بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. ކައު އިތުރު ނަބިއްޔާ مُحَمَّدٌ رَّسُولُ ٱللَّهِ صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލްކުރަން.

ޑެޕިޔުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލްމަންނާން ޔޫސުފް، ޑެޕިޔުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދު، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުން، ފްރޮންޓް ލައިންގައި ހީވާގިކަމާއެކު މަސައްކަތް ކުރައްވާ އެންމެހައި ފުލުހުން، އަދި އެންމެހައި މުވައްޒަފުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، ޑެޕިޔުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ ވާހަކަފުޅުގައި އަޅުގަނޑާ ގުޅޭގޮތުން ވަރަށް ހެޔޮ ބަސްތަކެއް ވިދާޅުވެއްޖެ. އެކަމަށްޓަކައި އަޅުގަނޑު އުފާކުރަން. ޑެޕިޔުޓީ ކޮމިޝަނަރ އޮފް ޕޮލިސް އެ ވިދާޅުވި ގޮތަށް އަޅުގަނޑުގެ މި ޓަރމް، އަޅުގަނޑުމެންގެ މި ސަރުކާރުގެ މި ފަސް އަހަރު ނިމިގެންދާއިރު، އަދި އަޅުގަނޑަށްވެސް މި ފަސް އަހަރު ނިމިގެންދާއިރު، ފުލުހުންނަށް ޚާއްޞަކޮށް، ފުލުހުންގެ އެންމެ ފްރޮންޓް ލައިންގައި، އަޅުގަނޑު ދަންނަވާނީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ސީދާ މަގުމަތީގައި ރެޔާއިދުވާލު މަސައްކަތް ކުރެއްވި ފަރާތްތަކާ ބައްދަލުކޮށް، މި ފަސް އަހަރު ތިޔަބޭފުޅުންނާއެކު، އަޅުގަނޑަށް ކުރެވުނު މަސައްކަތް ނުވަތަ އެ ކުރެވުނު ތަޖުރިބާ، ތިޔަބޭފުޅުން އެ ކުރެއްވި މަސައްކަތްތައް ފާހަގަކޮށްފައޭ އަޅުގަނޑު ދާން ބޭނުންވަނީ. އެގޮތުން އަޅުގަނޑުގެ އަމިއްލަ އެދުމެއްގެ މަތިން މިގޮތަށް މި ބައްދަލުވުން ހަމަޖައްސަވައިދެއްވީ.

އެހެންވީމާ، ފުރަތަމަ ކަމަކަށް، މިފަދަ ބައްދަލުވުމެއް ހަމަޖައްސަވައި ދެއްވީތީވެ، ޚާއްޞަކޮށް، ކޮމިޝަނަރ އޮފް ޕޮލިސް އަދި ފުލުހުންގެ އެންމެހައި އިސް ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު، ވަރަށް ބޮޑަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، އެނގިވަޑައިގަންނަވާނެ، ވޭތުވެދިޔަ ނުވަތަ ނިމިގެންމިދާ ފަސް އަހަރަކީ ރާއްޖޭގެ ތާރީޚުގައިވެސް ދަތި އުނދަގޫ ކަންތައްތަކެއް އަޅުގަނޑުމެންނަށް ކުރިމަތިވެގެންދިޔަ ފަސް އަހަރު. އެ ހުރިހާ ކަމެއްގެ ތެރެއިންވެސް ދިމާވި އެކިއެކި ގޮންޖެހުންތަކާއި، ދުވަހަކުވެސް ދިމާވެދާނެ ކަމަށް އަޅުގަނޑުމެން ހީނުކޮށް ތިބިކަހަލަ ދަތި އުނދަގޫ، ނުތަނަވަސް، ހިތްދަތި ދުވަސްތަކެއްގައިވެސް، އަޅުގަނޑުމެންނަށް ފެނުނީ، ވަރަށް ފުޅާ ދާއިރާއެއްގައި އެ ވަގުތަކަށް ކުރަންޖެހުނު ކޮންމެ ކަމެއް، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް، މުޅި ޤައުމަށްޓަކައި ރައްޔިތުންގެ ޙިމާޔަތުގައި އެންމެ ބުރަކޮށް، ރެޔާއިދުވާލު މަސައްކަތް ކުރެއްވި އެއްބަޔަކީ ހަމަގައިމުވެސް ފުލުހުންކަން. އަޅުގަނޑަށް ވަރަށް ކައިރިން އެ ކަންތައްތައް ފެނުނު. އަޅުގަނޑު މި ދަންނަވަނީ ކޯވިޑް-19ގައި އަޅުގަނޑުމެންގެ މުޅި ޤައުމު ތަޙައްމަލު ކުރަމުންދިޔަ ދަތި އުނދަގޫ ދަނޑިވަޅުގައި، ހަމަގައިމުވެސް ކުޑަވިޔަސް، ބޮޑުވިޔަސް، ދިވެހި ރައްޔިތެއް ނުހުންނާނެ، އެ ދަތި ކަންތައްތައް އިޙްސާސް ކުރަންނުޖެހޭ.

އެވަގުތުވެސް އަޅުގަނޑުމެންނަށް ހަމަ ފެނުނު، ޚާއްޞަކޮށް، ފުލުހުން ކުރެއްވި މަސައްކަތްތައް. ފުލުހުންނަކީވެސް ހަމަ އަޅުގަނޑުމެން ކަހަލަ އިންސާނުން. ހަމަ ދިވެހި ރައްޔިތުން. ޢާއިލާތަކާއި، ދަރިން، މައިންބަފައިން ބެލެހެއްޓުމުގެ ޒިންމާއާއި މަސްއޫލިއްޔަތުތައް، އަމިއްލަ ކަންތައްތައްވެސް ހަމަ އެހެން މީހުންނެކޭ އެއްފަދައިން އޮވޭ. ޔުނީފޯމެއް އެޅުމަކީ އެއީ އެއްވެސްހާލެއްގައި ތިމާ ކުރަން އޮންނަ އަމިއްލަ ޒާތީ އެހެނިހެން ކަންތައްތަކުން މީހާ ވަކިވެގެންދާ ކަމެއް ނޫން. އެހެން މީހުންނެކޭ އެއްފަދައިން ހަމަ އެ ކަންތައްތައްވެސް އޮވޭ. އޭގެ މައްޗަށް މާބޮޑު ޒިންމާއެއް، ޔުނީފޯމް އެޅުމުން މި އަންނަނީ. މުޅި ރައްޔިތުންނާއި މުޅި ޤައުމު ޙިމާޔަތްކޮށް، ސަލާމަތްކޮށް، ރައްކާތެރިކަން ކަށަވަރުކޮށްދީ، އެ ހުރިހާ ކަމެއް މި ދެންނެވީ. ކޯވިޑުގެ އެ ވަގުތުގައިވެސް އަޅުގަނޑުމެންނަށް ފެނިގެންދިޔައީ އެކި ކަންކަމުގައި އެއީ، ސާމްޕަލް ނެގުން ކަމުގައިވިޔަސް، މިއިން ކޮންމެ ކަމެއްގައި ފުލުހުންގެ ވަރަށް އިސް ދައުރެއް އަދާކުރެއްވި ތަން. އެއީ، އަޅުގަނޑުގެ ހިތުތެރޭގައި އުފެދިފައި އޮތް އެ ޝުޢޫރުތައް، އަޅުގަނޑަށް މިހެން ދެތިން ބަހަކުން ފާޅުކުރެވޭ ވަރަށްވުރެ މާގިނަ ކަންތައްތަކެއް. ދިގުދެމިގެންދިޔަ ކަމެއް. އެއް ހަފްތާ، ދެ ހަފްތާގެ ކަމެއްގެ ވާހަކައެއްވެސް ނޫން މި ދަންނަވަނީ. އެހެންވީމާ، އެކަމަށްޓަކައި އަޅުގަނޑު ޚާއްޞަކޮށް، މިނިސްޓަރ އޮފް ހޯމް އެފެއާޒް އަދި ކޮމިޝަނަރ އޮފް ޕޮލިސްއަށާއި، ފުލުހުންގެ އިސް އެންމެހައި އޮފިސަރުންނަށާއި އަދި ދިވެހި އެންމެހައި ފުލުހުންނަށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޚިދުމަތް ދެއްވަން ތިއްބެވި ހުރިހާ ފަރާތްތައް ޝާމިލްވާގޮތުގެ މަތިން އެންމެހައި ފަރާތްތަކަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އެނގިވަޑައިގަންނަވާނެ، ފުލުހުންނަކީ އެއީ ވަކި ބަޔަކު ވެރިކަމުގައި ތިބެގެން ވަކިގޮތަކަށް މަސައްކަތް ކުރަން ތިބޭ ބައެއް ނޫން. ދިވެހިންގެ ކޮންމެ ނިންމުމެއް، ކޮންމެ ބަދަލުކުރުމެއް، ސިޔާސީގޮތުން އައިނަމަވެސް، ފުލުހުންގެ މައްޗަށް މި އޮންނަނީ އަބަދުވެސް ފުލުހުންގެ ޕްރޮފެޝަނަލް މިންގަނޑުގައި މަސައްކަތް ކުރުން. އަޅުގަނޑުމެން ވޭތުވެދިޔަ ފަސް އަހަރަށް ބަލައިފި ކަމަށްވަންޏާ، އަޅުގަނޑު ގަބޫލުކުރަނީ، މި ދެންނެވި ހުރިހާ ދަތިތަކެއް ހުރިއިރުވެސް ކަންތައްތަކެއް ކުރެވުނު. ފުލުހުންގެ ޤާނޫނަށްވެސް ބަދަލުތަކެއް އައިސް، އޭގެ ތެރެއިންވެސް ރަނގަޅު ކަންތައްތަކެއްގެ ފެށުން އިތުރުވެގެންދިޔަ. އަދި އެނޫނަސް ވަރަށް ގިނަ ކަންތައްތައް ކުރެވިފައި ހުރި. އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންނަށް މިހާރު މިވަނީ ކޮލެޖެއްގެ ގޮތުގައި ތަމްރީނު ކުރުމުގެ ހަމަ ވަރަށް ފުރިހަމަ މަރުކަޒެއް ޤާއިމުކުރެވިފައި. އޭގެ ސަބަބުންވެސް ވަރަށް ގިނަގުނަ ފަސޭހަތަކެއް އަޅުގަނޑުމެންގެ ފުލުހުންގެ ކުރިއެރުމަށް އައި. ފުލުހުން ކުރިއެރުވުމަށް ބޭނުންވާ ސަބަބަކީ، ފުލުހުންގެ ނުވަތަ ފުލުހެއްގެ މަގާމު ހަމައެކަނި މަތިވުމެއް ނޫން. ފުލުހުން ކުރިއެރުމުން އަޅުގަނޑުމެންގެ ޤައުމަށް އޭގެ ފައިދާ ކުރަނީ. މުޅި ރައްޔިތުންނަށް އޭގެ ފައިދާތަކެއް މި ކުރަނީ. އެހެންވީމާ، މި ފަސް އަހަރުގެ ތެރޭގައި ޤާއިމުވެގެން މިދިޔަ ކޮލެޖުގެ ސަބަބުން އަޅުގަނޑު ގަބޫލުކުރަނީ މިފަދަ ފުރުޞަތުތައް އިތުރުވެގެންދާނެ ކަމަށް.

އެނގިވަޑައިގަންނަވާނެ، އާންމުކޮށް އަޅުގަނޑުމެންގެ ތެރޭގައި ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި އޮންނަނީ، މަސްތުވާތަކެތީގެ މައްސަލަ. މިއީ ވަރަށް ގިނަ އަހަރުތަކެއް، ޒަމާންތަކެއް ވަންދެން ދިގުދެމިގެން ގޮސްފައިވާ މައްސަލައެއް. އަޅުގަނޑު މިއަދުވެސް ހަމަ ދަންނަވަން ބޭނުންވަނީ، އެކަމަށް ހުރިހާ ގޮތަކުން ވަށައިޖެހޭ ކަހަލަ ނިޒާމެއްގެ ދަށުން، ބޭނުންވާ ކަންތައްތައް އެންމެ ފުރިހަމައަށް އަދިވެސް އަޅުގަނޑުމެންނަށް ޤާއިމެއްނުކުރެވެއޭ. މައްސަލައިގެ ބޮޑުކަމާއި، ކަންތައްތައް ކުރުމުގައި ހުރި ދަތިކަމާއި، އަދި އަޅުގަނޑުމެންގެ ވަސީލަތްތަކާ، މި ހުރިހާ ކަމެއްގެ ސަބަބަކަށްވޭ. އެހެންނަމަވެސް، މި ފަސް އަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް ވަރަށް ގާތުން ފެނިގެން މިދިޔައީ ސަޕްލައި ރިޑަކްޝަން، ޕްރިވެންޝަން އަދި އެވެއަރނަސް. އަދި މީގައި ޓްރީޓްމަންޓް ރީހެބިލިޓޭޝަން އަދި މީހުންނަށް މަސައްކަތްތައް ދަސްކޮށްދިނުމަށްޓަކައިވެސް ޓްރޭނިންގދީ، މުޖުތަމަޢަށް ނެރުމަށްޓަކައިވެސް ގިނަގުނަ މަސައްކަތްތަކެއް ކުރެވުނު ތަން. އެންމެ ބޭނުންވާ މިންވަރަށް މިކަމުގައި އަޅުގަނޑުމެންނަށް ކަންތައްތައް ކުރެވިފައި ނެތޭ އަޅުގަނޑު މި ދަންނަވަނީ. މިއީ ވަރަށް ބޮޑު މައްސަލައެއް. މި މައްސަލައަށް އެކަށީގެންވާ ޙައްލެއް އަޅުގަނޑުމެންނަށް މި ހޯދެނީ ހުރިހާ އެންމެންގެ ޝާމިލްވުން މީގައި ހިމެނިގެން. މުޅި ޤައުމުގެ ހުރިހާ ރައްޔިތުން، ޢާއިލާތަކުން، މުއައްސަސާތަކުން، ވަރަށް ރަނގަޅު، ވަރަށް ސްޓްރޯންގް ވިލްއެއްގައި، އަޅުގަނޑުމެންގެ އެ ޓާގެޓް ހާސިލުކުރުމަށްޓަކައި މަސައްކަތް ކުރެވިގެން. ދުވަހުން ދުވަހަށް ކޮށްލާ ކަމަކުން، އަޅުގަނޑުމެންނަކަށް އަދި އެ ކަމެއް ހާސިލެއްނުކުރެވޭ.

އެހެންވީމާ، އަޅުގަނޑަށް ފެނިގެންދިޔައީ، މި ފަސް އަހަރުގެ ތެރޭގައި ހަމަ ވަރަށް ރަނގަޅު މަސައްކަތްތަކެއް ޚާއްޞަކޮށް، މި ދާއިރާއިން ކުރެވުނު ތަން. އެހެންނަމަވެސް، އަދި އަޅުގަނޑު ގަބޫލުކުރަނީ، ކުރިއަށް އޮތް ތާނގައި ކުރަން ހުރި މަސައްކަތްތައް މާގިނަކަމަށް. އަޅުގަނޑުމެން ބޭނުންވާ ޓާގެޓަށް ދިޔުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް އެބަހުރި.

އާދެ، ދެން ހަމައެއާއެކު، ޑެޕިޔުޓީ ކޮމިޝަނަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވި، މަގުތަކުގެ ރައްކާތެރިކަން ރައްޔިތުންނަށް ހޯދައިދިނުމަށްޓަކައި ކުރެވިގެންދިޔަ މަސައްކަތްތަކުގެ ވާހަކަ. ތިޔަބޭފުޅުން އެ ހުރިހާ މަސައްކަތްތަކެއްވެސް ކުރެއްވީ. ވަރަށް ގިނަ ކަންތައްތައް ކުރެވުނު. ސަރުކާރުން އަޅުގަނޑުމެންނަށް މި އޮންނަނީ، ކަންކަން ކުރުމުގައި ކޮންމެވެސް މަގެއް ދެއްކުމުގެ ރޯލު. ދެން މާބޮޑު ކަމެއް ޙަޤީޤަތުގައި އަޅުގަނޑުމެންނެއް އޭގެ ޒާތުގައެއް ނުކުރަން. ވަކި ކަމެއް ކުރަން، މިގޮތަށް ގެންދަން، އެގޮތަށް އަޅުގަނޑުމެންނަށް ފެންނަގޮތަކަށް ބުނުމުން، ދެން ޙަޤީޤީ މަސައްކަތް ޕްރެކްޓިކަލީ މި ކުރަނީ ހަމަ މުޅިން އެހެން ބައެއް.

އެހެންވީމާ، މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ޚާއްޞަކޮށް، މަގުތަކަކީ ރައްޔިތުންނަށް ރައްކާތެރި ތަނެއްގެ ގޮތުގައި ހެދުމަށްޓަކައި ދިވެހި ފުލުހުން ކުރީގައި ޓްރެފިކް ޕޮލިހުގެ ނަމުގައި އުޅެފައި މިހާރު ރޯޑް ޕޮލިސް، އަދި ކޮންމެ ނަމެއްގައި އޮތް ކަމުގައިވިޔަސް، ފުލުހުން އެ ކުރެއްވި މަސައްކަތްތަކަކީ، ހަމަ އަޅުގަނޑު ދަންނަވާނީ ލާމަސީލު މަސައްކަތްތަކެކޭ. ހޭލުންތެރި ކުރުވުމަށްޓަކައި ވަރަށް ގިނަ ޕްރޮގްރާމްތައް ސްކޫލްތަކުގައި އަޅުގަނޑުމެންނަށް ހިންގުނު. ދައުލަތުގެ އެކިއެކި މުއައްސަސާތަކާއި، އަމިއްލަ ކުންފުނިތައް ހިމެނޭގޮތަށް، އަޅުގަނޑުމެންނަށް ވަރަށް ގިނަ މަސައްކަތްތައް، ވަރަށް ގިނަ ޕްރޮގްރާމްތައް ކުރިއަށް ގެންދެވުނު. މާލޭގައި، ގްރޭޓަރ މާލޭ އޭރިއާ އަދި ރާއްޖޭގެ އެކި ރަށްރަށުގައި ވަރަށް ގިނަ ހަރަކާތްތައް ހިންގުނު. އަޅުގަނޑަށް ހަމަ އެކަން އެނގޭތީ އަޅުގަނޑު މިހާވަރަށް މި ދަންނަވަނީ. މިއިން ކޮންމެ ކަމެއްވެސް އެ ގެންދިޔަ މިންވަރު ވަރަށް ސާފުކޮށް އަޅުގަނޑަށް އެނގޭތީ. ޙައްލުތަކެއް ނޫނީ، އަޅުގަނޑުމެންނަށް މިއިން އެޗީވްވި މިންވަރެއް އޮވެދާނެ.

އެހެންނަމަވެސް، މިކަމުގައިވެސް އަޅުގަނޑު ގަބޫލުކުރަނީ، އަޅުގަނޑުމެންނަށް މިއަދު ޚާއްޞަކޮށް، އަޅުގަނޑުމެންގެ މި ގްރޭޓަރ މާލޭ އޭރިއާ، އަދި ރާއްޖޭގެ ބޮޑެތި ރަށްތައް ޚާއްޞަކޮށް، އާބާދީ ބޮޑު، ނުވަތަ މަގުތައް ހެދެމުންދާއިރު، ބޮޑެތި ރަށްރަށުގައި އެންމެބޮޑު ދެވަނަ މައްސަލައެއްގެ ގޮތުގައި އޮތް މަސްތުވާތަކެތީގެ މައްސަލައަށްފަހު، ހަމަ ދެން އޮތް އެންމެ ބޮޑު ނުވަތަ މިހާރު ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތް މައްސަލައެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ، ހަމަ މަގުތަކުގެ ބިރުވެރިކަން. ދެން އެހެން ގޮތަކަށް ދަންނަވާ ކަމަށްވަންޏާ، މަގުތަކުގައި ބިރުވެރި ކަންތައްތަކުގެ ގޮތުގައި އަޅުގަނޑުމެންނަށް ސިފަކުރެވޭ ކަންތައްތަކެއް އެބަހުރި. އެހެންވީމާ، މިކަމުގައިވެސް އަޅުގަނޑުމެންނަށް ޙައްލެއް މި ލިބެނީ، ހެދިފައި ހުންނަ ގަވާއިދުތަކާއި، އުސޫލުތައް ހުރިހާ އެންމެން ވަރަށް ބޮޑަށް ގަބޫލުކޮށްގެން. އެގޮތަށް ކަންތައްތައް ކޮށްގެން، އަޅުގަނޑުމެންނަށް ޚާއްޞަ ސަމާލުކަމެއް ދެވިގެން، ފުލުހުންގެ ތެރެއިން 2019 އިން ފެށިގެން މިކަމުގައި މަސައްކަތްތައް އަޅުގަނޑުމެންނަށް ކުރެވުނީ. އެކުގައި މަސައްކަތް ކުރެއްވި ބޭފުޅުން މިހާރުވެސް މި ހޯލުގައި މި ތިއްބެވީ.

އަޅުގަނޑު މިއަދު ތިޔަބޭފުޅުންނާ މި މަގާމުން ވަކިވެގެން ދާއިރު، އަޅުގަނޑުގެ ޚާއްޞަ އެދުމެއް އެއީ، ފަށާފައި މިހުރި މަސައްކަތްތައް ކުރިއަށް ގެންދިޔުން. ޚާއްޞަކޮށް، ޕަބްލިކް ސޭފްޓީ. އަޅުގަނޑުމެންގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން. ކަނޑު ދަތުރުފަތުރު ކުރުމުގައި މި ދިމާވާ ނުރައްކާތެރި ކަންތައްތައް. އަދި ހަމައެއާއެކު، މަސައްކަތްކުރާ މާޙައުލުގައި އެ ދިމާވާ ވަރަށް ހިތާމަވެރި ކަންތައްތައް. އަދި ދިރިއުޅުމުގައި، ހައުސް ހޯލްޑްގައި ދިމާވާ ވަރަށް ނުރައްކާތެރި، ވަރަށް ހިތާމަވެރި ކަންތައްތައް އެބަހުރި. މިއިން ކޮންމެ ކަމަކީވެސް އަޅުގަނޑު ގަބޫލުކުރަނީ، އަޅުގަނޑުމެން ކުރީގައިވެސް މި ދެންނެވި ގޮތަށް، ހެޔޮ ވިސްނުމުގައި ނުވަތަ އަޅުގަނޑުމެން އެ ޢަޒުމުގައި އެ ކަންކަން ރަނގަޅު ކުރުމުގެ ހެޔޮ ވިސްނުމުގައި މަސައްކަތްކޮށްފި ކަމަށްވަންޏާ، ރަނގަޅު ކުރެވޭނެ ކަންތައްތައް. އަޅުގަނޑުމެންގެ ތެރޭގައި އެކްސިޑެންޓްތައްވެސް މަދުވާނެ. ހަދަމުންދާ އިމާރާތްތަކާއި، މީހުން ދިރިއުޅޭ އިމާރާތްތަކުގައި މި ދިމާވާ މައްސަލަތަކާއި، ދިމާވާ ކަންތައްތަކާއި، ހާދިސާތައް މަދުވާނެ. އަދި ހަމަ އެހެންމެ، މަސައްކަތުގެ މައިދާނުގައި ބިލްޑިންގތަކުގައްޔާއި އަދި އެ ނޫން ގޮތްގޮތަށްވެސް މި ދިމާވާ ކަންތައްތައް މަދުވާނެ.

އެހެންވީމާ، އަޅުގަނޑުގެ އެދުމަކީ، ތިޔަބޭފުޅުން އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރަންހުރި މި ކަންތައްތަކުގައި ފަހަތަށް ޖެހިވަޑައިނުގަތުން. އަދި އަންނަން އޮތް ސަރުކާރާ އެކީގައި ތިޔަބޭފުޅުން އިތުރު މަސައްކަތްތަކެއް ކޮށްގެން އަޅުގަނޑުމެން މި ކުރަމުން އައި ކަންތައްތައް ކޮންޓިނިއުކޮށް، އެއަށްވުރެވެސް ރަނގަޅަށް މި ކަންތައްތައް ކުރެވޭނެ ގޮތްތަކެއް ތިޔަބޭފުޅުން ހޯއްދެވުން.

އެނގިވަޑައިގަންނަވާނެ، މިކަމާ ގުޅުންހުރި ވަރަށް ގިނަ ބައްދަލުވުންތައް ބޭއްވުނު. ޚާއްޞަކޮށް، ޓްރެފިކް ކޮމިޓީއެއް އަޅުގަނޑުމެން އުފެއްދިން. މި ފަސް އަހަރު އެ ކޮމިޓީގެ ޗެއަރއެއްގެ ގޮތުގައި އަޅުގަނޑު މިހުރީ. އެ ކޮމިޓީގައި ޕޮލިސް އޮފިސަރުން ހިމެނޭ. އެގޮތަށް އަޅުގަނޑުމެން ކުރިއަށް ގެންދިޔައީ. އަޅުގަނޑުމެންގެ ކަންބޮޑުވުން ހުރި ވަރަށް ގިނަ ކަންތައްތައް، ޓްރެފިކް ކޮމިޓީގެ ތެރެއިން ފެންމަތިވެގެން އައި. ޙައްލު ބޭނުންވާ ވަރަށް ގިނަ ކަންތައްތަކެއްގެ ވާހަކަތައް އަޅުގަނޑުމެންނަށް ދެކެވުނު. އޭގެތެރެއިން ބައެއްކަހަލަ ކަންތައްތައް ކުރަން އަޅުގަނޑުމެންނަށް ފެށުނު. ބައެއް ކަންތައްތައް އަޅުގަނޑުމެންނަށް ހާސިލުކުރެވުނު. އަދި ނުފެށި ހުރި ކަންތައްތައްވެސް އެބަހުރި.

އެހެންވީމާ، މިއަދު ހަމަ އަޅުގަނޑު ދަންނަވަން ބޭނުން، ތިޔަބޭފުޅުން ގަބޫލުކުރައްވާށޭ، ތިޔަބޭފުޅުންގެ ޒިންމާ ތިޔަބޭފުޅުން އެބަ ނަންގަވާ ކަމަށް. އެކަމަކު ޕްރިވެންޓް ކުރުން މީގައި އެންމެ މުހިންމު ކަމަކަށް މި އޮންނަނީ. އެއްވެސް ކަމެއް ދިމާވާކަށް އަޅުގަނޑުމެން ބޭނުމެއްނުވޭ. ކުރިއަށް އޮތް ތަނުގައި، އެއް ކަމަކަށް އަޅުގަނޑު ދަންނަވާ ކަމަށްވަންޏާ، ލައިސަންސް ދިނުމުގެ ކަންތައްތައް. އަޅުގަނޑުމެންނަށް މިކަމުގައި ވަރަށް ގިނަ މީޓިންގތައް ބޭއްވުނު، ޓްރާންސްޕޯޓް މިނިސްޓްރީއާއި، ޓްރާންސްޕޯޓް އޮތޯރިޓީ ހިމެނޭގޮތަށް. އަދި މިކަމާ ގުޅުންހުރި ހުރިހާ މުއައްސަސާތަކެއްވެސް ހިމެނޭގޮތަށް. ބޮޑެތި ހެވީ ވެހިކަލްތައް ދުއްވާ، ބޭނުންކުރާ ހުރިހާ މުއައްސަސާތަކެއް ހިމެނޭގޮތަށްވެސް. އެއީ ލޮރީ، ނޫނީ ޓްރަކް، ނޫނީ ބޮޑެތި ބަސްތައް އޮޕަރޭޓް ކުރާ ހުރިހާ މުއައްސަސާތަކާ އެކުވެސް، ފުލުހުން އޭގައި އެންމެ އިސްކޮށް ތިއްބަވައިގެން އަޅުގަނޑުމެންނަށް ވަރަށް ގިނަ ބައްދަލުވުންތައް ކުރިއަށް ގެންދެވި، އޭގެ ތެރެއިންވެސް މަސައްކަތްތަކެއް ކުރެވުނު.

އަޅުގަނޑުގެ ހަމަ ވަރަށް ބޮޑު އެދުމެއް، ކުރިއަށް އޮތް ތާނގައި، ލައިސަންސް ދިނުމުގެ ކަންތައްތައްވެސް ހަރުދަނާވެގެން ދިޔުން. މިހާރު މި އޮންނަ ގޮތަށްވުރެ ބޮޑަށް ޚާއްޞަކޮށް، މާލޭ އޭރިއާގައި އެނގިވަޑައިގަންނަވާނެ، އެތައް ހާސް ބޭރު މީހުންވެސް އެކި ގޮތްގޮތަށް އެބަ މަސައްކަތް ކުރޭ. އެހެންވީމާ، އެ ލައިސަންސް ދެވޭ ފަރާތަކީ، ރަނގަޅަށް ދުއްވަން އެނގޭ ފަރާތެއްކަން އަޅުގަނޑުމެން ކަށަވަރުކޮށް ޔަޤީން ކުރަންޖެހޭ.

ދެން މި ޒަމާނަކީ އެނގިވަޑައިގަންނަވާނެ، ވަރަށް މޮޅު ޒަމާނެއް. އެހެން މީހަކު ނުކުރާ ކަމެއްވެސް، އެ މީހަކު ކުރި ކަމަކަށް ހަދައި، ފޮޓޯ ވީޑިއޯއިންވެސް ތައްޔާރުކޮށްލެވޭ ޒަމާނެއް. ހަމަ ވީޑިއޯވެސް ހަދައިލެވޭ. ފޮޓޯގަނޑުވެސް ހަދައިލެވޭ. ލިޔެކިޔުމުގެ ސިފައިގައި އޮންނަ ސަނަދެއް ނޫނީ، ދީފައި އޮންނަ ސެޓްފިކެޓެއް ހަދާލަން މާ ފަސޭހަވާނެ. އެހެންވީމާ، އަޅުގަނޑުމެން ކަހަލަ ތަރައްޤީވަމުން އަންނަ، އަދި މިކަހަލަ ކަންބޮޑުވުންތައް ހުރި ޤައުމެއްގައި، މިކަހަލަ ހުރިހާ ކަމަކަށް އަޅުގަނޑުމެން ވިސްނަންވާނެ. މިއީ، އެއްގޮތަކަށްވެސް ފުލުހުންގެ ފަރާތުން ދޫކޮށްލައްވައިގެން ވާނެ ކަމެއް ނޫން. ތިޔަބޭފުޅުން އަބަދުވެސް ޚިދުމަތުގައި ތިއްބަވާނެ. އެހެންވީމާ، އަޅުގަނޑު ހަމަ ވަރަށް ބޮޑަށް ބޭނުން، ތިޔަބޭފުޅުން އަދިވެސް އިތުރަށް ކުރިއަށް ގެންދަވަން.

މިކަމާ ގުޅުންހުރި އެހެން ކަންތައްތަކެއްގެ ވާހަކަ އަޅުގަނޑު ދަންނަވައިފިން. އަޅުގަނޑަށް އެނގޭ، މިއިން ކޮންމެ ކަމަކީ އެއީ، އަޅުގަނޑު އެހެން ދެންނެވި ނަމަވެސް، ސީދާސީދާ ތިޔަބޭފުޅުންނަށް އޭގެ އެންމެ ފުރަތަމަ ވަގުތު އެހެން ބައެއް ކަންކަން ހިމެނޭ ކަންތައްތައްވެސް އެބަހުރިކަން. ބިލްޑިންގތަކުގައި ދިމާވާ މައްސަލަތަކުގައި، ބިލްޑިންގ ކޯޑް އައުމާއި އަދި އޭގައި ވަކި ކަންތައްތަކެއް ކަނޑައަޅަން އެބަޖެހޭ، ޤާނޫނުތަކުން ނޫނީ އުސޫލުތަކަކުން. އެހެންނަމަވެސް، ވިސްނަވަމާ ހިންގަވާ، އަޅުގަނޑުމެންގެ މި ޤައުމުގައި ދިމާވާ ކޮންމެ ކާރިސާއެއްގައި، ދަތި އުނދަގޫ ކަންތައްތަކެއް ދިމާވާ ކޮންމެ ވަގުތެއްގައި، ކޮންމެ ހާލަތެއްގައި އެންމެ ބޮޑަށް އެ ކަމަކަށް އެހީތެރިވުމަށް ތިއްބަވާނީ ފުލުހުންނާއި ސިފައިން. އެއީ، ކާރިސާއެއް، ޑިޒާސްޓަރއެއް ވިޔަސް. އެހެންވީމާ، އަޅުގަނޑަށް މިގޮތަށް މި ދަންނަވާލެވުނީ. މި ކަންތައްތަކުގައި ހަމަ ތިޔަބޭފުޅުންގެ މުހިންމުކަން އަޅުގަނޑަށް ފާހަގަކުރެވޭތީ.

އާދެ، އަޅުގަނޑު ދަންނަވައިފިން، ކުރީގައި ސްކޫލްތަކުގައިވެސް އަޅުގަނޑުމެންނަށް ގިނަގުނަ ޕްރޮގްރާމްތަކެއް ހިންގުނު ވާހަކަ. އަޅުގަނޑުގެ ހަމަ އެދުމެއް، ކުރިއަށް އޮތް ތާނގައިވެސް ޚާއްޞަކޮށް، ސްކޫލްތަކުގެ މިފަދަ ޕްރޮގްރާމްތައް ވަރަށް ބޮޑަށް ކުރިއަށް ގެންދިޔުން.

އެނގިވަޑައިގަންނަވާނެ، ޙަޤީޤަތަކީ މަގުމަތީގައި މީހުންވެސް ގިނައީ. މިވަރު ކުޑަ ތަނެއްގައި ވަރަށް ގިނަ. ދުނިޔޭގެ ނިސްބަތުން. ސްކްއަރ ކިލޯމީޓަރެއްގައި ހަމަގައިމުވެސް ވިއްސަކަށްހާސް އުޅެންޏާ އެއީ، ދުނިޔޭގެ ނިސްބަތުން ގިނަ. ދެން ބައެއް ޤައުމުތައް، ސައުތު ކޮރެއާގެ ސޯލް ކަހަލަ، ނިއުޔޯރކް. އެހެންގޮސް ހުންނާނެ، ވަރަށް ކޮންޖެސްޓެޑް، މީހުން ވަރަށް ގިނަ އޭރިއާތައް. ކަންތައްތައް ދިމާވެފައި އޮތް ގޮތުން، އެއަށްވުރެ ދިހަވަރަކަށް ގުނަ މަތީގައި އަޅުގަނޑުމެން މިއުޅެނީ. އެކި ބޭނުންތަކުގައި މި ތަނަށް އަންނަން ހަމަ މަޖުބޫރުވަނީ. އެހެންވީމާ، މާލޭގައި މީހުން ވަރަށްވެސް ގިނަ. މަގުތަކުގެ ޕޭމަންޓްތައްވެސް ހަނި. މަގުތައްވެސް ހަނި. އަދި ދުއްވާތަކެތިވެސް މާގިނަ. މިހާރުވެސް އަޅުގަނޑުމެން މަޖީދީމަގުން ދާއިރުވެސް، ޕާރކްކޮށްލާނެ ތަންކޮޅެއްވެސް ނޯވޭ. ދެން އެކަމަކު މަގުތައްވެސް މި އޮންނަނީ، ދުއްވާ އެއްޗެތިންވެސް ފުރިފައި.

އެހެންވީމާ، އަޅުގަނޑު ހިތަށްއަރާ އެއްވެސް އެއްޗެއް ނުދުއްވާ ހުންނަ ވަގުތެއްގައި ވެއްޖިއްޔާ، ކޮންތާކުބާއޭ އެ ތަކެތި ހުންނާނީވެސް. ދުއްވާތަކެތި އެހާވެސް ގިނަ. ކެރީންގ ކެޕޭސިޓީއަކީވެސް އެއީ، ކޮންމެ ތަނެއްގައިވެސް އޮންނަ އެއްޗެއް. މީހުންނަށްވެސް ދިރިއުޅެވޭނެ، ނޫނީ އުޅޭނެވެސް ވަކި ޢަދަދެއް އޮވޭ. އާންމުކޮށް ތަރައްޤީވަމުން އަންނަ އަދި ތަރައްޤީވެފައިވާ ޤައުމުތަކުގައި އޮންނަ އެއްޗެއް އެއީ. ހަމައެއާއެކު، ކެރީންގ ކެޕޭސިޓީ އެއީ، ވެހިކަލްތަކާއި، ސައިކަލް އަދި ކާރުވިޔަސް، އެވެސް އޮންނަ އެއްޗެއް. އެތަނަކަށް ކަތާ މިންވަރެއްގައި ދެންއެ ހުންނަންވާނީ. އެހެން ނޫނީ، ވަރަށް އެހެންކަހަލަ ކަންތައްތައް ދިމާވާނެ. އެފަދަ ކަންތައްތައް އަޅުގަނޑުމެންގެ ތެރޭގައިވެސް މިހުރީ. އެހެންވީމާ، މިކަން އަޅުގަނޑު ހަމަ މި ފާހަގަކޮށްލީ.

ރާއްޖޭގެ ސްކޫލްތަކުގައި ނުވަދިހަ ހަތަރުހާސް ދަރިވަރުން މިވަގުތު އެބަތިބި. ޓްރެފިކް މޮނިޓަރސް ޕްރޮގްރާމްތަކާއި އަދި އެނޫންވެސް ވަރަށް ގިނަ ޕްރޮގްރާމްތައް، ރާއްޖޭގެ އެކި ސްކޫލްތަކުގެ ކުދިންނަށް ޚާއްޞަކޮށްގެން ތިޔަބޭފުޅުން ކުރިއަށް އެބަ ގެންދަވާ. އަޅުގަނޑުގެ ހަމަ ވަރަށް ބޮޑު އެދުމެއް، މީގެތެރެއިންވެސް މަގުތަކުގެ ކަންތައްތަކުގައި ހޭލުންތެރިކަން އިތުރުކުރުވުމަށްޓަކައި ސްކޫލް ކުދިން ބޮޑަށް ބައިވެރިކޮށްގެން ސްކޫލްތެރޭގައި ޕްރޮގްރާމްތައް ކުރިއަށް ގެންދެވުން.

އޭގެ ސަބަބުންވެސް އަޅުގަނޑުމެންނަށް ނަތީޖާ ހާސިލްވުން ތަންކޮޅެއް އަވަސްވެގެންދާނެ ވާހަކަ އަޅުގަނޑު މި ދަންނަވާލީ. ހުޅުމާލޭގައި ޚާއްޞަކޮށް، ފޭސް 2 ގައި މިދިޔަ އަހަރު ޕޮލިސް ސްޓޭޝަނެއްވެސް އަލަށް ޤާއިމުކުރެވުނު. އަދި އޭގެކުރިންވެސް ފުލުހުން ޚިދުމަތްދެމުން ގެންދިޔަ. އަޅުގަނޑަށް އެނގޭ، ވަސީލަތްތަކުގެ ދަތިކަމާއެކު، އެކި ގޮތްގޮތުން އެހެން ވަރަށް ގިނަ ދަތި ކަންތައްތަކެއް އަދިވެސް އެބަހުރިކަން. ހުޅުމާލެއާއި އަދި ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2 ގައިވެސް ގާތްގަނޑަކަށް މިހާރު އަޅުގަނޑުމެންނަށް މި ފެންނަނީ މާލެއާ ދާދި އެއްގޮތަކަށް ޓްރެފިކް ބަދަލުވެގެންދާ ތަން. އަޅުގަނޑު ގަބޫލުކުރަނީ، ކުރިއަށް އޮތްތާނގައި މަގުތަކުގެ ކަންތައްތަކާއި މިފަދަ ކަންތައްތަކަކީ މިއީ ކޮންމެވެސް ކަހަލަ ޙައްލެއް ލިބޭނެކަހަލަ ދިމާއަކަށް ދަތުރުކުރެވެން ޖެހޭނެ ކަންތައްތަކެއް ކަމަށް. އެހެންވީމާ، އަޅުގަނޑު އެ ވާހަކަވެސް ދަންނަވާލީ.

ޙަޤީޤަތުގައި އަޅުގަނޑު މިއަދު މިއައީ، ތިޔަބޭފުޅުން އިތުރަށް ކުރައްވަންޖެހޭ ކަންތައްތަކެއްގެ ވާހަކަ ދައްކާކަށްވެސް ނޫން. އަޅުގަނޑުގެ ބޭނުމަކަށްވީ، އެކުގައި ކުރެވުނު މަސައްކަތްތަކުގެ ހަނދާން އަބަދުވެސް ހުންނާތީވެ، އެ ވާހަކަ ދައްކާލައި، ތިޔަބޭފުޅުންނަށް ޚާއްޞަކޮށް، ދިވެހިރާއްޖޭގެ ހުރިހާ ފުލުހުންނަށް ޝުކުރު އަދާކޮށްލަން. އަޅުގަނޑު ދާއިރު އަޅުގަނޑަށް ޔަޤީނުން އެނގޭ، ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެކަން. އެހެންވީމާ، އެ ވާހަކަ ދައްކާލުމުގެ ބޭނުމުގައި މިއައީ. އެހެންނަމަވެސް، ޤައުމަށްޓަކައި ކޮންމެ މީހެއްގެވެސް އުންމީދުތަކެއް ހުންނާނެ. އެއީ، ކޮންމެހެން ރައީސުލްޖުމްހޫރިއްޔާއަށް ވެގެން، ނޫނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ވެގެން ނުވަތަ މިނިސްޓަރަކަށް، ފުލުސް އޮފިސަރަކަށް ހަމައެކަނި ވެގެނެއްވެސް ނޫން. ދިވެހި ޤައުމުގެ ރައްޔިތަކަށްވީތީވެ، ޤައުމާ ދޭތެރޭގައި އެ މީހަކުވެސް އެދޭ ކަންތައްތަކެއް ހުންނާނެ. އެހެންވީމާ، އެގޮތުންވެސްމެ އަޅުގަނޑު މި ދެންނެވި ކަންތައްތަކަކީ މި ޤައުމަށް، މި ރާއްޖެއަށް، މި މާލޭ ސަރަޙައްދަށް ބޭނުންވާ ކަންތައްތަކެއް.

އަޅުގަނޑު ތަފްޞީލް ހޯދަނީ ތިޔަބޭފުޅުންގެ ފަރާތްޕުޅުން. އެހެންވީމާ، ކޮންމެހެން މީގެ ތަފްޞީލް ތިޔަބޭފުޅުންނަކަށް އަޅުގަނޑު ދޭކަށްވެސް ނުޖެހޭ. އެހެންނަމަވެސް، ހިނގަމުން މިދާ ކަންތައްތަކުން ދިމާވާ ހިތާމަވެރި ކަންތައްތައް މިއީ، އަޅުގަނޑު ހިތުން ކޮންމެ މީހަކުވެސް ކަންބޮޑުވާންޖެހޭ ކަންތައްތައް. އެކްސިޑެންޓްތަކުގެ ވާހަކަ އަޅުގަނޑު މި ދަންނަވާލަނީ. ފުލުހުންނާއެކު އަޅުގަނޑުމެންނަށް ސީންގައި ވަރަށް ގިނަ ކަންތައްތަކެއް ފެނިފައި ހުރީމާ.

އެކަމުގައި އެއްވެސް ބޭފުޅަކު އަންޑަރއެސްޓިމޭޓް ކުރައްވާނެ ކަމަކަށް އަޅުގަނޑު ގަބޫލެއްނުކުރަން. އެހެންވީމާ، ޤައުމާ ދޭތެރޭގައި މިކަހަލަ އުންމީދުތަކެއް އަޅުގަނޑުގެވެސް ހުރީމަ މި ދަންނަވާލީ. ހަމައެއާއެކު އެނގިވަޑައިގަންނަވާނެ، ޒުވާނުންނަށް އަޅުގަނޑުމެންގެ ވަރަށް ރަނގަޅު ޕްލޭނެއް ތައްޔާރުކުރެވުނު. ދެން ބައެއްފަހަރު ވިދާޅުވެދާނެ އިނގޭތޯ، ކޮންމެ ކަމެއް ކޯވިޑާ ގުޅުވައިލާފައޭ އޮންނަނީ. ނޫން ދެން ކޯވިޑް އައިކަމުގައިވިޔަސް، އަޅުގަނޑުމެންނަށްވެސް ކުރެވުނު ކަންތައްތައް މަދު ނޫން ވާހަކަވެސް އަޅުގަނޑު ދެންނެވިން. ވަރަށް ގިނަ ކަންތައްތަކެއް ކުރެވުނު. ހަމަ އެއާއެކު، ބައެއްކަހަލަ ކަންތައްތައް ފަހަތަށް ޖައްސާލަންވެސް މަޖުބޫރުވަނީ. އެއީ، މިއިން ކޮންމެ ކަމަކަށްވެސް ވަރަށް ބޮޑަށް ފައިސާ ބޭނުންވޭ. ޚާއްޞަކޮށް، ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ފުލުހުންނާ އެކުގައި އަޅުގަނޑުމެންނަށް ކުރެވުނު މަޝްވަރާތަކުން އެންމެ ބޮޑަށް ބޭނުންވި އެއްކަމެއްގެ ގޮތުގައި އޮތީ، ޑްރަގް އޮފެންޑަރސް ރިމާންޑް ސެންޓަރގެ އިތުރަށް، ވަށާޖެހޭ ޙައްލެއް ހޯދުމަށްޓަކައި، ރީހެބިލިޓޭޝަން އައިލެންޑެއްގެ ގޮތުގައި ހުރިހާ ކަމެއް ހިމެނޭގޮތަށް ރަށެއް ހެދުން. އެނގިވަޑައިގަންނަވާނެ، ލ. އަތޮޅު ކަޅައިދޫގައި އަޅުގަނޑުމެންގެ ޕްލޭނަކާއެކު، މޮޑެލްއެއް ތައްޔާރުކުރެވި ކުރިއަށް އެބަ ގެންދަން. އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، އެއީ އަންނަންޖެހޭނެ އެއްޗެކޭ. އަޅުގަނޑުމެން މިއަދު ދެރަވަނީ، އެ ކަންތައް ނުކުރެވި، އެ ފުރުޞަތު ނުލިބި، ނޫނީ އަޅުގަނޑުމެންނަށް އެ ކަންތައް ތަނަވަސްނުވެ އޮވެ ދާންވެސް ޖެހުނީމަ. އެކަމަކު އެއީ ވަރަށް މުހިންމުވެސް ކަމެއް.

އަޅުގަނޑު ގަބޫލުކުރަނީ މަގުތަކުގައި، މާލޭ މަޖީދީ މަގުގައި އެއްކޮޅުން އަނެއްކޮޅަށް ހިނގާލާއިރު، އަމާންކަމާއެކު، އެއްވެސް ކަހަލަ ހިތްހަމަނުޖެހުމެއް، ނުތަނަވަސްކަމެއް ނެތި ހަމަ ދަރިފުޅު ގޮވައިގެން މަންމައަށް ހިތްހަމަޖެހުމާއެކު، ރޭގަނޑުވެސް ދެވެންވާނެ ކަމަށް. 12 ޖަހާއިރުވެސް ދެވެންޖެހޭނެ. ހިތްހަމަޖެހުމާއެކު ދެވޭނެކަމުގެ އެ ޔަޤީންކަންވެސް އޮންނަންވާނެ. އަޅުގަނޑުމެންނަށް އެކަން ކުރެވޭނީ، މި ދެންނެވި ކަންތައްތައް ކުރެވިގެން.

އަޅުގަނޑުމެންނަށް މިއަދަކު ނެތް އެއްވެސް މީހަކު ބާކީކުރެވޭކަށް. އަޅުގަނޑުމެންގެ ދިވެހި ޤައުމަކީ ވަރަށް އިންކްލޫސިވް، އެއްވެސް މީހަކު ބާކީނުކޮށް، އެންމެން އެކުގައި ޝާމިލްވާކަހަލަ ކޮމިއުނިޓީއެއް، އަޅުގަނޑުމެންގެ ރަށްތަކުގައިވެސް، މި މާލޭ އޭރިއާގައިވެސް އޮތް ޤައުމެއް. އެހެންވީމާ، މި ނެތިގެންދާ މީހާ، ބީވެގެން އެއްފަރާތްވެގެން، އެއްކިބާވެގެންދާ ޒުވާނާއަކީ، ކޮންމެ އުމުރެއްގެ މީހަކަށްވިޔަސް، އިޞްލާޙުކުރެވޭނެ، ނޫނީ މުޖުތަމަޢަށް ހެޔޮގޮތުގައި، ބޭނުންތެރި، މުހިންމު މީހެއްގެ ގޮތުގައި ގެނެވޭނެ ގޮތަށް ކަންތައްތައް ކުރަންޖެހޭނެ. އެކަން ކުރެވެން އޮތީ، މިފަދަ ހަރުދަނާ އުސޫލެއް ހިމެނޭ، ވަށާޖެހޭ ކަންތައްތަކެއް، އަޅުގަނޑުމެން ތައްޔާރުކޮށްފައި އޮތް ޕްލޭނާ އެއްގޮތަށް ކުރެވޭނެ ގޮތަށް ކަންތައްތައް ކޮށްގެން. ޑިޓޮކްސަސް ކުރެވިގެން. ރީހެބިލިޓޭޓް ކުރެވިގެން. މަސައްކަތެއް ދަސްކޮށްދެވިގެން. މަސައްކަތަށް ޝައުޤުވެރިކަންވެސް އުފައްދައިގެން. މުޖުތަމަޢަށް އެނބުރިއައިސް، އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ ގޮތަކަށް، މަސައްކަތް ކުރެވޭނެ މާޙައުލެއް ލިބޭނެ ގޮތަކަށް، ރީތިކޮށް މީހާ ބައްޓަންވެސް ކުރެވިގެން.

އެހެންވީމާ، މި ވާހަކަ އަޅުގަނޑު މި ދެންނެވީ މިއީ، ގާތްގަނޑަކަށް އަށެއްކަ މަސް ވަންދެން އަޅުގަނޑުމެން ކުރި މަސައްކަތެއްގެ ތެރެއިން އުފަންކުރެވުނު ޕްލޭނަކަށްވާތީ. އަދި ވަރަށް ގިނަ ވަގުތުތަކެއް އެކަމަށް ހޭދަކުރެވި، ޚާއްޞަކޮށް، ލ. އަތޮޅަށް ވަރަށް ގިނަ ދަތުރުތައް ކުރެވިފައި އޮތް ކަމަކަށްވީތީވެ، އަޅުގަނޑުގެ ހިތަށްއެރީ މި ވާހަކަ ދަންނަވާނަމޭ. އަންނަން އޮތް ސަރުކާރުން މި ކަންތައްތައް އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދާނެކަމުގެ އުންމީދު އަޅުގަނޑުގެ އޮތީ. އަޅުގަނޑުމެންގެ ޢާއިލާތަކަށް ހިތްހަމަޖެހުން، މަސައްކަތްތެރި ޖީލަކަށް އަޅުގަނޑުމެން މިކުރާ އުންމީދުގައި ކުލަޖެހިގެން މިދަނީ. އެއާއެކު ހަމަ އުފާވެރިކަން މި ލިބެނީ.

މިގޮތަށް ވާހަކަ ދައްކާ ކަމަށްވަންޏާ، ވަރަށް ގިނަ ވާހަކަތައް އަޅުގަނޑަށް ދެއްކިދާނެ. ދެން އެހެންނަމަވެސް، މައިގަނޑު ގޮތަކަށް އަޅުގަނޑަށް ފާހަގަކުރެވުނީ މިއީ، ދެން ވަރަށް މުހިންމު ކަންތައްތަކެއްގެ ގޮތުގައި ވާނެއޭ އަޅުގަނޑުމެންގެ މުޅި މާޙައުލަށް، މުޅި ވެށްޓަށްވެސް. އެހެންވީމާ، އަޅުގަނޑު މި ވާހަކަ މި ދަންނަވާލީ.

އަޅުގަނޑު ދެން ނިންމާލުމުގެ ކުރިން ދަންނަވާލަން އޮތީ، މި ތަނުގައި މި ތިއްބެވީކީ ދިވެހިރާއްޖޭގެ ހުރިހާ ފުލުހުންނެއް ނޫން. މާލޭ އޭރިއާގައި މަސައްކަތް ކުރައްވާ ޚާއްޞަކޮށް، މި ފްރޮންޓް ލައިންގައި، ނޫނީ އިސް ސަފުގައި ސީދާސީދާ އެ ދުވަހެއްގައި ހިނގާ ކަންތައްތައް އެންމެ ކައިރިން ބައްލަވަމުން ގެންދަވާނެ، ނޫނީ އެކަމަކަށް އެޓެންޑް ކުރައްވާނޭ ބޭފުޅުން މި ތިއްބެވީ. ފުލުހުންގެ ޔުނިފޯމް ހަމައެކަނި އަޅައިލުމަކީވެސް ޝަރަފެއް. ފުލުހުންގެ ޔުނީފޯމެއް އަޅައިގެން ހުންނަ ހުރުމަކީވެސް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއީ ޝަރަފެއް. ޝަރަފަކަށް މިވަނީ، ޔުނީފޯމުގައި ހުރި ފުލުސް އޮފިސަރަކު ފެނުމުން މުޅި ޤައުމަށް ރައްޔިތުންނަށް ހިތްހަމަޖެހުމެއް ލިބޭތީ. އެހެންވީމާ، ތިޔަބޭފުޅުންގެ މައްޗަށް އަޅުގަނޑުމެން ކުރާ އުންމީދު، ނޫނީ ރައްޔިތުންގެ އިތުބާރު، އެއީ އަބަދުވެސް އޮންނަންޖެހޭނެ އެއްޗެއް.

އަޅުގަނޑުގެ އެދުމަކީ ތިޔަބޭފުޅުންގެ ހުވަޔާއި، އަދި އެ ޕްރޮފެޝަނަލް މިންގަނޑުތަކަކީ ކޮންމެ ސަރުކާރެއް ބަދަލުވެގެންދިޔަޔަސް، ޤައުމަށްޓަކައި އެ އޮންނަ ޒިންމާއާ އެކުގައި މަސައްކަތް ކުރުން. ރައްޔިތުންނާ އެކީގައި މަސައްކަތް ކުރުމާއި، ގާތުން މަސައްކަތް ކުރުމުގެ މި ރޫޙު އަބަދުވެސް އޮތުން. މުޢާމަލާތް ކުރުން އަބަދުވެސް އޮންނަންވާނެ. އެނގިވަޑައިގަންނަވާނެ، ވޭތުވެދިޔަ ވިއްސަކަށް އަހަރުގެ ތެރޭގައި ވަރަށް ގިނަ ބަދަލުތަކެއް ރާއްޖެއަށް އަތުވެއްޖެ. ޚާއްޞަކޮށް، ޑިމޮކްރެޓިކް ޗޭންޖަސްތަކެއް މިއައީ. އަޅުގަނޑުމެން ގަބޫލުކުރަނީ މިއީ ރާއްޖެއަށް އައި ހެޔޮ ބަދަލުތަކެއް ކަމަށް.

އެހެންވީމާ، އާ ކަންތައްތަކެއް ޤައުމަކަށް ވެރިވެގެންދާއިރު، ބަދަލުތަކެއް އަންނަމުންދާއިރު، އެއާއެކުގައި ކޮންމެ ޤައުމެއްގައިވެސް ކުދިކުދި ހަލަބޮލި ކަންތައްތަކެއްވެސް ހުރެދާނެ. އަޅުގަނޑުމެން އެ ސްޓޭޖުގައި މިއުޅެނީ. ވިއްސަކަށް އަހަރު މިވަނީ، މިކަހަލަ ބަދަލުތަކެއް އަޅުގަނޑުމެންގެ ތެރެއަށް އަންނަތާ. މިކަން އެނގިވަޑައިގަންނަވާނީ ތިޔަބޭފުޅުންނަށް. ސިޔާސީގޮތުން އެ އުފެދޭ ޚިޔާލު ތަފާތުވުންތަކުގެ ތެރެއިން، އަންނަ ކަންތައްތަކާއި، މި ހުރިހާ ކަމެއްވެސް އެނގިވަޑައިގަންނަވާނީ ތިޔަބޭފުޅުންނަށް. އެކަމަކު އެއީކީވެސް އަބަދަކު އޮންނާނެ ކަމެއް ނޫން. އިރާދަކުރެއްވިއްޔާ، އެ އިންފަންޓް ސްޓޭޖުން އެހެން ސްޓޭޖަކަށް އެ މައިގްރޭޓް ވެގެންދިޔައިމާ، އެކަހަލަ ކަންތައްތައްވެސް ރަނގަޅުވެ، ފުލުސް އޮފިސަރުންނާ، ވަރަށް ފްރެންޑްލީ މާޙައުލެއް ދެން އޮންނާނީ. ދުނިޔޭގެ ބައެއް ޤައުމުތަކުގެ މަގުތަކުން ވަރަށް ތަފާތުކޮށް އަޅުގަނޑުމެންނަށް އެބަ ފެނޭ. އެއީ ކޮމިޔުނިޓީ ޕޮލީސިންގ ނުވަތަ އެ ކޮމިޔުނިޓީއަކާ ގުޅިގެން އެކަން އަންނާނެ. ބައެއްކަހަލަ ކަންތައްތައް ލަސްވަނީ. ލަސްވިޔަސް އަޅުގަނޑުމެން ޖެހޭނެ އެކަމެއް ހޯދަން މަސައްކަތް ކުރަން.

އެހެންވީމާ، ދަންނަވަން މިއުޅެނީ، އެ ޓީމް ވާރކް އަދި ތިޔަބޭފުޅުންގެ އެ ޝަރަފް ދެމެހެއްޓުމާއި، ރައްޔިތުންގެ އިތުބާރު، މިއިން ކޮންމެ ކަމެއްގައިވެސް އެންމެ މުހިންމު ކަމަކަށް މި އޮންނަނީ ރައްޔިތު މީހާ ތިމަންނާއާ ދޭތެރޭގައި ދެކޭގޮތް. އެ ނިމުނީ އެހިސާބުން. އެއީ، ރައީސުލްޖުމްހޫރިއްޔާ ވިޔަސް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިޔަސް، މިނިސްޓަރަކަށް ވިޔަސް، ޓީޗަރަކަށް ވިޔަސް، އަދި ޑޮކްޓަރަކަށް ވިޔަސް، ފުލުސް އޮފިސަރަކަށް ވިޔަސް، ސިފައިންގެ ބޭކަލަކަށް ވިޔަސް، ހަމަ އެއްކަމެއް މިވަނީ. އެހެންވީމާ، ތިމާ އެ އަދާކުރާ ވަޒީފާއެއްގައި އެ މަގާމެއްގައި ހުރެ، އަބަދުވެސް ތިމާ ކުރާ ކަންތަކުން ދެން އަނެއްކޮޅުގައި ހުންނަ މީހާ ތިމާއާ ދޭތެރޭގައި ދެކޭގޮތާމެދު ވިސްނަންވާނެ. ވީހާވެސް ރަނގަޅަކަށް ޒިންމާ އަދާކޮށް ނުވަތަ އަނެއް މީހާގެ ދުލުން ތިމަންނާ އެ ކަންތައް ކުރަނީ ރަނގަޅަށޭ ބުނެވޭވަރު ކުރަންޖެހޭނެ. މިއީ، އަޅުގަނޑު ގަބޫލުކުރާގޮތް. އެ ބަސް ދެން ބުނުމަކީ ތަންކޮޅެއް އުނދަގޫ ކަމަކަށް ވެދާނެ އިނގޭތޯ. ވަރަށް ރަނގަޅޭ، ވަރަށް ރަނގަޅޭ. އެކަމަކު އަޅުގަނޑުމެންނަށް އޮންނަނީ ވީހާވެސް ރަނގަޅަށް މަސައްކަތް ކުރުންތާ ދޮގެއްތޯ. ޖަޖް ކުރާނީ ދެން ތިބޭ މީހުން. ދެން ބައެއްފަހަރު ޖަޖް ކުރުމުގައި ތަފާތުތަކެއް ހުރެދާނެ. މިކަހަލަ ވޮލެޓައިލް، ތަންކޮޅެއް ޓަރބިއުލެންޓް ކަންތައްތަކެއް، އެހެން އަންނަ ވަގުތެއް ކަމަށްވަންޏާ އެހެންވެދާނެ. އެހެންނަމަވެސް، އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބޭނެ ނޫންތޯ. މިސާލަކަށް، ޕޮލިސް އޮފިސަރެއްގެ ގޮތުގައި އަޅުގަނޑު ޔަޤީން މި ކުރަނީ، ވަރަށް ރަނގަޅަށޭ ކަންތައްތައް މި ކުރަނީ. ޒިންމާ އަދާކުރަނީ. ކުރި ހުވާގެ މަތިން ހަނދާން އެބަހުއްޓޭ. އެހެންވީމާ، ހަމަގައިމުވެސް އަޅުގަނޑަށް އޮންނާނެއެއްނު އެ ހިތްމަޖެހުން. އެހެންވީމާ، އެއީ އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ.

ޖުމުލަގޮތެއްގައި އަޅުގަނޑުގެ ކަންބޮޑުވުން އެންމެ ބޮޑަށް ހުރި ކަންތައްތަކަށް އަލިއަޅުވައިލެވިއްޖެ. މުޅި ދިވެހިރާއްޖޭގެ ރައްޔިތުންގެ ތެރެއިން ކާކުތޯ ބޭނުންވާނީ، އަމާންކަމެއް ނެތް ވެށްޓެއް، މާޙައުލެއް، މަގުތަކެއް. ކާކުތޯ ބޭނުންވާނީ، އެ މީހެއްގެ އެއްވެސް ދަރިޔަކީ، އެ މީހަކު ބޭނުންނުވާކަހަލަ ގޮތަކަށް އުޅޭ ދަރިޔަކަށްވާން. އުޅުމުގައިވެސް، އެ ނޫންކަހަލަ ސިފައެއް ހުރުން ކާކުތޯ ބޭނުންވާނީ. އެއްވެސް މީހަކު ބޭނުމެއްނުވާނެ. ހަމަ އަޅުގަނޑުމެން އެދޭ އެދުން، އެހެން އެންމެންވެސް އެދޭނެ. ޤައުމާ ދޭތެރޭގައިވެސް ދެކޭނެ. އެ މީހުންގެ ދަރިންނާ ދޭތެރޭގައިވެސް ދެކޭނެ. ކާކުތޯ ބޭނުންވާނީ، މީހެއްގެ ފަރާތުން އަނިޔާއެއް ލިބެން. އެއްވެސް މީހަކު ބޭނުމެއްނުވާނެ. ކާކުތޯ ބޭނުންވާނީ، ތިމާގެ މުދަލަށާއި، ގެދޮރަށާއި، ހިފާގެންގުޅޭ ތަކެއްޗަށް ގެއްލުމެއްވާން. އެކަކުވެސް ބޭނުމެއްނުވާނެ. ހަމަ އެއްވެސް މީހަކު ބޭނުމެއްނުވާނެ. އެހެންވީމާ، މިގޮތަށް އަޅުގަނޑުމެން މަސައްކަތް ކުރަންވީ. އަޅުގަނޑުމެން އިސްކުރަންވީ އެކުވެރިކަން. ޒާތީ ކަންތައްތައް އަޅުގަނޑުމެން ދޫކޮށްލަންވީ. އެކަކު އަނެކަކާ ދޭތެރޭގައި އޮންނަ ޒާތީ ޙަސަދަ އަޅުގަނޑުމެން ދޫކޮށްލަންވީ. ވަކި ކަމެއް ކުރާކަށް ސީދާ ވަކި ޢާއިލާއެއްގެ ވަކި މީހަކު، ވަކި ރަށަކުން އަންނަ މީހަކު ހުންނާކަށް ނުޖެހޭ. އެއްގޮތަކަށްވެސް ނުޖެހޭ. އަޅުގަނޑުމެން ބަލަންވީ މަގާމުގައި ހުންނަނީކީ ވަކި ރަށެއްގެ، ވަކި ޢާއިލާއަކަށް ނިސްބަތްވާ ވަކި ކުލައެއްގެ ވަކި މީހެއްތޯއެއް ނޫން. މަގާމުތަކުގައި ތިބެންވީ އިޚްލާޞްތެރިކަމާއި ވަފާތެރިކަމާއެކު ޤައުމަށްޓަކައި ރަނގަޅަށް މަސައްކަތް ކުރަން ބޭނުންވާ، މަސައްކަތް ކުރާ މީހުން. ވަކި މީހަކު ވަކިތަނަކަށް ލައިގެން ހޯދޭނެ މޮޅެއްވެސް ނޯންނާނެ. ހޯދޭނެ ފައިދާއެއްވެސް ނޯންނާނެ.

އެހެންވީމާ، މި ޤައުމަކީ މިއީ، ހުރިހާ އެންމެންގެ ޤައުމެއް. މިއީކީ ވަކި މީހެއްގެ، ވަކި ބައެއްގެ ޤައުމެއް ނޫން. އެ ވިސްނުމުގައި އަޅުގަނޑުމެން އެކީގައި ކުރިއަށް ނުދާހާ ހިނދަކު، ދުވަހަކުވެސް އަޅުގަނޑުމެން ބޭނުންވާ ޤައުމެއް އަޅުގަނޑުމެންނަކަށް ނުފެންނާނެ. އެހެންވީމާ، އަޅުގަނޑު އެ ވާހަކަވެސް މި ދަންނަވާލީ. ޚާއްޞަކޮށް، ދިވެހި ފުލުހުންނަށް އޮންނަ އިޙްތިރާމާއި އެ ޤަދަރާއި، އެ ދެކޭގޮތް، އަބަދުވެސް އަޅުގަނޑުގެ ހިތުތެރޭގައި އޮވޭ. ކޮންމެ ދުވަހަކުވެސް އެކަމުގެ ހަނދާން އާވަމުންދާތީ، ހަމަ މި ވާހަކަ އަޅުގަނޑު ދަންނަވާލީ.

ތިޔަބޭފުޅުންގެ އެކި ބޭފުޅުންގެ ވިސްނުން ހުންނާނީ އެކިވަރަށް. ތިޔަބޭފުޅުން ވީ އެންމެ ރަނގަޅަކަށް، ތިޔަބޭފުޅުންގެ އެ ކެޕޭސިޓީގައި އެ ކުރެވުނު އެންމެ ރަނގަޅަކަށް ޤައުމަށްޓަކައި ޚިދުމަތް ކުރައްވާ. އަމާން ވެށްޓެއް ކަށަވަރުކޮށް، ޔަޤީންކުރުމަށްޓަކައި ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރައްވާ. މަގުތަކުގައި މި ހިނގާ ކަންތައްތައް، އެކްސިޑެންޓްތަކާއި ކަންތައްތައް ދިމާވުން ކުޑަކުރުމަށްޓަކައި، ތިޔަބޭފުޅުންނަށް އެޅެންހުރި ހުރިހާ ފިޔަވަޅެއް އަޅުއްވާ. އެންމެ މުހިންމު އެއްކަމަކީ، މިހާރުން މިހާރަށް ބަލައިފި ކަމަށްވަންޏާ، މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަމުގައި ތިޔަބޭފުޅުން ގަބޫލުކުރައްވާ.

އަޅުގަނޑު ދެން މި ދެންނެވި އެހެން ކަންތައްތަކުގެ ތެރެއިންވެސް އެހެނިހެން މުއައްސަސާތަކާ އެކުގައި މަސައްކަތް ކުރައްވާ. މިސާލަކަށް، ބަދިގޭގައި ހުންނަ ސިލިންޑަރު ގޮވުން އިނގޭތޯ. އަލިފާން ރޯވުން ފަދަ ނުރައްކާތެރި ކަންތައްތައް ކުޑަކުރުމަށްޓަކައި މިކަމާ ގުޅޭ ހޭލުންތެރި ކުރުމުގެ މީޓިންގތަކެއްވެސް މޯލްޑިވްސް ގޭސްއާއި އަދި ގުޅުންހުރި ވަރަށް ގިނަ ފަރާތްތަކަކާއެކު އަޅުގަނޑުމެން ބޭއްވިން. ހަމަ އެއްތަނުގައި އަލިފާން ރޯވާއިރު، ޖެހިގެން ހުންނަ ތަނުގައި ހުރެދާނެ ގޭސް ގުދަނެއް. ގޭސްފުޅި ބަހައްޓާ ގުދަނެއް ހުރެދާނެ. ދެން ޖެހިގެން ހުންނާނީ ބަދިގެއެއް. އެހެންވީމާ، ތިޔަބޭފުޅުން އިސްނަންގަވައި، މި ކަންތައްތައް ކުރައްވާ. މިއީ، ތިޔަބޭފުޅުންގެ ޒިންމާއެއް ނޫނޭ، ތިޔަބޭފުޅުންނަށް މިކަމުގައި ޑިކްޓޭޓް ނުކުރެއްވޭނެއޭ ވިދާޅުވާނެ ބޭފުޅަކު ނުހުންނާނެ.

އެހެންވީމާ، އަޅުގަނޑުމެން އެންމެންގެ ކަންބޮޑުވުން މިކަންކަމުގައި އެބަހުރި. މިކަމުގައި ތިޔަބޭފުޅުންނަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވާ. މާލެއާއި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްހަމަޖެހުން ލިބެންވާނެ. ތިޔަބޭފުޅުންގެ ޢާއިލާތައް، ތިޔަބޭފުޅުންގެ ދަރިންވެސް އޭގައި އެބަތިބި. އެ ހިތްހަމަޖެހުން ލިބޭއިރު، ހަމަ އެ އެންމެންނާ އެކުގައި މި ލިބެނީ. އެކަމުގައި އެއްގޮތަކަށްވެސް ތިޔަބޭފުޅުން މަސައްކަތް ކުރެއްވުމުގެ ރޫޙު ކުޑަނުކުރައްވާ. އެކުގައި މަސައްކަތް ކުރައްވާ.

އަޅުގަނޑަށް އެނގޭ، ނޮވެންބަރު 17 ވަނަ ދުވަހު އާ ރައީސުލްޖުމްހޫރިއްޔާއެއް ދިވެހިރާއްޖޭގެ ޒަޢާމަތާ ހަވާލުވެވަޑައިގަތުމާއެކު، ބަދަލުތަކެއްވެސް އަންނާނެ. އަދި ފަހުން 2028 ގައި ހަމަ އެދުވަސް އަންނައިރުވެސް ބަދަލުތައް އަންނާނެ. މިއީ ފަސްއަހަރުން އެއް އަހަރު އަންނާނެ ބަދަލުތަކެއް. އެކަމަކު އަޅުގަނޑުމެންގެ އުންމީދަކީ، މިއިން ކޮންމެ ފަސް އަހަރެއް ނިމިގެން، އެ ގެންނަ ބޮޑެތި ބަދަލުތައް އިރާދަކުރެއްވިއްޔާ ކުޑަވެގެންދިޔުން. ސިސްޓަމެއް ޤާއިމުވެގެން ދިޔުން. ރަނގަޅު ސިސްޓަމެއް އެސްޓެބްލިޝް ވެގެންދިޔުން. އެހިސާބުން ދެން ބަދަލު އަންނާނީ ވަރަށް ކުޑަކުޑަކޮށް. މަގާމުތަކުގައިވެސް ތިބޭ ހުރިހާ އެންމެންނެއް ބަދަލެއްނުވާނެ. ލޭޔަރ ކުޑަވާނެ. އެމެރިކާފަދަ ތަންތަން ގޮތަށް ވެގެންދާނެ. ބަދަލުކުރާ މީހުންވެސް މަދުވާނެ. އޭރުން ޤައުމަށް ހަމަޖެހުންއައިސް، އެކަކު އަނެކަކަށް އޮންނަ ނަފްރަތު، ނޫނީ ހިތްހަމަނުޖެހުންވެސް ކުޑަވެގެންދާނެ. އެކުގައި މަސައްކަތް ކުރުމުގެ ރޫޙު ގަދަވެގެންވެސް ދާނެ. އެ ދުވަސް އަންނާނެ. އަޅުގަނޑުމެން މިހާރު އެ ޕްރޮސެސްގައި މިދަނީ. ދެން މިހާރު އެ ދަތުރު ފެށިފައި މިހުރީ. ކުރިއަށް އޮތް ދިހަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި، އަޅުގަނޑު އުންމީދު ކުރަނީ ހަމަ ވަރަށް ބޮޑަށްވެސް މިކަހަލަ ކަންތައްތައް އިރާދަކުރެއްވިއްޔާ ހަމަޖެހިގެން ދިޔުމަށް.

ތިމަންނާއަށް ދެންވާނީ ކިހިނެއްތޯ ވިސްނަން، ރޭގަނޑު ނުނިދި އޮންނާކަށް ނުޖެހޭނެ. ދިހަވަރަކަށް އަހަރު ފަހުން އިރާދަކުރެއްވިއްޔާ ނުޖެހޭނެ. ރަނގަޅަށް ނިދާލެވޭނެ. މާދަމާ ހެނދުނު ހޭލާއިރުވެސް ތިމަންނާއަށް މަގާމުގައި ހުރެވޭނެއޭ. ދެން ކާންބޯންޖެހޭ. ދަރިންނާއި އަނބިން، މައިންބަފައިން ބަލަހައްޓަންޖެހޭ. ކޮންމެ މީހަކަށްވެސް އާމްދަނީ ލިބުމަކީ މުހިންމު ކަމެއް. މަސައްކަތެއް އޮތުމަކީ. އެހެންވީމާ، އެކަހަލަ ޔަޤީން ކަމެއް ނެތް ކަމަށްވަންޏާ އެ މެންޓަލީ، މީހާ ސިކުވާނެ. މެންޓަލް މިއީ، މިހާރު އަޅުގަނޑުމެންގެ ތެރޭގައި އޮތް ވަރަށްބޮޑު މައްސަލައެއް. މިއީ، ކޯވިޑަށްފަހުވެސް އޮތް އެއްޗެއް. ކަންތައްތަކާ މާބޮޑަށް ވިސްނާވިސްނާ، ނަފްސާނީ ގޮތުން މީހާއަށް ފާޑުފާޑުގެ ގޮތްތައްވެ، ހިތާމަވެރި ކަންތައް އަނެއްކާ މި ދިމާވަނީ. ފުލުހުންގެ ތެރެއިންވެސް، ސިފައިންގެ ތެރެއިންވެސް އަދި އާންމުންގެ ތެރެއިންވެސް އެބަހުރި ދިމާވެފައި. އެހެންވީމާ، އަޅުގަނޑުމެންގެ މުޅި އެޕްރޯޗް އަންނަންވީ ހެލްތީ ލިވިންގއަކަށް. ވެލްބީންއަކަށް. އެކަމަށްވެސް އަޅުގަނޑުމެން ވިސްނަން އެބަޖެހޭ. މިއީ، އަޅުގަނޑު ތިޔަބޭފުޅުންނާ ދޭތެރޭގައި ކުރާ އުންމީދުތަކާއި އެކްސްޕެކްޓޭޝަން އިނގޭތޯ. އެކަމުގެ މައްޗަށް އަޅުގަނޑު މިހެންވެސް މި ދަންނަވާލީ.

އާދެ، ވަރަށް ގިނަ މަސައްކަތްތަކެއް ޙަޤީޤަތުގައިވެސް ކުރެވުނު. ވަރަށް ގިނަ އެންގޭޖްމަންޓްތަކެއް ހެދިއްޖެ، މާލެ އޭރިއާއާއި ރާއްޖޭގެ އެހެން ހިސާބުތަކުގައިވެސް. ޚާއްޞަކޮށް، ކޮމިޝަނަރ އޮފް ޕޮލިސްއާއެކު، ގިނަ މަސައްކަތްތަކެއް ހަމަ ކުރެވުނު. ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް. އެކަހަލަ ކަންތައްތަކުގައި ދެން އަޅުގަނޑަށް ބޮޑަށް އުޅެވުނީ.

ހަމަ އެއާއެކު، ޑެޕިޔުޓީ ކޮމިޝަނަރ މަންނާނު އަދި ޑެޕިޔުޓީ ކޮމިޝަނަރ ޢަލީ ރަޝީދު އަދި އެއަށްވުރެވެސް އަދި ގާތުން އަޅުގަނޑަށް މަސައްކަތް ކުރެވޭ އެސިސްޓެންޓް ކޮމިޝަނަރ ޢަލީ ޝުޖާޢު އަދި ސުޕްރިޓެންޑެންޓް ޝަރީފް، ސަމީރު މި އިންނެވި ޔޫނުސްއާ އެކީގައި. މި ފްރޮންޓް ލައިންގައި މި ތިއްބެވި ބޭފުޅުންނާ ގާތްގަނޑަކަށް ހަފްތާއަކު ދެ ފަހަރުވަރު ގުޅައި، މާލޭ އޭރިއާގެ ޚާއްޞަކޮށް، ހުޅުމާލޭ އޭރިއާގެ ކަންކަން ބެލޭ. އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ފެނުނު، އެ ބޭފުޅުންގެ ކޮމިޓްމަންޓް، ވަރަށް ޕްރޮފެޝަނަލްކޮށް، ވަރަށް ރަނގަޅަށް މަސައްކަތް ކުރެއްވި ތަން. ޚާއްޞަކޮށް، ކޮމިޝަނަރ އޮފް ޕޮލިސް އަދި ޑެޕިޔުޓީ ކޮމިޝަނަރުންނަށާއި އަދި އެސިސްޓެންޓް ކޮމިޝަނަރުންނަށާއި އަދި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނަށް، ތިޔަ ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރަން.

ނިންމާލުމުގެ ކުރިން، އަޅުގަނޑު ހިތްހަމަޖެހޭ އެއް ކަމެއްގެ ވާހަކަ ދަންނަވާލާނަން އިނގޭތޯ. ކޮންމެ މީހަކީވެސް ސިޔާސީ މީހެއް އަނެއްހެން. ސިޔާސީ ނޫން މީހެއް ނުހުންނާނެތާ ދޮގެއްތޯ. މިހާ ކުޑަ ޤައުމެއްގައި އެންމެންވެސް ސިޔާސީ ވާހަކަދައްކާނެ. ދެން އެހެންވީމާ، އަޅުގަނޑުވެސް ވާނީ އޭގެ މީހަކަށްތާ. އަޅުގަނޑު ކިތަންމެ އެކަހަލަ މީހަކަށް ނުވާން އުޅުނަސް.

2004 ގައި، އަޅުގަނޑުގެ ސިޔާސީ ޙަޔާތް ފެށުނީ. އަޅުގަނޑު ގަބޫލުކުރަނީ، ކުރިން އަޅުގަނޑު ދެންނެވިކަހަލަ ވަރަށް ޝަރަފްވެރި ބައެއް ކަމަށް ފުލުހުންނަކީ. އެ ބޭފުޅުން ހުރިހާ ކަމެއް އެ ކުރައްވަނީ ޤައުމަށާއި ރައްޔިތުންނަށްޓަކައި. އެހެންވީމާ، އެކަން ކުރުމަށްޓަކައި ޒިންމާ އަދާކުރުމަށްޓަކައި އެދެމެދަށް ހުރަސްއެޅޭކަހަލަ އެއްވެސް ކަމެއް އަޅުގަނޑުގެ ފަރާތުން އެއްވެސް ސިފައެއްގައި ވާކަހަލަ މީހަކަށް އަޅުގަނޑެއް ނުވާނަމޭ. މި ޢަޒުމް ވަރަށް ވަރުގަދައަށް އަޅުގަނޑުގެ ހިތުގައި އަބަދުވެސް އޮވޭ. މަޖިލީހުގައި ހުއްޓަސް. އެހެން ތަނެއްގައި ހުއްޓަސް. އަދި ތަނެއްގައި ނެތަސް. އެއީ، އަޅުގަނޑު ވަރަށް ބޮޑަށް ވިސްނި އަދި އަބަދުވެސް ވިސްނާ ކަމެއް. އެހެންވީމާ، އެފަދަ ކަމެއް ހިނގާފައި ނެތުން މިއީ، މިއަދާ ހަމައަށް އައިއިރުގައި އަޅުގަނޑު ހަމަ އުފާކުރާ ކަމެއް.

އެހެންވީމާ، އަޅުގަނޑު މިއަދު އެދެނީ، ތިޔަބޭފުޅުންވެސް ކުރީގައި މި ދެންނެވި ގޮތަށް، ހުރިހާ މާޙައުލެއްގައި މަސައްކަތް ކުރެއްވުމުގައިވެސް އެންމެ ބޮޑަށް ޕްރޮފެޝަނަލްކޮށް އަބަދުވެސް އެކުވެރިކަމާއެކު ރަނގަޅަށް ގާތުން މަސައްކަތް ކުރުމުގެ ވިސްނުން ހުރިހާ ބޭފުޅުން ބަހައްޓަވަން. މިއީ، އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް. ހުރިހާ ބޭފުޅުންނަކާ ނޫން މި ބައްދަލު ކުރަނީކީ. ދެން އެހެންނަމަވެސް، ހުރިހާ އިސްބޭފުޅުން އެބަ ތިއްބެވި. އިސް އޮފިސަރުންވެސް އެބަ ތިއްބެވި. އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް އެއީ، އަޅުގަނޑަށް ރަނގަޅު ވާހަކައެއް ދެއްކިފައި އޮތް ކަމަށްވަންޏާ، އެ ވާހަކައެއް ދެން ތިއްބެވި ބޭފުޅުންނަށްވެސް ޕާސްކޮށްދެއްވުން. ހަމަ ތިޔަބޭފުޅުން އެކަންޏެއް ނޫނޭ އެކަންވެސް ކުރައްވަން ޖެހެނީ. ދެކޮޅުންވެސް އެއްކަހަލަ ގޮތަކަށް ހިނގާށޭ އަޅުގަނޑުމެން އެންމެން މަސައްކަތް ކޮށްލަމާ. އޭރުން ދެން ހަމަ ސްމޫތް، ސްމޫތް ޤައުމެއްގެ ގޮތުގައި އަޅުގަނޑުމެން ކުރިއަށްދާނީ.

އަޅުގަނޑު ނިންމާލާނީ، ވަރަށް ބޮޑަށް ޝުކުރިއްޔާ. ކޮމިޝަނަރ އޮފް ޕޮލިސް ވަޑައިގެން ނެތްކަމުގައި ވިޔަސް، އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅުތައް އަޅުގަނޑު ފާހަގަކުރަން. ފަސް އަހަރުގެ ތެރޭގައި ގިނަގުނަ ހެޔޮ ބަދަލުތަކެއް ގެނައުމަށްޓަކައި، އަޅުގަނޑު މި ދެންނެވި ޑްރަގް ސަޕްލައި ޑިޑަކްޝަން، ޕްރިވެންޝަން، މި ކަންކަމުގައި ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި. އަދި ކޮމިޝަނަރގެ ލަފާފުޅާއެކު، އެ މަނިކުފާނުގެ އަރިހުގައި މަސައްކަތް ކުރެއްވި ޑެޕިޔުޓީ ކޮމިޝަނަރުން، އެސިސްޓެންޓް ކޮމިޝަނަރުން އަދި އެގްޒެކެޓިވް އޮފިސަރުން، ތިޔަބޭފުޅުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވައިފި. މި ހުރިހާ ކަމަކަށް މުޅި ފުލުހުންގެ އިދާރާގެ ހުރިހާ މުވައްޒަފުން ހިމެނޭ ގޮތަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އިރާދަކުރެއްވިއްޔާ، އަދިވެސް އަޅުގަނޑުމެން މަސައްކަތް ކުރާނީ އެކުގައި. ފުލުހުންނަށް ބޭނުންވާ އެއްވެސް ކަމެއް، އަޅުގަނޑު ކޮންމެ ތަނެއްގައި ހުއްޓަސް، ކޮންމެ ކަހަލަ މަސައްކަތެއް ކުރަން ހުރި ކަމުގައިވިޔަސް، އަޅުގަނޑަކަށް ނޭނގެ އެއްވެސް ކަމެއް ތިޔަބޭފުޅުން ބޭނުންފުޅުވާނެ ކަމެއް. އުންމީދު ކުރަނީ ކޮންމެވެސް ކަންތައްތަކެއް އަޅުގަނޑަށްވެސް ކޮށްދެވިދާނެ ކަމަށް. އަޅުގަނޑުގެ ފަރާތުން ބޭނުންވާ އެއްވެސް ކަމެއް އޮތް ކަމަށްވަންޏާ، އަޅުގަނޑަކަށް ނޯންނާނެ ރެއެއް، އަޅުގަނޑަކަށް ނޯންނާނެ ދުވާލެއް، އަޅުގަނޑަކަށް ނޯންނާނެ ހުކުރެއް، އަޅުގަނޑަކަށް ނޯންނާނެ ހޮނިހިރެއް. އިރާދަކުރެއްވިއްޔާ، އަޅުގަނޑު ހުންނާނީ ފުލުހުންނާ އެކުގައި ރައްޔިތުންގެ މަޞްލަޙަތު ޙިމާޔަތްކޮށް، ހޭލުންތެރިކަން އިތުރު ކުރުމަށްޓަކައި ކުރެވެން އޮތް ހުރިހާ ކަމެއް ކުރުމަށް ތައްޔާރަށް.

ވަރަށް ބޮޑަށް ޝުކުރިއްޔާ!

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.