ސަރުކާރުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރެއްވުމުގައި ކުރިމަތިވެފައިވާ ހުރަސްތަކާ މިކަމުގައި ސަރުކާރަށް މިހާރު ލަފާކުރެއްވޭ ގޮތް، މާދަމާގެ ރޭޑިޔޯ ޚިޠާބުގައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ހާމަކުރައްވާނެއެވެ.

ދިވެހިރާއްޖޭގެ އަޑު މެދުވެރިކުރައްވައި، މާދަމާ ހެނދުނު 10 ޖަހާއިރު އެމަނިކުފާނު މިދެއްވާ ރޭޑިޔޯ ޚިޠާބުގައި، ކަރަންޓުގެ ސަބްސިޑީޒް ދެއްވުމާ ބެހޭގޮތުންނާއި މުވައްޒަފުން ޕެންޝަނަށް ދައްކަންޖެހޭ ޕަސެންޓް ސަރުކާރުން ދެއްކެވުމާ ބެހޭގޮތުންވެސް ވާހަކަފުޅު ދައްކަވާނެއެވެ. އަދި، ރައީސް މައުމޫން ސިޔާސީ މައިދާނުން ވަކިވެވަޑައިގަތުމާ ގުޅިގެން އެކަމުގެ މައްޗަށްވެސް ބައްލަވާލައްވާނެއެވެ.