بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ނެތުމުގެ ތެރޭން މި ޢާލަމް ކާކުތަ ހަދާ ނެރުއްވީ
     ފަތުރުއްވަވާ މި ބިންތައް އުޑުތައް ބިނާކުރެއްވީ

ޚާލިޤްވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰ ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. ކައު އިތުރު ނަބިއްޔާ مُحَمَّدٌ رَّسُولُ ٱللَّهِ صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލްކުރަން.

ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑޮކްޓަރ ޙަސަން ޙަމީދު، ވައިސް ޗާންސެލަރ ޑޮކްޓަރ މުޙައްމަދު ޝަރީފް، ޑެޕިއުޓީ ވައިސް ޗާންސެލަރުން، ޔުނިވަރސިޓީގެ އިސްބޭފުޅުން، އަދި ދިވެހި އަދަބިއްޔާތަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅުން، މި ޙަފްލާގައި ނެރެވުނު ފޮތްތަކުގެ އަޞްލު ކަމަށްވާ ލިޔުންތެރިން، އަދި ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އަޅުގަނޑަށް ފޮތެއްގެ ވާހަކަ، ފޮތްތެރިކަމުގެ ވާހަކަ، ލިޔުންތެރިކަމުގެ ވާހަކަ ދައްކަން މި ޖެހުނީ، ލިޔުންތެރިންގެ ކުރިމަތީ ހުރެގެން. ވަރަށް އުނދަގޫ ކަމެއް. އަޅުގަނޑު ހިތަށްއަރާ، ކޮން ވާހަކައެއްބާވައޭ، ލިޔުންތެރިންގެ ކުރިމަތީގައި ހުރެގެން އަޅުގަނޑަށް ދެއްކޭނީ. ކޮން އެއްޗެއްބާވައޭ އަޅުގަނޑަށް ބުނެދެވޭނީ.

އެހެންނަމަވެސް، އަޅުގަނޑު ގަބޫލުކުރަނީ ލިޔުންތެރިކަމަކީ، ފޮތް ލިޔުމަކީ އެއީ، އެ ބައެއްގެ ޢިލްމީ މުއްސަނދިކަން ފެތުރުމަށްޓަކައި ވަރަށް ބޮޑު ވަސީލަތެއް. އެނގިވަޑައިގަންނަވާނެ، ލިޔުންތެރިކަމަކީ އޭގެ ޒާތުގައި ވަރަށް މުއްސަނދި ކަމެއް. ވަރަށް ފުޅާ ދާއިރާއެއްގައި ކުރެވޭ ކަމެއް. ވަރަށް ފަށުވިކޮށް، ވަރަށް އޮމާންކޮށް، އޭގެ ފުންމިން އަޅުގަނޑުމެންނަށް ނޭނގޭ ހިސާބަށް ދެވޭ ކަމެއް. އޭގެ ތެރެއިން ފޮތް ލިޔުމަކީ މިއީ، އަދި މުޅިން ތަފާތު ފަންނެއް. އަދި އެއާއެކު، ޚާއްޞަކޮށް ތަރުބިއްޔަތު ކުރުމާއި، ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި، މިބާވަތުގެ ކަންތައްތަކަކީ މާބޮޑަށް އަދި ތަފާތުވެގެންދާ ކަންތައްތަކެއް.

އަޅުގަނޑުމެންނަށް މިއަދުވެސް އެބަ ފެނޭ، މީގެ އެތައް ޤަރުނެއް ކުރިން، ދުނިޔޭގެ އެކި ހިސާބުތަކުގައި، އެކި ޤައުމުތަކުގައި ޢިލްމުވެރިން، ލިޔުންތެރިން ލިޔެފައި ހުރި ލިޔުންތައް. އަޅުގަނޑުމެންގެ މުޖުތަމަޢު އާރާސްތު ކުރުމަށްޓަކައި އަޅުގަނޑުމެންނަށް އޭގެ ބޭނުން އެބަ ހިފޭ.

އެނގިވަޑައިގަންނަވާނެ، ފޮތެއްގެ މުހިންމުކަން، ފޮތްތަކުގެ މުހިންމުކަން، ލިޔުންތެރިކަމުގެ މުހިންމުކަން، ޤަލަމުން ލިޔެގެން އެ ކިޔައި، އެ ފަރިތަކޮށް، އޭގެ މުހިންމުކަން އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ގަބޫލުކުރެވޭ. އަޅުގަނޑުމެން އެ ފޮތަކަށް އެންމެ ޙުރްމަތްތެރިކޮށްހިތާ، އަޅުގަނޑުމެންނަށް ހުރިހާ ފިލާވަޅެއް ލިއްބައިދޭ، މުޅި ދިރިއުޅުން އަޅުގަނޑުމެން ބައްޓަންކޮށް، އާރާސްތުކޮށް، މުޅި އަޚްލާޤު އަޅުގަނޑުމެންނަށް ބިނާކޮށްދޭ މާތްވެގެންވާ ފޮތަކީ، އަޅުގަނޑުމެންގެ ޤުރްއާން ފޮތަކީ އަޅުގަނޑުމެންނާ ހަމައަށް ލިޔުމެއްގެ ސިފައިގައި ދެމިއޮންނަނިވި އެއްޗެއްގެ ގޮތުގައި މިއަދާ ހަމައަށްވެސް ބަދަލެއްނައިސް އޮތް ފޮތް.

އެހެންވީމާ، އަޅުގަނޑުމެންނަށް އެބަ ގަބޫލުކުރެވޭ، ކިހާ މުހިންމު ކަމެއްކަން، އެ މީހެއްގެ ސިކުނޑީގައި ހުންނަ އެއްޗެއް ލިޔެފައި، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ. އެނގިވަޑައިގަންނަވާނެ، ޅެންތަކުން، ރީތި ޅެންތަކުން އަޅުގަނޑުމެންގެ ހިތްތަކަށް އެކިއެކި ޖަޒުބާތުތައް ވައްދައިދޭ. ކުޅެލާ. ޢިލްމީ ފޮތްތަކުން، ރިސަރޗްތަކުން އެ ފިލާވަޅުތަކުން އަޅުގަނޑުމެންގެ ސިކުނޑި އެކިގޮތްގޮތަށް ބައްޓަންކޮށްލާ. މުޅި ދިރިއުޅުން ވަކިގޮތަކަށް ގެންދިއުމަށްޓަކައި ބައްޓަންކޮށްލަނީ، ޢިލްމީ އެ ހޯދުންތަކުން، ލިޔުންތެރިން އެ ލިޔުއްވާ ލިޔުންތަކުން.

އެހެންވީމާ، އަޅުގަނޑުމެންނަށް މިއަދުގެ މި ޒަމާނުގައި މިއަދުގެ ދުނިޔޭގައިވެސް، އެންމެ މުހިންމު ކަމެއްގެ ގޮތުގައި ބެލެވެން އެބަޖެހޭ މިފަދަ ކަންތައްތަކަށް. އަޅުގަނޑުމެންގެ މުއްސަނދިކަން އިތުރުކުރުމަށް. ދެންމެ އަޅުގަނޑުގެ ކުރިން ތިން ބޭފުޅުންވެސް ފާހަގަކުރެއްވި ގޮތަށް، ނެތިގެންދާ ވަރަށް ގިނަ ކަންތައްތަކެއް، މަދުވަމުންދާ ކަންތައްތަކެއް އަޅުގަނޑުމެންނާ ހަމައަށް އަލުން އަނބުރާ ގެނެސް، އިޢާދަކޮށް، މި ހުރިހާ ކަމެއް އަޅުގަނޑުމެންނާ ހަމައަށް ގެނެވެނީވެސް ފޮތްތަކުގެ ޒަރީއާއިން. މިފަދަ މުހިންމު ކަމެއް ޚާއްޞަކޮށް، ފޮތް ލިޔުމަށްޓަކައި ވަރަށް އިސްކަމެއް ދެއްވައިގެން، އެމް.އެން.ޔޫ. އިން މިފަދަ ޕްރޮގްރާމެއް ފެށްޓެވީތީވެ، އެމް.އެން.ޔޫ.ގެ މެނޭޖްމަންޓަށާއި، އަދި މުޅި ޓީމަށް، ޗާންސެލަރ، ވައިސް ޗާންސެލަރ، އަދި އިސް ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

އެނގިވަޑައިގަންނަވާނެ، ސަރުކާރުންވެސް މި ދާއިރާ ކުރިއެރުވުމަށްޓަކައި މަސައްކަތްތަކެއް އެބަ ކުރެވޭ. މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެވެސް ޕްރޮގްރާމްތަކެއް، ސްކޫލްތަކުގެ މިފަދަ ކަންތައްތައް ކުރުމަށްޓަކައި މިހާރުވެސް އެބަ ހިންގޭ. އެހެންނަމަވެސް، މިއީ ދައުލަތުގެ ކަމާގުޅޭ ފަރާތްތަކުން، ޚާއްޞަކޮށް އަޅުގަނޑުމެންގެ ފަންނާއި، ޘަޤާފަތާއި، ތަރިކައާބެހޭ ވުޒާރާއިންވެސް ފުޅާ ދާއިރާއެއްގައި ކުރެވެންޖެހޭނެ މަސައްކަތެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. ބަހުގެ އެކެޑަމީންވެސް މިކަމުގެ މަސައްކަތްތަކެއް، އެހީތެރިވުމުގެ ގޮތުން ކަންތައްތަކެއް ކުރެވޭ. އެހެންނަމަވެސް، އަޅުގަނޑަށް މަޢުލޫމާތު ލިބިފައި އޮތް ގޮތުގައި، ވަރަށް ގިނަ ލިޔުންތެރިންގެ ލިޔުންތައް ގަލަމުން ލިޔުނު ގޮތަށް އެބަހުރި.

އެނގިވަޑައިގަންނަވާނެ، މި މަސައްކަތް ކުރައްވާ ބޭފުޅުން މި މަސައްކަތް ކުރައްވަނީ، އެއިން ލިބޭ ނަފާއަށްވުރެ ބޮޑަށް، މުޖުތަމަޢަށް އެއިން ފައިދާތަކެއް ހޯއްދަވައި ދެއްވުމަށްޓަކައި. އެގޮތުން އެ ފަރާތްތަކަށް، އިތުރު އެހީތެރިކަންދީ، ފޮތްތައް ޗާޕްކުރުމަށާއި، އަދި އެކިގޮތްގޮތުން އެހީ ބޭނުންވާކަން މި ފުރުޞަތުގައި ފާހަގަކޮށް، މި ދާއިރާ ކުރިއެރުވުމަށްޓަކައި، ފުޅާކުރުމަށްޓަކައި، ފަސޭހަކުރުމަށްޓަކައި، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި ސަރުކާރުން އިތުރު މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމުގެ ވާހަކަ އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުން.

ލިޔުންތެރިކަމުގެ ނުވަތަ ބަހުގެ ވާހަކަ ދައްކާއިރު، އަޅުގަނޑުމެން ހަމަ ފާހަގަކޮށްލަންޖެހޭ. އެނގިވަޑައިގަންނަވާނެ، އެ ބައެއްގެ މާދަރީ ބަސް އެއީ ޤައުމެއްގެ، އެ ބައެއްގެ އަޞްލު އަންގައިދޭ ސިފައެއްގެ ގޮތުގައި އަޅުގަނޑަށް ގަބޫލުކުރެވެނީ. އެނގިވަޑައިގަންނަވާނެ، ދިވެހިބަހަކީ، ވަރަށް މުއްސަނދި ބަހެއް. ވަރަށް މުއްސަނދި ބަހެއް. ރީތިކޮށް، ފަށުވިކޮށް އަޅުގަނޑުމެންނަށް މުޢާމަލާތް ކުރެވޭ ބަހެއް. ދުނިޔޭގައި އެކި ޤައުމުތަކުގެ މީހުން، އަޅުގަނޑުމެން އެ ޤައުމުތަކަށް ދާއިރުވެސް ފާހަގަކުރެވޭ، އަބަދުވެސް ބަސްދެކެ ވަރަށް ލޯބިވާނެ. އެބައެއްގެ ބަސް ކުރިއެރުވުމަށްޓަކައި ވަރަށް ގިނަގުނަ މަސައްކަތް ސްކޫލްތެރޭގައި، މުޅި މުޖުތަމަޢުގައި، ޢާއިލާތެރޭގައި ވަރަށް ބޮޑަށް ކުރޭ.

އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ މި ރާއްޖޭގައިވެސް ހަމަ މުޅިން ގޯސް ނޫން ކަމަށްވަންޏާ، މައިގަނޑު ގޮތެއްގައި ގާތްގަނޑަކަށް ހަތަރުވަރަކަށް ބަހުރުވަ، ވަރަށް ތަފާތު ބޮޑުކޮށް މި އޮންނަނީ. އޮންނައިރުވެސް އަޅުގަނޑުމެންނަށް ހަމަ ފާހަގަކުރެވޭ ބައެއް ރަށްރަށް، ބައެއް ޢާއިލާތައް، ބައެއް އަތޮޅުތަކުގައި ހަމަ ވަރަށް ބޮޑަށް އިސްކަންދޭ އިނގޭތޯ، އެ ބަހުރުވަ ގެއްލިދިޔަނުދިނުމަށްޓަކައި އެ ބަހުރުވައިން ވާހަކަ ދައްކަން. އެއީ، އެ އަތޮޅެއްގެ އެ އައިޑެންޓިޓީ.

އަޅުގަނޑަކީ ފުވައްމުލަކު މީހެއް. ނަސީބު ކަންދިމާކުރި ގޮތުން އަޅުގަނޑަށް އައްޑޫބަސްވެސް އެނގޭ. ދެން އަޅުގަނޑު ވަރަށް އުފާވޭ. ހުވަދޫބަސްވެސް އަޅުގަނޑަށް ދެން ކޮންމެވެސްވަރަކަށް އެނގޭ. ބަހުރުވަތަކުގެ ތެރެއިން ވަރަށް ރީތި، ތަންކޮޅެއް ތަފާތު ބަހުރުވައެއް ހުވަދޫ ބަހުރުވައަކީ. ދަސްކުރަން ތަންކޮޅެއް އުނދަގޫވެސްވޭ. ވަރަށް މުއްސަނދި، ރީތި ބަހެއް.

އެނގިވަޑައިގަންނަވާނެ، ސްކޫލް ނިންމާފައި، އަލަށް ވަޒީފާއަށް ވަންނަ ކުދިންނަކީ، ޒަމާނީ ތަރައްޤީ، ވެސްޓަރން ގޮތްތައް ހުންނަ ކުދިންކަމުން އަޅުގަނޑުމެންނަށް ވިސްނިދާނެ، ތަރައްޤީއަކީ އެއީ، އިނގިރޭސިބަހުންވެސް ވާހަކަ ދެއްކުންފަދަ ކަންތައްތަކޭ. ދެން ރަނގަޅު. އިނގިރޭސިބަސް މިހާރު އެނގެންޖެހޭނެ. އަޅުގަނޑުމެން މުޅި ދުނިޔެއާ އެކީގައި މަސައްކަތް ކުރަމުން މިދަނީ. ތަރައްޤީގެ ރޮނގުން މަސައްކަތް ކުރާއިރު، އިނގިރޭސިބަސް އެނގުމަކީ ވަރަށް މުހިންމު ކަމެއް. ހަމަ އެއާއެކު، ޢަރަބިބަސް އެނގުން އަދި ވަރަށް މުހިންމު ކަމެއް. ވަރަށް މުހިންމު ކަމެއް. ޢަރަބިބަހުން ވާހަކަދައްކާލަން އެނގުމަކީ އެއީ ލިބޭ ބޮޑު ފަޚުރެއް. ޝަރަފެއް. އެ ތަނަކަށް ގޮސްފައި، ވާހަކަ ދައްކަންޖެހިގެން، ވާހަކަ ދައްކަން ރަނގަޅަށް ނޭގުނީމާ ހިތަށް މިއަރަނީ. ދެން އަޅުގަނޑުމެންނަށް އެކަން އިޙްސާސްވޭ. ހަމަ އެގޮތަށް އެބަހުރި، އެހެން ބަސްތައްވެސް.

މިއަދު އަޅުގަނޑުމެންގެ މި ނެތިގެންދާ ރީތި އާދަތަކާއި، ސިފަތަކާއި، ކަންތައްތަކުގެ ތެރެއިން އެންމެ ބޮޑަށް އެކަމަކަށް އަޅުގަނޑުމެންނަށް ބިރުހީވާ އެއް ކަމަކަށް މިއޮތީ ބަސް. އެހެންވީމާ، ދިވެހި ބަސް ބޭނުންކުރަން އަޅުގަނޑުމެން އެބަޖެހޭ، އޭގެ ރަނގަޅު ގޮތުގައި. ސްކޫލުގައި ކިޔަވައިދީގެނެއްވެސް އަދި މުޅިންނެއް ހަމައެއްނުޖެހޭ. އަޅުގަނޑުމެންގެ ގޭތެރޭގައިވެސް، އަޅުގަނޑު ކުރީގައި މި ދެންނެވި ގޮތަށް، ވާހަކަ ދެއްކުމުގައި ވިސްނާލަންޖެހޭ. މުޅިން ދެ ބަސް އެއްކޮށްގެން ގޮސް ބަހަކަށްނުވެ ދިޔުމަށްވުރެ ބޮޑަށް، ކޮންމެވެސް އެއް ބަހެއް ބޭނުންކުރުން. އަބަދުވެސް ދިވެހިބަހުންވެސް ވާހަކަ ދައްކަންވީ. އިނގިރޭސިބަހުންވެސް ވާހަކަ ދައްކަންވީ. ޢަރަބިބަސް އެނގިވަޑައިގަންނަވާ ބޭފުޅުން މިތާނގައިވެސް އެބަ ތިއްބެވި. ޢަރަބިބަހުންވެސް ވާހަކަ ދައްކަވަންވީ. އުރުދޫބަހުންވެސް ވާހަކަ ދައްކަންވީ. ހިންދީބަސް ދަންނަ ވަރަށް ގިނަ ކުދިން ރާއްޖޭގައި ތިބޭނެ. ހިންދީ ފިލްމާއި، ހިންދީ ލަވަ، އަޅުގަނޑުމެން ކުޑައިރުއްސުރެ ފެށިގެން އެންމެ ބޮޑަށް މި އަޑުއަހައި ބަލަމުން އަންނަނީ. ހިންދީބަސްވެސް ވަރަށް ބޮޑަށް އެނގޭ. އެހެންނަމަވެސް، ތިމާއަށް ލިބޭ ހިތްހަމަޖެހުމެއް، އުފަލެއް، ޝަރަފެއް، ފަޚުރަކަށްވޭ، އެ މީހެއްގެ އަޞްލު ބަހުން ވާހަކަ ދައްކާލުން. މުޢާމަލާތް ކޮށްލުމަކީ އެއީ.

އެހެންވީމާ، މި ކަންތައްތަކަށް ސްކޫލްތަކުންވެސް އިތުރަށް ވިސްނަން އެބަޖެހޭ. ދިވެހިބަހުން ފަހިކޮށްދޭން އެބަޖެހޭ ގިނަ ކަންތައްތަކެއް. ހަމައެކަނި ފިލާވަޅު ނަގައިދިނުމުގެ އިތުރަށް، ސްކޫލް މާޙައުލުގެ ތެރެއިންނާއި، ލައިބްރަރީންނާއި، އެނޫން ގޮތްގޮތަށްވެސް ދިވެހި ލިޔުންތައް ނުވަތަ މެޓީރިއަލްތައް ކިޔުމަށް ހިތްވަރުދީ، އެކަންތައްވެސް ކުރަން އެބަޖެހޭ. ހަމައެއާއެކު، ގޭތެރޭގައި މި ދަންނަވާ ގޮތަށް ކަންތައްތައް ކުރަން އެބަޖެހޭ.

އަޅުގަނޑު މިހެން މި ދެންނެވި ސަބަބަކީ، އަޅުގަނޑުމެންނަށް މި ވޭތުވެދިޔަ ދުވަސްތަކުގައިވެސް، މަދުން ނަމަވެސް ފާހަގަކުރެވޭ، ވަޒީފާއެއްގައި އުޅޭ ބައެއް ކުދިންނަށް ވާހަކަ ދެއްކުމުގެ ހަމަތައް ރަނގަޅަށް ނޭނގޭކަން. ބައެއްފަހަރު އަމިއްލައަށް އެ ބުނެވޭ އެއްޗެއް ނޭނގިދާނެ. މިސާލަކަށް، އަޅުގަނޑަށްވެސް ހަމަ ބުނެވިދާނެ. ބުނެވިފައިވެސް ހުރެދާނެ، އެންމެ ރަނގަޅު ނޫން ގޮތަކަށް. އެކަމަކު އެގޮތަށް ބުނެވުނީމާ އެއީ، އެ މީހަކަށްވެސް ކުޑަކޮށް ލަދުވެތިކަން އިޙްސާސްވާ ކަމެއް. އެހެންވީމާ، މިކަހަލަ ކަންތައްތަކަށް ސަމާލުކަން ދޭންޖެހެނީ. ދެން އަޅުގަނޑަކީ އެއްގޮތަކަށްވެސް ދިވެހި މުދައްރިސެއް ނޫން. އަޅުގަނޑު ފަށަމުންވެސް ދަންނަވައިފިން، ބަހާ ގުޅޭގޮތުން ކޯއްޗެއްހޭ އަޅުގަނޑަށް ދެންނެވޭނީވެސް ތިޔަބޭފުޅުންނަށް. ދެން އެހެންނަމަވެސް، މިއީ ފާހަގަވި ކަންތައްތައް. ދެން އަޅުގަނޑުވެސް މި ޤައުމުގައި މިއުޅެނީ. ދިވެހިބަހުން ވާހަކަ ދައްކަނީ. ދިވެހިންނާ މުޢާމަލާތް ކުރަނީ. އަޅުގަނޑުގެ ތިމާގެ މީހުން، ރައްޓެހިން، އެކުވެރިންނަކީވެސް ދިވެހިން. އެހެންވީމާ، ފާހަގަވާ ކަންތައްތަކެއްގެ ވާހަކަ އަޅުގަނޑު ހަމަ މި ދަންނަވާލީ.

ދެން މީގައި އެނގިވަޑައިގަންނަވާނެ، މުސްކުޅިވީމާ ނުވަތަ ޢުމުރުން ދުވަސްވީމާ، އެ މީހަކީ ދެން ބޭނުންތެރި މީހެއް ނޫނޭ އެހެން ހީވެދާނެ. ނޫން. ނެތިދިޔަޔަސް، ފަނާވެދިޔަޔަސް، އެ މީހުންގެ ޒިކުރާތައް، އެމީހުންގެ ހަނދާންތައް، އެ މީހުންގެ އެ މުއްސަނދި ލިޔުންތައް ދިރިދިރި ހުންނާނެ. އެމީހުން އަޅުގަނޑުމެންނަށް އެ ފޯރުކޮށްދިން ޢިލްމު އުނގެނިގެން ކުރިއަށްދަނީ. މިސާލަކަށް، މުޙައްމަދު އަމީންދީދީގެ ލިޔުއްވުންތައް. ޒަމާނީ ލިޔުއްވުންތައް. ދެން ޖަލާލުއްދީން، ޙުސައިން ޞަލާޙުއްދީން، އިބްރާހީމް ޝިހާބު، މުޙައްމަދު ޖަމީލްދީދީ، މި ބޭބޭފުޅުންގެ ލިޔުއްވުންތައް. އަޅުގަނޑުމެން ކުޑައިރު އެންމެ ފުރަތަމަވެސް ދީނިއްޔާތު، ތަޢުލީމު ދިޔާނާ، އެ ފޮތްތައް އަޅުގަނޑުމެން ކިޔެވީ. އޭރަކު ނެތް އެހެން އެއްވެސް އެއްޗެއް. އެނގުނު އެއްޗެއް އެނގުނީވެސް އެ ފޮތްތައް ކިޔައިގެން. އެހެންވީމާ، ކޮންފަދަ ނަޞީބެއްތޯ މިއީ، މިފަދަ ބިމެއްގައި އަޅުގަނޑުމެން ލެއްވުން އެއީ.

އެހެންވީމާ، އަޅުގަނޑުމެން މިހާރު މިވަގުތަށް ބަލައިލާއިރުވެސް، ދިވެހި އަދަބިއްޔާތަށް ވަރަށް ގިނަ ޚިދުމަތްތަކެއް ކުރެއްވި ބޭފުޅުން އެބަ ތިއްބެވި. އަޅުގަނޑު ހަމަ ދެތިން ބޭފުޅެއްގެ ނަން ދަންނަވާ ކަމަށްވަންޏާ، އަޅުގަނޑުމެންގެ ކުރީގެ ރައީސް، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ވަރަށް ފަށުވި، ވަރަށް ފުރިހަމަ ލިޔުއްވުންތައް ހުރި. އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ، ދީނީ ވަރަށް ގިނަ ލިޔުންތައް ލިޔުއްވި. އަދި ވަރަށް ގިނަ ބޭފުޅުން، މި ތަނުގައިވެސް އެބަ ތިއްބެވި. ވަރަށްފަހުންވެސް ފޮތްތައް ނެރުއްވި ބޭފުޅުން މި ތިއްބެވީ. އަޅުގަނޑުގެ ކުރިމަތިން އަޅުގަނޑަށް އެބަ ފެނޭ.

އެހެންވީމާ، ފޮތެއް އޭގެ ސިފައިގައި ލިޔެފައި، ދޫކޮށްލާފައި ދާ މީހާ، އެ މީހެއްގެ މަތިން އަޅުގަނޑުމެންގެ ހަނދާންތައް އަބަދު އާވެގެންދޭ. އެހެންވީމާ، އެއްވެސްގޮތަކަށް ބާކީއެއްނުވާނެ. އެހެންވީމާ، އަޅުގަނޑު ދަންނަވަން އޮތީ، މިވެސް ވަރަށް މުހިންމު ކަމެކޭ، އެ ނަޒަރުން އަޅުގަނޑުމެން ވިސްނާލާއިރުވެސް.

އާދެ، އަޅުގަނޑު ކުރީގައި ދަންނަވައިފިން، ސަރުކާރުން ޚާއްޞަކޮށް، ދިވެހި އަދަބިއްޔާތަށް ޚިދުމަތްކުރުން ނުވަތަ ފުޅާކުރުން، ތަރައްޤީކުރުމުގެ ތެރެއިން މަސައްކަތްތަކެއް ކުރެވިއްޖެއޭ. މި އަހަރުގެ ދިރާސީ އަހަރުގެ ފުރަތަމަ ދުވަހު މި ހުޅުވިގެންދިޔަ ޞަލާޙުއްދީން ސްކޫލަށް އަޅުގަނޑުމެން ބަލައިލަމާތޯ. އެނގިވަޑައިގަންނަވާނެ، ޞަލާޙުއްދީން އެއީ ދިވެހި އަދަބިއްޔާތަށް އެތައް ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެއް. އަދި އަޅުގަނޑަށް ކުރީގައި ނުދެންނެވުނީ އަޙްމަދު ކާމިލްދީދީގެ ނަންފުޅު. ހަމަ އެފަދަ ބޭފުޅެއް. އެ ދެބޭފުޅުންގެ ނަންފުޅުގައި ހުޅުމާލޭގައި ހުޅުވާފައި ވާނެ، ވަރަށް ކައިރިކައިރީގައި އަޙްމަދު ކާމިލްދީދީ ސްކޫލް، އަދި ޞަލާޙުއްދީން ސްކޫލް. ޞަލާޙުއްދީން ސްކޫލްގައި އަޅުގަނޑުމެން ވިސްނާފައިވާނެ، ވަރަށް ބޮޑަށް އަދަބިއްޔާތު، މި ފަންނު ކުރިއެރުވުމަށްޓަކައި ވަކިން ޚާއްޞަ ސަމާލުކަމެއްދީގެން މަސައްކަތްތަކެއްވެސް ކުރަން. އެކަމަށް ކުދިންނަށް އިތުރަށް ހިތްވަރުދީ މަސައްކަތްތަކެއް ކުރަން.

އެހެންވީމާ، މިއީ ސަރުކާރުން މިހާރުވެސް ވިސްނާފައިވާ ކަންތައްތައް. އަޅުގަނޑުގެ އުންމީދަކީ، އިރާދަކުރެއްވިއްޔާ މި ކަންތައްތައް ހަމަ ކުރިއަށްދިޔުން. އަޅުގަނޑަށް ހީވަނީ މިހާރު މި ފޮތްތަކާ ގުޅޭގޮތުން އަޅުގަނޑަށް ވަރަށް ގިނަ ވާހަކަ ދެއްކިއްޖެހެން. މިހާރުވެސް ޢާމިރު ވަރަށް ބޮޑަށް އަޅުގަނޑަށް އެބަ ބައްލަވާ. ވަރަށް ގިނަ ވާހަކަ އަޅުގަނޑަށް ދެއްކިއްޖެ. ދެން މިހެން އުޅެނިކޮށް މިވާގޮތަކީ، މިހާރު ފޮތްލިޔާ މީހުން ދެކެ ވަރަށް ލޯބިވާ މީހަކަށް އަޅުގަނޑުވެސް ވެއްޖެ. އެއީ ހަމަ ކުއްލިގޮތަކަށް ބޭފުޅަކު ވަޑައިގަންނަވަނީ އަޅުގަނޑާ ހަމައަށް. އަޅުގަނޑާ ބެހޭގޮތުން އެއްޗެއް ލިޔެލަން ބޭނުންވީ. އެއީ އަޙްމަދު ސާޢިދު ޢަލީ. މިހާރު މިތާނގައި ނޫޅުއްވާހެން އަޅުގަނޑަށް ހީވަނީ. ދެން ކޮންމެއަކަސް އަޅުގަނޑާ ގުޅޭގޮތުންވެސް ކޮންމެވެސް ފޮތެއް ލިޔެފައިވަނީ. ފަރެސް ޢާމިރަކީވެސް އަޅުގަނޑަށް އެނގިފައި އޮތް ގޮތުން، އެފޮތަށް ކޮންޓްރިބިއުޝަނެއް ދެއްވި ބޭފުޅެއް. އެއިންވެސް އަޅުގަނޑަށް ހަމަ އަނެއްކާ އެނގިގެންދިޔައީ އިތުރަށް، ކިހާ މުހިންމު ކަމެއްތޯ ލިޔުންތެރިކަމަކީ. އަދި ޚާއްޞަކޮށް، ފޮތް ލިޔުންތެރިކަން. އެހެންވީމާ، ތިޔަބޭފުޅުންނަށް ހުރިހާ ލިޔުންތެރިންނަށް، ފޮތް ލިޔުންތެރިންނަށް، އަދަބީ ދިވެހި މި ގުލްޝަނުގައި މަސައްކަތް ކުރައްވާ، ޚިދުމަތް ކުރައްވާ ހުރިހާ ބޭފުޅުންނަށް އަޅުގަނޑުގެ ހިތުގައި އޮތް ލޯބި ހާމަކޮށް، ލިޔުންތެރިންގެ އަގު ވަޒަންކުރާ ވާހަކަ މިއަދު ހަމަ ދަންނަވާލަން ބޭނުންވޭ.

ދެން ޤައުމީ ޔުނިވަރސިޓީގެ ވަރަށްގިނަ ކަންތައްތަކުގައި އަޅުގަނޑަށް ބައިވެރިވެވިއްޖެ. އަޅުގަނޑަކަށް ނޭނގެ ދެން އިތުރަށް މި އޮތް ދުވަސްކޮޅުގައި އިތުރު ކަމެއް އޮންނާނެ ކަމެއް. މި ބޭފުޅުން ވިދާޅުވެފައެއް ނެތް. މާދަންރޭ ޔުނިވަރސިޓީގެ ފުޓްބޯޅަ މުބާރާތެއް އެބައޮތް. ދެން އިތުރު ކަމެއް އޮތް ކަމަކަށް އަދި އެނގިފައެއް ނެތް. ދެން ފަހަރެއްގައި އޮވެވެސްދާނެ.
އެހެންނަމަވެސް، އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުން، ދަންނަވާލަން ބޭނުން. އެކުގައި މަސައްކަތް ކުރެވިގެންދިޔަ މި ފަސް އަހަރު، ވަރަށް ކުރިން 2018 ވަނަ އަހަރު އަޅުގަނޑަށް އާދެވުނު. އެ ވަގުތަކު މިހާރު ހުންނެވި ޗާންސެލަރެއް ނޫން ޗާންސެލަރަކަށް ހުންނެވީވެސް. އެހެން ބޭފުޅެއް. އެހިސާބުން ފެށިގެން ތިޔަބޭފުޅުންނާ އެކީގައި ކުރެވުނު މަސައްކަތްތަކާއި، އަދި އަޅުގަނޑުމެންނާ އެކުގައި، މި ސަރުކާރާއެކު ވަރަށް ގިނަ ކަންތައްތަކެއް އަޅުގަނޑުމެންނަށް ކުރެވިގެން، ޚިޔާލުތަކެއް ކުރެވިގެން ހިނގައްޖެ. އެއީ، އިންސްޓިޓިއުޝަންތައް ވަރުގަދަކުރުމަށާއި އަދި ޚާއްޞަކޮށް، ރާއްޖެއަށް އެންމެ ބޭނުންވާ އެއްކަމެއްގެ ގޮތުގައި ކުރި މަސައްކަތް އަޅުގަނޑު ފާހަގަކޮށްލަން ބޭނުން. އެއީ، މޯލްޑިވްސް ހޮޓެލް ސްކޫލްގެ ނަމުގައި ތަނެއް ޤާއިމުކުރުން. ދުނިޔޭގެ އެންމެ މަތީފަންތީގެ ރިޒޯޓުތަކަށް، ހޮސްޕިޓާލިޓީ އިންޑަސްޓްރީއަށް ބޭނުންވާ އެ ފެންވަރުގެ މީހުން އުފެއްދުމަކީ ވަރަށް މުހިންމު ކަމެއް ކަމަށްވާތީ، އަޅުގަނޑުމެން މަސައްކަތް ފެށީ. އެއީ ރެވެނިއު ޖެނެރޭޓްވެގެން ދާނެ ކަމެއް. ބޭރުގެ އެތައް ބަޔަކު ގެނެވޭނެ. ކިޔަވަން އަންނާނެ ތަނެއްގެ ގޮތުގައި އަޅުގަނޑުމެންނަށް އެކަން ގަބޫލުކުރެވިގެން، މަސައްކަތްތަކެއް ފަށައި، ޕްލޭންތަކެއް ކޮށްފައިވެސް ވެއްޖެ. އެއީ ދެން ކުރެވުނު ވަރަށް މުހިންމު މަސައްކަތެއްގެ ގޮތުގައި އަޅުގަނޑު ގަބޫލުކުރަނީ. ކުރިއަށް އޮތް ތާނގައި، އެ މަސައްކަތުގައި ކުރިއަށްދިޔުން އޮތީ. އެހެންވެ އެ ހުރިހާ ކަމަކަށްޓަކައި ޚާއްޞަކޮށް، ޗާންސެލަރ ޑޮކްޓަރ ޙަސަން ޙަމީދާއި އަދި ވައިސް ޗާންސެލަރ، އަދި ޑެޕިއުޓީ ވައިސް ޗާންސެލަރުން، ޑީނުން އަދި މުޅި ޔުނިވަރސިޓީގެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު އަދާކުރަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ.

ޑޮކްޓަރ އަނާރާވެސް އެބަ އިންނެވި. އަޅުގަނޑާ އެކީގައި މަޖިލީހުގައި އެންމެ ގާތުން ފަސް އަހަރު ވަންދެން އަޅުގަނޑުގެ ބައި ނިމެންދެން، އެންމެ ގާތުން ކޮންމެ ދުވަހަކު މަސައްކަތް ކުރެއްވި. ހަމަގައިމުވެސް މަޖިލިސްތެރޭގައި އެންމެ ބޮޑު އެހީތެރިކަމެއް އަޅުގަނޑަށް ދެއްވި އެއް ބޭފުޅަކީ އެއީ. އެންމެ އިޚްލާޞްތެރިކަމާއެކީ އަދި މަޖިލީހުގައި މަސައްކަތް ކުރެއްވި އެއް ބޭފުޅެކޭ ދެންނެވުމަކީ ދޮގަކަށްނުވާނެ. އެހާވެސް ރަނގަޅަށް މަސައްކަތް ކުރެއްވި ބޭފުޅެއް ޑޮކްޓަރ އަނާރާއަކީ. ދެން އަޅުގަނޑަށް ޑޮކްޓަރ އާމާލްވެސް އެބަ ފެނޭ. ވަރަށް ގިނަ ޚިޔާލު ދެއްވާ އަޅުގަނޑަށް. ޝަކީބުވެސް އަޅުގަނޑަށް އެބަ ފެނޭ. އަޅުގަނޑުގެ ވަރަށް ގާތް ބޭފުޅެއް އެއީ. ވިއްސަކަށް، ފަންސަވީހަކަށް އަހަރު ވެއްޖެ. ދެން ގާތްގަނޑަކަށް މި ތިއްބެވީ އަޅުގަނޑުގެ މުޅިން އެކުވެރިން. ލީލާ އެބަ އިންނެވި. ލީލާގެ ބައްޕަ އެއީ އަޅުގަނޑުގެ ބައްޕައާ ވަރަށް ގާތް ބޭފުޅެއް. ލީލާވެސް ވަރަށް ހެޔޮކޮށްހިއްތަވާ އަބަދުވެސް އަޅުގަނޑަށް. އެހެންވީމާ ޖުމުލަކޮށް ހަމަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު އަދާކުރަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.