މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި، ގދ. ތިނަދޫ ޢަންބަރީގޭ މުޙަންމަދު ނޫޒް ހައްޔަރުކޮށްފައި ހުއްޓާ، އޭނާ ނިޔާވުމާ ގުޅިގެން، އޭނާ ނިޔާވެފައިވަނީ ފުލުހުން އޭނާއަށް އަނިޔާ ކުރުމުގެ ސަބަބުން ކަމަށް ބައެއް ފަރާތްތަކުން ތަކުރާރުކޮށް ބުނަމުންދާތީ، މުޙަންމަދު ނޫޒް ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވި މައްސަލަ ތަޙްޤީޤުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުގައި އެދިވަޑައިގެންފިއެވެ. މިކަމަށް އެދިވަޑައިގެންފައިވަނީ، އެ ކޮމިޝަންގެ ރައީސާ ޝަހިންދާ އިސްމާޢީލަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ފޮނުއްވި ސިޓީއެއްގައެވެ.