بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى أشرف الأنبياء والمرسلين، وعلى آلـه وصحبـه أجمعـين.

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސާ އަލްފާޟިލާ މަރްޔަމް ވަޙީދާ، ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ އޮނަރަބްލް ޢައްބާސް އިބްރާހީމް، އަލްމަރުޙޫމް އިބްރާހީމް މަނިކުގެ ޢާއިލާގެ ބޭފުޅުން، ދިވެހިރާއްޖޭގެ އަޑު އަދި ޓީ.ވީ. މޯލްޑިވްސްގައި ވަޒީފާ އަދާކުރައްވާ އެންމެހައި ބޭފުޅުން، ތައުބީނުގެ މި ޖަލްސާއަށް ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުންނާއި، ޓީ.ވީ. އަދި ރޭޑިޔޯ މެދުވެރިކޮށް ދުރާއި ގާތުން މި ޖަލްސާ އަޑުއައްސަވަމުން، އަދި ބައްލަވަމުން ގެންދަވާ އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އެންމެ ފުރަތަމަވެސް، އަލްމަރުޙޫމް އިބްރާހީމް މަނިކުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި اللَّـهُ سُبْحَانَهُ وَتَعَالَىٰ ގެ ޙަޟްރަތުގައި އަޅުގަނޑުވެސް ދުޢާ ދަންނަވަން. އަލްމަރުޙޫމް އިބްރާހީމް މަނިކުގެ ޒިކުރާ އާކުރުމުގެ ގޮތުން މި ބޭއްވޭ މި ޖަލްސާގައި އެއްޗެއް ދަންނަވާލުމުގެ ފުރުޞަތު އަޅުގަނޑަށް ދެއްވިކަމަށްޓަކައި ޚާއްޞަކޮށް، ބްރޯޑްކާސްޓިންގ ކޮމިޝަނަށާއި އަދި ޢާއިލާގެ އެންމެހައި ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، އަލްމަރުޙޫމް އިބްރާހީމް މަނިކުގެ ޚިދުމަތާ ގުޅޭގޮތުން، އަޅުގަނޑުގެ ކުރިން ވަރަށް ތަފްޞީލުކޮށް އެ ވާހަކަތައް ދައްކަވައިފި. އާދެ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މި ޖަލްސާއަށް ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުންނަކީ، އަލްމަރުޙޫމް އިބްރާހީމް މަނިކު ކުރެއްވި މަސައްކަތުގެ އިތުރު ތަޢާރަފެއް އަޅުގަނޑުގެ ފަރާތުން ވަކި ބޭނުންފުޅުވާނެ ބޭފުޅުންނެއްވެސް ނޫން.

އާދެ، އެހެންނަމަވެސް، އަޅުގަނޑުމެން އަބަދުވެސް ގަބޫލުކުރަންޖެހޭ، ޤައުމަށް ޚިދުމަތް ކުރައްވައި، އެކި ގޮތްގޮތުން ޤައުމަށް ކުރިއެރުން ހޯއްދަވައިދެއްވައި، އަދި ދަތި ދުވަސްވަރުތަކުގައި އެންމެ ބޭނުންވާ ކަންތައްތައް ކޮށްދެއްވައިފައި ތިއްބެވި ފަރާތްތަކުގެ މަތިން ހަނދާން އާކުރަންޖެހޭކަން. އެ ފަރާތްތަކަށް ޝުކުރުވެރިވެ، އެކަން އެގޮތަށް ކުރުމަކީ އެއީ، އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް.

އަޅުގަނޑަށް ތަންކޮޅެއް އުނދަގޫވެފައި މި ހުންނަނީ. މިރޭ ވާހަކަ ދައްކަންވެސް ތަންކޮޅެއް އުނދަގޫ. އަޅުގަނޑުމެންނަށް ނިޢުމަތެއް، ނުވަތަ އެއްވެސް ކަމެއް އަޅުގަނޑުމެންގެ އަތުން ބީވެނުދާހާ ހިނދަކު، ގިނަ ފަހަރަށް އަޅުގަނޑުމެންނަކަށް އަގުވަޒަން ނުކުރެވޭ. އަޅުގަނޑުގެ އުމުރަށްވުރެ މާކުރިން، އަޅުގަނޑު މި ދުނިޔެއަށް އައުމުގެ މާކުރިން، ދިވެހި ޤައުމަށް ބޭނުންވާ ވަރަށް މުހިންމު ޚިދުމަތްތަކެއް ކޮށްދެއްވަން އެމަނިކުފާނު ފެށްޓެވި.

އާދެ، އެނގިވަޑައިގަންނަވާނެ، މުވާޞަލާތާއި މަޢުލޫމާތަކީ، ޚާއްޞަކޮށް، ރާއްޖެ ކަހަލަ ޖަޒީރާތަކެއްގެ މައްޗަށް ހިމެނޭ އެތަކެއް ރަށެއްގައި ދިރިއުޅޭ ބަޔަކަށް ވަރަށް މުހިއްމު އެއްޗެއް. ފަހަރެއްގައި އަޅުގަނޑުމެން މި ވާހަކަ ދެއްކީމާ މިއަދުގެ ޒުވާން ކުދިންނަށް، ފުންކޮށް ނުވިސްނިދާނެ. މީގެ ފަންސާހަކަށް އަހަރު ކުރިން، ރާއްޖޭގެ ރަށްރަށުގެ ޙާލަތު، އަދި މާލޭގައި ކަންތައްތައް ހުރިގޮތް، ތަންކޮޅެއް އުނދަގޫވެދާނެ ގަބޫލުކުރަން.

އާދެ، ބްރޯޑްކާސްޓިންގ ދާއިރާއަށް، ޚާއްޞަކޮށް، ދިވެހިރާއްޖޭގެ އަޑަށް އަލްމަރުޙޫމް އިބްރާހީމް މަނިކު އެ ކޮށްދެއްވި މަސައްކަތްޕުޅުތަކަކީ، އަޅުގަނޑު ގަބޫލުކުރާގޮތުގައި އެއީ، ސީދާ އަމިއްލަ ކަމެއްގެ ގޮތުގައި، އަމިއްލަ މަސައްކަތެއްގެ ގޮތުގައި ކުރެއްވި މަސައްކަތްތަކެއް. ފާހަގަކުރައްވައިފި، އަޅުގަނޑުމެންގެ ފެށުން، ދުވަހެއްގެ ފެށުން، އުފާވެރި ގޮތަކަށް، ހިތްގައިމު ގޮތަކަށް ފެށިގެން ދިޔައީ، އިބްރާހީމް މަނިކުގެ އަޑުން. އަޅުގަނޑުމެން ސްކޫލަށް ދާން ތައްޔާރުވާއިރު، އަޅުގަނޑުވެސް އެ އަޑަށްޓަކައި އިންތިޒާރު ކުރަން ކޮންމެ ދުވަހަކު. ރީތި އަޑެއް، ވަރަށް ރީތި އަޑެއް. އަޅުގަނޑު ހަމަ ދަންނަވާނީ، މިހާތަނަށް އަޑުއަހާލަން އަޅުގަނޑަށް އިވުނު އެންމެ ހިތްގައިމު އަޑަކަށްވީ، އިބްރާހީމް މަނިކުގެ އަޑޭ. އެ އަޑު ހަމައެކަނި ހިތްގައިމުވީކީ ނޫން. އެ އަޑުން ގެނެސްދެއްވި މަޢުލޫމާތު، އަޅުގަނޑުމެންނަށް މިހާރު މި ފެންނަނީ ޓުވިޓަރ، ފޭސްބުކް، ނޫނީ މުވާޞަލާތީ އެކިއެކި ޗެނަލްތަކުން.

އެނގިވަޑައިގަންނަވާތޯ، އޭރު ސްކޫލަށް ދިޔުމަށްޓަކައި، އެނގެންޖެހޭ އެތައް ކަމެއް، މަގެއްގައި ފެން ބޮޑުވެފައި އޮތަސް، އެ ވާހަކަވެސް ވިދާޅުވޭ. ސަރުކާރުގެ އޮފީސްތަކަށް ވަޑައިގަންނަވާ ބޭފުޅުންނަށް، މޫސުމާ ގުޅުންހުރި މަޢުލޫމާތު، ކަނޑުދަތުރުފަތުރު ކުރާ މީހުންނަށް، މަސްވެރިންނަށް، މޫސުމާ ގުޅޭ މަޢުލޫމާތުތައް ދެއްވި. އަދި ހަމައެއާއެކު، އަޅުގަނޑުމެން ހޭލުންތެރި ކުރުވުމަށްޓަކައި ވަރަށް މުހިންމު މަޢުލޫމާތު ދެއްވި. އެހެންވީމާ، މިއަދު އަޅުގަނޑުމެން މި ވާހަކަ ދެއްކިޔަސް، ކިހާވަރަކަށްބާއޭ، އެދުވަހު އެ ކަންތައް މުހިންމުވާނީ. މިއަދު އެ ކަންތަކުގެ އަޑުއަހާފައި ނެތް ބަޔަކަށް ފަހަރެއްގައި ހަމަ ނުވިސްނިދާނެއޭ.

އަސާސީ ތަޢުލީމަށް ޝައުޤުވެރި ކުރުވުމަށްޓަކައި، ހޭލުންތެރިކުރުވުމުގެ ގޮތުން އެތައް މަސައްކަތްތަކެއް މީގެ ތެރެއިން ކުރެއްވި. އެހެންވީމާ، މިހިރީ އެއްގޮތަކަށްވެސް އަޅުގަނޑުމެންނަށް ހަނދާންނައްތައިލެވޭނެ ކަންތައްތަކެއް ނޫން. އަޅުގަނޑުމެން ހަނދާންނައްތައިލައިގެން ވާނެ ކަންތައްތަކެއްވެސް ނޫން. އަދި "ބާއްޖަވެރި ހެނދުނެއް"، އެ ޕްރޮގްރާމާ ހިސާބުންވެސް ނުނިމޭ. "ރޯދަ ކުރުކުރުން" ގެނެސްދެއްވި. އަޅުގަނޑު ރޭޑިޔޯއާ ދުރަކަށް ނުދަން. އޭރު އަޅުގަނޑު ހުރީ ރަށުގައި. އަޅުގަނޑުމެން ހަމަ ވަރަށް ޝައުޤުވެރިކަމާއެކު އަޑުއެހިން. ދޮރު ހުޅުވާލާއިރު ބޭރުގައި ހުންނާނެއޭ މީހަކު މިހާރު، އަޅެ ބަލައިލަބަލާށޭ. ދޮރު ހުޅުވާލާފައި އަޅުގަނޑުމެން ހައިރާންވޭ. މިއީ ކިހިނެއްހޭ މިވަނީ. ހާދަ އަވަހަށޭ އެ ފޮނުވާލަނީ، އެ ކުއިޒެއްގައި ބައިވެރިވެގެން އެދިމާވާ ހަދިޔާ އެ ފޮނުވާލަނީ. ދޮރު ހުޅުވާލާއިރު ބޭރުގައި އެ ހުންނަނީ ކޮތަޅެއް ހިފައިގެން މީހަކު. އެކަމާ އަޅުގަނޑުމެން ހަމަ ހައިރާންވެފައި ތިބެނީ.

ހަވީރު "ރޯދަކުރުކުރުން" ޕްރޮގްރާމުން ލިބޭ މަޢުލޫމާތުތަކާއި، މުނިފޫހިފިލުވުމާއި، އަދި ހިތްހަމަޖެހޭ އެތައް ކަންތައްތަކެއްގެ ތެރެއިން، އެންމެ ރޯދަ ވަރުބަލިވާ ވަގުތު އަޅުގަނޑުމެން ތިބެނީ ރޭޑިޔޯ އަޑުއަހަން، ރަށުގައިވެސް. އެހާހިސާބަކުންވެސް ނުނިމޭ. ރޭގަނޑު އަދި އެތަކެއް މަޢުލޫމާތުތަކެއް ލިބޭ. އަޅުގަނޑު ހަނދާންވަނީ، "ތިޔަބޭފުޅުންގެ ފުރުޞަތު". އެވެސް ހަމަ ޕްރޮގްރާމެއްގެ ގޮތުގައި ގެނެސްދެއްވި. ހިއްކިތަނުން އަޅުގަނޑު ދުރަކަށް ނުދަން، "ދިވެހި ފަންނާނުންގެ މިއުޒިކީ ޢީދު"، އަޅުގަނޑުމެންނަށް ވަރަށް މަޖާ ކަމަކަށް، ވަރަށް ހިތްހަމަޖެހޭ ކަމަކަށް ވެގެންދިޔަ. ފަންނާނުންގެ މިއުޒިކީ ޢީދު ގެނެސްދެއްވި. މުނިފޫހިފިލުވުމަށްޓަކައި، ވަގުތު ހެޔޮގޮތުގައި ހޭދަކުރުމަށްޓަކައި، އިބްރާހީމް މަނިކު ވަރަށް ގިނަގުނަ މަސައްކަތް ކޮށްދެއްވި.

އެނގިވަޑައިގަންނަވާނެ، ފުޓްބޯޅަ އެއީ، ދިވެހިން އެންމެ ލޯބިކުރާ ކުޅިވަރު. އަޅުގަނޑުމެންނަށް ވާރލްޑް ކަޕް ލައިވްކޮށް ދިވެހިރާއްޖެއަށް ގެނެސްދެއްވުމުގައިވެސް އެންމެ އިސް ދައުރެއް އަދާކުރެއްވީ އަލްމަރުޙޫމް އިބްރާހީމް މަނިކު.

އެނގިވަޑައިގަންނަވާނެ، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ރަށްރަށުގެ، އަތޮޅުތަކުގެ މީހުންގެ އަޑު، ހަމަ ރޭޑިއޯއިން ގެނެސްދިނުމަށްޓަކައި، ދިވެހިރާއްޖޭގެ 7 ސަރަޙައްދެއްގައި މީޑިއާ ސެންޓަރުތައް ޤާއިމުކުރައްވައިގެން، އެ މަސައްކަތްވެސް ކުރެއްވުމުގައި ހަމަ އެންމެ އިސް ދައުރެއް އަދާކުރެއްވީ އިބްރާހީމް މަނިކު. މުޅި ރާއްޖެއަށް، ޓީ.ވީ.ގެ ސިގްނަލް، ޓީ.ވީ. މޯލްޑިވްސް ލިބޭގޮތް ހައްދަވައިދެއްވި. އަޅުގަނޑަށް އެނގޭ އެކަމުގެ މުހިންމުކަން އޮތްވަރު. އަޅުގަނޑުމެން ވާރލްޑް ކަޕް ބަލަންޖެހުނީ ޑިޝް އެންޓަނާ ބަހައްޓައިގެން. މި ދަންނަވަނީ އަދި މާގިނަ ދުވަސްތަކެއްވީ ވާހަކައެއްވެސް ނޫން. 2000 ވަނަ އަހަރު މުޅި ރާއްޖެއަށް އެ މަސައްކަތްތައްވެސް ފުޅާކުރުމުގައި، އެންމެ އިސްދައުރެއް އަދާކުރެއްވީ އިބްރާހީމް މަނިކު.

މިގޮތަށް މި ވާހަކަ ދައްކާ ކަމަށްވަންޏާ އަޅުގަނޑަށްވެސް ވަރަށް ގިނަ ވާހަކަ، ޚިދުމަތުގެ ވާހަކަ ދެއްކިދާނެ. އަޅުގަނޑާ އަލްމަރުޙޫމް އިބްރާހީމް މަނިކާ ބައްދަލުވީ، 1990ގެ މެދުތެރޭގައި އޮލިމްޕަހުން. އަޅުގަނޑުވެސް އޭރު ބައްދަލުކުރަން ދިޔައީ މިއުޒިކް ޝޯއެއް ބާއްވަން. ފުވައްމުލަކުގައި މިއުޒިކް ޝޯއެއް ބޭއްވުމުގެ ކަންތަކުގައި. ދެން އޭރު އޮންނަ ކަންތައްތައް އެއީ. އޭރު ކުޅިވަރާއި، މިއުޒިކް ޝޯތަކާއި، ހަމަ މުނިފޫހިފިލުވުމުގެ އިތުރުން، ރަނގަޅު ގޮތުގައި ވަގުތު ހޭދަކުރުމަށްޓަކައި ވަރަށް ގިނަ ކަންކަން އޮވޭ. އަޅުގަނޑާ އެންމެ ފުރަތަމަ ބައްދަލުވި ދުވަހު ހަމަ އެއްގޮތަކަށްވެސް އަޅުގަނޑަކަށް ހިއެއްނުވި އިނގޭތޯ، ކުރިން އަޅުގަނޑު ދެކެފަރިތަ، ނޫނީ އަޅުގަނޑާ ރަޙްމަތްތެރިކަމެއް ނެތް ބޭފުޅެއް ކަމަކަށް. ހަމަ އެއްގޮތަކަށްވެސް އިޙްސާސެއްނުވޭ. ވަރަށް ވަރަށް ގާތް. "އަވަހަށް އިށީންނާށޭ" ވިދާޅުވި. ވަރަށް ސާދާ މިޒާޖެއްގެ ބޭފުޅެއް. ދެން ކަން ދިމާކުރިގޮތުން، އަޅުގަނޑުގެ ބައްޕަގެވެސް ވަރަށް ގާތް އެކުވެރި ބޭފުޅެއް. އޮނަރަބްލް ޢައްބާސް އިބްރާހީމް އަދި އޮނަރަބްލް އިލްޔާސް އިބްރާހީމް، ވަރަށް ގާތް އެކުވެރިކަމެއް އަޅުގަނޑުގެ ބައްޕައާވެސް އެބޭފުޅުންނާ އޮވޭ. އެދުވަހުވެސް އަޅުގަނޑު އެ އެދުނު ކަންތައްތައް އަޅުގަނޑަށް ހަމަ ވަރަށް ރަނގަޅަށް ކޮށްދެއްވި.

އަޅުގަނޑަށް އިބްރާހީމް މަނިކު ފާހަގަކުރެވުނީ، އެ ކުރައްވަން އެ ނުކުންނަވާ ކަމެއް ވަރަށް ރަނގަޅަށް، ވަރަށް ކަމޭހިއްތަވައިގެން ކުރައްވާ ބޭފުޅެއްގެ ގޮތުގައި. ޤައުމަށްޓަކައި، ޒުވާނުންނަށްޓަކައި، ރައްޔިތުންނަށްޓަކައި ކޮންމެވެސް ކަމެއް ކޮށްދެއްވަން އަބަދުވެސް މަސައްކަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައި.

އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެން މިއަދު މިއިންވެސް ފިލާވަޅުތަކެއް ލިބިގަންނަންޖެހޭހެން. އަޅުގަނޑު އަބަދުވެސް ގަބޫލުކުރަނީ ޤައުމުގެ ޚިދުމަތްތެރިން، ޤައުމު މިހާހިސާބަށް ގެނެސްދެއްވި ފަރާތްތަކުގެ މަތިން ހަނދާންކޮށް، އެކަން އަޅުގަނޑުމެން ދަމަހައްޓަންޖެހޭ ކަމަށް. ބައެއްފަހަރަށް އެފަދަ ފަރާތްތަކުގެ މަތިން އަޅުގަނޑުމެން ހަނދާންނެތުން އެއީ ދެރަ ކަމެއް. އަޅުގަނޑުމެންގެ ޤައުމަށް ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި މި ޤައުމު ތަރައްޤީކޮށްދެއްވައި މި ހިސާބަށް ޤައުމު ގެނެސްދެއްވުމަށް ވަރަށް ބުރަ މަސައްކަތް ކުރެއްވި ބޭފުޅުން އަޅުގަނޑުމެންނާ ވަކިވެވަޑައިގެންފި. އެހެންވީމާ، އެ ޒިކުރާ އަޅުގަނޑުމެން އާކުރަންޖެހޭ. އެ ޝުކުރު އަބަދުވެސް އަޅުގަނޑުމެންގެ ހިތުތެރޭގައި އޮންނަންޖެހޭ.

އަޅުގަނޑުގެ ހިތުގައި އިބްރާހީމް މަނިކާ ދޭތެރޭގައި އޮތީ ވަރަށް މަތީ ޤަދަރެއް. އިބްރާހީމް މަނިކަށާއި، އިބްރާހީމް މަނިކުގެ އަނބިކަނބަލުންނަށް އަޅުގަނޑުގެ ހިތުގައި ތާއަބަދަށްވެސް އޮތީ ހެޔޮދުޢާ.

އާދެ، އަޅުގަނޑު ހަމަ މި ފުރުޞަތުގައި، ކުރީގައިވެސް އަޅުގަނޑު މި ދަންނަވާލި ގޮތަށް ޒުވާނުންނަށް ހަމަ ދަންނަވާލަން ބޭނުން، އިބްރާހީމް މަނިކު ޤައުމަށް ކުރެއްވި ޚިދުމަތްތަކުގެ މައްޗަށް ބަލައިގެން އަޅުގަނޑުމެންނަށް ކުރެވިދާނެ ކިތަންމެ ކަމެއް އެބަހުއްޓޭ. އިބްރާހީމް މަނިކު ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި، މީހުން އެކުވެރިކުރައްވައި، ގުޅުން ވަރުގަދަކުރެއްވުމަށް.

ދެންމެ އޮނަރަބްލް ޢައްބާސް އިބްރާހީމްގެ ވާހަކަފުޅުގައި އެ ފާހަގަކުރެއްވީ، ޢާއިލީ ގުޅުން ދެމެހެއްޓެވުމަށްޓަކައި އެ ކުރެއްވި މަސައްކަތް. މި ކުރީ ސަފާއި، އަދި ދެވަނަ ސަފަށް، އަދި ތިންވަނަ ސަފަށް، މިހެން ގޮސް ބަލައިލާއިރުވެސް އަޅުގަނޑަށް އެ ކަންތައް އިޙްސާސް ކުރެވޭ. އެކަން ގަބޫލުކުރެވޭ. އަޅުގަނޑު ވަރަށް ރަނގަޅަށް ދަންނަން ޢާއިލާވެސް. އެހެންވީމާ، އަޅުގަނޑަށް މި ދެންނެވޭ ވާހަކަތަކަކީ، އަޅުގަނޑަށް އެނގޭ ހަމަ ވަރަށް ރަނގަޅަށްވެސް ރަނގަޅު ވާހަކަތަކެއްކަން. ޢާއިލީ ގުޅުން ވަރަށް ވަރުގަދަ. އަދި ވަރަށް ގިނަ ރަޙްމަތްތެރިން، ވަރަށް ގިނަ ރައްޓެހިން އިބްރާހީމް މަނިކުގެ ތިއްބަވާ. ސަބަބެއް އޮތުމުން ބަޔަކުގެ ހެޔޮއެދުން އެގޮތަށް އޮންނާނީ. ކަންތައްތައް ކުރެވިފައި ހުރިގޮތް. އެ އަޅުގަނޑުމެން މިއަދު ބަލަންވީ.

ދެންމެ ފެނުނު އެ ވީޑިއޯ މެސެޖުގައި ދަރިފުޅު އެ ވިދާޅުވީ، ވަގުތު ވަރަށް ކުޑަ ކަމަށް. އަޅުގަނޑުމެންނަކަށް ނޭނގެ، އައުމާއި، ނެތިދިޔުމާ ދޭތެރޭގައި ވަނީ ކިތައް މިނިޓް ކަމެއް، ކިތައް ސިކުންތު ކަމެއް، ކިތައް ގަޑިއިރު ކަމެއް. އަޅުގަނޑުމެން އިންސާނުންނަށް އެނގޭ އެއްޗެއް ނޫން އެއީ.

އެހެންވީމާ، އަޅުގަނޑުމެން އަބަދުވެސް އިސްކަންދޭން އެބަޖެހޭ، އަޅުގަނޑުމެން ދިރިއުޅޭ އުޅުމުގައި، މީހުންނާ ދޭތެރޭގައި އިބްރާހީމް މަނިކު އެ ބެހެއްޓެވި ކަހަލަ އޯގާތެރި ހިތަކުން އެ ރަޙްމާއި އެ ކުލުނާ އެކީގައި އެ މީހަކާމެދު ހިތަން. އެއީ، ތިމާގެ މީހަކަށްވިޔަސް، އަދި ތިމާގެ މީހަކަށް ނުވިނަމަވެސް، އިންސާނުން އެކަކު އަނެކަކުގެ މައްޗަށް ހަމްދަރުދީވެ، އެ އެކުވެރި ގުޅުން ބާއްވަންޖެހޭ. ޚާއްޞަކޮށް، އަޅުގަނޑުމެން ކަހަލަ މިފަދަ ސައްތައިންސައްތަ މުސްލިމް ޤައުމެއްގައި މުސްލިމުންގެ ގުޅުން އަޅުގަނޑުމެން ވަރުގަދަކުރަން އެބަޖެހޭ. ދުނިޔޭގެ އެކި ހިސާބުތަކުންވެސް ވަރަށް ނިކަމެތިކަން އަޅުގަނޑުމެންނަށް ފެނިގެން އެބަދޭ. އެހެންނަމަވެސް، ދުނިޔޭގެ މުސްލިމް ޤައުމަކަށް ދިމާވާ ކޮންމެ ނުތަނަވަސް އަދި ނިކަމެތިކަމެއްގެ ތެރެއިންވެސް އަޅުގަނޑުމެންނަށް ފެންނަ ކަމެއް އޮވޭ. ދިވެހިންގެ ގުޅުމާއެކު، އެ ފަރާތަކަށް މަދަދުވެރިކަމުގެ އަތް ދިއްކޮށްލުމުގެ އެ ޝައުޤުވެރިކަން. އަމިއްލަވަންތަކަން އޮންނަވަރުވެސް އަޅުގަނޑުމެންނަށް އެނގޭ.

އެހެންވީމާ، އަޅުގަނޑުމެން ގުޅުންތައް ދަމަހައްޓަން އެބަޖެހޭ. އެކުވެރިކަން އާލާކުރަން އެބަޖެހޭ. ޤައުމަށްޓަކައި ކުރެވެން އޮތް ކުޑަނަމަވެސް އިޚްލާޞްތެރި ޚިދުމަތްތަކެއް އަޅުގަނޑުމެން ކުރަން އެބަޖެހޭ. ޤައުމީ ވާޖިބެއްގެ ގޮތުގައި އެކަން އަޅުގަނޑުމެން ގަބޫލުކުރަން އެބަޖެހޭ. މިއީ ހަމަ އަޅުގަނޑަށް މުޅިންވެސް އަލްމަރުޙޫމް އިބްރާހީމް މަނިކުގެ ފަރާތްޕުޅުން ގަބޫލުކުރެވުނު، ފެނުނު ކަންތައްތައް ކަމަށްވީމާ އަޅުގަނޑު މިއަދު ހަމަ އެ ވާހަކަ އެގޮތަށް ދަންނަވާލަން ބޭނުންވީ.

އާދެ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ރާއްޖޭގެ ރޭޑިއޯ، ނޫނީ ދިވެހިރާއްޖޭގެ އަޑުގެ ބާނީއަކީ އޮނަރަބްލް ސަމަރުބްލޫ އިބްރާހީމް މަނިކު. އަޅުގަނޑު ގަބޫލުކުރަނީ އެތަނުގެ، އެ މަރުކަޒުގެ ނަންވެސް ކޮންމެވެސް އެއް ސިފައެއްގައި ނިސްބަތް ވާންޖެހޭނީ، އަލްމަރުޙޫމް ސަމަރުބްލޫ އިބްރާހީމް މަނިކުގެ ނަންފުޅަށް ކަމަށް. އަޅުގަނޑު އުންމީދު ކުރަން، ކުރިއަށް އޮތް ދުވަސްތަކުގައި އެގޮތަށްވެސް އެކަންތައް ވެގެންދާނެ ކަމަށް.

އާދެ، އަލްމަރުޙޫމް އިބްރާހީމް މަނިކާ ގުޅޭގޮތުން އެއްޗެއް ދަންނަވާލުމުގެ ފުރުޞަތު އަޅުގަނޑަށް ލިބުނުކަމަށްޓަކައި އަދިވެސް އެއްފަހަރު އެ ފަރާތްތަކަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އިރާދަކުރެއްވިއްޔާ، އިބްރާހީމް މަނިކަށް އެ ހެޔޮދުޢާ، އަޅުގަނޑުމެންގެ ހިތުތެރޭގައި ހަމަ އަބަދުވެސް އޮންނާނެ.

އަޅުގަނޑުގެ ދުޢާއަކީ، اللهُ سُبْحَانَهُ وَتَعَالَى އަލްމަރުޙޫމް އިބްރާހީމް މަނިކުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން.

އަޅުގަނޑަށް ނޯޓްކޮށްގެން ގެނެވުނީ ހަމަ އެ ޅެންބައިތު. އަޅުގަނޑުމެންގެ އެންމެންގެ ހެޔޮދުޢާ އޮތީ، އިބްރާހީމް މަނިކަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް اللهُ سُبْحَانَهُ وَتَعَالَى މެދުވެރިކުރެއްވުމަށް.

"ދާދި އަވަހަށް ނެތިފަނާވިޔަކަސް އަގެއް ނެތް ޖިސްމުތައް،
          ތާއަބަދު ދެމިހުންނަ ހެޔޮ ޒިކުރާއަކަށް ނިމުމެއް ނެތޭ"

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.