بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلحَمْـدُ لِلّـهِ رَبّ العَــالَمِـين، وَالصّـلاة وَالسّـلام علـى أشـرف الأنبياء والمرسـلين، وَعلـى آلـه وَصَحْبِـهِ أجمـعـين.

މި މުބާރާތް އިންތިޒާމުކުރާ ފަރާތް، އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑޮކްޓަރ އިބްރާހީމް ޒަކަރިއްޔާ މޫސާ، އަދި މި މުބާރާތަށް އެކިގޮތްގޮތުން އެހީތެރިކަން ދެއްވި އެންމެހައި ބޭފުޅުން، ޚާއްޞަކޮށް މި މުބާރާތުގައި ބައިވެރިވި އެންމެހައި ދަރިވަރުންނާއި އަދި އެ ދަރިވަރުންގެ ބެލެނިވެރިން، މައިންބަފައިން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އަޅުގަނޑު އެންމެ ފުރަތަމަވެސް ހަމަ ވަރަށް ބޮޑަށް ޝުކުރު އަދާކޮށްލަން ބޭނުންވޭ ޚާއްޞަކޮށް، މިފަދަ މަތިވެރި މާތް ކަމެއް ކުރެއްވި ކަމަށްޓަކައި، މި މުބާރާތް އިންތިޒާމު ކުރެއްވުމުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށާއި، އަދި މުބާރާތް އިންތިޒާމު ކުރުމުގައި އެހީތެރިކަން ދެއްވި ހުރިހާ ފަރާތްތަކަށް. ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ.

އާދެ، ކީރިތި ޤުރްއާނުގެ މާތްކަމާ ގުޅޭގޮތުން ވަރަށް ތަފްޞީލީ ގޮތަކަށް، އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ދެ ބޭފުޅުންވެސް ޚާއްޞަކޮށް، ޑޮކްޓަރ ޒަކަރިއްޔާ ވަރަށް ގިނަ ނަސޭހަތްތަކެއް، ވަރަށް ގިނަ އިރުޝާދުތަކެއް، ފިލާވަޅުތަކެއް ތިޔަބޭފުޅުންނަށާއި، ދަރިވަރުންނަށާއި އަދި ޚާއްޞަކޮށް ބެލެނިވެރިންނަށްވެސް ދެއްވައިފި.

އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންނަށް ޤުރްއާނުން ލިބޭ އެންމެ މާތް މަތިވެރި ފިލާވަޅުތަކަކީ، ޑޮކްޓަރ ޒަކަރިއްޔާވެސް ވިދާޅުވިގޮތަށް، ހުރިހާ ކުދިންވެސް މައިންބަފައިން ދެކެ ލޯބިވެ، މައިންބަފައިންގެ ބަސްއަހައި، އަޑުއަހައި، ޚާއްޞަކޮށް ގިނަގިނައިން ޤުރްއާން ކިޔަވައި، އަދި ނަމާދުކޮށް، ރަނގަޅަށް ފިލާވަޅު ހަދައި، މުދައްރިސުންގެ ބަސްއަހައި، ރަނގަޅު ނަތީޖާ ހޯދުމަށް އަބަދުވެސް މަސައްކަތްކުރާ ކުދިންތަކަކަށްވުން. ގިނަގިނައިން ޤުރްއާން ކިޔެވުމާއި، އަދި އެއް ކުއްޖަކު އަނެއް ކުއްޖަކަށް އެހީތެރިވުމާއި، މިއީ ހުރިހާ ކުދިން އަބަދުވެސް ހަނދާނުގައި ބަހައްޓައިގެން، އަބަދުވެސް ވިސްނަންވާނެ ކަމެއް.

އާދެ، ދެން އަޅުގަނޑު ހަމަ ވާހަކަ ތަންކޮޅެއް ކުރުކޮށްލުމުގެ ގޮތުންނާއެކުވެސް އަޅުގަނޑު ދަންނަވާލާނީ، ޤުރްއާނުން އަޅުގަނޑުމެންނަށް މި ލިބޭ ފިލާވަޅުތަކަކީ އަޚްލާޤު. އެންމެ ބޮޑަށް އަޅުގަނޑުމެންނަށް މި ދައްކައިދެނީ އަޚްލާޤު. ރީތިކޮށް ތިމާ އުޅުމާއި، އެހެން މީހުންނާ ދޭތެރޭގައި މުޢާމަލާތް ކުރުމާއި، ގުޅުން ރަނގަޅު ކުރުމާއި، އެކަކު އަނެކަކަށް އެހީތެރިވުން. މިއީ އަޅުގަނޑުމެންނަށް ޤުރްއާނުން ލިއްބައިދޭ، اللَّـهُ سُبْحَانَهُ وَتَعَالَىٰ އެކަމަކަށް އެންމެ ބޮޑަށް އަޅުގަނޑުމެންނަށް އަމުރު ކުރައްވާފައިވާ އެއް ކަންތައްވެސްމެ. ރީތި އަޚްލާޤުގެ މަތީގައި އަބަދުވެސް ދެމިތިބުން. އަޅުގަނޑުމެން ބޮޑެތި މީހުން އުޅޭގޮތް، އަޅުގަނޑުމެންގެ ތުއްތުކުދިންނަށް ފެންނާނީ. އެހެންވީމާ، ރީތި އަޚްލާޤު ދައްކައިދިނުމަކީ، އެއީ އަޅުގަނޑުމެން އަބަދުވެސް އެންމެ ބޮޑަށް ވިސްނަންޖެހޭނެ ކަންތައްތައް.

ހަމައެއާއެކު، ތެދުވެރިކަން. އަބަދުވެސް ތެދުވެރި މީހެއްގެ ގޮތުގައި، ތެދުވެރި ބައެއްގެ ގޮތުގައި، އަޅުގަނޑުމެން ވާން އެބަޖެހޭ، ކޮންމެ ކަމެއް ކުރިޔަސް. ފަހަރެއްގައި ބައެއް މީހުން ހީކޮށްފާނެ ދެން، ތެދުވެރިވާން، އަމާނާތްތެރިވާން މިޖެހެނީ ވަރަށް ބޮޑެތި ކަންތައްތައް ކުރާ މީހުންނޭ. އެއީ އެ މީހުންގެ ޒިންމާ ބޮޑުކަމުންނޭ. އަދި ޤައުމަށްޓަކައި، މުޖުތަމަޢަށްޓަކައި، އަދި މުޅި ހުރިހާ ފަރުދުންގެ މައްޗަށް އޮންނަ ޒިންމާވެސް ބޮޑުކަމުންނޭ އެއީ. ދެން ބޮޑެތި މަގާމުތަކުގައި ތިބޭ މީހުންގެއޭ ތެދުވެރިކަން، އަމާނާތްތެރިކަން އޮންނަންޖެހޭނީ ބޮޑަށް. އަޅުގަނޑުމެންގެ ސިކުނޑިއަށް އަންނަނީ އެގޮތަށް. އެހެންނަމަވެސް، އަޅުގަނޑުމެން އެންމެ ފުރަތަމަ، ކުދިކުދި ކަންތައްތަކަށް ތެދުވެރިވެ، އަމާނާތްތެރިވިވަރަކަށް، އެހެނިހެން ކަންތައްތަކަށްވެސް މިގޮތަށް އަޅުގަނޑުމެންނަށް ފަރިތަ މިވަނީ.

އެހެންވީމާ، ޤުރްއާނުން އަޅުގަނޑުމެންނަށް ލިއްބައިދޭ ފިލާވަޅެއް އެއީ، އަބަދުވެސް ތެދުވެރިކަމާއި، އަމާނާތްތެރިކަން އިސްކުރުން. ޑޮކްޓަރ ޒަކަރިއްޔާ އެކަމާ ގުޅޭގޮތުންވެސް ވާހަކަފުޅު ދައްކަވައިފި. އެހެންވީމާ، އެއީ އަޅުގަނޑުމެން ހަމަ އަބަދުވެސް ހަނދާނުގައި ބަހައްޓަންޖެހޭނެ ކަމެއް. ކުޑަ ނަމަވެސް އަޅުގަނޑުމެންނަށް ކުރެވޭ ގޯސްކަމެއް ކަމަށްވަންޏާ، އެއީކީ ކުޑަ ކަމެއްގެ ގޮތުގައި އެކަން ވެގެނެއް ނުދާނެ. އެހެންވީމާ، އަޅުގަނޑު ހަމަ ހިތަށްއެރީ މިކަހަލަ ވަގުތެއްގައި ދެން އެ ވާހަކަވެސް އަޅުގަނޑު ދައްކާލަންވާނެއޭ.

ހަމައެއާއެކު، އަޅުގަނޑުމެން އެބަޖެހޭ، އެއްބަޔަކު އަނެއްބަޔަކަށް އަބަދުވެސް ހެޔޮކޮށްހިތާ ބަޔަކަށްވާން. ޑޮކްޓަރ ޒަކަރިއްޔާ ވިދާޅުވެއްޖެ، ދިރިއުޅުމަށްޓަކައި އިންސާނުންނަށް ބޭނުންވާ ހުރިހާ ފިލާވަޅުތަކެއް، ހުރިހާ މަގެއް، އަޅުގަނޑުމެންގެ މި މާތްވެގެންވާ ފޮތުން އަޅުގަނޑުމެންނަށް ދައްކަވައިދެއްވާފައި އޮތް ވާހަކަ. އެކަކު އަނެކަކާ ދޭތެރޭ އަޅުގަނޑުމެން މުޢާމަލާތް ކުރުމުގެ ކަންތައްތައް މިއަދު އޮތީ ކިހާ ހިސާބެއްގައިތޯ، އެ ސުވާލު ކުރެއްވި. އަޅުގަނޑު ގަބޫލުކުރާގޮތުގައި، އަޅުގަނޑުމެންގެ ތެރޭގައި ވަކިކަހަލަ ކަންތައްތަކެއްގައި، ވިސްނުން ތަފާތުވި ނަމަވެސް، ފިކުރާއި ޚިޔާލު ތަފާތުވި ނަމަވެސް، އެކަކު އަނެކަކަށް އަޅުގަނޑުމެން ހެޔޮކޮށްހިތަންޖެހޭނެ. އެ ވާހަކަ ވިދާޅުވީ.

އަޅުގަނޑުމެންނަށް މާކުރީގައި، ރަސޫލު ޒަމާނުގައިވެސް ފެނިގެންދިޔައީ، އެއްބަޔަކު މުސްލިމުންގެ ގޮތުގައި، އަނެއްބަޔަކު ޣައިރު މުސްލިމުންގެ ގޮތުގައި ތިބިއިރުވެސް، ޣައިރު މުސްލިމުންނާ ދޭތެރޭގައިވެސް މުސްލިމުން، ޚާއްޞަކޮށް ކީރިތި ރަސޫލާ ވަރަށް އޯގާތެރިކަމާއެކު އަދި ވަރަށް ރީތިކޮށް ކަންތައްތައް ކުރެއްވި ތަން. މި 16 ޓަވަރުގައި ދިރިއުޅުއްވާ ހުރިހާ ފަރާތްތަކާއި، އަދި ކައިރީގައި ވަށައިގެން އެހެން ތަންތަނުގައި އުޅޭ ހުރިހާ އެންމެންނާއި، މުޅި މާލޭ އޭރިއާއާއި، އަދި މުޅި ރާއްޖޭގައި އުޅޭ ކޮންމެ މީހަކަށްވެސް އަޅުގަނޑުމެން ހެޔޮކޮށްހިތުމާއި، ހެޔޮބަސް ބުނުމާއި، އެގޮތަށް ވާހަކަ ދެއްކުމަކީ އެއީ، ހަމަގައިމުވެސް ގެއްލުމެއްވާނެ ކަމެއް ނޫން. އަޅުގަނޑަށް ޔަޤީނުން އެނގޭ ކަމަކީ، އެކަން ކުރުމުންވެސް ވަނީ ހަމަ ފައިދާކަން. ނުވަތަ ހެޔޮ ޘަވާބުކަން އަޅުގަނޑުމެންނަށް މި ލިބެނީ. އަޅުގަނޑުމެންގެ ތެރޭގައި އަބަދުވެސް ވަރަށް ބޮޑަށް މި އޮންނަނީ، އެކިކަހަލަ ޚިޔާލުތަކާއި ކަންތައްތައް. އެކިކަހަލަ ކަންތައްތަކުގައި ޚިޔާލު ތަފާތުވުންތައްވެސް އޮވޭ. މި ދުވަސްވަރަކީވެސް އެކަހަލަ ދުވަސްވަރެއް.

އެހެންނަމަވެސް، ހަނދާނުގައި އަބަދުވެސް ބަހައްޓަންޖެހޭނެ، އަޅުގަނޑުމެންނަކީ ސައްތައިންސައްތަ މުސްލިމުން ކަމާއި، އަދި އަޅުގަނޑުމެން އުންމީދުކުރާ ކަންތައްތަކެއް އެބަ ވާކަން. އެއީ އަޅުގަނޑުމެންގެ ޅަދަރިން. މާދަމާ އަޅުގަނޑުމެންގެ ޤައުމު ހަވާލުވާން ތިބި ޅަދަރިން. އެއީ ސޯޝަލް މީޑިއާ ކަމުގައިވިޔަސް، އަދި މިގޮތަށް ތިބޭ ތަނެއްގައި ކަމަށްވިޔަސް، މަގުމަތިން ދާއިރު ކަމަށްވިޔަސް، މަގުމަތީގައި އުޅުމުގެ ތެރޭގައި، އަޅުގަނޑުމެން މުޢާމަލާތް ކުރި ނަމަވެސް، ކުދިން ދަސްކުރާނެ އެކި ކަންތައްތައް. ޚާއްޞަކޮށް ތުއްތުކުދިންނަކީ، ޅަކުދިންނަކީ، ޅައުމުރުގައި ސިކުނޑިއަށް ވަންނަ އެއްޗެއް މުޅި އުމުރަށް ހަރުލާފައި ހުންނާނެ ކުދިން. ފަހުން ދެން އެ ފުހެލަން، ޑިލީޓް ކުރަން، ކޮމްޕިއުޓަރުން އެހެން ޑިލީޓަށް ޖައްސާލާފައި ޑިލީޓްވާ ގޮތަކަށް ނުކުރެވޭނެ އެކަމެއް. އެހެންވީމާ، އަޅުގަނޑު ހިތަށްއެރީ، އެ ވާހަކަވެސް ތިޔަބޭފުޅުންނާ ހަމަ ޙިއްޞާކޮށްލާނަމޭ.

ދެން އަޅުގަނޑު ދަންނަވާލަން އޮތީ، އަޅުގަނޑަށް މަޢުލޫމާތު ލިބިފައި އޮތް ގޮތުގައި، މިއަދު މިތަނުގައި މި ތިއްބެވީވެސް ޚާއްޞަކޮށް، ހިޔާ ފުލެޓްތަކުގައި، ޓަވަރުތަކުގައި ދިރިއުޅުއްވާ ބޭފުޅުން. އަޅުގަނޑު ދަންނަވާލަން އޮތީ، ތިޔަބޭފުޅުންގެ އެކިއެކި ޖަމުޢިއްޔާތަކުގެ އިސްވެރިންގެ ގޮތުގައި މަސައްކަތް ކުރައްވާ ރިފާޢު އަދި ޢުބައިދު، މި ބޭފުޅުންނާ ވަރަށް ގާތުން ގާތްގަނޑަކަށް ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހު އަޅުގަނޑުމެންނަށް، ޚާއްޞަކޮށް، އަޅުގަނޑަށްވެސް މަސައްކަތް ކުރެވިއްޖެއޭ. ހިޔާގައި ހުރި ކަންތައްތަކާއި، އަދި ހިޔާގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހަކުރުމަށްޓަކައިވެސް ސަރުކާރުގެ ފަރާތުން ކަންތައްތަކެއް ކުރެވިއްޖެ. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، މި ސްކޫލްވެސް މިއީ އަޅުގަނޑުމެން ކޮންމެހެންވެސް ޕްރީ ސްކޫލެއްގެ ގޮތުގައި ބޭނުންވާތީވެ، ތުއްތުކުދިން ގޮވައިގެން އަޅުގަނޑުމެން ބުރިޖުން، ނޫނީ ދުރަށް ދާންޖެހޭތީވެ، މި ކަންތައްވެސް އަޅުގަނޑުމެން ވަރަށް އަވަހަށް ކުރަންޖެހުނީ. އަދި އެއާއެކު، އެހެން ސްކޫލެއްވެސް މި އަހަރުގެ ދިރާސީ އާ އަހަރުގައި، މުޅިން ހުރިހާ ކަމެއް ފުރިހަމަވެގެން ނޫން ނަމަވެސް، ކިޔަވައިދިނުން ރަނގަޅަށް ފެށޭވަރަށް އަޅުގަނޑުމެންނަށް ފެށްޓިއްޖެ. 

ހަމައެއާއެކު، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، މި ހަފްތާގައިވެސް ކެއަރ ސޮސައިޓީގެ ފަރާތުން، ޓަވަރ 1 ގައިވެސް ތަނެއް ހުޅުވިއްޖެ. އެއީ، ޚާއްޞަކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް، އެކިއެކި ފަރުވާތައް، ނުވަތަ އެކިއެކި މަސައްކަތްތައް ދަސްކޮށްދިނުމާއި، މިބާވަތުގެ ވަރަށް ގިނަ ކަންތައްތައް ކުރުމަށް. ކުރިއަށްވެސް އެބަހުރި ކަންކަން. އަޅުގަނޑު ދަންނަވާލަން އޮތީ، އަޅުގަނޑުމެންނަށް ކުރިއަށް ފިޔަވަޅެއް އެޅިއްޖެ ކަމަށްވަންޏާ، އެއްވެސް ބަޔަކު ދެން ފަހަތަކަށް ފިޔަވަޅެއް ނާޅާނެއޭ. އަބަދުވެސް ކަންތައްތައް ރަނގަޅުވުން އޮންނާނީ، ކޮންމެ ބަޔަކު ތިބި ނަމަވެސް. އަޅުގަނޑު ގަބޫލުކުރަނީ، އަޅުގަނޑުމެންގެ ޒިންމާއަކަށްވާނީ، ރައްޔިތުންނާ ދޭތެރޭގައި އަބަދުވެސް ރަނގަޅަށް ކަންތައްތައް ކުރުން. އެއީ، އަޅުގަނޑުމެން ވެރިންގެ މައްޗަށް ހަމަ ލާޒިމުވެގެންވާ ކަމެއް. އަޅުގަނޑުމެން އައި ހަމައެކަނި ބޭނުމަކީވެސް އެއީ. ތިޔަބޭފުޅުން އިންތިޚާބުކޮށްފައި މިތިބީ، ތެދުވެރިކަމާއި ވަފާތެރިކަމާއެކު ޚިދުމަތް ކުރުމަށްޓަކައި. އަދި ކަންކަން ފަސޭހަކުރުމަށްޓަކައި. ވަރަށް އުނދަގުލުގައި ހުރި ކަންތައްތަކެއްގެ މަސައްކަތްތައް އަޅުގަނޑުމެން ކުރަމުން މިދިޔައީ.

އަޅުގަނޑު ޔަޤީންކުރަނީ، ކުރިއަށް އޮތް ދުވަސްތަކުގައި، ކުރިއަށް އޮތް އަހަރުތަކުގައިވެސް ކަންތައްތައް ރަނގަޅުވެގެންދާނެ ކަމަށް. ޚާއްޞަކޮށް، އަލަށް އާބާދުވާ ތަނެއްގައި ހުންނާނެ ވަރަށް ގިނަ ކަންތައްތައް. އެއީ ބަސްދަތުރު ކަމުގައިވިޔަސް، އަދި އަޅުގަނޑު މި ދެންނެވި ގޮތަށް، ސްކޫލާއި ކްލިނިކެއްވެސް އަޅުގަނޑުމެންނަށް ހުޅުވިއްޖެ. އަދި އެހެނިހެން ކަންތައްތައްވެސް، ވަސީލަތްތައް ޤާއިމުކުރެވިގެން މިދަނީ.

އަޅުގަނޑު ދަންނަވާލަން އޮތީ، ތިޔަބޭފުޅުން އުންމީދު ކުރައްވާށޭ. އަޅުގަނޑުމެންނަށް އެކުގައި، ކަންކަން ރަނގަޅު ކުރުމަށްޓަކައި މަސައްކަތް ކުރެވެންވާނެއޭ. ކޮންމެ ބަޔަކާ އެކީގައިވެސް، ރަނގަޅު ކަމެއް ކުރުމަށްޓަކައި މަސައްކަތް ކުރަން ވެއްޖިއްޔާ، އެކަމަށް ފަސްޖެހިވަޑައިނުގަންނަވާށޭ. އަޅުގަނޑުމެންނަށް اللَّـهُ سُبْحَانَهُ وَتَعَالَىٰ އަންގަވަނީވެސް ހެޔޮ ކަންތައްތައް ކުރުމުގައި އެންމެން ގުޅިގެން އުޅުމަށް. ނުބައި ކަންތައްތަކާއި، އެކަހަލަ ކަންތައްތަކުން އަޅުގަނޑުމެން ދުރަށްދިޔުމަށް.

އެހެންވީމާ، އަޅުގަނޑުގެ ހަމަ ވަރަށް ބޮޑު އެދުމެއް، ޚާއްޞަކޮށް މި ސަރަޙައްދުގެ ހުރިހާ ބޭފުޅުންވެސް މިގޮތަށް އަޅުގަނޑުމެން އެކީގައި ކަންތައްތައް ރަނގަޅު ކުރުމަށްޓަކައި، ޕޮޒިޓިވް ގޮތަކަށް އަޅުގަނޑުމެން މަސައްކަތްކުރުމަކީ. އޭރުން އަޅުގަނޑުމެން ހުރިހާ އެންމެން ބޭނުންވާ ކަންތައްތައް އަޅުގަނޑުމެންނަށް ވެގެންދާނީ.

ދެން ވާހަކަކޮޅު ނިންމާލުމުގެ ކުރިން، އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް، އަޅުގަނޑަށް ވަރަށް އުފާ ލިބޭ ކަމެއްގެ ވާހަކަ ދަންނަވާލާނަން. އެއީ، ޚާއްޞަކޮށް ޤުރްއާން މުބާރާތެއްގެ ކަންތައްތަކުގައި ބައިވެރިވުމާއި އަދި، މިފަދަ ޙަފްލާއެއްގައި ބައިވެރިވުން. އަޅުގަނޑުވެސް ކޮންމެވެސްވަރަކަށް، ހަތް އަހަރު، އަށް އަހަރު ވަންދެން ކުރި ކަމެއް މިކަމަކީ. އެހެންވީމާ، އެކަމުގެ އުފާ އަޅުގަނޑު ލިބިގަންނަން. ދެންމެ އަޅުގަނޑު ރިފާޢުއަށްވެސް ދަންނަވައިފިން، އަޅުގަނޑަށް ފެންނަނީ ކުރިއަށް އޮތް ތާނގައި، އަންނަ އަހަރު މި މުބާރާތް މިއަށްވުރެ މާފުޅާކޮށް، މިއަށްވުރެވެސް ފުރިހަމައަށް ބާއްވަވާށޭ. އަޅުގަނޑުވެސް އެންމެ ފުރަތަމަ 2007 ވަނަ އަހަރު މުބާރާތް ބޭއްވިއިރު، އެންމެ ފުރިހަމަކޮށެއް ނޫން ބޭއްވުނީކީ. ދެން އަހަރަކަށްފަހު އަހަރެއް ކަންތައްތައް ރަނގަޅުވަމުން ދިޔައީ.

އެހެންވީމާ، އަޅުގަނޑުގެ އުންމީދަކީ، ﷲ އިރާދަކުރެއްވިއްޔާ އަންނަ އަހަރު މި މުބާރާތް ބޭއްވޭއިރު ޤައުމީ ފެންވަރެއްގައި، ގިނަ ބަޔަކަށް ހުޅުވައިލެވިގެން މި މުބާރާތް ބޭއްވި، އަދި އެއިން ގިނަ ފިލާވަޅުތަކެއްވެސް ލިބި، އޭގެ ފައިދާތަކެއް އަޅުގަނޑުމެންގެ މުޅި ސަރަޙައްދުގައި ދިރިއުޅޭ، ޚާއްޞަކޮށް އަޅުގަނޑުމެންގެ މި ދަރިވަރުންނަށް ލިބިގެންދިއުން. ދެން އެކަމުގައި، އަޅުގަނޑަށް ވެވުނު ހުރިހާ ކަމެއް އަޅުގަނޑުގެ އަމިއްލަ ހައިސިއްޔަތުންވެސް ކޮށް، އަޅުގަނޑު އެކަމުގައި ބައިވެރިވެދޭނެ ވާހަކަވެސް އަޅުގަނޑަށް ދެންނެވިއްޖެ އެތާހުރެ، އަޅުގަނޑުމެން ދެންމެ ދެއްކި ވާހަކައިގެ ތެރެއިން. އެހެންވީމާ، އަޅުގަނޑު ހަމަ އެ ޔަޤީންކަންވެސް އަރުވަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ.

އަޅުގަނޑުގެ ދުޢާއަކީ، اللَّـهُ سُبْحَانَهُ وَتَعَالَىٰ ޚާއްޞަކޮށް، އަޅުގަނޑުމެންނަކީ ޤުރްއާނަށް ލޯބިކުރާ، ރީތިކޮށް ޤުރްއާން ކިޔަވައި، އަދި ޤުރްއާނުގައި އަންގަވާފައިވާ ގޮތަށް އުޅުމުގެ އެ ހެޔޮ ވިސްނުން، އަބަދުވެސް ގެންގުޅޭ ބައެއްގެ ގޮތުގައި ލެއްވުން. اللَّـهُ سُبْحَانَهُ وَتَعَالَىٰ އަޅުގަނޑުމެންގެ ތުއްތުކުދިންނަށް، އަދި ދިވެހި އެންމެހައި ރައްޔިތުންނަށް އުފާފާގަތި ދުވަސްތަކެއް މިންވަރުކުރައްވާށި. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.