ރަށުގައި ތިބެގެން ވަޒީފާއަދާކުރެވޭނެ ގޮތްތަކެއް ހޯއްދަވައި ދެއްވުމަކީ، ސަރުކާރުގެ ވާޖިބެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އަރިއަތޮޅު އުތުރުބުރީ މާޅޮހު ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ތަރައްޤީވުމަށްޓަކައި ވަޒީފާގެ ފުރުޞަތުތައް ތަނަވަސްވެފައި އޮންނަން ޖެހޭ ކަމަށާއި، ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ، އެކަން ޙަޤީޤަތަކަށް ހައްދަވައި ދެއްވުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ތަޢްލީމަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތުގެ މައްޗަށް ބައްލަވާލައްވަމުން، މިދިޔަ އަހަރު ސަރުކާރުން ފެށްޓެވި އެންމެ މުހިންމު ކަމަކީ، ޖާގަ މަދު ސްކޫލުތައް ހުރި ކޮންމެ ރަށަކަށް ކޮންމެވެސް ވަރެއްގެ ޖާގައެއް ފޯރުއްވައިދެއްވުމަށް ފެށްޓެވި މަސައްކަތް ކަމަށް ވިދާޅުވިއެވެ. އަދި މިގޮތުން މިދިޔަ އަހަރު 171 ކްލާސް ރޫމް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިނާ ކުރެވިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރައްވަމުން، އޭގެތެރޭގައި މާޅޮސްވެސް ހިމެނޭ ކަމުގައި ވިދާޅުވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ރަށުގެ މަދަރުސާ، އެއް ދަންފަޅިއަށް ހައްދަވައި ދެއްވުމަށް ސަރުކާރުން މަސައްކަތް ކޮށްދެއްވާނެ ކަމަށާއި، އިރާދަކުރެއްވިއްޔާ އަންނަ އަހަރު އެ އުސޫލުން މާޅޮހުގައި ކިޔަވައި ދެއްވަން ފެށްޓެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މާޅޮހުގެ ބަނދަރު ބޭރު ތޮށި ހެދުމުގެ މަސައްކަތް އަވަހަށް ފެށޭތޯ ބައްލަވައިދެއްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މާޅޮހުގެ ނަރުދަމާއާއި ފެނުގެ ކަންތައް ލަސްތަކެއްނުވެ ހިންގޭނެ ގޮތެއް އޮތްތޯ ކަމާބެހޭ ވަޒީރުންނާ މަޝްވަރާ ކުރައްވައިގެން ބައްލަވާނެ ކަމުގައިވެސް ވިދާޅުވިއެވެ.

މާޅޮހަކީ ރަށު ގޮނޑުދޮށުން ނިމޭ ތަނެއްގެ ގޮތުގައި ބަލައިފިނަމަ އުންމީދު ކުރާ މަންޒަރު ޙަޤީޤަތަކަށް ނުވާނެ ކަމަށާއި، އަޅުގަނޑުމެން އެދޭ ބަދަލު ނުގެނެވޭނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.