ބައިނަލްއަޤްވާމީ އެއަރޕޯޓްތަކާއި، ސީ ޕޯޓްތަކުގައި ބައިނަލްއަޤްވާމީ ގޮތުން ލާޒިމުކުރާ މިންގަނޑުތަކަށް ފެތޭ ކަރަންޓީން ފެސިލިޓީތައް ޤާއިމު ކުރެއްވުމާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރައްވައިފިއެވެ. މިކަމާ ބެހޭގޮތުން މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީއިން ތައްޔާރު ކުރެއްވި ކަރުދާހެއްގެ މައްޗަށް ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ދާއިމީ ކަރަންޓީން ފެސިލިޓީތަކެއް ޤާއިމު ކުރުމުން ލިބޭނެ ފައިދާތަކުގެ މައްޗަށް ބައްލަވާލެއްވިއެވެ. މިގޮތުން ނުރައްކާތެރި ބައްޔެއް ދުނިޔޭގައި ފެތުރިފައިވާ ދަނޑިވަޅެއްގައި، ވައިގެ މަގުން އަންނަ މީހުންގެ ތެރެއިން ބައްޔެއް ޖެހިފައިވާ މީހުން އެކަހެރިކޮށް، ހަރުދަނާ ގޮތެއްގައި ފަސޭހައިން ކަރަންޓީން ކުރެވޭނެކަމާއި، ކަރަންޓީން ކުރުން ލާޒިމުކުރާ ބައްޔެއް ދުނިޔޭގައި ފެތުރޭ ކޮންމެ ފަހަރަކު އެކަހެރި ކުރަންޖެހޭ ފަސިންޖަރުންނަށް ވަގުތީ ކަރަންޓީން ފެސިލިޓީއެއް ހަދަން ނުޖެހޭކަން މެންބަރުން ފާހަގަކުރެއްވިއެވެ.

މިކަމާ ބެހޭގޮތުން މިއަދުގެ ޖަލްސާގައި މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހު، ކަރަންޓީން ފެސިލިޓީ ޤާއިމުކުރާނެ ގޮތެއްގެ ކަރުދާހެއް މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީއާއި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާ ގުޅިގެން ތައްޔާރު ކުރުމަށާއި އަދި އައިސޮލޭޝަން ފެސިލިޓީއެއް ޤާއިމު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރެއްވުމަށް ނިންމެވިއެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން ސަޕޯޓް ސްޓާފުންގެ ގޮތުގައި މަސައްކަތް ކުރަމުންދާ ބޭރު މީހުންގެ ޢަދަދު މަދުކުރައްވައި، ވީހާވެސް ގިނަ ދިވެހިންނަށް އެފުރްޞަތު ލިބޭނެގޮތް ހައްދަވައިދެއްވުމާ ބެހޭގޮތުންވެސް ވާހަކަފުޅު ދެއްކެވިއެވެ.

މީގެއިތުރުން، ސަރުކާރުގެ ބަޖެޓް ބެލެހެއްޓެވުން ހަރުދަނާ ކުރެއްވުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވައި، ބަޖެޓްގެ ކަންތައްތައް ހަރުދަނާ ކުރެއްވުމަށް އެޅުއްވެންހުރި ފިޔަވަޅުތައް ފާހަގަކުރައްވައި، އެ ފިޔަވަޅުތައް އެޅުއްވުމަށް ނިންމެވިއެވެ.