بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ لَّلهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް އޮނަރަބްލް މުޙައްމަދު އަސްލަމް، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ރައީސް އަލްއުސްތާޛު އާދަމް ޝާމިލް، ކޮމިޝަންގެ މެންބަރުން، ވަޒީރުން، ދައުލަތުގެ އިސްވެރިން، ވަޑައިގެން ތިއްބެވި ބޭރު ޤައުމުތަކުގެ ޢިއްޒަތްތެރިން، އެންމެހައި ޖަލީސުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، ކޮންމެ އަހަރެއްގެވެސް ޑިސެންބަރު މަހުގެ 9 ވަނަ ދުވަހަކީ، ބައިނަލްއަޤްވާމީ ގޮތުން ދުނިޔޭގައި ފާހަގަކުރެވޭ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ދުވަސް. މިއީ އ.ދ. ގައި ރިޒޮލިއުޝަނުން ކަނޑައަޅާފައިވާ ދުވަހެއް. ޝައްކެއްނެތް، އާނއެކޭ ބުނަންޖެހޭ ތަންތާނގައި އާނއެކޭ ބުނަން ކެރޭ، ނޫނެކޭ ބުނަންޖެހޭ ތަންތާނގައި ނޫނެކޭ ބުނަން ކެރޭ އަދި އެގޮތަށް ޢަމަލުކުރާ މީހާ ވާނީ ކޮރަޕްޓް ނޫން މީހަކަށް. ސަބަބަކީ ކުރުކޮށް ދަންނަވާނަމަ، ކޮރަޕްޓްވުން ނުވަތަ ފަސާދަވުމޭ ބުނެވެނީ، ރަނގަޅުގޮތް ދޫކޮށްލުމަށް. ކަން ކުރަން އޮންނަ ހެޔޮމަގު ފިޔަވައި ކަތިމަގުން ކަންކަން ކުރުމަށް. އިންޞާފާއި ހަމައިން އެއްކިބާވެ، ތިމާއަށް ލިބިފައިވާ ބާރެއް، ނުފޫޒެއް ނަހަމަގޮތުގައި ބޭނުންކުރުމަށް. އެހެންވީމާ، ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތްތަކަކީ ތިމާއާ ހަމައިން ފެށޭ މަސައްކަތެއް. އެއީ، އަމިއްލަ ނަފްސުގެ މައްޗަށް ހޯދަންޖެހޭ ކާމިޔާބެއް. މި ހެޔޮ ބަދަލު، އަމިއްލަ ނަފްސަށް ގެނެސްގެން އެތައް ބަޔަކު ކުރާ ތެދުވެރި އިޚްލާޞްތެރި މަސައްކަތަކުން މުޖުތަމަޢަށް ނުވަތަ ދުނިޔެއަށް ހެޔޮ ބަދަލު ގެނެވޭނެ. ކޮރަޕްޝަނަށް ނޫނެކޭ ބުނަންކެރޭ، ބުނަން އެނގޭނެ.

2007 ވަނަ އަހަރަކީ، އ.ދ.ގެ ކޮރަޕްޝަނާބެހޭ ޤަރާރުގައި ދިވެހިރާއްޖެ ސޮއިކުރި އަހަރު. އޭގެފަހުން ރާއްޖޭގައިވެސް ރަސްމީ ސިފައެއްގައި މި ބޭނުންތެރި މަސައްކަތްތައް ދަނީ ކުރެވެމުން. އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވާނެ ޔަޤީންކަމަކީ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރު ކޮރަޕްޓް ނުވެ ހިންގާނަންކަން. ހަމަ އެހެންމެ، އަޅުގަނޑުމެންގެ ސަރުކާރުގައި އެއްވެސް ފަރާތަކުން އެފަދަ ކަމެއް ހިންގާކަން ސާބިތުވެއްޖެ ހާލަތެއްގައި ނަމަ، އެފަރާތަކާމެދު އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު އަޅުގަނޑުމެން ފަސްޖެހުމެއްނެތި އަޅާނެކަން. އެކަމުގައި އަޅުގަނޑުމެން އެއްވެސްވަރަކަށް ޚިޔާލުތަފާތުވުމެއް ނޯންނާނެކަން.

ހަމަ އެހެންމެ، ކޮރަޕްޝަނާ ބެހޭ ހޭލުންތެރިކަން އިތުރުކޮށް، ނަޒާހަތްތެރި މުޖުތަމަޢައެއް ބިނާކުރުމަށް ކުރަންހުރި ހުރިހާ މަސައްކަތެއްގައި ޢިލްމީ ފެންވަރެއްގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މަސައްކަތްތައް ކުރިއަށް ގެންދާނަންކަން.

އާދެ، ރާއްޖޭގެ އާ ޤާނޫނުއަސާސީން ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާނެ މުއައްސަސާއެއް އުފެއްދެވީ، 2007 ވަނަ އަހަރު، ކުރިންވެސް ދެންނެވި ފަދައިން. މި މުއައްސަސާއިން މިހާތަނަށް ވަނީ ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިކަން އަޅުގަނޑު ހަމަ ފާހަގަކުރަން. އާދެ، ގިނަގުނަ ކާމިޔާބީތަކެއްވެސް ހޯއްދަވާފައިވާކަން އަޅުގަނޑު ހަމަ ފާހަގަކުރަން. އެހެންކަމުން، ދިވެހިރާއްޖޭގެ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ރައީސަށާއި، މެންބަރުންނާއި، މަސްއޫލުވެރިންނާއި، އެންމެހައި މުވައްޒަފުންނަށް އަޅުގަނޑު ތަހުނިޔާއާއި ޝުކުރު ދަންނަވަން.

އަޅުގަނޑުމެންގެ ސަރުކާރުގެ ސިޔާސަތަކަށް ވާނީ، ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ ކޮންމެ ކަމެއްގައި، އެއީ ކުޑަޔަސް، ބޮޑަސް މި ސަރުކާރުގެ އެއްބާރުލުން ފުރިހަމައަށް ދޭނެ ކަމުގެ ޔަޤީންކަން ދިނުން. އާދެ، ކޮރަޕްޝަން އުފަންވާ ހާއްޔަކީ ހުދު ގިރުވާނު ކަމަށް ބުނެވޭ. ކޮރަޝަންގެ ކުށަކީ ހުދު ގިރުވާނުލީ ގިންތީގެ ކުށެއް ކަމަށް ބުނެވޭ. އޭގެ މާނައަކީ، ނަހަމަގޮތުގައި ނުފޫޒު ފޯރުވުމުގެ ކުށް ހިނގަނީ ސިޔާސީގޮތުންނާއި މާލީ ގޮތުން މަތީ ދަރަޖައަކަށް ދެވިފައިވާ މީހުންގެ މެދުގައި ކަމަށް ބުނެވޭ. އެހެންކަމުން، މިތަނުގައި ލިބޭ ފިލާވަޅަކީ، ޤައުމުގެ އިޖުތިމާޢީ ސިޔާސީ ހަރުގަނޑުން ތިމާއަށް މައްޗަށް އެރުނުވަރަކަށް، އަމާނާތްތެރިކަމާއި ތެދުވެރިކަމުގެ މަގަށް ބަލަން ފަރުވާތެރިވާން ޖެހޭކަން. އަބަދުވެސް އެ މަގުން ހިނގަން ފައިތިލަ ސީދާކުރަންޖެހޭކަން. އިޚްލާޞްތެރި، ދީންވެރި ހިތެއްގެ ވެރިޔަކަށްވާން ގަދައަޅައި މަސައްކަތް ކުރަންޖެހޭކަން.

އެންމެހައި ޢިއްޒަތްތެރިން؛

އަޅުގަނޑުގެ ވާހަކަކޮޅުގެ ފެށުމުގައި އަޅުގަނޑު ދަންނަވާލިން، ކޮރަޕްޝަނަށް ނޫނެކޭ ބުނުމަކީ، ތިމާގެ އަމިއްލަ ނަފްސާ ހަމައިން ފަށަންޖެހޭ ކަމެއް ކަމަށް. މިކަމުގައި ބައެއްފަހަރަށް ދެފަރާތެއް ހިމެނޭކަން އަޅުގަނޑު ހިތުން އަޅުގަނޑުމެން ވިސްނާލަންވާނެ. އެއީ، ކަމަކަށް ބޭނުންވާ މީހާއާއި، އެ ބޭނުމެއް ފުއްދައިދޭން ހުންނަ މީހާ. ބޭނުންވާ މީހާ، ކަން ކުރަންވީގޮތަކީ އުސޫލުން ބޭރުން އެކަމަކަށް ނޭދުން. އޭރުން އެ ޚިދުމަތް ދޭން ހުންނަ މީހާއަށް އެކަމުގައި އެއްވެސް ތަކުލީފެއް ކުރިމަތިކުރުމުގެ ފުރުޞަތެއް ނުލިބޭނެ. އޭރުން އެ ބަންދުކޮށްލެވެނީ، ކޮރަޕްޝަނަށް ހުޅުވޭ ވަރަށް ފުޅާ ދޮރެއް.

އަޅުގަނޑު ހިތުން ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި މިއީ ވަރަށް މުހިންމު ކަމެއް. މިއީ ގިނަބަޔަކު ހެޔޮގޮތުގައި ހެޔޮ މަގުގައި ތިބުން. ކޮރަޕްޝަނާ ދެކޮޅަށް އޮތް މި އަހަރުގެ ޝިޢާރަކީވެސް Uniting the World Against Corruption އާދެ، މި ޝިޢާރުން އެނގެނީ، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމުގައި މުޅި ދުނިޔެ އެކައްޗަކަށްވާންޖެހޭކަން. ކޮރަޕްޝަނާ ދެކޮޅަށް މުޅި ދުނިޔެ ތެދުވަންޖެހޭކަން.

އާދެ، ޙަޤީޤަތުގައި ކޮރަޕްޝަނަކީ ދިވެހީންނާއި އަދި ދިވެހީންގެ ރާއްޖެއާ ވަރަށް ބީރައްޓެހި އެއްޗެއް. ދިވެހި ތާރީޚުގެ ފަތްފުށްތަކަށް ބަލައިލުމުން ފެންނަ ވަރަށް ރީތި މިސާލުތައް މިކަމުގައި އެބަހުރި. ފަހަރެއްގައިވެސް ދެރަ ކަންކަން ވެފައި ނެތެކޭ ނޫން. ގޯސް ކަންކަން ހިނގާފައި ނެތެކޭ ނޫން. އެކަމަކު ތާރީޚަށް ބަލާއިރުގައި، އިބްނު ބަޠޫޠާފަދަ ބޭރުގެ މުއައްރިޚުންގެ ލިޔުއްވުންތަކުން ފެންނަނީ ދިވެހީންގެ މާތް ސިފަތައް. ހަރުދަނާ އަޚްލާޤު. ދީނަށް ކަމޭހިތުން. ވެރިކަމުގެ ނިޒާމަށް ބެލިކަމުގައިވިޔަސް، އިބްނު ބަޠޫޠާ ރާއްޖޭގައި އުޅުއްވި ދުވަސްވަރުވެސް ރަސްކަމުގެ ފަރާތުން ފަނޑިޔާރުގެ ވަނީ މިނިވަންވެގެން. އެކަމަށް އޭނާ ތަޢުރީފް ކުރައްވާފައިވެސްވޭ.

ޝައްކެއްނެތް، ދިވެހިރާއްޖެ ކުރިއަރައިދާނީ މިފަދަ ނަމޫނާ ސިފަތަކުން. ބޭރު މީހުންގެ އިތުބާރު ދިވެހީންނާމެދު އުފެދޭނީ ރީތި އަޚްލާޤުން. ތަހުޒީބު ދިރިއުޅުމަކުން. ރާއްޖޭގެ ފަތުރުވެރިކަމަށް އަދި އެނޫންވެސް ދާއިރާތަކަށް ބޭނުންވާ އިންވެސްޓްމަންޓްތައް ލިބޭނީ މިކަންކަން އާލާކުރެވިގެން. ބޭރު ދުނިޔޭގެ އިތުބާރު ހަރުދަނާކުރެވިގެން.

އެހެންވީމާ، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމަކީ ޤައުމީ މަސައްކަތަކަށް ހަދަންޖެހޭ. އެއީ، ދިވެހި ޤައުމަށްޓަކައި ކުރާ ކަމަކަށްވާންޖެހޭ. ދިވެހީންގެ ސަލާމަތަށްޓަކައި ކުރެވޭ ކަމަކަށްވާންޖެހޭ. ދިވެހީންގެ ފުދުންތެރިކަމަށްޓަކައި ކުރެވޭ ކަމަކަށްވާންޖެހޭ. އަދި ކީއްތޯ؟ މި ފަޚްރުވެރި ދިވެހި ޤައުމުގެ އަބުރާއި ޢިއްޒަތަށްޓަކައި ކުރެވޭ ކަމަކަށް އެކަން ވާންޖެހޭ.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، ދިވެހީންނަކީ ހެޔޮބަސްއަހާ، ހެޔޮ ޢަމަލު ކުރުމުގައި ދެމިތިބޭ ބަޔަކު ކަމުގައި ލެއްވުން. ނުރަނގަޅު ނޭއްގާނި ސިފަތަކުން ދިވެހި އުންމަތް ސަލާމަތްވެގެންވުން. އަދުގެ ކުޑަކުދީންނަށް ނަމޫނާއަކަށް ފުދޭ ހަރުދަނާ ބަޔަކު ކަމުގައި އަޅުގަނޑުމެން ލެއްވުން. މާދަމާގެ މުސްތަޤްބަލް އުޖާލާވުން. މި ލޮބުވެތި ވަޠަން މިނިވަންކަންމަތީ އަބަދުމެ ލަހައްޓަވާށި! އާމީން.

وَمَا تَوْفِيقِي إِلَّا بِاللَّهِ ۚ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.