ކުދިންގެ ކިޔެވުމުގެ ކަންތައްތައް ރަނގަޅު ކުރެއްވުމަށް ސަރުކާރުން ވަރަށްބޮޑު ސަމާލުކަމެއް ދެއްވަމުން ގެންދަވާ ކަމުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ، މިއަދަކީ ޖަމާލުއްދީން ސްކޫލްގެ 25 ވަނަ އަހަރީ ދުވަސް ކަމަށްވުމާއެކު، ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު އެސްކޫލްގައި ބޭއްވެވި ޚާއްޞަ އެސެމްބްލީއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ކުދިންގެ ކިޔެވުމުގެ ކަންތައްތައް ރަނގަޅު ކުރެއްވުމަށް ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުން ގެންދަވާއިރު، އެކުދިންގެ ކިބައިން ސަރުކާރުން އެދިވަޑައިގަންނަވަނީ، ރަނގަޅަށް ކިޔެވުމަށާއި، ބަރާބަރަށް ސްކޫލަށް ޙާޒިރުވެ، ގޭގައިވެސް ފިލާވަޅުތައް ދަސްކޮށް، މައިންބަފައިންގެ ބަސްއަހާ ކުއްޖަކަށް ކޮންމެ ކުއްޖަކުވުމަށް ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ޑޮކްޓަރ ވަޙީދުގެ ވާހަކަފުޅުގައި، ކުޑަކުދިން ތަރުބިއްޔަތުވެގެން، ބޮޑެތިވެގެން އަންނައިރު، ވަރަށްގިނަ ކަންތައްތަކެއް އެކުދިން ދަސްކުރަން އެބަޖެހޭ ކަމަށާއި، އޭގެތެރޭގައި ކިޔެވުމުގެ އިތުރުން، އެކަކު އަނެކަކާ އެކީގައި އުޅޭނެގޮތާއި، އެއްކުއްޖަކު އަނެއް ކުއްޖަކަށް އިޙްތިރާމްކޮށް އޯގާތެރިވުން ހިމެނޭ ކަމުގައި ވިދާޅުވިއެވެ. ހަމައެއާއެކީގައި، ސްކޫލްގައިވެސް އެކިކަންތައް ރޭވިގެން، އެކީގައި އުޅުމުގެ ފުރްޞަތު ކުދިންނަށް ލިބެންޖެހޭ ކަމަށް ވިދާޅުވެ، މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މިކަންކަން އިންތިޒާމު ކުރެއްވުމަށްޓަކައި ދައުލަތުގެ ފަރާތުން ކުރައްވަމުން ގެންދަވާ މަސައްކަތަކީ، ވަށާޖެހޭ ތަޢްލީމު ތަޢާރުފު ކުރެއްވުންކަން ނައިބު ރައީސް ހާމަކުރެއްވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ޖަމާލުއްދީން ސްކޫލްގެ ހުރިހާ ވެރިންނާއި ޓީޗަރުންނަކީވެސް ކުދިންގެ ކަންތައްތައް ރަނގަޅު ކުރެއްވުމަށާއި، ކުދިންނަށް އުފާވެރި މަދްރަސީ ދައުރެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅުންކަން ފާހަގަކުރައްވައި، ސްކޫލްގެ ވެރިންނަށާއި ޓީޗަރުންނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ކުދިންގެ ކިޔެވުމުގެ ކަންތައްތަކަށް ބެލެނިވެރިން ދެއްވާ އަހަންމިއްޔަތު ފާހަގަކުރައްވައި، ބެލެނިވެރިންނަށްވެސް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

ޖަމާލުއްދީން ސްކޫލް ހުޅުވުނީ 1985 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުއެވެ. އެސްކޫލަށް މިއަދު 25 އަހަރު ފުރުމުގެ މުނާސަބަތުގައި މިބޭއްވުނު ޚާއްޞަ އެސެމްބްލީގައި، ސްކޫލްގެ އާ ތަޞައްވުރާއި އަމާޒު، ނައިބު ރައީސް އިފްތިތާޙްކޮށްދެއްވިއެވެ. ސްކޫލްގެ ތަޞައްވުރަކީ އިސްލާމްދީން ދެކެ ލޯބިވާ، ޤައުމަށް ވަފާތެރި، ޢިލްމީ އަދި ޤާބިލް ދަރިންތަކެއް ބިނާކުރުމެވެ. ސްކޫލްގެ އަމާޒަކީ ޖަމާލުއްދީން ސްކޫލްގެ ދަރިވަރުންނަށް އެކުވެރި، ރައްކާތެރި، ވާދަވެރި މާޙައުލަކުން، އިސްލާމީ ރިވެތި އާދަތަކާއި، ޒަމާނީ ތަޢްލީމު ހޯދައިދިނުމާއެކު ޢިލްމާއި ހުނަރުގެ ގޮތުން ކުރިއަރާނެ ފުރްޞަތުތައް ތަނަވަސްކޮށްދިނުމެވެ.

ޖަމާލުއްދީން ސްކޫލަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި ނެރުއްވި ރިހި ޔޫބީލް ފޮތް، މި ޚާއްޞަ އެސެމްބްލީގައި ނެރުއްވައިދެއްވީވެސް ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދެވެ. އަދި ސްކޫލްގެ އިސް މަގާމުތަކަށް މިއަހަރު ހޮވިފައިވާ 16 ދަރިވަރުންނަށާއި، ސްކޫލްގެ ކެޕްޓަނާއި، ޑެޕިއުޓީ ކެޕްޓަންގެ މަގާމުގެ ފަށްޓާ ޙަވާލުކޮށްދެއްވީވެސް ނައިބު ރައީސެވެ. އެހެނިހެން މަގާމުތަކަށް ހޮވުނު ދަރިވަރުންނަށް ފަށްޓާ ޙަވާލުކޮށްދެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ މުޞްޠަފާ ލުޠުފީއެވެ. ޖަމާލުއްދީން ސްކޫލްގެ ޓްރަސްޓް ފަންޑް ހުޅުއްވައި ދެއްވުންވެސް މިއަދުގެ މި ޚާއްޞަ އެސެމްބްލީގައި އޮތެވެ. މި ފަންޑް ހުޅުއްވައިދެއްވީ ނައިބު ރައީސެވެ.

މި ޚާއްޞަ އެސެމްބްލީގައި ސްކޫލްގެ ޕްރިންސިޕަލް ޙަސަން މުޙަންމަދު ވާހަކަފުޅު ދެއްކެވިއެވެ.