بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰ ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. ކައު އިތުރު ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލްކުރަން.

ވެލިދޫ ކައުންސިލްގެ ރައީސް ޢާޠިފް ޙުސައިން، ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު ޢަބްދުﷲ ޝަފީޤު، ކައުންސިލް މެންބަރުން، ދައުލަތުގެ މުއައްސަސާތަކުގެ އިސްވެރިން، ވެލިދޫގެ ޚިދުމަތްތެރިން، ވަކިން ޚާއްޞަކޮށް، މިރޭ ޝަރަފުގެ އެވޯޑް ހާސިލުކުރެއްވި އެންމެހައި ފަރާތްތައް؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، ތަންކޮޅެއް ދަންވެސްވެއްޖެ. ދެން އެހެންނަމަވެސް، އެއްރޭ އެއް ޖަލްސާއެއްގައި އިނާމުތައް ނުދެވިގެން، އެއީ ޓޮޕް ޓެން އަށް ބެލިކަމުގައިވިޔަސް، އަދި ޤައުމީ ޚިދުމަތްތެރިންގެ އެވޯޑް ދިންކަމުގައިވިޔަސް، އެއް ރެއެއްގައި އެވޯޑްތައް ނުދެވިގެން، ދެ ރެއަށް ނުވަތަ ދެ ދުވަހަށް، ވޭތުވެދިޔަ އަހަރުތަކުގައި ސަރުކާރުން ވަނީ ބަދަލުކޮށްފައި. އާދެ، މިއިން އެނގޭ އެއްޗަކީ، ހުރިހާ ދާއިރާއަކުންވެސް ޚިދުމަތްތެރިން ގިނަވަމުންދާކަން.

އާދެ، އަޅުގަނޑު ހަމަ އެންމެ ފުރަތަމަވެސް، އަޅުގަނޑުމެން މި ރަށަށް މިއަދު އައުމާއެކު ޚާއްޞަކޮށް، ވެލިދޫގެ ލޮބުވެތި ރައްޔިތުން އެ ދެއްވި މެހްމާންދާރީއަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު، ތިޔަ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ޝުކުރު އަދާކުރަން.

އާދެ، ވަކިން ޚާއްޞަކޮށް، މިފަދަ މުހިންމު ޙަފްލާއެއްގައި، އާދެ، ޚިދުމަތްތެރިންގެ އަގު ވަޒަންކުރާ އަދި އެ ޝަރަފުވެރިންނަށް އެކަމުގެ ބަދަލުގައި އެވޯޑް ދެވޭ މިފަދަ ޙަފްލާއަކަށް އަޅުގަނޑަށް ދަޢުވަތު ދެއްވި ކަމަށްޓަކައި ކައުންސިލްގެ ރައީސަށާއި އަދި ކައުންސިލްގެ އެންމެހައި މެންބަރުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑު މި ވެލިދުއަށް އައިއިރު، އަޅުގަނޑު ކުޑަކޮށް ވިސްނާލިން، ވެލިދުއާ އަޅުގަނޑާ އޮތީ ކޮން ގުޅުމެއްތޯ. އަޅުގަނޑު 1986 ގައި ކިޔަވަން ހުރިއިރު، އޭރު ދެން އަޅުގަނޑުމެން އުމުރުން 12، 13 އަހަރުގައި، ވެލިދޫ ކުދިންނާއި އަޅުގަނޑާ އެކީގައި، އެއް ގެއެއްގައި ކިޔަވަންއުޅުނީ. ދެން ހަމަ އެއާއެކު، 1992 ވަނަ އަހަރު އަޅުގަނޑު މަސައްކަތުގެ ދާއިރާއަށް ނުކުތީ. ނުކުތްއިރުވެސް އަޅުގަނޑަށް، އަޅުގަނޑަށްވުރެ ސީނިއަރ އަދި މި ރަށުގެ ވަރަށް ތަޖުރިބާކާރު ބޭފުޅެއް ހަމަ އެއީ، ވެލިދޫ ފާރޫޤު. އަޅުގަނޑަށް އެ ބޭފުޅާއާ އެކީގައި އަނެއްކާ މަސައްކަތްކުރަން ޖެހުނީ. ވަރަށް ގިނަ ކަންތައްތައްވެސް ދަސްވި. ދެން މިހާރު އަޅުގަނޑު މަގާމުގެ ހައިސިއްޔަތުން މި ހުންނަ ގޭގައިވެސް ވެލިދޫ ކުއްޖެއް މަސައްކަތްވެސް ކުރޭ. ދެން އަނެއްކާ މިހާރު މި ފެންނަނީ އަދި ކުރިމަތިން ޖަނާ. ރައީސް އޮފީހުގައި އުޅުއްވަނީ. އަދި އަޅުގަނޑު ދާ ކޮންމެ ތަނަކަށް އާދަމް ޖަނާ ވަޑައިގަންނަވާ. އެއީވެސް އަނެއްކާ ހަމަ ވެލިދޫ ބޭފުޅެއް.

ވަކިން ޚާއްޞަކޮށް، ތިޔަބޭފުޅުންގެ ޢިއްޒަތްތެރި މެންބަރު ވަރަށް ރަނގަޅަށް ވިދާޅުވެއްޖެ، އަޅުގަނޑުމެން ދެ މީހުންގެ ރަޙްމަތްތެރިކަމަށް ފަންސަވީސްވަރަކަށް އަހަރުވީ ވާހަކަ. ރަނގަޅު ވާހަކަފުޅެއް. އަޅުގަނޑުގެ ހަނދާނަށް އަންނަނީ 2004 ވަނަ އަހަރު އަޅުގަނޑަށް ލިޔުމެއްގެ ސިފައިގައި އެއްޗެއް ގެންނަނީ. އެ ބަލައިލިއިރު މިއީ ޤައުމީ ޚިދުމަތުގެ އިނާމަށް އަޅުގަނޑުގެ ނަން ހުށަހެޅުމަށްޓަކައި ތައްޔާރުކޮށްފައި އޮތް ލިޔުމެއް. އެ ލިޔުން ގެންނެވީ، ތިޔަބޭފުޅުންގެ ޢިއްޒަތްތެރި މެންބަރު. އޭރުވެސް އަދި މިހާރުވެސް އަޅުގަނޑުގެ ހަމަ އެކުވެރި މުޙައްމަދު ޢަބްދުﷲ ޝަފީޤް. އެހެންވީމާ، އެއިން އަޅުގަނޑަށް ވިސްނުނީ، ހުރިހާ ގޮތަކުންވެސް މި ޙަފްލާއާ އަޅުގަނޑާ ވަރަށް ގުޅިއްޖެ ކަމަށް ނުވަތަ ގުޅުންހުރި ކަމަށް.

އާދެ، އަޅުގަނޑާ ބެހޭގޮތުން ވަރަށް ހެޔޮ ބަސްފުޅުތަކެއް މެންބަރު ވިދާޅުވި. އެކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އާދެ، ދައުރު ނިމިގެންދާއިރު ޚާއްޞަކޮށް، ތިފަދަ ބަހެއް ވިދާޅުވީތީ. ދެން އެހެންނަމަވެސް، އަޅުގަނޑު ޤަބޫލުކުރަނީ، އެއީކީ ކޮންމެހެން ވަކި މަގާމެއްގައި ހުރެގެނެއް ނޫން، މީހަކު އަނެކާއާ ދޭތެރޭ ރަނގަޅަށް ކަންތައްތައް ކުރަންޖެހޭނީކީ. އެއީ އަޅުގަނޑު އޭގައި ޤަބޫލުކުރާގޮތް. މަގާމެއް ނޫން އެއްޗަކީ. ތިމާ އުޅޭގޮތް މުހިންމީ. ތިމާ ކުރާ ކަންތައް މުހިންމީ. ތިމާ އެހެން މީހުންނާ ދޭތެރޭގައި ދެކޭގޮތް. އަޅުގަނޑަށް ހީވަނީ މިފަދަ އެވޯޑެއް ތަޢާރުފްކޮށް، ޚާއްޞަކޮށް ކައުންސިލުން މިފަދަ ކަމެއް ކުރުމުގެ އެންމެ ބޮޑު ބޭނުމަކީވެސް އެއީހެން.

މިހާހިސާބަށް ރަށެއް އަންނާނީ ވަރަށް ގިނަ ބައެއްގެ މަސައްކަތުން. ވަރަށް ގިނަ ބަޔަކު ޚިދުމަތްކޮށްގެން. އެއީކީ އެކަކު، ދެ މީހަކަށް، ކައުންސިލަރަށް، ކައުންސިލަރާއެކީ މަސައްކަތްކުރާ ބަޔަކަށް ނުވަތަ ކަތީބާއި ކުޑަކަތީބަށްވެސް އަދި ކުރެއްވޭނެ ކަންތައްތަކެއް ނޫން. މުޅި ރަށުގައި، އަތޮޅުގައި ގިނަ ބަޔަކު މަސައްކަތްކޮށްގެން މިހާހިސާބަށް ތަރައްޤީގެ ކަންތައްތައް މި އަންނަނީ.

އާދެ، އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، މިފަދަ އެވޯޑެއްގެ ސަބަބުން، ކުރިއަށް އޮތް ތާނގައިވެސް ރަށުވަންތަކަމާއި، ރަށަށް ޚިދުމަތްކުރުމާއި، މި ކަންތައްތަކަށް ވަރަށް ބޮޑަށް ޝައުޤުވެރިކަން އިތުރުވެގެންދާނެ. އެކަމަށްޓަކައި އަޅުގަނޑު ޚާއްޞަކޮށް، ކައުންސިލްގެ ރައީސް އަދި ވެލިދޫ ކައުންސިލްގެ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑަށް މަޢުލޫމާތު ލިބިފައި އޮތް ގޮތުގައި، މިރޭ މި އެވޯޑް ހާސިލުކުރެއްވި ހުރިހާ ފަރާތްތަކަކީވެސް ގިނަ ދުވަސްތަކެއް ވަންދެން، ވަރަށް ގިނަގުނަ ޚިދުމަތްތަކެއް ވެލިދުއަށާއި އަދި މުޅި ޤައުމަށް ކޮށްދެއްވާފައިވާ ބައެއް. އާދެ، އޭގެ ތެރެއިން އަޅުގަނޑުމެންނަށް ވަރަށް މުހިންމު ޚިދުމަތްތަކެއް ވެލިދުއަށް އަދި ދިވެހި ޤައުމަށް ކޮށްދެއްވި ވަރަށް ގިނަ ބަޔަކު އަޅުގަނޑުމެންނާ މިއަދުވަނީ ވަކިވެސްވެފައި. އަޅުގަނޑުގެ ދުޢާއަކީ اللهُ سُبْحَانَهُ وَتَعَالَى އެ އެންމެހައި ފަރާތްތަކަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރެއްވުން. އާމީން.

އަދި ހަމަ އެއާއެކު، މިރޭ އެވޯޑް ލިބިވަޑައިގެންނެވި އެންމެހައި ފަރާތްތަކަށް، ޤައުމަށްޓަކައި އެ ކޮށްދެއްވި ބުރަ މަސައްކަތްތައް، ޚާއްޞަކޮށް ރަށަށްޓަކައި އެ ކޮށްދެއްވި ބުރަ މަސައްކަތް ފާހަގަކޮށް، އަޅުގަނޑުގެ އަމިއްލަ ނަމުގައި އަދި ދިވެހި ސަރުކާރުގެ ނަމުގައި އަޅުގަނޑު އެ ހުރިހާ ފަރާތްތަކަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، އެނގިވަޑައިގަންނަވާނެ، 1979 ވަނަ އަހަރު ޤައުމީ ޚިދުމަތުގެ އިނާމު، އޭރުގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ފެށްޓެވި. އަގުވަޒަންކުރުމުގެ އެ އެވޯޑް ނުވަތަ ޤައުމީ ޚިދުމަތް ނިމުމެއްނެތި، ހުއްޓުމެއްނެތި ފާހަގަކުރުމުގެ ކަންތައްތައް، ކޮންމެ އަހަރަކުވެސް ކުރިއަށްދޭ. އަޅުގަނޑު ހަމަ ވަކިން ފާހަގަކޮށްލަން ބޭނުން، އަޅުގަނޑުމެންނަށް މި ސަރުކާރުންވެސް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑަށް އިސްކަންދެއްވި ކަމެއް ޚިދުމަތުގެ އަގު ވަޒަންކުރުން. އެގޮތުން، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ދައުލަތަށް 50 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތްކުރި މީހުންނަށް އަދި އެތައް ބަޔަކަށް، އަޅުގަނޑު ކުރީގައި ދަންނަވައިފިން، އެއްދުވަހުން ނުވެގެން ދެ ދުވަސްމަތިން، އެކިގޮތްގޮތުން ދިގު މުއްދަތަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވި ވަރަށް ގިނަ ފަރާތްތަކަށް އަގު ވަޒަންކުރުމުގެ ގޮތުން، މި އަހަރުގެ މިނިވަންދުވަހުގެ މުނާސަބަތުގައި ވަނީ އެވޯޑް ދެވިފައި.

އާދެ، އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭނެ، ކުރީގައިވެސް އަޅުގަނޑު މި ދެންނެވި ގޮތަށް، ޤައުމު ބިނާވަނީ އެ ބޭފުޅުންގެ މަސައްކަތުން. އަޅުގަނޑުމެން ކޮންމެ މީހަކުވިޔަސް، ކޮންމެ ރަށަކުން އަންނަ މީހަކު ކަމުގައިވިޔަސް، ކޮންމެ އަތޮޅަކުން އަންނަ މީހަކު ކަމުގައިވިޔަސް،
އެ ކުރާ ކަމަކަށް ބަލަންޖެހޭނީ. އެމީހާއަކީ އެއީ އިޚްލާޞްތެރި، ރަނގަޅު، ތެދުވެރި، ޚިދުމަތްތެރި މީހެއް ކަމަށްވަންޏާ، އަޅުގަނޑުމެން އެކަން ބަލައިގަންނަންޖެހޭނެ. އެއީ ކުރާ ކަންތައްތަކަށް މީހުންނަށް އެވޯޑް ދޭނީ.

އެހެންވީމާ، އަޅުގަނޑުމެން އަބަދުވެސް އެބަޖެހޭ އަގުވަޒަންކުރަން. ކުރާ ކޮންމެ ކަމެއްގެ އަގު ވަޒަންކުރަން އެބަޖެހޭ. އެނޫންގޮތަކަށް އަޅުގަނޑުމެން ބޭނުންވާ ތަހުޒީބު، ތަރައްޤީވެފައިވާ މުޖުތަމަޢެއް އަޅުގަނޑުމެންނަކަށް ނުހޯދޭނެ. އެހެންވީމާ، އަޅުގަނޑު މިއަދުވެސް ތިޔަބޭފުޅުންނަށް، ޚާއްޞަކޮށް، ކައުންސިލަށް ދަންނަވާލަން އޮތީ، ކުރިއަށް އޮތް ތާނގައިވެސް ވީހާވެސް ފުޅާ ދާއިރާއެއްގައި ތިޔަބޭފުޅުން މި ކަންތައް ކުރިޔަށް ގެންގޮސްދެއްވާށޭ.

އާދެ، ވަރަށް ދަންވެއްޖެ. އަޅުގަނޑަށް އެނގޭ. ވަރުބަލިވެސްވާހާ ގިނަ ވަގުތު އަޅުގަނޑުމެންނަށް މި ޖަލްސާގައި ވެއްޖެ. އެހެންނަމަވެސް، އަޅުގަނޑުމެންނަކަށް އެހާ ގިނައިން ރަށްރަށަށް އައިސް، އެހެން ބައްދަލުވުމުގެ ފުރުޞަތެއް ނުލިބޭ. އެހެންވީމާ، މިހެން ދިމާވާ ވަގުތެއްގައި، ދަންނަވާލަން ބޭނުންވާ އެއްޗެއް ދަންނަވާލަން ފުރުޞަތު މި ލިބެނީ.

ދެން އެހެންނަމަވެސް، ވާހަކަ ކުރުކޮށްލުމުގެ ގޮތުން، އަޅުގަނޑު ދަންނަވާލަން އޮތީ، ރަނގަޅު މުޖުތަމަޢެއް ބިނާކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރަން އެބަޖެހެއޭ. ޚާއްޞަކޮށް، ސްކޫލްތެރެއިން ދެވޭ ތަޢުލީމާއެކު، މަސައްކަތްތެރިކަން ދަސްކޮށް، ރަނގަޅަށް ދިރިއުޅުމަކަށް، އަހުލުވެރި މުޖުތަމަޢެއް ބިނާކުރުމަށްޓަކައި އަޅުގަނޑުމެން މިއަދު ގިނަގުނަ މަސައްކަތްތަކެއް ކުރަން އެބަޖެހޭ. މިއަދު ކަންތައްތައް މިއޮތީކީ، ކުރީގައި ކަންތައްތައް އޮތް ގޮތަކަށް ނޫން. މާޒީވެދިޔަ ދުވަސްތަކުގައި ކަންތައްތައް އޮތީ މުޅިން ތަފާތުކޮށް. މިއަދު ޓެކްނޯލޮޖީއާއި އަދި އަޅުގަނޑުމެން މުޅި ދުނިޔެއާ ލާމެހިފައި އޮތުމުގެ ސަބަބުން، އޭގެ ފައިދާތަކާ އެކީގައި ކޮންމެވެސްވަރެއްގެ އެހެންކަހަލަ ސިފަތަކެއްވެސް އޭގެތެރޭގައި އެބަހުރޭ.

އެހެންވީމާ، މި ކަންތައްތަކަށް އަޅުގަނޑުމެން ތަންކޮޅެއް ބޮޑަށް އިތުރު ސަމާލުކަމެއް ދީގެން، އަޅުގަނޑުމެންގެ ދަރިންނަކީ މުޖުތަމަޢަށް ފައިދާކުރާ، މަސައްކަތްތެރި، ހަރުދަނާ ބަޔަކަށް ހަދަން މަސައްކަތްކުރަން އެބަޖެހޭ. އަޅުގަނޑު މި ދެންނެވި ކަންތައްތަކުގެ ތެރެއިން، އަޅުގަނޑުމެން ކިތަންމެ ބޭނުންނުވާ ކަންތައްތަކެއްވެސް އަޅުގަނޑުމެންގެ ތެރެއަށް އަތުވެދާނެ.

އެނގިވަޑައިގަންނަވާނެ، ދިވެހި ޒުވާނުންނަކީ ވަރަށް ތޫނުފިލި ބައެއް. އެއީ، އޮސްޓްރޭލިއާގައި ކަމުގައިވިޔަސް އަދި އިނގިރޭސިވިލާތުގައި ކަމުގައިވިޔަސް، އެކި ވަނަތައް ހޯދާ ތަން އަޅުގަނޑުމެންނަށް މި ފެންނަނީ. އެހެންވީމާ، އަޅުގަނޑުމެންގެ ޒުވާނުންގެ އަޞްލު ސިފަޔަކީ އެއީ. އަޅުގަނޑުމެން މަސައްކަތް ކުރަންވީ އެފަދަ ބަޔަކަށް ޒުވާނުން ހެދޭތޯ. މިއީވެސް އަދި ހަމައެކަނި ބެލެނިވެރިންނާއި މުދައްރިސުން ކުރާ މަސައްކަތުންވެސް ކުރެވޭނެ ކަމެއް ނޫން. މުޅި މުޖުތަމަޢުގެ ޒިންމާއެއްގެ ގޮތުގައި މި ކަންތައް މި އޮންނަނީ.

އެހެންވީމާ، އަޅުގަނޑު މިއަދު ހަމަ ވެލިދޫގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންގެ ޤައުމު ތަރައްޤީކުރާ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ އުތުރުން ފެށިގެން ދެކުނަށް، އަޅުގަނޑުމެން ރައްޔިތުން ބޭނުންވާ ހުރިހާ ކަންތައްތަކެއް، ހުރިހާ ކަންތައްތަކެއް ކޮށް، އެންމެ ތަރައްޤީވެފައިވާ ޤައުމަށް ޤައުމު ހަދާ ވާހަކަ. އެ މަސައްކަތް ކޮންމެ ސަރުކާރެއްގައިވެސް، އަދި މިއަދުގެ ސަރުކާރުންވެސް ކުރަމުން މިދަނީ. އެހެންނަމަވެސް، އަޅުގަނޑުމެންގެ ވިސްނުމާއި، އަޅުގަނޑުމެންގެ އުޅުމާއި، އަޅުގަނޑުމެންގެ އަޚްލާޤާއި، އަޅުގަނޑުމެން އެކަކު އަނެކަކާ ދޭތެރޭގައި މުޢާމަލާތުކުރާ ގޮތްތަކާއި، އެ ކަންތައްތައް އަބަދުވެސް ރަނގަޅުވާން އެބަޖެހޭ. އެހެން ނުވާހާހިނދަކު، އަޅުގަނޑުމެންނަކީ ތަހުޒީބު އަދި ތަރައްޤީވެފައިވާ ޤައުމެއްގެ ގޮތުގައި، ރަށްތަކެއްގެ ގޮތަކު ނުބެލޭނެ.

އަޅުގަނޑަށް ވެލިދޫން ފެނުނު މަންޒަރުން އަޅުގަނޑު ކުޑަކޮށް ޙައިރާންވެސްވި. އަޅުގަނޑަށް ހަމަ ވަރަށް ގިނަ ރަށްތަކަށްވެސް ދެވޭ. ޚާއްޞަކޮށް، އަޅުގަނޑަށް ވެލިދޫ ފާހަގަކުރެވިގެން ދިޔައީ ވަރަށް ސާފު، ފާރުތައްވެސް ވަރަށް ރީތި ރަށެއްގެ ގޮތުގައި. ކުލަލާފައި ހުންނަނީ. މަގުތައް ސާފުކޮށް، ވަރަށް ރީތިކޮށް ނަލަނަލަ ރަށެއްގެ ގޮތުގައި. އެއީވެސް އަނެއްކާ ރައްޔިތުންގެ މަސައްކަތް. ހަމަ އެންމެ މީހަކަށް ކުރެވޭނޭ ކަންތައްތަކެއް ނޫން. އެހެންވީމާ، މިއިން ކޮންމެ ކަމަކުންވެސް އަޅުގަނޑުމެންގެ ކުދިންނަށް އަނެއްކާ ފިލާވަޅުތަކެއް އެބަ ލިބޭ. ރީތިކޮށް، ސާފުތާހިރުކޮށް ރަށް ބޭއްވުމުން، އަބަދުވެސް އެ ކުދިންގެ ހިތުތެރޭގައި އެގޮތަށް ކަންތައްތައް ކުރުމުގެ އާދަ، ނޫނީ އެ ވިސްނުން އަންނާނެ.

އެހެންވީމާ، ހުރިހާ ގޮތަކުންވެސް އަޅުގަނޑުމެން އަޅާ ކޮންމެ ފިޔަވަޅެއް، އަޅުގަނޑުމެން އަޅަންވީ އަޅުގަނޑުމެންގެ މިއަދުގެ ޅަދަރިންނަށްޓަކައި. އެ ކުދިންނަށް ރަނގަޅު މަގު ދެއްކުމުގެ ގޮތުން. ގާތްގަނޑަކަށް ނުވަދިހަ ހަތަރުހާސްވަރަކަށް ދަރިވަރުން މުޅި ރާއްޖޭގައި އެބަ ތަޢުލީމު ހާސިލުކުރޭ. އަޅުގަނޑު ކުރިންވެސް މި ދެންނެވި ގޮތަށް، ރަނގަޅު ފިލާވަޅުތައް ނަގައިދެނީކީ، ހަމައެކަނި ސްކޫލްގެ ހަތަރުފާރުތެރޭގައި ހުންނަ މުދައްރިސް އެކަންޏެއް ނޫން. މަގުމަތިން ދިމާވާ މީހާވެސް ނަގައިދެނީ ފިލާވަޅު. އެކަންތައް އަޅުގަނޑުމެން ކުރަން އެބަޖެހޭ.

އަޅުގަނޑަށް ވަގުތު ނެތުމުން، އަޅުގަނޑު މިޖެހެނީ ކުރުކޮށްލަން. އެހެންނަމަވެސް، އަޅުގަނޑުގެ އެ ރަޙްމަތްތެރިޔާ މޯޑު، ހަމަ ޚާއްޞަކޮށް ދުވަސްވެސް ދެއްވައިފި ދެންމެ. އެއީ، 17 ނޮވެންބަރޭވެސް މިހާރު ވިދާޅުވެއްޖެ. އެހެންވީމާ، ދެން ހަމަގައިމުވެސް ހިއެއްނުވޭ، އޭގެ ކުރިން ތިޔަބޭފުޅުންނާ މިގޮތަށް ހަމަގައިމުވެސް ބައްދަލުވާނެހެނެއް. އެހެންވީމާ، ދައްކަންހުރި ވާހަކަވެސް ވަރަށް ގިނަ. އެއީ މި މަގާމުގައި ހުރެގެން ދައްކައިލަންވެސް ބޭނުންވި ބައެއް ކަހަލަ ވާހަކަތައް. އެހެންނަމަވެސް، އަޅުގަނޑަކަށް ހިއެއްނުވޭ، ދެން އެހާ މުނާސަބު ކަމަކަށްވާނެހެނެއް، އެހާ ގިނައިރު، އަޅުގަނޑުގެ ވާހަކަ އަޑުއައްސަވަން ހުރިހާ ބޭފުޅުން އަނެއްކާ ތިއްބެވުން.

އެހެންނަމަވެސް، އެންމެފަހުގެ ނަސޭހަތެއްގެ ގޮތުގައި އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، ތަފާތު ޚިޔާލުތައް، ތަފާތު ވިސްނުންތައް، ތަފާތު ފިކުރުތައް ހުންނާނެއޭ. އެއީކީވެސް އަނެއްކާ ނިމުމެއް އަންނާނެ ކަމެއް ނޫން. އަދި ފަސް އަހަރުން އެއް އަހަރު، މާބޮޑަށްވެސް އަންނަ ކަންތައްތައް މި ހުންނަނީ. އަޅުގަނޑުމެން އެކަކު ބޭނުންވާ ކަންތައް އަނެކަކު ބޭނުންނުވެދާނެ. އެކަކު ހޮވަން ބޭނުންވާ މީހާ އަނެކަކު ހޮވަން ބޭނުންވެސްނުވެދާނެ. އެހެންނަމަވެސް، އަޅުގަނޑުމެން އެންމެން ބޭނުންވާ ކަމެއް އޮވޭ. އެއީ ހަމަޖެހުން، ޞުލްޙަ، އެކުވެރިކަން، ކުރިއެރުން، ތަރައްޤީ، ރަނގަޅު ޖީލެއް ބިނާކުރުން، އަބަދުވެސް ރީތިކޮށް އުޅުން. އެއީ ހަމަގައިމުވެސް އެންމެން ބޭނުންވާ ކަންކަން.

އެހެންވީމާ، އަޅުގަނޑުމެން ކޮންމެ ކަމެއް ކުރިޔަސް، އަބަދުވެސް އަޅުގަނޑުމެން އެންމެ އިސްކަންދޭންވާނީ، އަޅުގަނޑުމެންގެ ތެރޭގައި އޮންނަންޖެހޭ ހަމަޖެހުމަށް. ހަމަޖެހުން ނަގާލައި، އަދި އަޅުގަނޑުމެންގެ ތެރޭގައި އެ ހިނގާ ކަމެއްގެ ތެރެއިން ހަމަޖެހުން ނަގައިލެވޭ ކަހަލަ ކަމެއް ކޮށްގެންނުވާނެ. އޭރުން އަޅުގަނޑުމެން އަމިއްލައަށް އަޅުގަނޑުމެންނަށް ގެއްލުން އެ ދެވެނީ. އަޅުގަނޑުމެންނަށް އަނެއްކާ އެ ދައްކައިދެވެނީ، އަޅުގަނޑުމެންގެ ޅަދަރިންނަށް މުޅިން އެހެންކަހަލަ ކަންތައްތަކެއް.

އެހެންވީމާ، އަޅުގަނޑު މިއަދު ހަމަ ޚާއްޞަކޮށް، ތިޔަބޭފުޅުންނަށް ދަންނަވަން ބޭނުން. އެއީ، ދެން މަގާމުގެ ގޮތުން މިކަހަލަ ވާހަކަ ދައްކަންޖެހެނީ. ޞުލްޙަވެރި، އަމާން މުޖުތަމަޢެއް، އަމާން ވެށްޓެއް ބޭނުންވާކަން އަބަދުވެސް އަޅުގަނޑުމެންގެ ވިސްނުމުގައި، ހަނދާނުގައި ބަހައްޓަންވާނެ.

އެހެންވީމާ، މި ވާހަކަކޮޅާއެކު ދެން އަޅުގަނޑުގެ ވާހަކަ ހަމަ މިރޭ ނިންމާލާނީ. އަދިވެސް އެއްފަހަރު، އަޅުގަނޑަށް ދެއްވި ދަޢުވަތު، އެކަމަށްޓަކައި ވެލިދޫ ކައުންސިލްގެ ރައީސް، އަދި ކައުންސިލްގެ އެންމެހައި މެންބަރުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރަން. މިރޭ އެކިގޮތްގޮތުން ރަށަށް، ޤައުމަށް ޚިދުމަތް ކުރައްވައިގެން، އެ އެވޯޑް ލިބިވަޑައިގެންނެވި ބޭފުޅުންނަށް، އެ ބޭފުޅުން ޤައުމަށްޓަކައި އެ ކޮށްދެއްވި ޚިދުމަތް ފާހަގަކޮށް، އެ ހުރިހާ ފަރާތްތަކަށް އަދިވެސް އެއްފަހަރު އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އަޅުގަނޑުމެން ދުނިޔޭގައި އުޅޭއިރު، ނެތިފަނާވެދިޔުމަކީ އެއީ ހަމަ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ވެދާނެ ކަމެއް. ކޮންމެ މީހަކަށްވެސް އަންނާނެ ދުވަހެއް. އެއްވެސް މީހަކީ ތާއަބަދު ދުނިޔޭގައި ހުންނާނެ މީހެއް ނޫން. އެހެންނަމަވެސް، އެ މީހެއްގެ ހަނދާންތައް، އެ މީހެއްގެ ޒިކުރާ، އެ މީހެއްގެ ޚިދުމަތް ދުވަހަކުވެސް އަޅުގަނޑުމެންގެ މި ފަސްގަނޑުން ފޮހެވިގެން ނުދާނެ. އަޅުގަނޑުމެންގެ ކޮންމެ މީހަކުވެސް ބަލަންވީ، އެ މީހަކު ކުރި ރަނގަޅު ޚިދުމަތެއްގެ ވާހަކަ، ރަނގަޅު ކަންތައްތަކުގެ ވާހަކަ، އަންނަން އޮތް ޖީލުތަކުގެ ކުދިންވެސް، މި ފަސްގަނޑުގައި ތާއަބަދަށް ދައްކާނޭފަދަ ގޮތަކަށް އުޅުމުގެ ޢަޒުމް އަޅުގަނޑުމެން އެންމެން ކަނޑައެޅުމަށް.

އަޅުގަނޑުމެންގެ ވެށްޓަކީ އަމާން ރައްކާތެރި ވެށްޓެއްގެ ގޮތުގައި اللهُ سُبْحَانَهُ وَتَعَالَى ލައްވާށި. ވެލިދޫ ރައްޔިތުންނަށް، ނ. އަތޮޅުގެ ރައްޔިތުންނަށް އަދި ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ފާގަތި، އަމާން، ޞުލްޙަމަސަލަސް، ރަނގަޅު ދުވަސްތަކެއް މިންވަރު ކުރައްވާށި. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.