بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰ ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. ކައު އިތުރު ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލްކުރަން.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑޮކްޓަރ މުޙައްމަދު ޝަރީފް، މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑޮކްޓަރ އިބްރާހީމް ޙަސަން، އިސްލާމިކް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ، ޤައުމީ ޔުނިވަރސިޓީގެ ސްޓޫޑެންޓް ޔޫނިއަންގެ ރައީސް، މި މުބާރާތުގައި ބައިވެރިވާ ހަޔަރ އެޑިޔުކޭޝަން އިންސްޓިޓިއުޓްތަކުގެ ވެރިން، އަދި ކޮލެޖްތަކުގެ އިސްވެރިން، އޮފިޝަލުން އަދި ވަކިން ޚާއްޞަކޮށް، މި މުބާރާތުގައި ބައިވެރިވާ އެންމެހައި ކުޅުންތެރިން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، ފުރަތަމަ ކަމަކަށް، ކުޅިވަރުގެ މިކަހަލަ ކަމެއްގައި އަޅުގަނޑަށް ބައިވެރިވުމުގެ ފުރުޞަތު ދެއްވީތީވެ ޚާއްޞަކޮށް، ޤައުމީ ޔުނިވަރސިޓީގެ ޔޫނިއަންގެ ރައީސަށާއި، އަދި އެކްސްކޯ ހުރިހާ މެންބަރުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، އެނގިވަޑައިގަންނަވާނެ، ކުޅިވަރަކީ އަޅުގަނޑުމެން ޚާއްޞަކޮށް، ޒުވާނުން އެކަކު އަނެކަކާ ގުޅުވައިދޭ ކަމެއް. މި ކުޅިވަރުގެ ދަނޑުން އެ އުފެދޭ ގުޅުމަކީ، ވަރަށް ގިނަ ދުވަސްވަންދެން އަޅުގަނޑުމެންނަށް އެ ގުޅުން ދަމަހައްޓައިގެން، އޭގެތެރެއިން ގޮސް ވަރަށް ގިނަ ކަންތައްތަކެއް، ވަރަށް ހެޔޮ ނަތީޖާތަކެއް ނެރެވޭ ކަމެއް. ޚާއްޞަކޮށް ފުޓްބޯޅަ.

އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުން. އެނގިވަޑައިގަންނަވާނެ، ރާއްޖޭގައި މީގެ ކުރީގެ އަހަރުތަކަކަށް ބަލައިލާއިރު، ޚާއްޞަކޮށް، 1980ގެ މެދުތެރޭ ހިސާބުން އަޅުގަނޑުމެންގެ ހަނދާނުގައި ހުންނަން ފެށީއްސުރެ ވަރަށް ފޯރިގަދަކޮށް، އެ ކުޅިވަރަކަށް ވަރަށް ބޮޑަށް ލޯބިކުރާ އަދި ދިވެހި ހުރިހާ ރައްޔިތުން ވަރަށް ބޮޑަށް ތަރުޙީބުދޭ ކުޅިވަރެއް ފުޓްބޯޅައަކީ. އޭގެ ސަބަބުން އަޅުގަނޑު މި ދެންނެވި ގޮތަށް، ރާއްޖޭގެ އެކި ކަންކޮޅުތަކުންނާއި، މާލެއިންނާއި ހުރިހާ ހިސާބަކުން މީހުން ގުޅި، ވަރަށް ރަނގަޅު ގުޅުމެއް އަޅުގަނޑުމެންގެ ތެރޭގައި އުފެދިގެންދިޔަ. ހަމަ އެއާއެކު، ފުޓްބޯޅައަކީ އޭގެ ސަބަބުން އެހެނިހެން ރަނގަޅު ކަންތައްތަކަށް ދިޔުމަށްޓަކައިވެސް ހުޅުވާލެވޭ ދޮރެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ.

ފުޓްބޯޅައާ ގުޅޭގޮތުން އެއްޗެއް ދަންނަވާ ކަމަށްވަންޏާ، އަޅުގަނޑު ހަމަ ދަންނަވާނީ، މި ސަރަޙައްދަށް ބަލައިފި ކަމަށްވަންޏާ ޚާއްޞަކޮށް، މި ސައުތު އޭޝިޔާ، ސައުތު އީސްޓް އޭޝިޔާ ސަރަޙައްދުގައިވެސް މީގެ އެތައް އަހަރުތަކެއް ކުރިން، ވަރަށް ރަނގަޅު ކާމިޔާބީތަކެއް ރާއްޖެ ހޯދަމުންދިޔައޭ. ގާތްގަނޑަކަށް 7 ޓީމް، 8 ޓީމުގެ މެދުގައި ކުޅޭއިރު ރާއްޖޭގެ ފުޓްބޯޅަ ޓީމް ވެގެންދިޔައީ، ވަރަށް ގިނަ ކާމިޔާބީތަކެއް ހޯދައި، ހަމަ އެއްވަނައިގައި ހިފެހެއްޓި ޓީމެއްގެ ގޮތުގައި.

ވޭތުވެދިޔަ ދުވަސްތަކުގައި ފުޓްބޯޅަ މުބާރާތެއް ކުރިއަށްދިޔަ ކަމަށްވިޔަސް އެންމެ އެދެވޭގޮތަކަށް ދަނޑުތަކުން އަޅުގަނޑުމެންނަކަށް ފޯރިއެއް ނުފެނޭ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މުޅި ދުނިޔޭގައިވެސް އެންމެ މަޤްބޫލް ކުޅިވަރުގެ ގޮތުގައި، މުޅި ރާއްޖޭގައި މި ދެންނެވި ގޮތަށް މަޤްބޫލް، މީހުން އެންމެ ބަލާހިތްވާ ކުޅިވަރުގެ ގޮތުގައި ފުޓްބޯޅަ އޮތްއިރު، ފުޓްބޯޅައިގެ މި ކަންތައްތައް ބަދަލުވާން އެބަޖެހޭ. ފުޓްބޯޅަ ކުރިއެރުވުމުން މި ދެންނެވި އެތައް ކަންތައްތަކެއް އަޅުގަނޑުމެންނަށް ހާސިލުކުރެވޭ.

އެނގިވަޑައިގަންނަވާނެ، ރާއްޖެއަށް މި ވޭތުވެދިޔަ ދުވަސްތަކުގައި، ޚާއްޞަކޮށް ކުޅިވަރުގެ ރޮނގުން ވަރަށް ރަނގަޅު ނަތީޖާތަކެއް ލިބިގެން ހިނގައްޖެ. ވަރަށް ގިނަ ރަން މެޑެލްތަކެއް ލިބިގެން ހިނގައްޖެ. މީގެ ފަހަތުގައި އަޅުގަނޑުމެންނަށް މި ފެންނަނީ، ޤައުމުގެ މަޝްހޫރުކަން އިތުރުވެގެންދިޔުން. މީހުން ދާހިތްވާ ޤައުމަކަށް ވެގެންދިޔުން. މުޅި ދުނިޔޭގައިވެސް ރާއްޖެ އިޝްތިހާރު ވެގެންދިޔުން. އަދި ރީތި ނަންތަކެއް ރާއްޖެއަށް ލިބިގެންދިޔުން. ޤައުމާމެދު މީހުން ދެކޭގޮތް ބަދަލުވެގެންދިޔުން.

އަޅުގަނޑު ހަމަ މި ފުރުޞަތުގައި ދަންނަވާލަން ބޭނުން، ކުޅިވަރަކީ މިއީ މުހިންމު ކަމެއް. ކިޔަވާކުދިން ކިޔެވުމުގެ ތެރެއިން ކުޅިވަރު ކުޅުމަކީ މި ދެންނެވި ގޮތަށް، ހުރިހާ ގޮތަކުންވެސް ފައިދާހުރި ކަމެއް. އަޅުގަނޑުމެންނަށް އަޞްލު ލިބޭ އެންމެ ބޮޑު ނަޞީބަކަށް ވަނީ، އަޅުގަނޑުމެން އެކަކު އަނެކަކާމެދު އޮންނަންވާ ގުޅުން އޮތުން. އެކަކު އަނެކަކާ އެކުވެރިކަމުގެ ގުޅުން އޮތުން. އެކަކު އަނެކަކަށް އެހީތެރިވެދީ، ދިމާވާ ކަންތައްތަކުގައިވެސް އެހީތެރިވެދީ، ދާއިމަށް އެ ގުޅުން އޮތުން. އޭގެ އެތައް ފައިދާތަކެއް ކުޅިވަރުގެ މައިދާނުގައި، އަޅުގަނޑުމެންގެ މަސައްކަތުގެ މައިދާނުގައި، އަޅުގަނޑުމެންގެ އަމިއްލަ ދިރިއުޅުމުގައި އަޅުގަނޑުމެންނަށް ލިބިދޭ. ޚާއްޞަކޮށް، ރާއްޖެ ކަހަލަ ޤައުމެއްގައި، އުތުރާއި، ދެކުނާއި، ރާއްޖޭގެ އެކި ސަރަޙައްދުތަކުން މީހުން ގުޅިފައި، މިގޮތަށް ރަޙްމަތްތެރިކަން އިތުރުވެފައި އޮތުމަކީ އެއީ، ވަރަށް މުހިންމު ކަމެއް. އެހެންވީމާ، އަޅުގަނޑު ހަމަ ހިތަށްއެރީ މި ވާހަކަ ދަންނަވާލާނަމޭ.

އަޅުގަނޑުވެސް އެންމެ ލޯބިކުރާ ކުޅިވަރަކީ ފުޓްބޯޅަ. ޚާއްޞަކޮށް ކުޅިވަރުގެ ތެރެއިން. އެއީ އަޅުގަނޑު ވަރަށް އެކަމަކަށް އަޅުގަނޑުގެ ޝައުޤުވެރިކަން ހުންނަ ކަމެއް. އަޅުގަނޑުމެން ކުޑައިރުވެސް ކިޔަވަން މާލެ އައިސްވެސް އަޅުގަނޑުމެންނަށް އުޅެވުނީ މުޅިން ކުޅެން. ކިޔެވުމުގެ ތެރެއިންވެސް އަޅުގަނޑުމެންވީ ކުޅޭ ބައެއްގެ ގޮތުގައި ބޮޑަށް. އެހެންވީމާ، އެކަމަށް ހަމަ އޮތް ލޯބި ބޮޑުކަމުން އަޅުގަނޑު ހިތަށްއެރީ، ޚާއްޞަކޮށް ފުޓްބޯޅައާ ދޭތެރޭގައި ނުވަތަ ކުޅިވަރާމެދު އަޅުގަނޑު ދެކޭގޮތް ހާމަކޮށްލަންވާނެއޭ.

ދެން އެނގިވަޑައިގަންނަވާނެ، މިއަދު އަޅުގަނޑުގެ ކުރިމަތިން މި ފެންނަނީ، ދެންމެ އެ ވިދާޅުވި ގޮތަށް، ރާއްޖޭގެ މުސްތަޤްބަލް. މިހާރު ދުނިޔޭގައި ހުރި ޗެލެންޖްސްތައް އެނގެންޖެހޭ. އަޅުގަނޑުގެ ކުރިމަތީގައި މިއަދު މިތިބީ ޔުނިވަރސިޓީއާއި އަދި ކޮލެޖްތަކުގެ އަދި އެހެނިހެން އިންސްޓިޓިއުޓްތަކުގެ ކިޔަވާކުދިން. ކިޔަވާކުދިން ތިބިއިރު، ތިޔަ ކުދިންނަށް ފެންނާނެ، ޤަބޫލުކުރެވޭނެ ދުނިޔެއަށް މި އަންނަ ބަދަލުތައް. އަޅުގަނޑުމެން ކުރިން ހީނުކުރާ އެތައް ބަދަލުތަކެއް އެބަ އާދޭ. އެއީ ކްލައިމެޓްވިޔަސް، ދުނިޔޭގެ ޤައުމުތަކުގެ އިކޮނޮމީއާއި، އަދި އެނޫން އެތައް ބަދަލުތަކެއް މުޅި ދުނިޔެއަށް އެބަ އާދޭ. އެކިއެކި ކޮންފްލިކްޓްތަކާ ގުޅިގެން ބަދަލުތައް އެބަ އާދޭ. އަޅުގަނޑުމެން މިއަދު ފައިހަމަކުރަން އެބަޖެހޭ. ހިފަހައްޓަން މިޖެހެނީ، ހަމަ ދުނިޔޭގެ ތަހުޒީބު ވެފައިވާ މުޖުތަމަޢުތަކާ އެކީގައި.

އެހެންވީމާ، މިއަދު ކިޔަވާކުދިން ޚާއްޞަކޮށް، އަޅުގަނޑުގެ ކުރިމަތީގައި މި ފެންނަ ދަރިވަރުން، ކިޔަވާ ދަރިވަރުން، މި ކަންތައްތަކަށް ވިސްނަން އެބަޖެހޭ. މި ވޭތުވެދިޔަ ދުވަސްތަކުގައި، އަޅުގަނޑުމެންނަށް ފެނުނު މަންޒަރުތައް ފެނުނުގޮތަކަށް ނޫން މިއަދު މިއޮތީ. ހުރިހާ ކަމެއްގައިވެސް ޗެލެންޖްސް އެބަހުރި. އަޅުގަނޑުމެން އެންމެ އެކްސްޕެކްޓް ނުކުރާ، އަޅުގަނޑުމެން އެންމެ ވެދާނެކަމަށް ހީނުކުރާކަހަލަ ކަންތައްތައް އަޅުގަނޑުމެންގެ ކުރިމައްޗަށް މި އަންނަނީ. އެހެންވީމާ، މި ކަންތައްތަކަށް ތައްޔާރުވާ ބަޔަކަށްވާން އެބަޖެހޭ، ޚާއްޞަކޮށް މިއަދުގެ ޒުވާނުން، ކިޔަވާ ދަރިވަރުން.

އެނގިވަޑައިގަންނަވާނެ، ދިވެހިރާއްޖޭގެ މާޒީއަށް ބަލައިފި ކަމަށްވަންޏާ، 1950ން ފެށިގެންވެސް އަބަދުވެސް އެ ހުންނަ ރައީސެއް، އެ އޮންނަ ސަރުކާރަކުން ރާއްޖޭގެ ތަޢުލީމީ ނިޒާމަށް ވަރަށް ބޮޑު ސަމާލުކަމެއް ދީގެން، ވަރަށް ގިނަ ކަންތައްތައް ކުރޭ. ތަޢުލީމީ ދާއިރާ ފުޅާކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރެވިގެންދޭ. އަޅުގަނޑުމެންނަށް ހަމަ ފެންނާނެ، ވޭތުވެދިޔަ އަހަރުތަކަށް ބަލައިފި ކަމުގައިވިޔަސް. ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ މިހާރުވެސް އެބަ އިންނެވި. އެކިއެކި ފުރުޞަތުތައް ހުޅުވާލެވިގެން މިދަނީ. ފަސްޓް ޑިގްރީއަށްވިޔަސް، އަދި މީހުން ބިނާކުރުމުގެ އެނޫން ދާއިރާތަކުންވެސް ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުން އެބަދޭ. މަސައްކަތްތެރިކަން ދަސްކޮށްދިނުމަށްޓަކައިވެސް، ސްކިލްޑް ޓީމެއް އުފެއްދުމުގެ މަސައްކަތަކީ އެއީ، އަޅުގަނޑުމެން އެންމެ ސަމާލުކަން ދޭންޖެހޭވެސް ކަންތައް. އަދި ކުރިއަށް އޮތް ތާނގައިވެސް ކުރަންޖެހޭ ކަންތައްތައް. އެހެންވީމާ، އަޅުގަނޑު ހަމަ ހިތަށްއެރީ މި ވާހަކަ އަޅުގަނޑު ދައްކާލަންޖެހޭނެއޭ ތިޔަބޭފުޅުންނާ.

އިއްޔެވެސް އަޅުގަނޑަށް އެމް.އެން.ޔޫ. އަށް ދެވުނީމާ ވައިސް ޗާންސެލަރަށް އަޅުގަނޑު ދަންނަވާލިން، އަދި ނޮވެންބަރު 11ގެ ކުރިން އަޅުގަނޑަށް ފުރުޞަތެއް ލިބޭނެތޯ، މި އެމް.އެން.ޔޫ. ގައި ނޫނީ މިގޮތަށް ވާހަކަ ދައްކާލަން. ދެން އަޅުގަނޑު ހީއެއްނުކުރަން ލިބޭނެ ކަމަކަށް. ނަމަވެސް، އަނެއްކާވެސް މިއޮތީ މިއަދު ތިޔަ ކުދިންނާ ބައްދަލުކޮށް، އެއްޗެއް ދަންނަވާލުމުގެ ފުރުޞަތު މިރޭ ލިބިފައި.

ދަންނަވަން މިއުޅޭ ވާހަކައަކީ، މަސައްކަތްތެރި ބަޔަކަށްވާށޭ. ކަންކަން ދަސްކުރާ ބަޔަކަށްވާށޭ. އަމިއްލަ ފައިމަތީގައި މަސައްކަތް ކުރެވޭ، ކަންތައްތައް ދަސްވެފައި ހުންނަ ކުއްޖަކަށް ކޮންމެ ކުއްޖަކު ވުމަށްޓަކައި ޢަޒުމް ކަނޑައަޅާށޭ. އަޅުގަނޑުމެންގެ ޤައުމުގައި ހުރި މަސައްކަތްތަކާއި، ކަންތައްތައް ކުރާ ބަޔަކަށް އަޅުގަނޑުމެން ވާންޖެހޭނީ. އަޅުގަނޑުމެންނަށް ނުވިކަމެއް އިތުރަށް ބޭނުންވެއްޖެ ކަމަށްވަންޏާ، އެހެން ބައެއްގެ މައްޗަށް އަޅުގަނޑުމެން ޑިޕެންޑްވާން ޖެހޭނީ. އަޅުގަނޑުމެން ބަލަންޖެހޭނެ، އިކޮނޮމީ ވަރުގަދަކުރަން ރާއްޖޭގައި. މިހާރު ރާއްޖެއިން ބޭރުވެގެންމިދާ ފައިސާ މަދުކުރުން އެއީ އަޅުގަނޑުމެންގެ އެންމެންގެވެސް ޢަޒުމަކަށް ވާންޖެހޭނެ. ރެސްޕޮންސިބަލް ސިޓިޒަންއަކަށް ވުމުގެ އެ ޢަޒުމް ވަރުގަދަކުރަންޖެހޭ.

އަޅުގަނޑަށް ހީވަނީ މިއީ ތިޔަ ކުދިންގެ ފިލާވަޅުތަކުންނާއި އަދި ޔުނިވަރސިޓީއިން ތިޔަ ކުދިންގެ ލެކްޗަރަރއިންނާއި، އެހެނިހެން ބޭފުޅުންނާއި އަދި މައިންބަފައިންގެ ފަރާތުންވެސް ތިޔަ ކުދިންނަށް ލިބޭނެ އިރުޝާދު. ހަމަ މިގޮތަށް، ރަނގަޅު ދަރިއެއް ލިބުމުގެ އުފާ އެއީ، މައިންބަފައިން ކުރާނެ އެންމެބޮޑު އުންމީދަކީ. ހަމައެއާއެކު، ކޮންމެ މީހަކުވެސް ރަނގަޅު ދިރިއުޅުމެއް އަނެއްކާވެސް ޙަޔާތެއް ފަށްޓައިގެން، ދަރިން ލިބުމުން، އެ ކުދިން ހެޔޮގޮތުގައި ބަލައި ބޮޑުކޮށް، ޒިންމާދާރު މީހަކަށްވުމަކީ، އެއީ ކޮންމެ މީހަކުވެސް ބޭނުންވާނެ ކަމެއް.

ދެން އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، އަދިވެސް އެއްފަހަރު ޚާއްޞަކޮށް، ދިވެހިރާއްޖޭގެ ހުރިހާ ދަރިވަރުން ޒިންމާދާރު، ނަމޫނާ ދައްކާ، މަސައްކަތްތެރި، ޤައުމުދެކެ ލޯބިވާ، ޤައުމަށް ޚިދުމަތްކުރާ ފަދަ ބަޔަކަށްވުމުގެ ޢަޒުމުގައި ތިބުމަށް އެދެމުން.

އަޅުގަނޑުގެ ހުރިހާވެސް ދުޢާއަކީ، ޚާއްޞަކޮށް ރާއްޖޭގެ ހަޔަރ އެޑިޔުކޭޝަން އިންސްޓިޓިއުޓްތަކަށް، ޔުނިވަރސިޓީ އަދި ކޮލެޖްތަކުން އުނގަންނައިދިނުމަށްޓަކައި އެކުރާ މަސައްކަތުގައި اللَّـهُ سُبْحَانَهُ وَتَعَالَىٰ ބަރަކާތްލެއްވުން. އަދި ކުދިންނަށް ފުރިހަމަ ރަނގަޅު ހެޔޮ ކާމިޔާބީތަކެއް މިންވަރުކުރެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.