ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް ބެންކޮކްގައި ހުންނަ އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން (އައި.އެލް.އޯ.)ގެ އޭޝިޔާ އަދި ޕެސިފިކް ސަރަޙައްދުގެ ރީޖަނަލް ޑައިރެކްޓަރ ޑޮކްޓަރ ސަޗިކޯ ޔަމަމޯޓޯ މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ޑިމޮކްރަސީ އަށަގެންނެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާއިރު، ވަޒީފާ އަދާކުރާމީހުންނަށް އެމީހުންގެ ޙައްޤުތައް ފުރިހަމައަށް ހޯއްދަވައިދެއްވުމަކީ، ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށާއި، އެމީހުންގެ އެއްވެސް ޙައްޤަކަށް ކުޑަވެސް އުނިކަމެއް އަތުވެދާނެފަދަ ކަމެއް ކުރެއްވުމަކީ، ސަރުކާރުން ކުރައްވާނެ ކަމެއްނޫން ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގައި މަސައްކަތް ކުރާ މީހުންގެ ޙައްޤުތައް ރައްކާތެރިކޮށް، ކުރިއަރުވައި، ރާއްޖޭގައި ފުރިހަމަ މަސައްކަތުގެ މާޙައުލެއް ޤާއިމުކުރުމަށްޓަކައި، ރާއްޖޭގައި ވަޒީފާ އަދާކުރާމީހުންނާބެހޭ ޤާނޫނީ އޮނިގަނޑު ހަރުދަނާ ކުރަންޖެހިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި މިކަމުގައި އައި.އެލް.އޯ.ގެ އެހީތެރިކަން ރާއްޖެއަށް ބޭނުންވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އައި.އެލް.އޯ.ގެ ރީޖަނަލް ޑައިރެކްޓަރ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންނާ ބެހޭ ކަންކަން ހަރުދަނާ ކުރައްވައި، ރާއްޖޭގެ ޤާނޫނުއަސާސީން ލިބިދޭ އަސާސީ ޙައްޤުތައް ރައްކާތެރިކޮށް، ބައިނަލްއަޤްވާމީ ގޮތުން ފާހަގަ ކުރެވޭ މިންގަޑުތަކަށް ރާއްޖޭގެ ވަޒީފާ އަދާކުރާމީހުންގެ ކަންކަން ގެންދިޔުމުގައި، އެ އޯގަނަޒޭޝަނުން ރާއްޖެއަށް އެހީތެރިވެދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް ދެއްވިއެވެ. އަދި ވަޒީފާއަދާކުރާ މީހުންގެ ޙައްޤުތަކަށް ޙުރުމަތްތެރިކޮށްހިތައި، ވަޒީފާގެ މާޙައުލެއް ޤާއިމުކުރުމަކީ، ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް ވަރަށް މުހިންމު ކަމެއް ކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދާއި، މިނިސްޓަރ އޮފް ހިޔުމަން ރިސޯސަސް، ޔޫތް އެންޑް ސްޕޯޓްސް އަލްއުސްތާޛު ޙަސަން ލަޠީފާއި، ރައީސުލްޖުމްހޫރިއްޔާގެ ޕޮލިޓިކަލް އެޑްވައިޒަރ ޙަސަން ޢަފީފް ބައިވެރިވެވަޑައިގެންނެވިއެވެ.