ޕްރޮވިންސް އޮފީސްތަކާ ޙަވާލުވެވަޑައިގެން ތިއްބެވި ސްޓޭޓް މިނިސްޓަރުންގެ މަގާމު، އެބޭފުޅަކު ހުންނެވި ޕްރޮވިންސަކާ ގުޅޭގޮތަށް ހަމަޖައްސަވައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު މިއަދު ދެއްވައިފިއެވެ.

އެބޭފުޅުން މިމަގާމުތަކަށް ޢައްޔަން ކުރައްވައި، މަގާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު އޮތީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ޕްރޮވިންސް އޮފީސްތަކާ ދެމެދު ލާމަރްކަޒީ އުޞޫލުން ކަންކަން ހިންގެވުމަށް ވެވުނު އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ އިރުކޮޅެއް ކުރިން މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ޕްރޮވިންސްތަކުގެ ސްޓޭޓް މިނިސްޓަރުންގެ މަގާމު ހަމަޖެއްސެވިގޮތް މިދަންނަވަނީއެވެ.

1. މިނިސްޓަރ އޮފް ސްޓޭޓް، މަތިއުތުރު ޕްރޮވިންސް ކަމަށް މުޙަންމަދު ޙުނައިފް.
2. މިނިސްޓަރ އޮފް ސްޓޭޓް، މެދުއުތުރު ޕްރޮވިންސް ކަމަށް މުޙަންމަދު ނަޢީމް.
3. މިނިސްޓަރ އޮފް ސްޓޭޓް، މެދު ޕްރޮވިންސް ކަމަށް ފާރޫޤް މުޙަންމަދު ޙަސަން.
4. މިނިސްޓަރ އޮފް ސްޓޭޓް، މެދުދެކުނު ޕްރޮވިންސް ކަމަށް އަޙްމަދު މުޖުތަބާ.
5. މިނިސްޓަރ އޮފް ސްޓޭޓް، މަތިދެކުނު ޕްރޮވިންސް ކަމަށް ޢުމަރު ޖަމާލް.
6. މިނިސްޓަރ އޮފް ސްޓޭޓް، ދެކުނު ޕްރޮވިންސް ކަމަށް މުޙަންމަދު ނަޞީރު.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ލާމަރްކަޒީ އުޞޫލުން މިކަންކަން ގެންދަވަން ޙަޤީޤަތުގައި ބޭނުންފުޅުވަނީ ޤާނޫނުގެ ތެރެއިން ކަމުގައި ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް ލިބެންޖެހޭ ޙައްޤެއް ނުލިބި އޮތުމަކީ، ޤާނޫނުއަސާސީ ގަބޫލުކުރާ ކަމެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޕްރޮވިންސްތަކުގެ ސްޓޭޓް މިނިސްޓަރުން، އެބޭފުޅެއްގެ މަގާމުގެ ވާޖިބު އަދާކުރެއްވުމުގައި ރައްޔިތުންނަށް ފުރިހަމައަށް ޚިދްމަތްތައް ދެއްވަމުން ގެންދެވުމަށްވެސް އެދިވަޑައިގެންނެވިއެވެ.