ރާއްޖޭގެ އިޤްތިޞާދީ ޙާލަތު އޭޕްރިލްމަހު ހުންނާނެގޮތް ދެނެގަނެ، އެ މަހަށް އަމާޒުކޮށްގެން މަސައްކަތް ކުރެވުނީމާ، އިރާދަކުރެއްވިއްޔާ ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދެއްވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ އަޑު މެދުވެރިކުރައްވައި މިއަދު ހެނދުނު އެމަނިކުފާނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ސިވިލް ސަރވިސްގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދެއްވުމަށް ބޭނުންފުޅުވާ ކަމަށާއި، އެކަން ކޮށްދެއްވުމަށް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މުވައްޒަފުންގެ މުސާރަ ކުޑަކުރެއްވުމާ ގުޅިގެން، އެކަމަށް އެތައް ބަޔަކު ވަކާލާތުކޮށް އަޑުއުފުލަމުންދާއިރުވެސް، އަދި މުވައްޒަފުން މަގުމައްޗަށް ނުކުންނަވައި އިޙްތިޖާޖު ކުރުމަށް އެތައް ބަޔަކު ގޮވަމުންދާއިރުވެސް، ސަރުކާރުން މި ހިންގަވާ ސިޔާސަތުގެ ބޭނުންތެރިކަމާއި މުހިންމުކަން މުވައްޒަފުންނަށް ވިސްނިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެ އިޙްތިޖާޖުތަކުގައި މުވައްޒަފުން ބައިވެރިވެވަޑައިނުގަންނަވާކަމީ، މުވައްޒަފުން ސަރުކާރަށް ދެއްވާ އިތުބާރެއް ކަމަށް ވިދާޅުވެ، ހުރިހާ މުވައްޒަފުންނަށް ރައީސުލްޖުމްހުރިއްޔާ ޝުކުރުއަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، ފެބްރުއަރީމަހު މުވައްޒަފުންގެ މުސާރަ ބޮޑުކުރެއްވި ކުރެއްވުމަކީ، ޙަޤީޤަތުގައި މުސާރަ ބޮޑުކުރެއްވުމަށް ސަރުކާރުން ހިންގެވި މަސައްކަތެއް ނޫން ކަމަށާއި، އެއީ އެއްހަމައަކަށް ސަރުކާރުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ގެންނެވުމަށް ކުރެއްވި މަސައްކަތެއް ކަމުގައި ވިދާޅުވިއެވެ. ރާއްޖެއަކީ، ދުނިޔޭގެ ހުރިހާ ޤައުމަކާ އަޅާބަލާއިރުވެސް ލިބޭ އާމްދަނީއާއި ކުރާ ޚަރަދުގެ ތެރެއިން މުސާރައަށް ކުރާ ޚަރަދުގެ ނިސްބަތް، މުޅި ދުނިޔެއިން އެންމެބޮޑު ޤައުމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވަމުން، މިގޮތަކަށް އަޅުގަނޑުމެންނަކަށް ކުރިއަށް ދެވޭކަށް ނޯންނާނެ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި ރޭޑިޔޯ ޚިޠާބުގައި، ކަރަންޓުގެ ސަބްސިޑީޒް ދެއްވުމުގައި ޢަމަލު ކުރައްވަން ސަރުކާރުން މިހާރު ނިންމަވާފައި އުސޫލަށް ބައްލަވާލެއްވިއެވެ. އަދި މާލޭގައި ބޭނުންކުރާ ޖުމްލަ އަށާރަހާސް ނުވަސަތޭކަ ފަސް މީޓަރުގެ ތެރެއިން ސާދަހާސް ދުއިސައްތަ ފަންސާސް މީޓަރުގެ ބިލުން ތަފާތުވާ ޢަދަދު އެކުގައި ހިލޭ އެހީގެ ގޮތުގައި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން އަދާކުރާގޮތަށް މިހާރު ހަމަޖެހިފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. މީގެއިތުރުން، ތިންހާސް ނުވަސަތޭކަ އަށްމީޓަރުގެ ބިލުން ތަފާތުވާ ޢަދަދުގެ ފަސްދޮޅަސް އިންސައްތަ، ހިލޭއެހީގެ ގޮތުގައި ސަރުކާރުން ދެއްވަން މިހާރުވަނީ ނިންމަވާފައި ކަމުގައިވެސް ވިދާޅުވިއެވެ.

ސަބްސިޑީ ދޭނެ ފަރާތްތަކެއް ސަރުކާރަށްވަނީ ފާހަގަކުރެއްވިފައި ކަމަށާއި، އޭގެ ތެރެއިން ފަރާތެއް އެއީ، ސަބްސިޑީ ޙައްޤުނުވާ ފަރާތެއްގެ ގޮތުގައިވެސް ފަހުން ކަނޑައެޅިގެން ހިނގައިދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މީޓަރު ރަޖިސްޓްރީވެފައިވަނީ ކިތަންމެ ބޮޑު ފައިސާވެރިއަކަށް ކަމުގައިވިޔަސްވެސް، އެ މީޓަރު ބޭނުންކުރާ ފަރާތަށް ސަބްސިޑީއެއް ޙައްޤުވާ ކަމަށް އެންސްޕާއަށް ފެނިވަޑައިގަތީމާ، ހަމަޖެހިފައިވާ އުޞޫލުތަކުގެ ތެރެއިން އެ ސަބްސިޑީއެއް އެފަރާތަކަށްވެސް ލިބޭނެކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އަދި ކަރަންޓްގެ ފީ އަގުބޮޑުވުމާ ގުޅިގެން ދަތިތަކާ ދިމާވި ފަރާތްތަކަށް މި ބަދަލުތަކުގެ ސަބަބުން ލުޔެއް ލިބިގެންދާނޭ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ސަރުކާރު ކޮންމެ މުވައްޒަފަކު، އެ މުވައްޒަފެއްގެ މުސާރައިގެ 7 ޕަސެންޓް ފަހަށް ރައްކާކުރަންޖެހޭތީ، އެކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ. އަދި ޕެންޝަނާބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިން މުވައްޒަފުންނަށް މިފައިސާ ދައްކަން ޖެހުމަކީ، މިދުވަސްވަރު ވަރަށް ދަތިކަމަކަށްވާނެކަން ފާހަގަކުރައްވައި، އެފައިސާގެ ކަންތައް ސަރުކާރުން ހަމަޖައްސަވައިދެއްވަން ނިންމަވާފައިވާ ކަމަށް ވިދާޅުވެ، އެކަމުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބު ނިންމަވާލައްވަމުން، ރާއްޖޭގެ ރައީސްކަން 30 އަހަރު ކުރެއްވި އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ސިޔާސީ ޙަޔާތް ނިންމަވާލެއްވިކަން އިޢްލާނު ކުރެއްވުމާ ގުޅިގެން، އެބޭފުޅާއަށް މަރްޙަބާއާއި މުބާރަކްބާދީ އަދާކުރައްވައި ބާއްޖަވެރިކަމަށް އެދިވަޑައިގެންނެވިއެވެ. އަދި ރާއްޖޭގެ ވެރިކަން ކުރެއްވި ބޭފުޅުން ވެރިކަމުން ވަކިވެވަޑައިގަންނަވަން މެދުވެރިވި ސަބަބުތަކާއި، އެބޭފުޅުންގެ ވެރިކަން ނިމިދިޔަ ގޮތުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، ރާއްޖޭގައި ދެމެހެއްޓެނިވި ތަރައްޤީއެއް ހޯދުމަށްޓަކައި ބޭނުންވާ ޑިމޮކްރަސީގެ މުއައްސަސާތައް ބިނާކުރުމާއި އުޞޫލުތައް ކަނޑައެޅުމުގައި، ކުރީގެ ރައީސުންނާ ދޭތެރޭގައި އަޅުގަނޑުމެން ކަންތައްކުރާ ގޮތް އެއީ މުހިންމު ކަމެއް ކަމުގައި ވިދާޅުވިއެވެ.