بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. ކައު އިތުރު ނަބިއްޔާ مُحَمَّدٌ رَّسُولُ ٱللَّهِ صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލްކުރަން.

ވިލާ ކޮލެޖުގެ ރެކްޓަރ ޑޮކްޓަރ އަޙްމަދު އަންވަރު، މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑޮކްޓަރ އިބްރާހީމް ޙަސަން، ދައުލަތުގެ ވަޒީރުން، ޔުނވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑްގެ ވައިސް ޗާންސެލަރ ޕްރޮފެސަރ ސަރ ސްޓީވަން ވެސްޓް، ވިލާ ކޮލެޖުގެ ވައިސް ރެކްޓަރ ޑޮކްޓަރ ޢަލީ ނަޖީބު، ވިލާ ކޮލެޖުގެ މެނޭޖްމަންޓުގެ އެންމެހައި ބޭފުޅުން، އަދި ހީވާގި މުވައްޒަފުން، މި ޙަފްލާގައި ބައިވެރިވެވަޑައިގަންނަވާ އިންޑަސްޓްރީގެ އެންމެހައި ލީޑަރުން، ޚާއްޞަކޮށް މިރޭގެ ޝަރަފުވެރިން ކަމުގައިވާ އެވޯޑް ވިނާރސް، އަދި އެފަރާތްތަކުގެ ބެލެނިވެރިން، މި ޙަފްލާއަށް ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އަޅުގަނޑުގެ އެންމެ އިސް ވާޖިބެއް ކަމުގައި ދެކެނީ އަދި އަޅުގަނޑަށް އެންމެ ބޮޑު އުފަލެއް ލިބޭ ކަމަކީ، މިރޭ މި ޙަފްލާގައި ރަން ވަނަތަކެއް ހޯއްދެވި އެންމެހައި އެވޯޑް ވިނަރސްއަށް، އެ ހޯއްދެވި ކާމިޔާބީއަށްޓަކައި ޝުކުރު ދަންނަވައި އަދި ތަހުނިޔާއާއި މަރުޙަބާ ދެންނެވުން. އަދި ހަމަ އެއާއެކު، އަޅުގަނޑަށް މަޢުލޫމާތު ލިބުނު ގޮތުގައި، ގިނަ އަދަދެއްގެ ދަރިވަރުން ވެގެންދިޔައީ ވަޒީފާވެސް އަދާކުރައްވަމުން، ވަރަށް ބުރަ މަސައްކަތްތަކެއްވެސް ކުރައްވަމުން، ކިޔެވުމުގެ ކަންތައް ކުރިއަށް ގެންދެވި ބަޔަކަށް. އާދެ، މިހާހިސާބަށް އާދެވުމުގައި، މި ކާމިޔާބީ ހާސިލުކުރުމުގައި އަޅުގަނޑު ގަބޫލުކުރަނީ، ވަރަށް ބޮޑު އެހީތެރިކަމެއް ޢާއިލާގެ ފަރާތުން ލިބިފައިވާނޭ ކަމަށް. އެހެންވީމާ، ތިޔަ ހުރިހާ ދަސްވެނިންގެ ޢާއިލާތަކަށް އަޅުގަނޑު ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން.

އާދެ، އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް މިއީ، ޙަޤީޤަތުގައި މި ޝަރަފު ލިބޭ ކަމަކީ. މިކަހަލަ ޙަފްލާތަކުގައި ޚާއްޞަކޮށް އެކެޑަމިކް އެޗީވްމަންޓްސްތައް ހޯއްދަވާ ފަރާތްތަކުގެ ކުރިމަތީގައި ހުއްޓިހުރެ އެއްޗެއް ދަންނަވާލުމުގެ ފުރުޞަތު ލިބުމަކީ އެއީ، ލިބޭ ޝަރަފެއް. އެހެންވީމާ، އަޅުގަނޑަށް ތިންވަނަ ފަހަރު ޑޮކްޓަރ އަންވަރު މި ޝަރަފު މި ދެއްވީ. އެހެންވެ އެކަމަށްޓަކައި ޚާއްޞަކޮށް މި ބޭފުޅުންނާ އެކީގައި މި ވަގުތު ހޭދަކޮށްލުމުގެ މި ފުރުޞަތު ލިބުނީތީ، ވިލާ ކޮލެޖުގެ ރެކްޓަރ ޑޮކްޓަރ އަންވަރު އަދި މެނޭޖްމަންޓުގެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، ވިލާ ކޮލެޖަށް 16 ވަރަކަށް އަހަރުވެގެން ދާއިރު، ދެންމެ ފެނުނު ތަފްޞީލު ވީޑިއޯ ރިޕޯޓުން ވިލާ ކޮލެޖުގެ ކާމިޔާބީއާއި އަދި ވިލާ ކޮލެޖު މުޅި ރާއްޖެއަށް، އަތޮޅުތަކަށް ފުޅާވެފައި އޮތްވަރާއި، ވިލާ ކޮލެޖާއި ދުނިޔޭގެ އެކި ޤައުމުތަކުގެ އެންމެ މަތީ ފަންތީގެ ޔުނިވަރސިޓީތަކާ ގުޅުން އޮތްވަރާއި، އަދި ވިލާ ކޮލެޖުން ހިންގާ ސަތޭކައަށްވުރެ ގިނަ ޕްރޮގްރާމްތަކުގެ ވާހަކަ އަޅުގަނޑަށް އަޑުއިވިގެން މި ދިޔައީ. ޑިގްރީ، މާސްޓަރޒް އަދި އެހެނިހެން ލެވެލްތަކުގެ ވަރަށް ގިނަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިޔަ ވާހަކަތައް އިވިގެން މި ދިޔައީ. އަޅުގަނޑަށް ހީވަނީ އަޅުގަނޑު އެ ވާހަކަތައް ނުދެންނެވި ނަމަވެސް، މިއަދު ދިވެހިރާއްޖޭގެ ހަމަ ހުރިހާ ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގޭނެ ކަމެއްހެން އެއީ.

އެހެންނަމަވެސް، ތިޔަބޭފުޅުން ތިޔަ ކުރައްވާ ބުރަ މަސައްކަތް، ވަރަށް ފޯކަސްކޮށް، ވަރަށް ބޮޑަށް އެކަމަށް ކޮމިޓް ވެގެން ކުރައްވާ މަސައްކަތްތައް އަޅުގަނޑު ފާހަގަކޮށް، ޚާއްޞަކޮށް ވިލާ ކޮލެޖުގެ ޗެއަރމަން އޮނަރަބްލް ޤާސިމް އިބްރާހީމަށާއި، އަޅުގަނޑުމެންގެ ވިލާ ކޮލެޖުގެ ރެކްޓަރ ޑޮކްޓަރ އަންވަރު އަދި މުޅި މެނޭޖްމަންޓް ޓީމަށާއި، ވިލާ ކޮލެޖުގައި މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކަށް، ލެކްޗަރަރއިންނާއި، އެކި ގޮތްގޮތުން ވިލާ ކޮލެޖުގެ އެންމެހައި ކަންތައްތަކަށް އެހީތެރިވެދެއްވާ ހުރިހާ ފަރާތްތަކަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންނަށް މިރޭގެ މި ޙަފްލާއިންވެސް އެނގިގެން މި ދިޔައީ، ފެނިގެން މިދަނީ، ދިވެހީންގެ ހިތްތަކުގައި، ޚާއްޞަކޮށް ތަޢުލީމަށް ދެވިފައި އޮންނަ ލޯބި. ރާއްޖޭގެ ރައްޔިތުންގެ، ޒުވާނުންގެ ހިތްތަކުގައި ތަޢުލީމަށް ބޮޑު ޝައުޤުވެރިކަމެއް އެބައޮވޭ. ވަކި ރަށެއް ނޫން. ވަކި އަތޮޅެއްވެސް ނޫން. ހުރިހާ ދިމާއަކަށް އަޅުގަނޑުމެން ބަލައިލިޔަސް، އަޅުގަނޑުމެންނަށް އަބަދުވެސް ފެންނަނީ، ޢިލްމަށް ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދޭ ތަން.

އާދެ، އަތޮޅުތެރޭގެ ކެމްޕަސްތަކުގައިވެސް ކިޔަވައި ވިދާޅުވި ފަރާތްތަކުންވެސް އެންމެ މަތީ ރަން ވަނަތައް މިރޭ ހޯއްދެވި. އެއިން އަޅުގަނޑުމެންނަށް ފެނިގެންދިޔައީ މާލޭ ސަރަޙައްދުގައި ކިޔަވައިދިނުމާއި، އަދި ރާއްޖޭގެ އަތޮޅުތަކުގައި އެ ޑެލިވަރ ކުރުމުގައިވެސް އެ ކަންތައްތަކަށް ތިޔަބޭފުޅުން ވަރަށް ބޮޑު ސަމާލުކަމެއް ދެއްވައިގެން ޚާއްޞަކޮށް ވަކި ސްޓޭންޑަޑެއްގައި، ވަކި ކޮލިޓީއެއް މެއިންޓެއިން ކުރެވިގެންދިޔަތަން.

އާދެ، އަޅުގަނޑު މި ދެންނެވީ، ދިވެހީންގެ ހިތްތަކުގައި ތަޢުލީމަށް އޮތް ޝައުޤުވެރިކަމުގެ ވާހަކަ. މުޅި ރާއްޖޭގައި އަހަރެއްގެ މައްޗަށް އެކިއެކި ކޮލެޖް ޔުނިވަރސިޓީތަކުން ގިނަ އަދަދެއްގެ ކުދިން ގުރެޖުއޭޓްވޭ. އާދެ، ވިލާ ކޮލެޖުގެ ވޭތުވެދިޔަ ދެ ދުވަހު، ހަ ސެޝަންގައި ގާތްގަނޑަކަށް އެގާރަ ސަތޭކައަށްވުރެ ގިނަ ކުދިން ގްރެޖްއޭޓްވެގެން މި ދިޔައީ. އަހަރެއްގެ ތެރޭގައި ރާއްޖޭގައި ވަރަށް ގިނަ އަދަދަކަށް ދަރިވަރުން އެބަ ގްރެޖްއޭޓްވޭ. ޑިގްރީ ޕްރޮގްރާމްތަކާއި، މާސްޓަރޒް ޕްރޮގްރާމްތަކާއި، އަދި ޕީ.އެޗް.ޑީ.ގެ އިތުރުން، އެކިއެކި ދާއިރާތަކަށް ސްޕެޝަލައިޒް ވެގެން، އެބަ ނުކުމޭ.

ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ އެބަ އިންނެވި. ފަސް އަހަރުވެގެން މި ދާއިރު، ވަރަށް ގިނަ ޕްރައިވެޓް އިންސްޓިޓިއުޝަންތަކާއި، ކޮލެޖްތަކާއެކުވެސް އަޅުގަނޑުމެންނަށް މަސައްކަތްތައް ކުރެވުނު. ސަރުކާރުގެ ޤައުމީ ޔުނިވަރސިޓީތަކުގެ އިތުރަށްވެސް. އަޅުގަނޑު ގަބޫލުކުރަނީ، ވޭތުވެދިޔަ ދުވަސްތަކުގައި އަޅުގަނޑުމެންނަށް ތިޔަބޭފުޅުންނާ އެކީގައި ކުރެވުނު މަސައްކަތްތަކާއި އަދި އަލަށް ތަޢާރަފުވެގެންދިޔަ އެކިއެކި ޕްރޮގްރާމްތަކުން ރާއްޖެއަށް ބޭނުންވާ، ރާއްޖެއަށް އެންމެ ބޭނުންވާ ކަންތައްތަކަށް އަޅުގަނޑުމެންނަށް ކޮންމެވެސްވަރަކަށް އެޑްރެސް ކުރެވުނު ކަމަށް.

އެނގިވަޑައިގަންނަވާނެ މިއަދު، އަޅުގަނޑުމެންނަށް ބޭނުންވަނީ ޤައުމަށް އެންމެ ބޭނުންވާ ކަންތައްތައް. ފަހަރެއްގައި އަޅުގަނޑު ކިޔަވަން ބޭނުންވާ ދާއިރާ ތަފާތުވެދާނެ. އަޅުގަނޑު ބޭނުންވާ ކަންތައްތައް ތަފާތުވެދާނެ. އެކަމަކު މިއަދު ރާއްޖޭގައި އެކި ސްޓޭޖްތަކުގައި، އޯލެވެލްއާ ހަމައަށް ކިޔަވާ ގާތްގަނޑަކަށް ނުވަދިހަ ހަތަރުހާސް ވަރަކަށް ދަރިވަރުން އެބަތިބި. ވިސްނުން ބަހައްޓަންވީ ކޮންކަމެއްތޯ ޤައުމަށް ބޭނުންވަނީ. ކޮން ފީލްޑަކުން ތިމާ ކުރިއަށް ގޮސްގެންތޯ ތިމަންނާއަށް ޤައުމަށް ޚިދުމަތްކޮށްދެވޭނީ.

އެނގިވަޑައިގަންނަވާނެ، ތަރައްޤީއާއެކު އަޅުގަނޑުމެންގެ ޤައުމު ބަދަލުވަމުން އެބަދޭ. ވޭތުވެދިޔަ ފަސް އަހަރުވެސް ގިނަގުނަ މަސައްކަތްތަކެއް މުޅި ރާއްޖޭގައި އެކިއެކި ދާއިރާތަކުގައި އަޅުގަނޑުމެންނަށް ކުރެވިއްޖެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި، އަޅުގަނޑު ގަބޫލުކުރަނީ ގިނަގުނަ މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށް. ވިސްނާލަންވީ ކަމަކީ، އަޅުގަނޑުމެންގެ އިންޑަސްޓްރީގެ، އެކިއެކި ދިމަދިމާއަށް ކިހާވަރަކަށްތޯ އަދިވެސް އިތުރަށް މީހުން ބޭނުންވަނީ.

2019 ވަނަ އަހަރު ނޭޝަނަލް ޓްރޭނިންގ ނީޑްސް، ނޫނީ އެ ރިކްއަރމަންޓް އޮތް މިންވަރު، އަޅުގަނޑުމެންނަށް ކޮންމެވެސްވަރަކަށް ބަލައިލެވުނު. އަދި އޭގެ މައްޗަށް ބިނާކޮށް، އެކިއެކި ޕްރޮގްރާމްތައް ހިންގުމުގައި އިސްކަންވެސް ދެވިގެންދިޔަ. އަޅުގަނޑު މިއަދު ހަމަ ޚާއްޞަކޮށް ދަރިވަރުންނަށް އަދި ޒުވާނުންނަށް ދަންނަވަން އޮތީ، ފޯކަސް ކުރައްވާށޭ. ތިމަންނާ އެއްޗެއް ކިޔަވައިގެން ސަނަދެއް ލިބި، ހަމައެކަނި އެ ސަނަދު ހިފަހައްޓައިގެން ނުވަތަ ގޭގައި ބާއްވައިގެން ހުންނަ މީހެއްގެ ގޮތުގައި ވެގެންނުވާނެއޭ. ސަނަދެއް ހޯދައިފި ކަމަށްވަންޏާ، އެ ސަނަދުން ހާސިލުވެފައި އޮތް އެއްޗަކާ އެއްވަރަށް މަސައްކަތްކުރަންވާނެ. އެނގިވަޑައިގަންނަވާނެ، މަސައްކަތެއް ނުކޮށް ހުރުމަކީ އެއީ، އިންސާނަކަށް ލިބޭ ދެރަކަމެއް. އެއީ ނިކަމެތިކަމެއް.

އެހެންވީމާ، ޢާއިލާއިން ހޭދަކޮށްގެން ވިޔަސް، އަދި އެހެން ސްޕޮންސަރޝިޕެއްގެ ގޮތުގައިވިޔަސް، އަދި ދައުލަތުގެ ޚަރަދުގައިވިޔަސް، ކިޔަވައިފި ކަމަށްވަންޏާ އެއީ، ކުޑަކުޑަ ކަމެއް ނޫން އެ ކުރެވެނީ. ބުރަ މަސައްކަތެއް އެ ކުރެވެނީ. އެހެންވީމާ، އޭގެ ބަދަލު ތިމާގެ ނަފްސަށްވެސް ލިބުމަކީ އެއީ، އެކަށީގެންވާ ރަނގަޅު މަސައްކަތްތަކެއް ކުރަން ނުކުތުން.

އާދެ، އެނގިވަޑައިގަންނަވާނެ، އަޅުގަނޑު ކުރީގައިވެސް ދަންނަވައިފިން، އަޅުގަނޑުމެން ހީނުކުރާކަހަލަ ބަދަލުތައް އަޅުގަނޑުމެންގެ ޤައުމަށް އަންނަ ވާހަކަ. އަޅުގަނޑުމެން ވިސްނާލައިފި ކަމަށްވަންޏާ އަޅުގަނޑުމެންނަށް މި އުޅެވެނީ މުޅި ދުނިޔޭގެ ހީނުކުރާކަހަލަ ކަންތައްތަކެއްގެ ތެރޭގައި. އެއްދިމާއަކުން އަޅުގަނޑުމެންނަށް މި ފެންނަނީ، ތިމާވެށްޓާ ގުޅުންހުރި ކަންތައްތަކެއްގެ ސަބަބުން އެއް ދިމާއަކުން ހަނަފަސްކަން. އަނެއް ދިމާއެއްގައި ފުލަޑް. އެހެން ދިމާއަކަށް ބަލައިފި ކަމަށްވަންޏާ ހޫނުވެގެން އަލިފާން ރޯވާތަން. މި ހުރިހާ ކަންތައްތަކެއް ދުނިޔެއަށް މިއަދު މިވަނީ ކުރިމަތިވެފައި. އަދި އޭގެ އިތުރަށް، އިންސާނުންގެ ޢަމަލުތަކުގެ ސަބަބުން އެކި ޤައުމުތަކަށް ދަތި އުނދަގޫ ކަންތައްތައް ކުރިމަތިވަމުން މިދަނީ.

އަޅުގަނޑުމެން މިއަދުވެސް ނޫސްތައް ބަލައިލީމާ އެނގޭ، މިއަދުވެސް ހަމަ ޙައިރާންކުރުވާ ކަހަލަ ދުވަހެއްގެ ގޮތުގައި، ދުނިޔޭގެ މިބާވަތުގެ ކަންތައްތައް ހުރީ. މި ތަނުގައި އެބަ ތިއްބެވި އިންޑަސްޓްރީޒް ލީޑަރސް. ޚާއްޞަކޮށް، ރާއްޖެއަށް ވަރަށް ގިނަ މުދާ، އެކި ކަހަލަ މުދާ އެތެރެކުރައްވާ ބޭފުޅުންވެސް މި ޙަފްލާގައި އެބަ ތިއްބެވި. އެނގިވަޑައިގަންނަވާނެ، ތަކެތި އުފެއްދުމުގައި، މިހާރު ހުރި ދަތިކަން، ސަޕްލައި ޗެއިން، އެކިއެކި ޤައުމުތަކުގެ ދެމެދުގައި މި އޮންނަ ވާދަވެރިކަމާއި ކަންތައްތަކުގެ ތެރެއިން ތަކެތި ލިބުމުގައި ހުރި ދަތިކަން. ތަކެތީގެ އަގަށް އަންނަ ބަދަލު. އެއީ އަޅުގަނޑުމެން އިނގިރޭސިވިލާތަށް ބެލިއަސް، ޗައިނާއަށް ބެލިކަމުގައިވިޔަސް، އޮސްޓްރޭލިޔާއަށް ބެލިޔަސް، ޔޫރަޕްގެ ޤައުމުތަކާއި އަދި އަޅުގަނޑުމެންގެ އެންމެ ކައިރީގައި އޮތް ޤައުމަށް ބަލައިލި ކަމަށްވިޔަސް، މި ދަތިތައް އެބަހުރި.

މިއަދު އަޅުގަނޑުމެންގެ ވިސްނުން އަޅުގަނޑުމެން ބަދަލުކުރަންޖެހޭ. ކުރީގައި ވިސްނިގޮތަކަށް ނޫން އޮތީކީ. ކޯވިޑް-19 އާ ގުޅިގެން އަޅުގަނޑުމެންނަށް ކުއްލި ޝޮކެއް ލިބުނީ. ގެއްލުންނުވާ، އޭގެ އަސަރުނުކުރާ، ހަމަ އެއްވެސް ފަރުދެއް ނެތް. އެއްވެސް ވިޔަފާރިއެއްވެސް ނެތް. އޭގެ ސަބަބުން މުޅި ޤައުމަށް، ރާއްޖޭގެ އިޤްތިޞާދަށް، ކުންފުނިތަކަށާއި، އަމިއްލަ ފަރާތްތަކަށް، ކުދި ވިޔަފާރިތަކަށާއި، ކިޔަވައިދެއްވާ ފަރާތްތަކަށާއި، އަދި އެހެނިހެން އިންޑަސްޓްރީޒްތަކަށް ބޮޑެތި ގެއްލުންތަކެއް ވެގެންދިޔަ. އަޅުގަނޑު ގަބޫލުކުރަނީ، އެކަމުން އަދިވެސް ރަނގަޅަށް އަޅުގަނޑުމެންނަށް އަރައިނުގަނެވޭ ކަމަށް.

އެހެންވީމާ، މިއަދު އަޅުގަނޑުމެން ވިސްނަންވީ ރީތި ސިފަތަކާއެކު އަޅުގަނޑުމެންގެ ދަރިން ބޮޑެތިކުރުމަށް. މަސައްކަތްތެރިކަން ދަސްކޮށްދިނުމަށްޓަކައި އަޅުގަނޑުމެން ބާރުއަޅަންވީ. އަޅުގަނޑުމެން ބަލަންވީ އަޅުގަނޑުމެންގެ ވަގުތުތައް ބޭކާރުވެގެން ނުދާނެގޮތަކަށް. އާދެ މި ވިލާ ކޮލެޖުގައިވެސް އަޅުގަނޑަށް އެނގޭ، ޤައުމަށް އެންމެ މުހިންމު ދާއިރާތައް. އިންޖިނިއަރިންގއާއި އަދި ޓެކްނިކަލް ދާއިރާތައް، ނަރސިންގ ފަދަ ވަރަށް ގިނަ ދާއިރާތަކަށް މިހާރު ފޯކަސް ކުރެވިފައި އެބަހުރިކަން. އެކިއެކި ޑިޒާރސްޓަރތަކާ ގުޅިގެން އަޅުގަނޑުމެން ރަނގަޅަށް ބަލައިފި ކަމަށްވަންޏާ، އަހަރެއްގެ ތެރޭގައި އެ ލިބޭ ގެއްލުން، ޑެމޭޖް އެތައް މިލިއަނަކަށް އެބައަރާ.

އަޅުގަނޑުމެންނަކަށް މިއަދު އަޅުގަނޑުމެންނަށް ލިބިފައި ހުރި އެއްޗަކާ ނުލައިވެސް ނޫޅެވޭނެ. ޓެކްނޯލޮޖީގެ ވަސީލަތްތައް އަޅުގަނޑުމެންނަށް ބޭނުންވޭ. ޒަމާނީ، ހައި ސްޓޭންޑަޑް އާލަތްތައް އަޅުގަނޑުމެންނަށް ބޭނުންވޭ. އަޅުގަނޑުމެންގެ ގެތަކާއި ތަންތަން ފިނިކުރަން އަޅުގަނޑުމެން ބޭނުންވޭ. އަދި އެނޫނަސް ތަހުޒީބު މުޖުތަމަޢުތަކުގައި، ތަރައްޤީވެފައިވާ ޤައުމުތަކުގައި އެހެން މީހުން އުޅޭގޮތަށް އަޅުގަނޑުމެން ދިވެހިން އުޅެން ބޭނުންވޭ. އެކަމަކު އަޅުގަނޑުމެންގެ އޮތީ ހަމައެކަނި މައިގަނޑު އިންޑަސްޓްރީއެއްގެ ގޮތުގައި ޓުއަރިޒަމް. ޕްރޮޑަކްޓިވް ބަޔަކަށް ވުމަށްޓަކައި، އަޅުގަނޑު ކުރީގައި މި ދެންނެވި ކަންތައްތަކަށް އަޅުގަނޑުމެން މަސައްކަތްކުރަން އެބަޖެހޭ. ބުރަކޮށް މަސައްކަތްކުރާ ބަޔަކަށް އަޅުގަނޑުމެން ވާން އެބަޖެހޭ. އަޅުގަނޑުމެން އެބަޖެހޭ ފައިސާ ހޯދާފައި، މަދުން ޚަރަދުކޮށްފައި، ގިނައިން ފައިސާ ރައްކާކުރާ ބަޔަކަށްވާން. އެ ނޫންގޮތަކަށް ހަމަ ސަލާމަތެއް ނެތް. މިހާރު މި އަންނަ ކަންތައްތަކުން ހަމަ ނޭނގެ، ކޮންކަހަލަ ކޮންފްލިކްޓެއްކަން ދެން އުފެދޭނީ. ކޮންކަހަލަ ދަތި ކަންތައްތަކެއްކަން ދެން އަންނާނީ. އެހެންވީމާ، ރެޒިލިއަންޓް ކޮމިއުނިޓީއެއް އަޅުގަނޑުމެން ބިލްޑްކުރަން އެބަޖެހޭ.

އަޅުގަނޑު މިއަދު ދަންނަވާލަން އޮތީ، އެނގިވަޑައިގަންނަވާނެ، ވަރަށް ބޮޑު ވާދަވެރިކަމެއްގެ ދެ ތިން މަސްދުވަސް އަޅުގަނޑުމެންނަށް ނިމިގެން މި ދިޔައީ. އެހެން ގޮތަކަށް ދަންނަވާ ކަމަށްވަންޏާ، ވެރިކަމެއްގެ ފަސްއަހަރު ނިމިގެން މިދަނީ. އަޅުގަނޑުމެން މިއަދު ވިސްނަންވީ ދެކޮޅުވެރިކަން، ނަފްރަތު، ޙަސަދަވެރިކަން ދޫކުރަން. ޙަޤީޤަތަކީ، އަޅުގަނޑުމެން ވަރަށް ގިނަ ޤައުމުތަކަށް ދާއިރު، ކާރަކަށް އަރާފައި އަޅުގަނޑުމެން ފުރަތަމަވެސް އަހާލަނީ އެމީހެއް ކައިރީގައިވެސް، އެ ޤައުމުގެ ކަންތައްތައް އޮންނަ ގޮތުގެ ވާހަކަ. އަހާލީމާ ބައެއްފަހަރު، ލަދުގަންނަފަދަ ޖަވާބުވެސް ލިބޭ. އަޅުގަނޑަށް އެބަހުރި ދިމާވެފައި. ތިމަންނާ އެހާ ދައްކާހިތްވާ ކަހަލަ ވާހަކައެއް ނޫނޭ ތިއީކީ. ތިމަންނާއަށް މުހިންމީ ތިމަންނާގެ މަސައްކަތް ކުރުމޭ. އެހެންވެސް ބުނެފައި އެބަހުރި.

އެހެންވީމާ، އަޅުގަނޑު ދަންނަވާލަން މިއުޅޭ ވާހަކައަކީ، މޮޅު ގޮތްތައް ހޯދުމަށްޓަކައި މަސައްކަތް ކުރުން އެއީ ހަމަ އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެކޭ. އަދި އަމުދުން މިފަދަ ޤައުމެއްގައި އަޅުގަނޑުމެންނަށް ބޭނުންވާ ކަމެއް އެއީ. ކޮންމެ މީހެއްގެވެސް ޚިޔާލު ހޯދުން. އެހެންނަމަވެސް، އަޅުގަނޑުމެން އެއްބައިވަންތަކަމަށް އިސްކަންދޭން އެބަޖެހޭ. އެކަކު އަނެކަކުގެ މައްޗަށް ޙަސަދަވެރިކަން ނުބާއްވާ، އެކަކު އަނެކަކަށްވެސް އެހީތެރިވުމުގެ ރޫޙު އަޅުގަނޑުމެން އަބަދުވެސް ބާއްވަން އެބަޖެހޭ.

ދެން އަޅުގަނޑު މި ވާހަކަ މި ވަރަށް މި ދަންނަވާލީ، މި ދެންނެވިހެން މިފަދަ ވާދަވެރިކަމެއްގެ ތެރެއިން މި ކަންތައްތައްވެސް ނިމި، އާ ދައުރެއްވެސް ފެށިގެންދާއިރު، އަޅުގަނޑުމެން މިއަދު ދިވެހިން، ހުރިހާ އެންމެން އެކީ މަސައްކަތްކޮށް، އަނެއްކާވެސް ރާއްޖެއާއިގެން ކުރިއަށް ދިއުމަށް އަޅުގަނޑުމެން އެންމެން އެ ފުރުޞަތު ތަނަވަސްކުރުމަށް މަސައްކަތްތައް ކުރަންޖެހޭތީ. އަޅުގަނޑުމެން ވިސްނަންވީ ޤައުމާ ދޭތެރޭގައި. ޤައުމަށް އެންމެ ރަނގަޅުވާނޭ ގޮތަކީ ކޮބައިތޯ؟ މަސައްކަތްކުރީމާތޯ؟ ކިޔަވައިދިނީމާތޯ؟ މި ކަންތައްތަކަށް ވިސްނަންވީ.

އަޅުގަނޑުގެ ވާހަކަ މިއަދު ތަންކޮޅެއް ދިގުވެސްވެއްޖެ. އެކަމަކު، ތިންވަނަ ފަހަރޭ ވިދާޅުވީމާ، އަޅުގަނޑު ދެންނެވިން، އެހެންވީމާ، އެންމެފަހު ފަހަރުތާއޭ އަޅުގަނޑަށް މި ލިބުނީ. ދެން އިތުރު ފުރުޞަތެއް އަޅުގަނޑަށް ނުލިބޭނެއޭ. ދެން ކޮންމެއަކަސް، މި މަގާމުގައި މިގޮތަށް އަޅުގަނޑަށް ދެން ތިޔަބޭފުޅުންނާ މި އަހަރު ބައްދަލުނުވެދާނެކަންނޭނގެ، ދެން އަންނަ އަހަރު ހަމަގައިމުވެސް. އެހެންވީމާ، ހިތަށްއެރީ މި ފަހަރު ޖެހޭނެޔޭ، ދެން ދައްކަން ހުރި ހުރިހާ ވާހަކަތަކެއް ދައްކަން. އަނެއްކާ މިތަނުގައި މި ތިއްބެވީ އަޅުގަނޑު ގަބޫލުކުރަނީ އިންޑަސްޓްރީޒް ލީޑަރސްއާއި، ވަރަށް ބޮޑަށް ދުނިޔެ ދެކެ ފަރިތަ، ވަރަށް ވަރުގަދަ ޢަޒުމެއްގައި، ޤައުމާ ދޭތެރޭގައި ވިސްނަވާ މޫނުތައް. އެހެންވީމާ، ދެން އަޅުގަނޑު ހިތުގައި އޮތް އެއްޗެއްވެސް އަޅުގަނޑަށް މިރޭ ހަމަ މި ދަންނަވާލެވުނީ އިނގޭތޯ.

ކޮންމެއަކަސް އެއީ ކުރަންވީ ކަމަކީ. ތިމާއަށް ކޮށްދެވޭނެ ކަމަކީ ކޮބައިތޯ ހަމަ ބަލަންވީ އިނގޭތޯ. ކޮންމެ ރީތި ނަމެއް، ކާމިޔާބީއެއް، ހަމަޖެހުމެއް، އަމާންކަމެއް، ތަނަވަސްކަނ، ޤައުމަށް ލިބިއްޖެ ކަމަށްވަންޏާ، އެއްވެސް ޝައްކެއްނެތް، އަޅުގަނޑުމެންނަށް އެ ލިބެނީ އެ. އަޅުގަނޑުމެންގެ ޢާއިލާތަކަށް. ޤައުމަށް އެއްވެސްކަހަލަ ދެރަކަމެއް ދިމާވެއްޖިއްޔާ، ދަތިކަމެއް ދިމާވެއްޖެ ކަމަށްވަންޏާ، ހަމަ ހުރިހާ ޢާއިލާތަކަށް އެ ދަތިކަން ފޯރާ. އެހެންވީމާ އެކަމަށް ވިސްނަންވީ. ފައިސާ ގިނައިން ހޯދޭނެ ވިސްނުމަކަށް ދާންވީ. ޕްރޮޑަކްޓިވިޓީ ހައި ކުރަންވީ. ހަމަ ބުރަ މަސައްކަތް ކުރަންވީ. މަސައްކަތަށް ބޮޑަށް ވަގުތު ދޭންވީ. އެ ވިސްނުމުގައި އަޅުގަނޑު ހިތަށްއެރީ، ޚާއްޞަކޮށް ދަރިވަރުންވެސް ތިބުމާއެކު، މި ވާހަކަވެސް ހަމަ ދަންނަވާލުމަކީ، އެއީ އަޅުގަނޑުގެ ވާޖިބެއް ކަމަށް. މި ކަހަލަ ވާހަކަ މިހެން އަރައި ދައްކާލުމަކީ ކުރަންޖެހޭ ކަމެއް. ނުކޮށްފިއްޔާ ކުށްވެރިވާނެ ކަމަށް އަޅުގަނޑު ޤަބޫލުކުރަނީ. އެހެންވީމާ، މިގޮތަށް އެއްޗެއް ދަންނަވާލުން މަޖުބޫރުވެސްވޭ.

އާދެ، އަޅުގަނޑު ހަމަ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، އެހެން ކަމެއްވެސް ދަންނަވާލާނަން. އިއްޔެ ގާތްގަނޑަކަށް ހައެއްކަ އެކްސިޑެންޓް ހިނގައިފި. އަޅުގަނޑާވެސް ދިމާވި އެއް އެކްސިޑެންޓާ. އަޅުގަނޑު ޕޮލިސް ސަރވިސްއިން ބަލައިލިން މިއަދުވެސް، އިއްޔެވެސް. އަބަދުވެސް އެކްސިޑެންޓްތައް ދިމާވީމާ، އެކަން ހިނގާފައި ހުންނަ ގޮތް، ޓްރެފިކް ޕޮލިސްއިން އަޅުގަނޑު ޗެކްކުރަން. ގިނަފަހަރަށް ހަމަ ސަމާލުކަން ދޭންޖެހޭ މިންވަރަށް ސަމާލުކަން ނުދެވި އޮންނަނީ. ކޮންމެވެސްވަރަކަށް ފަރުވާކުޑަކޮށްލެވެނީ. ވަރަށް ފްރީކޮށް ދާއިރު، އެހާބޮޑަށް ކޮންސެންޓްރޭޓް ނުކޮށްވެސް ދެވުމަކީ އެކަށީގެންވާ ކަމެއް. އެއީ، ކަނާތްފަރާތުގައިވެސް، ވާތްފަރާތުގައިވެސް، ކުރިމަތީގައިވެސް، ފަހަތުގައިވެސް، ސައިކަލެއްގައިވިއްޔާ އިންނާނީ ރައްޓެއްސެއް. އެއީ ކުޑަކުޑަ ކޮމިއުނިޓީއަކަށްވީމަ އެގޮތަށް މި އޮންނަނީ.

އެހެންނަމަވެސް، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުން، ހަމަ ޚާއްޞަކޮށް ވިލާ ކޮލެޖުގައި އަޅުގަނޑުމެންނަށް ވަރަށް ގިނަ ފަހަރު މަތިން ވާހަކަ ދެކެވިއްޖެ، އެކިއެކި ސޯޝަލް ކަންތައްތަކާ ގުޅޭގޮތުންވެސް. މައްސަލަތައް ހައްލުކުރުމަށްޓަކައި އެކިއެކި ހޯދުންތަކާއި، ކަންތައްތައް ކުރާނެ ގޮތްތަކުގެ ވާހަކަ، ވިލާ ކޮލެޖުގެ ރެކްޓަރ އަދި ބޭފުޅުންނާވެސް ވަރަށް ގިނައިން އަޅުގަނޑުމެންނަށް ހަމަ ދެއްކުނު. ޤައުމުގެ މި ބާވަތުގެ ކަންތައްތައް ހައްލު ކުރުމަށްޓަކައި ކޮންގޮތެއްތޯ އެންމެ ރަނގަޅީ. މި ޤައުމުގައި ހުރި ޑްރަގު، މަސްތުވާތަކެތީގެ މިކަހަލަ މައްސަލަތަކާއި އަދި އެނޫންވެސް އަޅުގަނޑުމެންގެ މުޖުތަމަޢެއްގައި އޮވެގެން ނުވާނެ ކަންތައްތައް.

އަޅުގަނޑު ވަރަށް ކަންބޮޑުވޭ، މިހިނގާ އެކްސިޑެންޓްތަކުގައި، ގިނަ އަދަދެއްގެ ބަޔަކު ނިޔާވެގެން ހިނގައްޖެ. ދުނިޔެ ދޫކޮށްފި. އަދި އެތައް ބަޔަކު ގާތްގަނޑަކަށް ހަމަ މުޅި އުމުރަށް ނުކުޅެދުންތެރިކަން ހުންނަ މީހެއްގެ ގޮތުގައި މީހާ ބަދަލުވެއްޖެ. ޖަސްޓް ދަ މެޓަރ އޮފް ފިއު ސެކަންޑްސް، މެޓަރ އޮފް ފިއު ސެކަންޑްސް. އެހެންވީމާ، މިކަމަށް އެބަޖެހޭ ވިސްނަން. އަޅުގަނޑަށް ރަނގަޅީ މިކަމާ ގުޅޭ އެވެއަރނަސް ޕްރޮގްރާމްތަކެއްވެސް ވިލާ ކޮލެޖުން ހިންގަވައިދެއްވިއްޔާ. އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް އެއީ. އަޅުގަނޑުމެން ގާތްގަނޑަކަށް 15 ވަރަކަށް ޕްރޮގްރާމް ހިންގައިފި. ދެން މިއަދު އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް، ވިލާ ކޮލެޖުންވެސް މިކަމަށް، ޚާއްޞަކޮށް އެކެޑަމިކް ބޭފުޅުންވެސް އަޅުގަނޑުމެން ކޮންމެ ފަހަރަކު އެހެން ބުނެލާ އެއްޗެއް ގަބޫލުކުރާވަރަށްވުރެ ބޮޑަށް، ފަހަރެއްގައި އެކެޑަމިކް، ޢިލްމީ ބޭފުޅުން، އެހެން ވިދާޅުވީމާ ގަބޫލުކުރަން ފަސޭހަވާނެ. އެއީ ސިޔާސީ ކަންތައްތަކުގައި އުޅޭއިރު، ބައެއްފަހަރު ދިމާވާ އެކަހަލަ ޑިސްއެޑްވާންޓޭޖްތައްވެސް ހުރޭ. އެހެންވީމާ، އަޅުގަނޑުގެ ހަމަ ވަރަށް ބޮޑު އެދުމެއް މިކަމަށް ހަމަ ސަމާލުކަން ދެއްވުން.

ކަނޑުމަތީގައިވެސް ކަންތައްތައް ދިމާވަނީ. 99 ޕަސެންޓް ވޯޓަރ. އެކަމަކުވެސް ކަނޑުމަތީގައި ހަމަ ދެ ލޯންޗުވެސް ޖެހެނީ މާކަނޑުގައި. މިއީ އަޖައިބެއް. އަޖައިބެއް ކަހަލަ ކަމެއް މިއީ އިނގޭތޯ. ނެރުމަތީގައި ޖެހެނީ. ކަނޑުމަތީގައި ޖެހެނީ. މާކަނޑުގައި ޖެހެނީ ދެ ލޯންޗު. މީހުން ހަމަ މަރުވަނީ އިނގޭތޯ. އެހެންވީމާ، މިކަމަށް ވިސްނަން އެބަޖެހޭ. މިކަމުގައި ޢާއިލާތަކަށް ކުރާނެ އަސަރު، އަޅުގަނޑަށް ހަމަ އިޙްސާސް ކުރެވޭތީ، އެ ހިތާމަ އަޅުގަނޑަށް ފެނިފައި ހުރީތީވެ. މިހާރުވެސް އައި.ސީ.ޔޫ.ގައި ވެއްޖެ އެއް ބޭފުޅަކު. އެހެންވީމާ، ދުއްވުމުގައިވެސް ބަލަން އެބަޖެހޭ. މަގު ހުރަސް ކުރުމުގައިވެސް ބަލަން އެބަޖެހޭ. ހިނގާ މީހުންވެސް ބަލަން އެބަޖެހޭ. އަޅުގަނޑުމެންގެ ގޯޅިތަކާއި، މަގުތައް ވަރަށް ކުޑަކުޑަ. ދުއްވަން ހުރި އެއްޗެތި މާގިނަ. ބައެއްފަހަރު ހީވޭ، މީހުންނަށްވުރެ ގިނައީ މިހާރު ދުއްވާ އެއްޗެތިހެންވެސް މަގުމަތީގައި. އެހެންވީމާ، މިކަމަށް ތިޔަބޭފުޅުން ވިސްނާވަޑައިގަންނަވާ.

އާދެ، ނިންމާލުމުގެ ކުރިން އަދިވެސް އެއްފަހަރު އަޅުގަނޑު ފާހަގަކޮށްލަން. އަޅުގަނޑު ހިތްހަމަޖެހުނު އެއް މަންޒަރަކީ، ވަރަށް ގިނަ އަންހެން ބޭފުޅުން ސްޓޭޖަށް އަރައިވަޑައިގެންނެވުން. އެއިން އެނގޭ އެއްޗަކީ ވިމެން އެމްޕަވަރމަންޓް. އެ އޮޕަޗުނިޓީސް އިތުރަށް ލިބިގެންދާކަން. އަޅުގަނޑަށް ހީވަނީ ރަނގަޅު ކަމެއްހެން އެއީ. ޤައުމުގެ މުސްތަޤްބަލަށްޓަކައި އަންހެން ބޭފުޅުންނަށް ގިނަ ފުރުޞަތުތައް ހުރިހާ ތަނަކުންވެސް ލިބެންވީ. ރައްޔިތުންގެ މަޖިލީހުންވެސް ލިބެންޖެހޭ. ތިން ހަތަރު ބޭފުޅުންނެއް ނޫން ތިބެންވީކީ. ކައުންސިލްތަކުގައި މިހާރުވެސް އެބަ ތިއްބެވި. މުޅި ޤައުމުގެ ހުރިހާ ދާއިރާތަކުން ލިބެންޖެހޭ ނޫންތޯ. ގްރެޖްއޭޓް ވެގެންދާއިރު އަންހެން ބޭފުޅުންނަކީ 70 ޕަސެންޓް އިނގޭތޯ. ދެންމެ ވައިސް ރެކްޓަރ ވިދާޅުވި އަދަދު. އެހެންވީމާ، މިއީ އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް.

އަޅުގަނޑަށް އެބަ ފެނޭ، އިންޑަސްޓްރީ ބޭފުޅުން. ދަންނަވާލަން އޮތީ، ތިޔަބޭފުޅުންވެސް ކުރިއަށްވުރެވެސް ބޮޑު އިސްކަމެއް، ސަމާލުކަމެއް އެ ބޭފުޅުންނަށް ދެއްވާށޭ. ޚާއްޞަކޮށް، އަންހެން ބޭފުޅުންނަށް ފުރުޞަތު ދެއްވުމަށް. އަޅުގަނޑަށް ހީވަނީ ސިކުނޑި މާ ރަނގަޅުވާނެހެން. ކުންފުނިތައް ހިނގާގޮތް އަޅުގަނޑަށް ހީވަނީ މާ ރަނގަޅުވާނެހެން. ފައިދާ މާ ބޮޑުވާނެ. ޕްރޮފިޓް ބޮޑުވާނެ. ދެން ވަރަށް ގިނަ ވާހަކަ އަޅުގަނޑު މި ދެންނެވީ އިނގޭތޯ. ކުރުގޮތަކަށް މި ދެންނެވީ ޕްރޮފިޓް މާ ބޮޑުވާނެ، އަންހެން ބޭފުޅުންނާ ހަވާލުކޮށްލައްވާ.

އާދެ، ނިންމާލުމުގެ ކުރިން، އަދިވެސް އެއްފަހަރު ހުރިހާ ދަރިވަރުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ތަހުނިޔާ ދަންނަވަން. ޢާއިލާތަކަށް ވަރަށް ބޮޑަށް އަޅުގަނޑު ޝުކުރު އަދާކުރަން. ވިލާ ކޮލެޖުން ޚާއްޞަކޮށް އަޅުގަނޑާ ދޭތެރޭގައި، ޑޮކްޓަރ އަންވަރު، އެ ބަހައްޓަވާ ގާތްކަމަކީ އެއީ، އަޅުގަނޑަށް މިހެން ޝުކުރު އަދާކުރުމަކުން އަދި ނިންމާލެވޭވަރު ކަމެއްވެސް ނޫން. އެއަށްވުރެ މާ ރަނގަޅަށް އަޅުގަނޑާ ދޭތެރޭ ދެކެވަޑައިގަންނަވަނީ. އަޅުގަނޑު ގުޅާލާ ކޮންމެ ފަހަރަކު ފޯނު ނަންގަވާ. ރައީސް އޮފީހަށް ވަރަށް ގިނައިން ވަޑައިގަންނަވާ. ވަރަށް ގިނަ އިރުޝާދު ދެއްވާ. ވަރަށް ގިނަ ލަފާ ދެއްވާ އަޅުގަނޑަށް. އަދި ވިލާ ކޮލެޖުގެ ޓީމުންވެސް އަޅުގަނޑާ ދޭތެރޭ ވަރަށް އޯގާތެރިކޮށް، ވަރަށް ހިތްހެޔޮކޮށް އަބަދުވެސް ކަންތައްތައް ކުރައްވާ. އަދި އަޅުގަނޑަށް މި ފެންނަ އިންޑަސްޓްރީ ލީޑަރުންވެސް، ތިޔަބޭފުޅުން ވަރަށް ރަނގަޅު. ދެން އަޅުގަނޑު ކީކޭތޯ ދަންނަވާނީ. ޝުކުރިއްޔާއަކުން އަޅުގަނޑަކަށް ނުފުދޭނެ. އެހެންވީމާ، އަޅުގަނޑު އެހެން ނުދަންނަވަން އަޞްލު މި ހުންނަނީ.

އާދެ، މިއީ ލިބުނު ޝަރަފެއް. ވަރަށް ބޮޑު ފަޚުރެއް. ޤައުމުގައި މަސައްކަތް ކުރައްވާ، ޤައުމަށް ހެޔޮއެދިވަޑައިގަންނަވާ ބޭފުޅުން، އަޅުގަނޑު ކުރިމަތީގައި ތިޔަ ތިއްބެވީ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެންމެން އެކުގައި ކުރާނީ ޤައުމީ މަސައްކަތް. ޤައުމައިގެން ކުރިއަށްދިޔުން. ޤައުމުގެ ސުލްޙަމަސަލަސްކަން ޤާއިމުކުރުން. އަމާން، ހަމަޖެހޭ މުޖުތަމަޢެއް، ތަނަވަސްކަން، ފައިސާގެ ތަނަވަސްކަން އިތުރުކުރުން. ޚަރަދު ކުޑަކުރުން. އިތުރަށް ސޭވްކުރުން. އެ މަސައްކަތް ދެން އަޅުގަނޑުމެން ކުރާނީ. ރައްކާތެރި އަމާން މަގުތަކެއް ޤާއިމުކުރުން. ކަނޑުމަތިވެސް އަމާންވުން. އަޅުގަނޑުމެންގެ ހިތުގެ ޢަޒުމަކީ އެއީ.

އަޅުގަނޑު އެދެނީ ވިލާ ކޮލެޖުން ތިޔަބޭފުޅުން ކުރިއަށް ގެންދަވާ ހުރިހާ ކަމެއްގައިވެސް ފުރިހަމަ ކާމިޔާބީއަށް.

اللَّـهُ سُبْحَانَهُ وَتَعَالَىٰ އަޅުގަނޑުމެން އެންމެން ކުރާ މަސައްކަތުގައި ބަރަކާތް ލައްވާށި. އަޅުގަނޑުމެންގެ ދަރިންނަކީ ދިވެހި ޤައުމު ދެކެ ލޯބިވާ، ޤައުމަށް ޚިދުމަތްކުރާ، މައިންބަފައިން ދެކެ ލޯބިވާ، ދަރިން ދެކެ ލޯބިވާ، އިންތިހާއަށް ޞުލްޙައަށް ލޯބިކުރާ ބައެއްގެ ގޮތުގައި ލައްވާށި. ރާއްޖެއަށް ފާގަތި ދުވަސްތަކެއް މިންވަރު ކުރައްވާށި. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.