ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އައްޑޫ ސިޓީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީއަށް ކުރެއްވި މި ދަތުރުފުޅުގައި، އައްޑޫ ސިޓީއަށް ތަރައްޤީގެ ބޮޑެތި ބަދަލުތަކެއް ގެނައުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގާ ބޮޑެތި މަޝްރޫޢުތައް އިފްތިތާޙްކޮށްދެއްވައި، އަދި ބައެއް މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ކުރިޔަށްދާ ގޮތްވެސް ބައްލަވާލެއްވިއެވެ.

މިގޮތުން އައްޑޫ ސިޓީއަށް ބިން އިތުރުކުރުމުގެ ބިޔަ މަޝްރޫޢު އިފްތިތާޙްކޮށްދެއްވައި އެމަނިކުފާނު ވިދާޅުވީ، އައްޑޫ ސިޓީގެ ބިން އިތުރުކުރުމުގެ ބޮޑު މަޝްރޫޢަކީ، އައްޑޫ ސިޓީއަކީ ދުނިޔެއަށް ހުޅުވާލެވިފައިވާ ވަރުގަދަ ސިޓީއެއްގެ ގޮތުގައި ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތުގެ ފެށުން ކަމުގައެވެ. މީގެ އިތުރުން ވެސް ސަރަޙައްދީ އިޤްތިޞާދުގެ މައި މަރުކަޒަކަށް އައްޑޫ ސިޓީ ބަދަލުކުރުމުގެ ގޮތުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓް މަޝްރޫޢު ވެސް އެމަނިކުފާނު ވަނީ ފަށްޓަވައިދެއްވާފައެވެ. އަދި އައްޑޫ ސިޓީގެ މަގުތައް ހަދަމުންދާ ސަރަޙައްދުތަކަށް ޒިޔާރަތްކުރައްވައި މަގު ހެދުމުގެ މަޝްރޫޢު ކުރިޔަށް ދާގޮތްވެސް އެމަނިކުފާނު ބައްލަވާ ލެއްވިއެވެ.

އައްޑޫ ސިޓީއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އައްޑޫ ސިޓީ ކައުންސިލާއި އައްޑޫ ސިޓީގެ އ.ތ.މ ކޮމިޓީއާ ވަކިވަކިން ބައްދަލު ކުރައްވައި އައްޑޫ ސިޓީގެ ތަރައްޤީއާގުޅޭ މުހިންމުކަންކަމާމެދު މަޝްވަރާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީއަށް ކުރެއްވި މި ދަތުރުފުޅުގައި، އައްޑޫ ސިޓީ ހުޅުދޫގައި ހުންނަ، ވިލުނު ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރަށް ޒިޔާރަތްކުރައްވައި އެތަނުގެ މަސައްކަތްތައް ކުރިޔަށްދާ ގޮތްވެސް ބައްލަވާ ލެއްވިއެވެ.

އައްޑޫ ސިޓީގެ ތަރައްޤީއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ބަދަލުތަކާއެކު އައްޑޫ ސިޓީއަކީ ސަރަޙައްދީ އިޤްތިޞާދުގެ މައި މަރުކަޒަކަށް ބަދަލުވެ، އޭގެ އެތައް ގިނަ ފައިދާތަކާއި މަންފާ ރައްޔިތުންނަށް ލިބިގެންދާނެއެވެ.