އެޓަރނީ ޖެނެރަލްގެ އޮފީހުން އެކުލަވާލައްވާފައިވާ ކްލެމެންސީ ބޯޑުގެ ގަވާއިދާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުން އެކުލަވާލައްވާފައިވާ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު، ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢު ކުރައްވައިފިއެވެ.

ކްލެމެންސީ ބޯޑުގެ ގަވާއިދަކީ، ޤާނޫނު ނަންބަރު 2010/2 (މަޢާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނު)ގެ ދަށުން މަޢާފުކޮށްދިނުން އެދި ނުވަތަ އަދަބު ލުއިކޮށްދިނުން އެދި ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމުން، ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން އެ އިލްތިމާސް ދިރާސާކޮށް، އެ އިލްތިމާސާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޢަމަލު ކުރުމަށް ފެންނަ ގޮތުގެ ލަފާ ދިނުމަށް އެ ޤާނޫނުގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ އުފައްދާ ކްލެމެންސީ ބޯޑުގެ މެންބަރުން ޢައްޔަންކުރުމުގައާއި ވަކިކުރުމުގައި ޢަމަލުކުރާނެ އުސޫލުތަކާއި، އެ ބޯޑުގެ ބައްދަލުވުންތައް ބާއްވާނެ އުސޫލާއި، އެ ބޯޑުން ނިންމާ ކަންކަން ނިންމާނެ ގޮތުގެ އުސޫލުތައް ބަޔާންކޮށްދޭ ގަވާއިދެއް އެޓަރނީ ޖެނެރަލް އެކަށައަޅައި، ޢާންމުކޮށް އިޢުލާންކުރަންވާނެ ކަމަށް، އެ ޤާނޫނުގެ 10 ވަނަ މާއްދާގެ (ނ)ގައި ބަޔާންކޮށްފައިވާތީ، އެ މާއްދާގެ ދަށުން އެޓަރނީ ޖެނެރަލް އެކަށައަޅާފައިވާ ގަވާއިދެކެވެ.

ފަނޑިޔާރުންގެ ސުލޫކީ މިންގަނޑަކީ، ފަނޑިޔާރުންގެ ޢަމަލުތައް ބެހެއްޓުމާ ބެހޭގޮތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 159 ވަނަ މާއްދާގެ (ނ) ގެ 2 ވަނަ ނަންބަރުންނާއި، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ނ) ގެ 2 ވަނަ ނަންބަރުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ލިބިދީފައިވާ ބާރުގެ ދަށުން އެކުލަވާލެވިފައިވާ ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުގެ ފަނޑިޔާރުން އެމައްޗަށް ޢަމަލު ކުރުމަށް ލާޒިމްކުރާ ސުލޫކީ މިންގަނޑުތަކެވެ.

އެޓަރނީ ޖެނެރަލްގެ އޮފީހުން އެކުލަވާލައްވާފައިމިވާ ކްލެމެންސީ ބޯޑުގެ ގަވާއިދާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުން އެކުލަވާލައްވާފައިމިވާ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރެއްވުމަށްފަހު، ގެޒެޓު ޢާންމުކޮށް މިއަދުވަނީ ނެރުއްވާފައެވެ.