ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ނ) އާއި، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު)ގެ 3 ވަނަ މާއްދާގެ 3 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން އަލްއުސްތާޛު އާދަމް މުޙަންމަދު ޢަބްދުﷲ މިއަދު ހަމަޖައްސަވައިފިއެވެ. އާދަމް މުޙަންމަދު ޢަބްދުﷲ އަކީ، ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އެކޮމިޝަނަށް އެކޯޓުން ފަހުން އިންތިޚާބު ކުރެއްވި ފަނޑިޔާރެވެ.

އަލްއުސްތާޛު އާދަމް މުޙަންމަދު ޢަބްދުﷲ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ހަމަޖެއްސެވި ކަމުގެ ލިޔުން، އޭނާއާ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ޙަވާލު ކުރެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިހާރު ޢަމަލު ކުރަމުންދާ ޤާނޫނުއަސާސީގެ އޮނިގަނޑު އެކުލަވައިލެވިފައިވަނީ ޝަރީޢަތުން ލިބިދޭ މިނިވަންކަމާއި، ޝަރީޢަތް މެދުވެރިކޮށް އިންޞާފުވެރިކަމާއެކު ކަންތައްތައް ނިންމެވުމުގެ މައްޗަށް ކަމުގައި ވިދާޅުވިއެވެ. އަދި ފަނޑިޔާރުންގެ ކަންތައްތައް ވީހާވެސް ރަނގަޅުކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

އަލްއުސްތާޛު އާދަމް މުޙަންމަދު ޢަބްދުﷲ ދެއްކެވި ވާހަކަފުޅުގައި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ކަންތައްތައް ހަރުދަނާ ކުރެއްވުމަށް ޤާނޫނީ އިމުގެ ތެރޭގައި ފުރިހަމައަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.

މިރަސްމިއްޔާތުގެ ކުރިން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ޢަރީފްގެ ކުރިމަތީގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، އާދަމް މުޙަންމަދު ޢަބްދުﷲ ކުރެއްވިއެވެ