ޕައިލެޓުން ކަމުގައިވިޔަސް، ރަށްރަށުގައި ތަރައްޤީ ކުރެވިފައިވާ އަދި ކުރެވެމުންދާ ހެލްތު ކެއަރ ފެސިލިޓީޒްތަކަށް ބޭނުންވާ ޓެކްނީޝަނުން ކަމުގައިވިޔަސް، މީހުން ބޭނުންވާ ވާހަކަ. މި ކުރެވުނު ހުރިހާ މަސައްކަތްތަކުގެ ތެރެއިން އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުންވޭ، ތަޢުލީމީ ދާއިރާއަށް ކުރެވުނު މަސައްކަތްތައް. ސްކޫލްތަކުގެ ކްލާސްރޫމްތަކާއި، މަލްޓިޕަރޕަސް ހޯލްތަކާއި، ލެބްތަކާއި، އޮފީސް އިމާރާތްތައް. ސްޓާފުންނަށް ބޭނުންވާނެ، ޓީޗަރުންނަށް ފަސޭހަކަމާއެކު ތިބެވޭނެގޮތަށް ތައްޔާރުކުރެވުނު ތަންތަނާއި، އަދި ހަމައެއާއެކު، އެކިއެކި ޓްރޭނިންގ ދިނުމުގެ ގޮތުން ވަރަށް ގިނަ މަސައްކަތްތައް ކުރެވިއްޖެ. މިގޮތަށް ދިގުކޮށް ވާހަކަދައްކާކަށް، ބަޔާންކޮށްދޭކަށް، އެކްސްޕްލެއިން ކޮށްދޭކަށް އަޅުގަނޑުމެންނަށް ފުރުޞަތުތަކެއްވެސް އެގޮތަކަށް ނުލިބޭ. އެހެންނަމަވެސް، އަޅުގަނޑު ދަންނަވާލާނަން. މެންޓަލް ހެލްތު ދާއިރާއަށް އެކަނި ބަލައިލި ކަމުގައިވިޔަސް، ވަރަށް ގިނަގުނަ މަސައްކަތްތަކެއް އަޅުގަނޑުމެންނަށް ކުރެވިފައި އޮތީ.

އަޅުގަނޑު ގަބޫލުކުރަނީ އިރާދަކުރެއްވިއްޔާ، މި ފަސްއަހަރު ނިންމާލެވޭއިރު، ގިނަ ކަންތައްތަކެއް އަޅުގަނޑުމެންނަށް ކުރެވިއްޖެ ކަމަށް. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީތެރިވުމުގެ ގޮތުންވެސް ގިނަ ކަންތައްތަކެއް އަޅުގަނޑުމެންނަށް ކުރެވިއްޖެ. އެކިއެކި ތެރަޕީ ދިނުމާއި، ސެންޓަރުތައް ޤާއިމުކުރުމާއި، އެ ދާއިރާއިން މީހުން ބިނާކުރުންވެސް، އަޅުގަނޑު ހަމަ ފާހަގަކޮށްލަން. އެއާއެކު، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން، ކެރިއަރ ގައިޑެންސް ދިނުމަށްޓަކައި، އެކަމަށް ތައްޔާރުކުރުމަށްވެސް ވަރަށް ގިނަ ޓްރޭނިންގތައް ޓީޗަރުންނަށްވެސް ދެވިއްޖެ. މިއީ، މުހިންމު ކަންތައްތައް. އެހެންވީމާ، އަޅުގަނޑު ހިތަށްއެރީ ހަމަ ފާހަގަކޮށްލަން ޖެހޭނެއޭ.

އަމިއްލަ ފަރާތްތަކުން ކުރެވުނު މަސައްކަތްތަކާއި އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އެ ކުރެއްވި މަސައްކަތްތަކާއި، ކެބިނެޓް ވަޒީރުން ކުރެއްވި މަސައްކަތާއި، އަޅުގަނޑުމެންނަށް ގުޅިގެން ކުރެވުނު މަސައްކަތްތަކުގެ ވާހަކަ ދަންނަވާލުމަކީ، ތިޔަބޭފުޅުންނަށް އެހާބޮޑު ފޫހިކަމެއް އަންނާނެ ކަމެއް ކަމަކަށް އަޅުގަނޑަކަށް އެއްގޮތަކަށްވެސް ޤަބޫލެއް ނުކުރެވޭ.

އަޅުގަނޑު ހުވާކުރި ދުވަހުވެސް އަޅުގަނޑު ވިސްނިން، ފަސް އަހަރު ހަމަވާ ދުވަހަކީ އެއީ، އެންމެފަހު ދުވަސް ކަމަށް. އެއީ، ފައިނަލް އެންމެ ލާސްޓް ޑޭ ކަމަށް އަޅުގަނޑު ހަމަ ގަބޫލުކުރިން. ކޮންމެ ކަމަކީވެސް ނިމުމެއް އަންނާނެ ކަމެއްކަން. ފަސް އަހަރުގެ ޓާރމް އަދި އަޅުގަނޑުމެން ދިރިދުނިޔޭގައި ތިބުމަކީވެސް، އެއީވެސް ނިމުމެއް އަންނާނެ ކަމެއް. އެއްވެސް ކަމަކީ ދިގުދެމިގެންދާނެ ކަމެއް ނޫން. އެހެންވީމާ، ކްލިކް ކޮލެޖުގެ ރައީސް، އަދި ކްލިކް ކޮލެޖުގެ ބޭފުޅުން އަޅުގަނޑަށް މި ފުރުޞަތު ދެއްވީތީ، އަޅުގަނޑު ވަރަށް އުފާކުރަން. މިހާރުވެސް ފަހަތުން އަޅުގަނޑަށް އެބަ ފެނޭ ވަރަށް ގާތް އެކުވެރިން. އަޅުގަނޑުގެ ވަރަށް ގިނަދުވަސްވީ ރައްޓެހިން. މިހާރުވެސް އެބަފެނޭ. ވަރަށް ހިތްހެޔޮކަން ބޭއްވި. ބައްދަލުވީމާ ވަރަށް އުފަލާއެކު އަބަދުވެސް އަޅުގަނޑާ ވާހަކަ ދައްކާލާ. އެ ހިތްހަމަޖެހުން ވަރަށް ބޮޑަށް ލިބުނު.

އަޅުގަނޑު ދަންނަވާލަން ބޭނުން ހަމަ، ގިނަ ފަހަރަށް މީހެއްގެ ހިތުތެރޭގައި އޮންނަނީކީ ހަމައެކަނި ކޮށްދެވޭ މާބޮޑު ކަމެއް ނޫން. އެއަށްވުރެ، މާބޮޑަށް ހަނދާނުގައި ހުރޭ، އަނެކާއާ ދޭތެރޭގައި ކަންތައްތައް ކުރެވިފައި އޮންނަ ރަނގަޅު ގޮތެއް. ހެޔޮކަމެއް ކޮށްދިނުމަކީ އެއީ، ދެވޭ ވަރަށް ބޮޑު ހަދިޔާއެއްގެ ގޮތުގައި އަޅުގަނޑު ބަލަނީ. އަޅުގަނޑު ދެކެނީ އެގޮތަށް. ހިނިތުންވުމާއެކު މީހަކާ ވާހަކަ ދައްކާލުމަކީ އެއީ "އިޓް ޑަޒްންޓް ކޮސްޓް އަ ޕެނީ." "އިޓްސް ޖަސްޓް ފޮރ ފްރީ."

އެހެންވީމާ، އަޅުގަނޑުމެން އަބަދުވެސް ބަލަންވީ، އަޅުގަނޑުމެންގެ ނަފްސަށް އަޅުގަނޑުމެން ހެޔޮއެދޭ ގޮތަށް، އަޅުގަނޑުމެންގެ ދަރިންނަށް، އަޅުގަނޑުމެންގެ މައިންބަފައިންނަށް، އަޅުގަނޑުމެންގެ އަނބިދަރިންނަށް، ތިމާގެ މީހުންނަށް، ޢާއިލާގެ މީހުންނަށް، ހުރިހާ އެންމެންނަށް. އިންސާނަކަށްވީތީވެ، އަޅުގަނޑުމެން އެބަޖެހޭ އެ ކަންތައްތައް ކުރަން. ދަންނަވަންތޯ، އެއަށްވުރެ ހެޔޮ ހަމަ އެއްވެސް ކަމެއް ދުނިޔެމަތީގައި ނުވާނެ. އަނެއް މީހާއާ ދޭތެރޭގައި ކުރެވޭ ރަނގަޅު ހެޔޮ ކަމެއް އެއީ، އެންމެ އަގުހުރި ކަމަކީ. އަޅުގަނޑުމެންނަށް ގެންދެވޭނެ އެއްޗަކަށް އޮތީވެސް އެ. އެހެންވީމާ، މިއަދު ކުރާ ކޮންމެ ކަމެއްގައި އަޅުގަނޑުމެން ހަނދާން ބަހައްޓަންވީ އާޚިރަތް ދުވަސް. އަޅުގަނޑުމެން އެ ދުވަހަކުން ހިތަށްއަރާނެ، ހެޔޮ ޢަމަލުތައް އިސްކުޅަނަމަ ކިހާ ރަނގަޅުވީސްހޭ.

އެހެންވީމާ، ވަގުތު އޮއްވާ އަޅުގަނޑުމެންގެ ހުރިހާ ކަންތައްތައް އަޅުގަނޑުމެން ރަނގަޅު ކުރަން އެބަޖެހޭ. ހެޔޮބަސް ބުނަން އެބަޖެހޭ. ހެޔޮބަސް ގަބޫލުކުރަން އެބަޖެހޭ. ހެޔޮ ގޮތްތައް ޚިޔާރުކުރަން އެބަޖެހޭ. މީހުންނަށް އެހީތެރިވެދޭން އެބަޖެހޭ. އޯގާތެރި މީހަކަށް މީހާ ވާން އެބަޖެހޭ. ބަދުބަސް ނުބުނާ މީހަކަށް މީހާ ވާން އެބަޖެހޭ. ކޮންމެ ކަމަކަށް މީހުންނަށް ރައްދު ނުދޭ މީހަކަށްވެސް ވާން އެބަޖެހޭ. މީހުންނަށް މަލާމާތް ނުކުރާ މީހުންނަށް ވާން އެބަޖެހޭ. އަޅުގަނޑު ގަބޫލުކުރަނީ ކިޔެވުމުގެ ބޭނުމަކީ މިއީ ކަމަށް. އަޅުގަނޑަށް ހީވަނީ މިހާރު ތަންކޮޅެއް ދިގުކޮށްވެސް މި ވާހަކަ އަޅުގަނޑަށް ދެއްކިއްޖެހެން.

އެހެންވީމާ، އަޅުގަނޑު އެދެނީ ތިޔަ ހުރިހާ ދަރިވަރުންނަށް ކާމިޔާބީއަށް. ގަދައަޅައި މަސައްކަތް ކުރުން. ގަޑިއަށް ފަރުވާތެރިކަން ބެހެއްޓުން. ކުރާ ކޮންމެ ކަމެއް ހަމަ ރަނގަޅަށް ކުރުން. ކަމެއް ފަށްޓާފައި، އެ ކަމެއް ނިމެންދެން، އޭގެ ފޮލޯއަޕް ހަދާފައި ގޮސް އެ ރަނގަޅަށް ނިންމާފައި، ދެން އަންގަންޖެހޭ ފަރާތަކަށްވެސް އެ ކަންތައް އެންގުން. މަސައްކަތެއް ކުރުމުގެ ހިތްހަމަޖެހުންވެސް މި ލިބެނީ އެހެން. އަނެކާގެ ފަރާތުން ތިމާ އެދޭ އެދުން، ތިމާ އަމިއްލައަށް އަނެކާއަށް ފުއްދައިދިނުން، ރަނގަޅަށް ޓްރީޓް ކުރުން. މިރޭ ނަސޭހަތެއްގެ ގޮތުގައި އަޅުގަނޑު ތިޔަ ހުރިހާ ދަރިވަރުންނަށް ދަންނަވާލަން.

ނިންމާލުމުގެ ކުރިން އަދިވެސް އެއްފަހަރު، ކްލިކް ކޮލެޖުން މި ކުރައްވާ މަސައްކަތް އަޅުގަނޑު ފާހަގަކުރަން. މި ސަރުކާރުން އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރީ ވީހާވެސް ފަސޭހަކޮށް ކަންތައްތައް ކުރަން. އަމިއްލަ ފަރާތްތަކަށް، ޚިދުމަތް ހޯދާ ފަރާތްތަކަށް، އެއީ، ކޮންމެ ދާއިރާއަކަށްވިޔަސް، ސަރުކާރަކުންދޭ ޚިދުމަތް ފަސޭހަކަމާއެކު ލިބޭނޭ ގޮތަށް ބައްޓަންކުރަން. އެގޮތަށް ކަންތައްތައް ކުރިއަށް ގެންދަންޖެހޭ. މި ޒަމާނަކީ ޓެކްނޯލޮޖީގެވެސް ޒަމާން. އެހެންވީމާ، ސައްވީސް ގަޑިއިރު އަޅުގަނޑުމެންނަށް ޚިދުމަތްވެސް ދެވެންޖެހޭ. މީހުން ހިތްހަމަޖެހޭ ފެންވަރަށް އަޅުގަނޑުމެންނަށް ކަންތައްތައް ކުރެވެންޖެހޭ.

އަޅުގަނޑުގެ އުންމީދަކީ، ކުރިއަށް އޮތް ފަސް އަހަރަކީވެސް އިރާދަކުރެއްވިއްޔާ، ކަންތައްތައް އިތުރަށް ރަނގަޅު ވެގެންދާނެ ފަސް އަހަރު ކަމުގައިވުން. އެއީ އަބަދުވެސް ލިބޭ ފިލާވަޅުތަކުން. އެއީ، އެއްބަޔަކު މަސައްކަތްކޮށްފައި ދިޔައިމާ، އެ ކަންތައްތައް ކުރިގޮތްވެސް ރަނގަޅަށް ބަލާފައި، އޭގެ މައްޗަށް އަނެއްކާވެސް މިސްޓޭކެއްވެސް ނެހެދޭނެގޮތަށް ކަންތައްތައް ކުރުން. އެހެންވީމާ، އަޅުގަނޑު ގަބޫލުކުރަނީ، އަންނަ ފަސް އަހަރަކީ، އެ ފުރުޞަތު އަނެއްކާވެސް އެހެން ބަޔަކަށް ލިބިގެންދާ ފަސް އަހަރު ކަމަށް.

އަޅުގަނޑުގެ ދުޢާއަކީ اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންގެ ޤައުމަކީ އަމާން ޤައުމެއްގެ ގޮތުގައި ލެއްވުން. އަޅުގަނޑުމެންގެ ތެރޭގައި އެކުވެރިކަން އާލާކޮށް، އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކައި އަޅުގަނޑުމެން ކުރާ މަސައްކަތުގައި ބަރަކާތްލެއްވުން. ދިވެހިރާއްޖެއާއި ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުންނަށް ފާގަތި އުފާވެރި ދުވަސްތަކެއް މިންވަރު ކުރައްވާށި! އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.