ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް އެލް.ސީ ހުޅުވުމުގައި ދަތިތަކެއް ކުރިމަތިވަމުންދާ ކަމުގެ މަޢްލޫމާތު ލިބިވަޑައިގަތުމާ ގުޅިގެން، އެކަމާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު ވާހަކަފުޅު ދައްކަވައިފިއެވެ. އެލް.ސީ ހުޅުވުމުގައި ދަތިތަކެއް ކުރިމަތިވުމަކީ، އެކަމުން ރާއްޖޭގެ ވިޔަފާރިއަށް ނޭދެވޭ އަސަރުތަކެއް ފޯރައި، ތަކެތީގެ އަގު ބޮޑުވެ، އިތުރު މައްސަލަތައް ނުކުމެދާނެ ކަމެއްކަން މިއަދުގެ ޖަލްސާގައި މެންބަރުން ފާހަގަކުރެއްވިއެވެ.

މިކަމާބެހޭ މަޢްލޫމާތު ދެއްވަމުން، މިއަދުގެ ޖަލްސާގައި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ޢަލީ ހާޝިމް ވިދާޅުވީ، އެލް.ސީ ހުޅުވުމުގައި ދަތިތަކެއް ކުރިމަތިވާ މައްސަލައިގައި، އެމިނިސްޓްރީގެ ފަރާތުން މާލޭގެ ބޭންކްތަކާއި އަދި އެމް.އެމް.އޭ އާ ބައްދަލުކުރެއްވި ކަމަށާއި، މިއީ މިހާރު ޢަމަލު ކުރައްވަން ފަށްޓަވާފައިވާ ޕްރޫޑެންޝަލް ރެގިއުލޭޝަންގެ ސަބަބުން ދިމާވެގެން އުޅޭ މައްސަލައެއް ކަމަށް ފާހަގަކުރެއްވޭ ކަމުގައި ވިދާޅުވިއެވެ. އަދި މިމައްސަލަ ޙައްލު ކުރެއްވުމަށް އެމް.އެމް.އޭ އިން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، އެމް.އެމް.އޭ އިން ބޭންކްތަކާ ވަކިވަކިން ބައްދަލުކުރައްވައި، އެބޭންކްތަކުގެ ކެޕިޓަލާއި، އެހެނިހެން މާލީ ކަންކަމަށް ބައްލަވައި، މިގަވާއިދަށް ޢަމަލު ކުރުމަށް އިތުރު މުއްދަތެއް ދެއްވަމުން ގެންދަވާ ކަމުގައި ވިދާޅުވިއެވެ. އަދި މިގޮތަށް ޢަމަލު ކުރެއްވުމުން، އެލް.ސީ ހުޅުވުމުގައި މިހާރު ދިމާވެގެން އުޅޭ ދަތިތައް ޙައްލުވެގެންދާނެ ކަމަށް ފެނިވަޑައިގަންނަވާ ކަމުގައިވެސް ޢަލީ ހާޝިމް ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި، ޕްރައިވަޓައިޒޭޝަނާއި ކޯޕްރަޓައިޒޭޝަނާ ގުޅިގެން ސަރުކާރުން ހިންގަވަމުން ގެންދަވާ ހުރިހާ ޕޮލިސީތައް އެއްކޮށްލައްވައި، ޕޮލިސީ އެއްކަރުދާހެއްގެ ގޮތުގައި "މޯލްޑިވްސް ޕްރައިވެޓް ސެކްޓަރ ޕާޓިސިޕޭޝަން ޕޮލިސީ"ގެ ގޮތުގައި ކަނޑައެޅުއްވުމަށް ނިންމެވިއެވެ. މީގެތެރޭގައި، މިހާތަނަށް ހިންގަވާފައިވާ ޕްރައިވަޓައިޒޭޝަން ޕްރޮގްރާމްތަކާއި، ކޯޕްރަޓައިޒޭޝަން ޕްރޮގްރާމްތަކާއި، މިހާތަނަށް ޢަމަލު ކުރައްވަމުން ގެންދަވާފައިވާ ވަކިވަކި ޕޮލިސީތަކާއި އެއްބަސްވުންތައް ހިމެނެއެވެ.

މޯލްޑިވްސް ޕްރައިވެޓް ސެކްޓަރ ޕާޓިސިޕޭޝަން ޕޮލިސީ ކަނޑައަޅުއްވާފައިވަނީ، ބައިނަލްއަޤްވާމީ މާލީ އިދާރާތަކުގެ ލަފާވެސް ހޯއްދަވައިގެންނެވެ.