ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ ދަޢުވަތަކަށް ޓިމޯރ ލެސްތޭގެ ރައީސް ޑޮކްޓަރ ޜޮޒޭ ރާމޮސް-ހޯތާ، މި ފެބްރުއަރީ މަހުގެ 13ން 16އަށް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިރޭ ފުރާވަޑައިގެންފިއެވެ. އެމަނިކުފާނަށް މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުން އަލްވަދާޢު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދެވެ. ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދާއި، ވަޒީރުންވެސް އަލްވަދާޢު ވިދާޅުވުމަށް ވައިގެ ބަނދަރަށް ވަޑައިގެންނެވިއެވެ.

ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ފުރާވަޑައިގެންނެވުމުގެ ކުރިން ނެރުއްވި ދެ ޤައުމުގެ ގުޅިފައިވާ ބަޔާނުގައި، ދިވެހިރާއްޖެއާއި ޓީމޯ ލެސްތޭއާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުންނާއި، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މައްސަލަތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި، ޓީމޯ ލެސްތޭގެ ރައީސް ޑޮކްޓަރ ރާމޯސް-ހޯތާ މަޝްވަރާ ކުރެއްވި ކަމުގައި ވިދާޅުވެފައިވެއެވެ.

މިގޮތުން މޫސުމަށް އަންނަ ބަދަލުތަކާއި، ދެމެހެއްޓެނިވި ތަރައްޤީއާއި، ފަޤީރުކަން ނައްތާލުމުގައި، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކަށާއި، އަދި ޚާއްޞަ ގޮތެއްގައި ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވިކަމަށްވެސް މި ބަޔާނުގައި ވިދާޅުވެފައިވެއެވެ. އަދި ކޯޕަންހޭގަން އެކޯޑަކީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން، ދުނިޔެއަށް ކުރިމަތިވާ ނުރައްކާތަކުން ސަލާމަތްވުމަށް ކުރެވޭ މަސައްކަތް ކާމިޔާބު ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަން ފާހަގަކުރައްވައި، އޭޝިޔާގެ ޤައުމުތަކުން ކޯޕަންހޭގަން އެކޯޑުގައި ބައިވެރިވުމުގެ ކަންތައް އަވަސް ކުރުމަށް ދެޤައުމުގެ ރައީސުން ބާރުއަޅުއްވާ ކަމުގައި ވިދާޅުވެފައިވެއެވެ.

މީގެއިތުރުން، ދެމެހެއްޓެނިވި ތަރައްޤީއަށާއި ފަޤީރުކަން ނައްތާލުމަށް މަގުފަހިވާނެފަދަ ގޮތެއްގައި ކޯޕަންހޭގަން އެކޯޑްގައި ބަޔާންކޮށްފައިވާ ކަންތައްތައް ޙާޞިލުކުރުމަށް، އޭޝިޔާ ސަރަޙައްދުގެ ޤައުމުތަކުން މަސައްކަތް ކުރުމަށް، އެޤައުމުތަކުގެ ވެރިންނަށް، މި ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި، ޓީމޯ ލެސްތޭގެ ރައީސް ޑޮކްޓަރ ރާމޯސް-ހޯތާ ގޮވާލައްވާފައިވެއެވެ.

ރައީސް ޑޮކްޓަރ ރާމޯސް-ހޯތާ، ފުރާވަޑައިގަތުމުގެ ކުރިން އެމަނިކުފާނާއި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާ ދެބޭފުޅުން، ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، މި ދަތުރުފުޅުގެ ސަބަބުން ރާއްޖެއާއި ޓީމޯ ލެސްތޭއާ ދެމެދު ގުޅުން ބަދަހި ކުރެއްވުމުގެ ވަރަށްގިނަ ފުރްޞަތުތައް ހުޅުވިގެން ގޮސްފައިވާ ކަމުގައި ވިދާޅުވިއެވެ. ޑޮކްޓަރ ޜޮޒޭ ރާމޮސް-ހޯތާގެ ވާހަކަފުޅުގައި، އެމަނިކުފާނަށާއި އަރިހުގައި ގެންނެވި ވަފްދުގެ ބޭފުޅުންނަށް ދިވެހި ސަރުކާރުން ބެހެއްޓެވި ފުރިހަމަ މެހްމާންދާރީއަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށާއި ދިވެހި ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ.

ޓީމޯ ލެސްތޭގެ ރައީސް ރާއްޖެއަށް މި ކުރެއްވި ދަތުރުފުޅުގެ ހަނދާނީ ފޮޓޯ އަލްބަމެއް، ވައިގެ ބަނދަރުގައި އެމަނިކުފާނަށް އެރުވިއެވެ. މި އަލްބަމް އެރުއްވީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދެވެ.