بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. ކައު އިތުރު ނަބިއްޔާ مُحَمَّدٌ رَّسُولُ ٱللَّهِ صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލްކުރަން.

މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީ، އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލް އަލްއުސްތާޛު ޙުސައިން ސަޢީދު، ސްކޫލްގެ މެނޭޖްމަންޓްގެ އިސް ބޭފުޅުން، ޕީ.ޓީ.އޭ.ގެ މެންބަރުންނާއި އަދި ސްކޫލް ބޯޑުގެ މެންބަރުން، ސްކޫލްގެ ހީވާގި މުދައްރިސުން، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އިސްވެރިން، މިރޭގެ އެންމެ ޚާއްޞަ ބައިވެރިން ކަމަށްވާ ސްކޫލްގެ ލޮބުވެތި ދަރިވަރުން، ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އެންމެ ފުރަތަމަ ކަމަކަށްވެސް، މިފަދަ ޙަފްލާއެއްގައި ބައިވެރިވުމުގެ ފުރުޞަތު އަޅުގަނޑަށް ދެއްވީތީވެ، ޚާއްޞަކޮށް ސްކޫލްގެ ޕްރިންސިޕަލް ޙުސައިން ސަޢީދަށާއި އަދި މި ސްކޫލްގެ އެންމެހައި އިސް ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑަށް އިސްކަންދަރު ސްކޫލް ފެންނަނީ އަބަދުވެސް ނަމޫނާ ސްކޫލެއްގެ ގޮތުގައި. ނަމޫނާ ދަރިވަރުންތަކެއްގެ ގޮތުގައި ވުމަށް ވަރަށް ބޮޑަށް ބާރުއަޅާ ސްކޫލެއްގެ ގޮތުގައި. އެނގިވަޑައިގަންނަވާނެ، މަދަރުސީ ޙަޔާތަކީ އުނގެނުމުގެ ދުވަސްވަރު. މަދަރުސީ ދުވަސްވަރު. ޅައުމުރުގައި ދަސްވާ އެއްޗެއް ތާއަބަދަށް ހިތުގައްޔާއި ސިކުނޑީގައި ދެމިހުރޭ. ކޮންމެ އިންސާނަކުވެސް އެކި އުމުރުތަކުގައި ޚާއްޞަކޮށް، އެކި ކަންތައްތަކަށް އިސްކަން ދިނުމަކީ އެއީ، އަޅުގަނޑުމެންނަށް ލިބިދީފައި އޮންނަ ފިލާވަޅަކީ. އެގޮތުން، އަޅުގަނޑު މިއަދު ހަމަ ދަރިވަރުންނަށް ދަންނަވާލަން އޮތީ، ތިޔަ އުމުރަކީ ތިއީ ފިލާވަޅުތައް ދަސްކޮށް، ޚާއްޞަކޮށް ތަޢުލީމާއި ތަރުބިއްޔަތަށް އެންމެ ބޮޑަށް އިސްކަންދީގެން މަސައްކަތް ކުރަންޖެހޭ ދުވަސްވަރޭ.

އާދެ، މިރޭ އަޅުގަނޑަށް މި ޖެހުނީ ޚާއްޞަކޮށް، ސްކޫލްގެ އެންމެ އިސް މަގާމުތަކަށް ނުވަތަ ޕޯސްޓްތަކަށް ހޮވުނު ކުދިންނަށް އެ ސެޓްފިކެޓްތައް ދޭން. ހަމައެއާއެކު، ތިޔަކުދިން
އެ އިޤުރާރުވެގެން ދިޔައިރު، އެ އިޤުރާރުގެ އަޑުއަހަން މިތާ ހުންނަ މީހެއްގެ ގޮތުގައި މިތަނަށް އަންނަން. އަޅުގަނޑު ދަންނަވާލަން އޮތީ، ތިޔަކުދިން ވަރަށް ބޮޑު އެއްބަސްވުމެކޭ
ތިޔަ އެއްބަސްވީ. އާދެ، ވަރަށް ބޮޑަށް ވިސްނަން އެބަޖެހޭ ލީޑަރޝިޕަށް. ލީޑަރޝިޕަކީ ކޮބައިކަން ކޮންމެ ކުއްޖަކުވެސް ފުންކޮށް ވިސްނާލަން ޖެހޭނެ. އާދެ، މިއަދު ތިޔަކުދިން ތިޔަ ހަވާލުވި ތި ޕޯސްޓްގެ ސަބަބުން ތަފާތު ކުދިންތަކަކަށް ވާން އެބަޖެހޭ. ސްކޫލްގައި ގާތްގަނޑަކަށް ދެހާސްވަރަކަށް ދަރިވަރުން ކިޔަވަމުންދާއިރު، އެހެން ހުރިހާ ކުދިންނަށް ނަމޫނާ ބަޔަކަށް ތިޔަ ދަރިވަރުން ވާން އެބަޖެހޭ.

އާދެ، ލީޑަރޝިޕްގެ ނުވަތަ ލީޑަރެއްގެ އެންމެ މުހިންމު ސިފަޔަކަށް މިވަނީ ހުރިހާ ޚިޔާލުތަކެއްގެ މީހުންނާ އެކީގައި އުޅެން އެނގުން. ކޮންމެ ކުއްޖެއްގެވެސް ހުންނާނެ، ވަރަށް ރަނގަޅަށް އެނގިފައި ހުންނަ ކަންތައްތަކެއް، ސިފަތަކެއް. އެ ހޯދައިގެން އެ ކަންތައްތަކާއެކު، ކޮންމެ ކުއްޖަކުވެސް ގޮވައިގެން އެކުގައި މަސައްކަތް ކުރެވޭ ލީޑަރަކަށް އެ ކުއްޖަކު ވާންޖެހޭނެ.

އާދެ، އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ މުޖުތަމަޢަކީ އެއްވެސް ކުއްޖަކު ބާކީނުކުރާ މުޖުތަމަޢެއް. ޚާއްޞަ ގޮތެއްގައި ސްކޫލްތެރޭގައި އަބަދުވެސް އިސްކަން ދޭންޖެހޭނެ، ވީހާވެސް ބޮޑަކަށް ހުރިހާ ކުދިން ޝާމިލްކޮށްގެން، ހުރިހާ ކުދިންނާ އެކުގައި އެ ކުރާ ކޮންމެ ކަމެއްވެސް ކުރަން. އާދެ، ލީޑަރެއްގެ ކިބައިގައި ނުވަތަ ތިޔަކުދިންގެ ކިބައިގައި ހުންނަންޖެހޭނެ އެންމެ މުހިންމު ސިފަތަކުގެ ވާހަކަ ދައްކާ ކަމަށްވަންޏާ އަޅުގަނޑު ހަމަ މިއަދު ދަންނަވާލަން ބޭނުން، ވަރަށް މުރާލި ކުއްޖަކަށް ވާންޖެހޭނެ. އަބަދުވެސް ކަންކަމަށް އިސްނަގާ ކުދިންތަކަކަށް ވާންޖެހޭނެ. އަވަހަށް ނިދާފައި، ފަތިހު ހޭލާ ކުދިންނަށް ވާން އެބަޖެހޭ. އަބަދުވެސް އޯގާތެރި، ވަރަށް ހިއުމިލިޓީ، ހަމްބަލް، އެހެން މީހުންނަށް އަބަދުވެސް އިސްކަންދޭ، އެހެން ކުދިންގެ ކަންތައްތަކަށް ސަމާލުކަންދޭ، އިސްކަންދޭ ކުދިންތަކަކަށް ވާން އެބަޖެހޭ. ކޮންމެ ފަދަ ކާމިޔާބީއެއް ލިބުނަސް، ކޮންމެ ކަހަލަ މަގާމެއް ލިބުނަސް، ކޮންމެ ކަހަލަ މާހައުލެއްގައި އުޅެންޖެހުނަސް، އެއްވެސް ހާލެއްގައި ފޮނިކަމާއި ކިބުރުވެރިކަން އިސްކޮށްގެން ނުވާނެ. ހަނދާންކުރަންވާނެ، ކިތަންމެ ބޮޑު ކާމިޔާބީއެއް، ކިތަންމެ ރީތި ނަމެއް ލިބުނަސް، ކޮންމެ ކަހަލަ މާހައުލެއްގައި އުޅެމުންދާ ކުއްޖަކުވެސް، ކިބުރުވެރިކަމާއި، ފޮނިކަމާއެކު އުޅެ، އެހެން މީހުންނަކީ އެއީ ބައެއްނޫންކަމަށް ދެކިގެން ނުވާނެ. ކާމިޔާބީއަކީ، ރީތިނަމަކީ ވަކި ފަރާތަކުން ދެއްވާ އެއްޗެއް.

އެހެންވީމާ، އަބަދުވެސް ހަނދާނުގައި ބަހައްޓަންވާނެ، ތިމާ އުނގެނޭ ކޮންމެ އެއްޗެއް، ލިބޭ ކޮންމެ ކާމިޔާބީއެއް، ދަސްވާ ކޮންމެ ފިލާވަޅެއް އެހެން ކުދިންނަށް ކިޔައިދޭން. އެހެން ކުދިންނަށް އަބަދުވެސް އެހީތެރިވާން ޖެހޭނެ. އެއީ ތިޔަކުދިން އަބަދުވެސް ސިކުނޑީގައި ބަހައްޓަންޖެހޭނެ ކަމެއް.

އާދެ، ހަމަ މިއާއެކު، ލީޑަރެއް ކަމަށްވަންޏާ، ނަމޫނާއެއްގެ ގޮތުގައި މީހުން ހަމަގައިމުވެސް ބަލައިގަންނާނީ މަސައްކަތްތެރި، ކަންތައްތައް ދަންނަ ބައެއް. އެހެންވީމާ، ތިޔަ އުމުރަކީ ތިއީ ޚާއްޞަކޮށް، ކަންކަން ބަލައި، ހޯދައި، ފޮތްތައް ކިޔައި، ދުނިޔޭގެ އެހެން ޤައުމުތަކާއި އަދި އަޅުގަނޑުމެންގެ ޤައުމުގައިވެސް ހިނގާ ކަންތައްތައް ހޯދައި، ބަލައި،
އެ ކަންތައްތަކާ މެދު ފުންކޮށް ވިސްނައި އަދި ތިމާގެ ނަޒަރުގައި އެ ކަންތައްތަކަށް ހޯދޭނެ އެންމެ ރަނގަޅު ހައްލަކީވެސް ކޮބައިތޯ ބަލައި، އެ ކަންތައްތައްވެސް ކުރާ އުމުރު.

އާދެ، އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން ކިޔަވަން މާލެ އައިސް، ކިޔެވުން ނިންމާފައި ވަޒީފާތަކަށް ނުކުތް ދުވަސްވަރު ކަންތައްތައް އޮތް ގޮތަކަށް ނޫން މިހާރު ކަންތައްތައް އޮތީ. އަޅުގަނޑު ހަމަ ޚާއްޞަކޮށް، ދަރިވަރުންގެ ކުރިމަތީގައި ހުރީމާ އެއްޗެއް ދަންނަވާލަން ބޭނުން. މިއަދު ހުރިހާ ގޮތަކުންވެސް ކަންތައްތައް ތަފާތު. އަޅުގަނޑުމެން މާލެ އައިސް އުޅުނު ގޮތާއި، ކިޔަވަން އުޅުނު ގޮތްތައް ކިޔައިދިނަސް އެއީ، ޤަބޫލުކުރަން ތަންކޮޅެއް އުނދަގޫ ގޮތްތަކަކަށްވެސް ވާނެ.

އެހެންނަމަވެސް، ހަމަ އެންމެ ޕޮއިންޓެއް އަޅުގަނޑު ދަންނަވާލާނަން. އަޅުގަނޑު މާލެ އައިސް ކިޔަވަން އުޅުނު ގޮތާމެދު. އަޅުގަނޑުމެން އުޅުނީ ކޮޓަރިއެއް ކުއްޔަށް ހިފައިގެން. އޭރު އުމުރުން ގާތްގަނޑަކަށް 11 އަހަރު. އެއްބަނޑު ބޭބެއެއް، 14 އަހަރުގެ ބޭބެއަކާ އެކީގައި. މައިންބަފައިންނެއް ކައިރިއަކު ނުތިބޭ. ފިލާވަޅު ދަސްކުރިތޯ ބަލާނެ މީހެއް ނުހުރޭ. މިސްކިތަށް ދާން ބުނާނެ މީހަކު ނުހުރޭ. ގޮވާލާފައި ސްކޫލަށް ދާން ބުނާނެ މީހަކުވެސް ދުވަހަކުވެސް ނެތް. އެއީ އަޅުގަނޑުމެން އެހެން ރަށްރަށުން އައިސްތިބި މީހުންނަށްވީތީވެ، މައިންބަފައިންނާ ދުރުގައި ތިބީތީވެ، އެގޮތަށް އޭރު ކަންތައްތައް އޮތީ.

ހަމަ އެއާއެކު، ވަޒީފާއަށް ނުކުންނައިރުވެސް، އޭރު ކަންތައްތައް އޮތްގޮތް ތަފާތު. މިހާރު މިއޮތް ކޮމްޕެޓިޝަނެއް އޭރު ނެތް. ވަޒީފާގެ ފުރުޞަތުތައް، އަނެއްހެން ދަންނަވާ ކަމަށްވަންޏާ، ގިނަ ވަޒީފާތަކެއް ނެތް. ފުރުޞަތު އޮތް ނަމަވެސް، މާގިނަ ވަޒީފާތަކެއް އޭރަކު ނެތް. އެހެންނަމަވެސް، މިއަދު މުޅިން ތަފާތު. މިއަދު ތިޔަކުދިން ކިޔަވައި ނިމިގެން، ވަޒީފާގެ ބާޒާރަށް ނުކުންނައިރު ބަލާނެ، ކޮން ކަމެއްތޯ އެނގެނީ، ކޯޗެއްތޯ ދަސްކޮށްފައި ހުރީ، ކޮން ކަމެއްތޯ ކުރަން އެނގެނީ.


އެހެންވީމާ، އަޅުގަނޑު ކުރީގައިވެސް މި ދެންނެވިހެން، މިއަދު ތިޔަކުދިން އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ މަސައްކަތްތަކެއް ދަސްކުރަން. ހުނަރުވެރި ބަޔަކަށް ވުމަށްޓަކައި ގަދައަޅައި މަސައްކަތްކުރަން އެބަޖެހޭ. ޤައުމަށް ޚިދުމަތް ކުރެވޭނީ، މަސައްކަތެއް ކުރެވޭނީ، ކޮން ކަންތައްތަކެއް އެނގިގެންކަން، ދަސްކޮށްގެންކަން މިއަދު ބަލަން އެބަޖެހޭ.

އަޅުގަނޑަށް އެނގޭ، މިއަދު ކިޔަވާކުދިންނާ އަޅުގަނޑުމެން ކިޔަވަން އުޅުނު ދުވަސްވަރާވެސް މުޅިން ތަފާތު. މުޅިން އެހެން ޖެނެރޭޝަނެއް. ވަސީލަތްތައް މާގިނަ. ބޭނުންވާ ކޮންމެ މަޢުލޫމާތެއް ވަގުތުން ވަގުތަށް މިއަދު ހޯދޭ. ގިނަ ކަންތައްތައް ދަސްވެސް ކުރެވޭ ފަސޭހަކަމާއެކު. އެހެންވީމާ، ތިޔަކުދިން މިއަދު ވިސްނަންވާނެ، ތީގެތެރެއިން ހަމަ ކޮންމެ ކުއްޖަކީވެސް މި ޤައުމަށް ބޭނުންތެރި ކުއްޖަކަށްވާން. އެހެންވީމާ، މިއަދު އަޅުގަނޑުމެންނަށް މި ސްޓޭޖް މަތިން ފެނިގެންދިޔަގޮތަށް، ކޮންމެ ކުއްޖަކީ ވަފާތެރި، އިޚްލާޞްތެރި، ކެތްތެރި، ތެދުވެރިކަން އަބަދުވެސް ކުއްޖާގެ ހިތުތެރޭގައި އޮންނަފަދަ ކުއްޖަކަށް ވާން އެބަޖެހޭ. ޅައުމުރުގައި ޢަޒުމް ކަނޑައެޅިއްޔާ އެކަން ވާނީ. ކުއްޖާގެ އުމުރުން މާ މައްޗަށް ދިޔައީމާ، ޗޭންޖް، އުޅުމަށް ބަދަލު ގެނައުމަކީ އެއީ، އުނދަގޫ ކަމެއް. ފަސް ނަމާދު ކުރުންވެސް، ޅަ އުމުރުގައި ބަރާބަރަށް އެކަން ކުރާ ކަމަށްވަންޏާ، ދެން ގަޑި އެލާމް ނުކުރިޔަސް ބަންގިއަށް، އެ ވަގުތަށް ހޭލެވޭ. އެހެންވީމާ، އެ ހުރިހާ ކަމަކަށް ފަރިތަކުރަން ލިބޭ ރަނުގެ ފުރުޞަތަކީ މިހާރު ތިޔަކުދިންގެ ތި އުމުރު.

އެހެންވީމާ، ވަރަށް ބޮޑަށް ލޯތްބާއެކު ހުރިހާ ދަރިވަރުންނަށް، އިސްކަންދަރު ސްކޫލްގެ ހުރިހާ ދަރިވަރުންނަށާއި އަދި ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހައި ދަރިވަރުންނަށް އަޅުގަނޑު މިއަދު ހަމަ ނަސޭހަތެއްގެ ގޮތުގައި ބުނެލަން ބޭނުންވަނީ، ތިޔަކުދިންގެ ތެރެއިން ކޮންމެ ކުއްޖަކީ މި ޤައުމަށް ބޭނުންވާ ކުއްޖެކޭ. ނަމޫނާ ކުއްޖަކަށް ވުމަށް، އެންމެ އަޚްލާޤު ރަނގަޅު މީހާއަށް، ތިމާއަކީ އެންމެ ރަނގަޅު މީހާއަށް ވުމުގެ ކޮމްޕެޓިޝަންގައި ތިޔަކުދިން ވާދަކުރާށޭ. އެންމެ އަޚްލާޤު ރަނގަޅު، އެންމެ ރަނގަޅު، އެންމެ ހިތްތިރި، މީހުންނަށް އެންމެ އަޅައިލާ، ބަސްއަހާ، ކިޔަމަންތެރި ކުދިންނަށް ވުމަށްޓަކައި ތިޔަކުދިން ގަދައަޅައި މަސައްކަތް ކުރާށޭ. އެއްގޮތަކަށްވެސް ވަގުތު ބޭކާރުކޮށް، ބޭކާރު ކަންތައްތަކާ ދޭތެރޭގައި ވިސްނުން އެއީ މިއަދު ކުރިއެރުން ލިބެންއޮތް ގޮތެއް ނޫން.

އެހެންވީމާ، ތިޔަކުދިންގެ ސްކޫލްގެ ވަގުތުތަކާއި، ގޭގައި ހޭދަކުރާ ވަގުތުތައް މުހިންމު. އަދި ރައްޓެހިން އެއީ، ވަރަށް މުހިންމު ބައެއް، ތިޔަކުދިންގެ ރައްޓެހިންނަކީ، ގާތްތިމާގެ މީހުންނަކީ ވަރަށް މުހިންމު ބައެއް. އެއީ ރަނގަޅު ރައްޓެހިން، ރަޙުމަތްތެރިންގެ ފަރާތުންވެސް ތިޔަކުދިންނަށް ލިބޭނީ ކޮންމެވެސް ރަނގަޅު އިރުޝާދެއް، ހެޔޮ ނަސޭހަތެއް. ކޮންމެވެސް ރަނގަޅު ކަމެއް ދަސްވާނީ. އެހެންވީމާ، ހޭދަކުރާ ކޮންމެ ވަގުތަކީ ޕްރޮޑަކްޓިވް ވަގުތަކަށް ހަދަންވާނެ.

އަޅުގަނޑު މިހެން މި ދަންނަވަނީ، ތިޔަކުދިންނަށް އެނގޭނެ މިހާރު ހުރި ގޮންޖެހުންތައް. ސްކޫލްގެ އެކިއެކި އިތުރު ކަންތައްތަކުގެ ތެރެއިންވެސް ވަރަށް ގިނަ ކަންތައްތަކެއް ތިޔަކުދިން މިހާރު ދަސްކުރޭ. ތިމާވެށީގެ ކަންތައްތަކަށް ބަލައިފި ކަމަށްވަންޏާ ހުރި ގޮންޖެހުންތަކާއި އަދި މުޅި ދުނިޔޭގައި ހިނގާ އެކިއެކި ހަނގުރާމަތަކާއި، އެކިއެކި ކޮންފްލިކްޓްތަކާއި، މިއިން ކޮންމެ ކަމަކުންވެސް އަޅުގަނޑުމެންނަށް ކުރިމަތިވާ ގޮންޖެހުންތައް، އަޅުގަނޑުމެންނަށް ދިމާވާ ދަތި، ހުރިހާ ކުދިންނަށްވެސް އެކަންކަން ވިސްނޭނެ.

އެހެންވީމާ، ޚާއްޞަކޮށް، ބެލެނިވެރިންގެ ބަސްއަހާ، މައިންބަފައިންގެ ޚާއްޞަކޮށް، މަންމައާއި ބައްޕަގެ ބަސްއަހާ އަދި މުދައްރިސް އެ ނަންގަވައިދެއްވާ ފިލާވަޅުތަކަށް ކަނުލައި އަޑުއަހައި، ކުދިންނަށް އެހީތެރިވެދޭ ކުއްޖަކަށް ވުމުގެ ޢަޒުމް، ކޮންމެ ކުއްޖެއްގެ ހިތުގައި އަބަދުވެސް އޮންނަން ޖެހޭނެ. އެހެންވީމާ، އެ ނަސޭހަތް އަޅުގަނޑު ތިޔަކުދިންނަށް މިރޭ ހަމަ ދޭން ބޭނުން.

އާދެ، ޕީ.ޓީ.އޭ. މެންބަރުން އަދި ސްކޫލް ބޯޑު އަދި ސްކޫލްގެ މުދައްރިސުންނާއި އަދި އެހެނިހެން ބޭފުޅުންވެސް އެބަ ތިއްބެވި. އަޅުގަނޑު ހަމަ ދަންނަވާލަން އޮތީ، އަޅުގަނޑުމެންގެ ޒިންމާ ކުޑައެއްނޫނޭ. ވެރިން ފެށިގެން ގޮސް ހުރިހާ އެންމެންނާ ހަމައަށް، ޤައުމުގެ ކޮންމެ މަސައްކަތެއް ކުރާ މީހަކީ އެއީ، ރައީސުލްޖުމްހޫރިއްޔާ ކަމުގައިވިޔަސް، އަދި އެއީ އަޅުގަނޑުމެންނަށް މުހިންމު އެހެނިހެން ކޮންމެ މަސައްކަތެއް ކުރާ، އަމިއްލަ މަސައްކަތެއް ކުރާ މީހަކު ކަމުގައިވިޔަސް، ޤައުމަށް ވަރަށް މުހިންމު. އަޅުގަނޑުމެންނަށް ވަރަށް ގިނަ ވާހަކަ ދެއްކޭ. އަޅުގަނޑުވެސް ބަލައިލިއިރު، އަޅުގަނޑަށްވެސް މި ފަސްއަހަރު ވަރަށް ގިނަ ފަހަރު ސްކޫލްތަކަށް ދެވިއްޖެ. އެކިއެކި ތަންތަނަށް ގޮސް ހަތަރުސަތޭކަ ފަންސާހަކަށް ފަހަރު މިގޮތަށް ސްޓޭޖަށް އަރައި ވާހަކަ ދެއްކިއްޖެ. އަޅުގަނޑަށް ފެނޭ، އެހެން ބޭފުޅުންވެސް ހަމަ އެކިއެކި ކަންތައްތަކާއި، ކަންބޮޑުވުން ހުރި ކަންތައްތަކާ ކޮންސަރންވެގެން ވާހަކަ ދައްކަވާ ތަން. އަޅުގަނޑުމެންނަށް ވާހަކަ ދެއްކޭނެ އަބަދުވެސް. އެއީ ކުރަން ފަސޭހަވެސް ކަމެއް. އުނދަގޫ ކަމަކީ ޢަމަލީގޮތުން އަޅުގަނޑުމެން ގެންނަންޖެހޭ ބަދަލު ގެނައުމާއި، އިޞްލާޙީ ކަންތައްތައް ކުރުން. އެއީ ތަންކޮޅެއް އުނދަގޫ ކަމަކަށްވަނީ.

އެހެންނަމަވެސް، އަޅުގަނޑު ހަމަ ދަންނަވާލަން އޮތީ، އަޅުގަނޑުމެން އެންމެންގެ ޒިންމާއެކޭ. ވަކި މަގާމެއްގައި ހުންނަ މީހެއްގެ ޒިންމާއަކީ ހަމައެކަނި އެ މަގާމުގައި ހުރެގެން އަދާކުރަންޖެހޭ ޒިންމާއެއް ކަމަށް އަޅުގަނޑުމެން ޤަބޫލުކުރާ ކަމަށްވަންޏާ، އަޅުގަނޑުމެންގެ ޤައުމު ދާނީކީ އެންމެ ރަނގަޅު މިސްރާބަކަށް ނޫން. ކޮންމެ މަގާމެއްގައި ހުއްޓަސް، އެއީ ޓީޗަރަކަށްވިޔަސް، އެއީ ނަރުހަކަށްވިޔަސް، ޑޮކްޓަރަކަށްވިޔަސް، އިންޖިނިއަރަކަށްވިޔަސް، ޕައިލެޓަކަށްވިޔަސް، ޓެކްނީޝަނަކަށްވިޔަސް، ޤައުމީ ޒިންމާ އޮންނަން އެބަޖެހޭ. ޤައުމީ ލޯބި އޮންނަންޖެހޭ. އަޅުގަނޑުމެންގެ ޤައުމިއްޔަތު ދިރުވައި، އަޅުގަނޑުމެންގެ ޤައުމީ ނިޝާނަށް ޙުރުމަތްތެރިކޮށްހިތާ ބަޔަކަށް އަޅުގަނޑުމެން ވާންޖެހޭ. ޤައުމުގައި ހިނގާ ކަންތައްތަކާ ދޭތެރޭ ކަންބޮޑުވެ، ކޮންސްޓްރަކްޓިވް ގޮތަކަށް ކަންތައްތަކާ ދޭތެރޭގައި ވިސްނައި، އަދި އެކަމަށް ސޮލިއުޝަން ހޯދައިދޭން، އޭގެ ބައިވެރިއެއްގެ ގޮތުގައި އަޅުގަނޑުމެން ވާން އެބަޖެހޭ. އެނޫން ގޮތަކަށް ކިތަންމެ ގިނަ ދުވަހެއް ވިޔަސް، ފަސްއަހަރަށްފަހު އަނެއް ފަސްއަހަރު، އެ ފަސްއަހަރަށްފަހު އަނެއް ފަސްއަހަރު، ކިތަންމެ ގިނަ ސަރުކާރުތަކެއް އަޔަސް، ކިތަންމެ ގިނަ ރައީސުންތަކެއް ބަދަލުވެގެންދިޔަޔަސް އެންމެ އެދެވޭ ނަތީޖާއެއް ނުނިކުންނާނެ.

ޙަޤީޤީ ޒިންމާ އޮންނަނީ މުޅި ރައްޔިތުންގެ. ޙަޤީޤީ ބާރުވެރިކަންވެސް އޮންނަނީ މުޅި ރައްޔިތުންނަށް. ދެން މިއަދު ހަމަ ޚާއްޞަކޮށް، އަޅުގަނޑުމެންގެ އިސްބޭފުޅުންނަށްވެސް އަޅުގަނޑު ދަންނަވަން ބޭނުންވަނީ، ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށްވެސް އަޅުގަނޑު ދަންނަވަން އޮތީ، އަޅުގަނޑުމެންނަކީ ތަހުޒީބު މުޖުތަމަޢެއްގެ ބައެއްކަން، އަދި އެންމެ ތަހުޒީބު އެންމެ ތަރައްޤީވެފައިވާ މީހުންގެ އެ މާހައުލު ދައްކައިދޭން އަޅުގަނޑުމެންގެ ފަރުދީ ޒިންމާ އަޅުގަނޑުމެން އަދާކުރަން އެބަޖެހޭކަން.

އަޅުގަނޑު މިހެން މި ދަންނަވަނީ މަގުމަތީގެ ސާފުތާހިރު ކަމާއި، އަޅުގަނޑުމެންގެ މޫދާއި، ސާފު ވެށްޓާއި، ގޮނޑުދޮށްތަކާއި، މި ތަންތަނުގެ ސާފުތާހިރުކަން ދަމަހައްޓަންޖެހޭ ވާހަކަ. އަދި މަގުމަތީގައި އަޅުގަނޑުމެން ހިނގާ ބިނގާވެ އުޅުމާއި، ދުއްވުމާއި، އަދި މަސައްކަތުގެ މާޙައުލުގައިވެސް އަޅުގަނޑުމެން ބޮޑެތި މީހުން އެކަކު އަނެކަކާ މުޢާމަލާތް ކުރުމުގައި، އަޅުގަނޑުމެންވެސް އެ ނަމޫނާ ދެއްކުމުގެ ވާހަކަ. އަޅުގަނޑުމެންގެ ވަގުތުތައްވެސް ޕްރޮޑަކްޓިވްކޮށް ބޭނުންކޮށް ޤައުމަށްޓަކައި، ރައްޔިތުންނަށްޓަކައި، ތިމާވެށްޓަށްޓަކައި، އަޅުގަނޑުމެންގެ ރައްކާތެރިކަމަށްޓަކައި އަޅުގަނޑުމެން މަސައްކަތްކުރަން އެބަޖެހޭ. އެހެންނޫން ކަމަށްވަންޏާ ކިތަންމެ ގިނަ ބަޔަކު ބަދަލުވިޔަސް، އަޅުގަނޑު ކުރީގައިވެސް ދެންނެވި ގޮތަށް، ފަސްއަހަރަށްފަހު އަނެއް ފަސްއަހަރެއް ބަދަލުވެގެންދިޔަޔަސް، އަޅުގަނޑުމެން ހަމަ ކަންތައްތައް ރަނގަޅު ނުކުރާ ކަމަށްވަންޏާ ރަނގަޅެއް ނުވާނެ. އެހެންވީމާ، އަޅުގަނޑު ހިތަށްއެރީ މި ވާހަކަ ހަމަ ދަންނަވާލާނަމޭ.

އަޅުގަނޑަށް އެނގޭ، ޕްރިންސިޕަލް މިރޭ މިހާ ކުލަގަދަކޮށް މި ޙަފްލާ މި ބޭއްވެވީ ކީއްވެގެންކަން. އަޅުގަނޑަށް ހަމަ އެ ސިޓީ އައި ހިސާބުން އަޅުގަނޑަށް ވަރަށް ރަނގަޅަށް އެކަން ވިސްނިއްޖެ. އެއީ، އަޅުގަނޑަށް މިގޮތަށް ދެން މި ސްޓޭޖަށް ނޭރިދާނެތީ، ހަމަ ޙުސައިން މި ސްކޫލަށް އަޅުގަނޑު ގެނައީކަމަށް އަޅުގަނޑު ޤަބޫލުކުރަނީ. އަދި އަޅުގަނޑު ވަރަށް އުފާކުރަން. އަޅުގަނޑު ޤަބޫލުކުރަނީ އެއީ އަޅުގަނޑަށް ހަމަ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށް.

އާދެ، ނިންމާލުމުގެ ކުރިން ޚާއްޞަކޮށް، އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ބޭނުން. މިއަދުވެސް އަޅުގަނޑަށް މާލޭ އޭރިޔާގެ ޙުސައިން ނޫން އެހެން ހުރިހާ ޕްރިންސިޕަލުންނާ ބައްދަލުވި. ހަވީރު ދިޔަ ތަނަކުން ޙުސައިން ނުފެނުނީމަ، ޙުސައިން ކޮބައިތޯ އަޅުގަނޑު އަހައިލިން. އެންމެ ގިނައިން އަޅުގަނޑާ ބައްދަލުވީ މާލޭ އޭރިޔާގެ ޕްރިންސިޕަލުންނާ. ދެން އެއާއެކު ޓީޗަރުން، މާލެއިންނާއި ރާއްޖޭގެ އެކިއެކި ރަށްތަކުން. އަބަދުވެސް އަޅުގަނޑަށް ފެނިގެންދިޔަ ޓީޗަރުން އަދި ޚާއްޞަކޮށް، ޕްރިންސިޕަލުންގެވެސް ފޯވަޑް ތިންކިންގ. ކުރިއަށްދިޔުމުގެ ވިސްނުން، އިސްލާޙް، ހެޔޮ ގޮތްގޮތަށް ކަންތައްތައް އަނބުރާލުމުގެ ވިސްނުން ގެންގުޅުއްވާ ތަން. އެހެންވީމާ، ތިޔަބޭފުޅުން ކުރައްވާ ބުރަ މަސައްކަތް އަޅުގަނޑުމެން ވަރަށް ބޮޑަށް ފާހަގަކުރަން.

އެނގިވަޑައިގަންނަވާނެ، މި ނިމިގެން މިދާ ފަސްއަހަރުގައިވެސް ތަޢުލީމީ ދާއިރާއިން ގިނަ މަސައްކަތްތަކެއް ކުރެވުނު. މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީ އަދި ޓީމުގެ ހިތްވަރާއެކު އަޅުގަނޑުމެންނަށް ތަފާތު އެކި ކަންތައްތައް، އޭގައި އެއްފަރާތުގައި ތިޔަބޭފުޅުން ތިއްބަވައިގެން ކުރިއަށް ގެންދެވުނު. ސްކޫލްތަކާއި، އަދި ވަސީލަތްތަކާއި އަދި އިތުރު މީހުން ހޯދުމަށް ޓްރެއިން ކުރުމާއި، ހަމަ މި ސްކޫލްގެ، މި ސްޓޭޖްގައި ހުރެގެން އަޅުގަނޑުމެން ހަނދާން އެބަހުރި، ޕްރިންސިޕަލުން ތަމްރީނުކުރުމުގެ ލިޔުންތައް އަޅުގަނޑުމެން ހަވާލުކުރިން.

ޕްރިންސިޕަލުން ތަމްރީނު ކުރުމުގެ ޕްރޮގުރާމެއްވެސް އަޅުގަނޑުމެންނަށް ކުރިއަށް ގެންދެވުނު. އަދި ހަމަ އެއާއެކު، ޚާއްޞަކޮށް، ސްކޫލްގައި މަސައްކަތް ކުރައްވާ އެންމެހައި މުވައްޒަފުން އަޅުގަނޑުމެންނަށް ވަރަށް މުހިންމު. ހުރިހާ މުވައްޒަފުންނަކީ އަޅުގަނޑުމެންނަށް މުހިންމު ބައެއް. އެމީހުންގެ ވަގުތުވެސް ސްކޫލްގެ މާހައުލުގައި ވީހާވެސް ފަސޭހަގޮތަކަށް ހޭދަކުރެވޭނޭ ގޮތަށްވެސް، އަލަށް ހަދާ ހުރިހާ ސްކޫލެއްގައި އަޅުގަނޑުމެން އެ ޑިޒައިނަށް ބަދަލުގެނެސް، އެ ކަންތައްތައްވެސް ކުރިޔަށް އެބަ ގެންދަން.

އަޅުގަނޑުގެ އުންމީދަކީ މިއިން ކޮންމެ ކަމެއްވެސް އިރާދަކުރެއްވިއްޔާ ނުހުއްޓި، އެކަން ކޮންޓިނިއު ވެގެންދާނެ ކަމަށް. އަޅުގަނޑު އުންމީދު ކުރަނީ، އިރާދަކުރެއްވިއްޔާ އަދި އަޅުގަނޑުމެން ވިސްނާފައި އޮތް ގޮތަށްވުރެ މާ ރަނގަޅަށްވެސް އެ ކަންތައްތައް ކުރުމުގެ ވިސްނުން ނެރޭނެ ކަމަށް. ދެން އަންނަ ބަޔަކު އަބަދުވެސް ވިސްނާނެ ކަންތައްތަކާމެދު. އެހެންވީމާ، ގިނަ ފިލާވަޅުތަކެއްވެސް ލިބޭނެ. ކުރީގައި ކަންތައްތައް ކޮށްފައި އޮންނަ ގޮތުންވެސް އަނެއްކާ އިތުރު ތަޖުރިބާތަކެއް ކުރެވޭނެ. އެހެންވީމާ، އަބަދުވެސް ކުރިޔަށް މި އޮންނަނީ ކަންތައްތައް ރަނގަޅު ވުމަށް.

ދެން އަޅުގަނޑު ހަމަ ނިންމާލުމުގެ ކުރިން ޚާއްޞަކޮށް، ތިޔަބޭފުޅުން، ޕްރިންސިޕަލުން، ޓީޗަރުން، ސްކޫލްގެ މުވައްޒަފުން އެ ބަހައްޓަވާ އޯގާތެރިކަން، އެ ބަހައްޓަވާ ގާތްކަން އެ ޓީމް ވާރކްއެއްގެ ގޮތުގައި ތިޔަބޭފުޅުން އެ ދެކިވަޑައިގަންނަވާ ކަންތައް ފާހަގަކޮށް، ހުރިހާ ބޭފުޅުންނަށް އަދި ސްކޫލް ބޯޑުގެ ބޭފުޅުންނާއި އަދި ޕީ.ޓީ.އޭ.ގެ ބޭފުޅުންވެސް މީގައި ޝާމިލްވާގޮތަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް ފެންނަނީ އަޅުގަނޑުމެންގެ އުޖާލާ މުސްތަޤްބަލެއް. އަޅުގަނޑުމެންގެ ތަޢުލީމީ ޙަޔާތް އަދި ރާއްޖޭގެ ތަޢުލީމީ ނިޒާމު އިރާދަކުރެއްވިއްޔާ ދާނީ ހަރުދަނާވަމުން، ފުޅާވަމުން. އަބަދުވެސް އެ އޮންނަ ސަރުކާރަކުން ތަޢުލީމަށްޓަކައި، ތަޢުލީމީ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި ކުރަންޖެހޭ އެއްވެސް ކަމެއް، ހަމަ އެއްވެސް ކަމެއް ނުކޮށް އިރާދަކުރެއްވިއްޔާ ދޫކޮށެއްނުލާނެ. ޤައުމުގެ މުސްތަޤްބަލަށް އަޅުގަނޑުމެން މިއަދު ބަލައިފި ކަމަށްވަންޏާ މިހާރު މިތިބީ ގާތްގަނޑަކަށް ނުވަދިހަ ހަތަރުހާސް ދަރިވަރުން. މިއީ ހަމަ ޤައުމުގެ މުސްތަޤްބަލް. އަޅުގަނޑުމެން އެންމެން މިތިބީ ތިޔަ ދަރިވަރުންނަށް، މާދަމާގެ ޤައުމު ހިންގަން ތިބި ދަރިންނަށް މަޑުކޮށްގެން.

އަޅުގަނޑުގެ ދުޢާއަކީ اللَّـهُ سُبْحَانَهُ وَتَعَالَىٰ އަޅުގަނޑުމެން އެންމެން ކުރާ މަސައްކަތުގައި ބަރަކާތްލެއްވުން. އަޅުގަނޑުމެންގެ މި ވެށްޓަކީ ހިމާޔަތް ކުރެވިފައިވާ، ހުރިހާގޮތަކުންވެސް ރައްކާތެރި ވެށްޓެއްގެ ގޮތުގައި ލެއްވުން. ދިވެހި ޤައުމާއި ރައްޔިތުންނަށް ފާގަތި، އުފާވެރި، ތިޔާގި ދުވަސްތަކެއް ލައްވާށި. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.