بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللَّـهُ سُبْحَانَهُ وَتَعَالَىٰ ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލްކުރަން.

ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޟް އިސްމާޢީލް، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ހިޒް އެކްސަލަންސީ ވީ. މުރަލިދަރަން، ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައިކޮމިޝަނަރ ހިޒް އެކްސަލަންސީ މުނޫ މަހާވަރު، އައްޑޫ ސިޓީގެ މޭޔަރ ޢަލީ ނިޒާރު، އައްޑޫ ސިޓީގެ ކައުންސިލަރުން، އައްޑޫ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން، އައްޑޫ ސިޓީގެ ލޮބުވެތި ރައްޔިތުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އެންމެ ފުރަތަމަވެސް އަޅުގަނޑު ވާހަކަ ފެށުމުގެ ކުރިން މިއަދު ހަވީރު، ދެންމެ އައްޑޫގެ ލޮބުވެތި އެކުވެރި ރައްޔިތުން ވިދާޅުވި ހޫނު މަރުޙަބާއަށް ފަށްފަށުން އަޅުގަނޑު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، ރާއްޖެއަށް އަންނަ ކޮންމެ ހެޔޮ ބަދަލެއްގެ ފުރަތަމަ ފާހަގަޖެހޭ ތަނަކީ އައްޑޫ ސިޓީ. ދެންމެ ވީޑިއޯއިންވެސް ފެނިގެން ހިނގައްޖެ. މިއީ ކުރިންވެސް އަޅުގަނޑު ދަންނަވާ ވާހަކައެއް. މިއަދު އޮތީ ވާހަކައެއް ދެންނެވުމެއް ނޫން. މިއަދު އޮތީ މި ފެންނަ ޢަމަލީ މަންޒަރު ދެކި، އެކަމަށް ހެކިވުން. މިއަދަކީ، ތަރައްޤީގެ ހެޔޮ ފާހަގަ ފެށޭ، އައްޑޫ ސިޓީގެ މި ބިމަށް ތަރައްޤީގެ ހެޔޮ ބަދަލު ޢަމަލީގޮތުން އައުމުގެ ދުވަސް.

އިންސާނީ ޙައްޤާއި، ޑިމޮކްރަސީއާއި، ހެޔޮވެރިކަމުގެ ބަދަލަކީ، ފަހުގެ ތާރީޚުގައި ރާއްޖެ ފުރޮޅުނު އެންމެބޮޑު އިންޤިލާބު. އެ މަފްހޫމް އެންމެ ފުރަތަމަ ފަހުމްވި ރައްޔިތުންގެ ތެރޭގައި އައްޑޫ ސިޓީ ހިމެނޭ.

އެ ދުވަހު އޮތީ، މިއަދު މި ދެކޭ މަންޒަރާއި އަދި މާދަމާގެ ކުރިއެރުމާއި ތަރައްޤީގެ މޭވާއަކީ ފޮނި އެއްޗަކަށް ވުމަށް ދިވެހިން ކުރި އުންމީދު. އެ އުންމީދަކީ އޭގެ ރަހައެއް، ވަހެއް، ކުލައެއް ނުލިބި، ތާއަބަދަށް ކުރާ ހަނގުރާމައަކަށް ވުމަށް އެއްވެސް ރައްޔިތަކު، އެއްވެސްއިރަކު ނޭދޭ. ދައްޗާއި ތުރާލާއި، އުނދަގުލާއި ބުރަ ތަޙައްމަލް ކުރަނީ، އޭގެ ފަހަތުން ލިބޭނެ ހަމަޖެހުމާއި ފަސޭހައިގެ އެދުމުގައި. އެ ދުވަހު ރައްޔިތުން އުފުލި ތަކުލީފުގެ އެ މަރުޙަލާ ނިމިއްޖެ. މިއަދު އައްޑޫ ސިޓީންނާއި، މުޅި ރާއްޖޭގެ ހުރިހާ ރަށަކުން މި ފެންނަ މަންޒަރަކީ، އެ ދުވަހު ރުވި ގަސްތަކަށް ރޫފަޖެހި، ކުރިލައި ހެދޭ މަންޒަރު.

ދުނިޔެއަށް ހުޅުވައިލެވޭ ވަރުގަދަ ސިޓީއަކަށް އައްޑޫސިޓީ ބަދަލުކުރުމަކީ، މާޒީގެ ތެރެއިން ތަކުރާރުކޮށް އިވުނު ދިގުލީ އަޑެއް. އަޑު މަޑުކުރުމަށްފަހު، މިއަދު ސަރުކާރުން މި ކުރަނީ އެކަމަށް ބޭނުންވާ ކަންކަން. އައްޑޫ ސިޓީއަށް ބަދަލު އަންނާނީ، އައްޑޫގެ ބިމުގެ ބައްޓަން ބަދަލުކޮށްގެންކަން އަބަދުވެސް އެނގޭ. މިއަދު ތިޔަބޭފުޅުން ތިޔަ ދެކެވަޑައިގަންނަވަނީ އޭގެ ޢަމަލީ މަންޒަރު. އައްޑޫގެ ތާރީޚުގައި ހިންގޭ ބިމާގުޅޭ އެންމެބޮޑު މަޝްރޫޢު މިހާރު އެވަނީ މެކުހަށް ޖަހާފައި. 1.5 ބިލިއަން ރުފިޔާ ހޭދަކޮށްގެން، 190 ހެކްޓަރުގެ އިތުރު ބިން، ތިޔަބޭފުޅުންގެ މި އައްޑުއަށް އެ ދަނީ އިތުރުވަމުން. އަދި ހަމަ އެއާއެކުއެކީ، އިތުރު މަޝްރޫޢެއްގެ ގޮތުގައި، ހުޅުމީދޫއަށް އިތުރުވާ 42 ހެކްޓަރުގެ ބިމަކީ އައްޑޫ ސިޓީއަށް އިތުރުވާ ބިން. އެއީ 179 މިލިއަން ރުފިޔާގެ އަގުހުރި މަޝްރޫޢެއް. ރާއްޖެއަށް ހެޔޮ ބަދަލު ގެނައުމަށް ތިޔަބޭފުޅުން ނުކުމެވަޑައިގަތީ، މި މަޝްރޫޢުތައް އައްޑޫ ސިޓީއަށް ބޭނުންވާތީ. އެކަން އެދަނީ ހިނގަމުން.

ރާއްޖޭގެ ފަތުރުވެރިކަން 50 އަހަރު ފަހަނައަޅައިދިޔައިރު، ދިވެހި ފަތުރުވެރިކަމުގެ ފުނަށް މިހާރު މިވަނީ ބަދަލުވާން ފަށާފައި. ރިއަލް އެސްޓޭޓް އަދި އިންޓަރގްރޭޓެޑް ޓޫރިޒަމަކީ ފަތުރުވެރިކަން، ތިޔަބޭފުޅުންގެ ގޭގެ ދޮރުގައި ޓަކިޖަހާނެ ސަބަބު. ހަންކެޑެއަކީ ރައްޔިތުންނަށް ޙިއްޞާވެވޭ މިބާވަތުގެ ފަތުރުވެރިކަމަށް އެންމެ އެކަށޭނަ އައްޑޫ ސިޓީގެ ސަރަޙައްދު.

މި ދެންނެވި މަގުން ޓޫރިޒަމްގެ ނަފާ، އައްޑޫ ސިޓީގެ ރައްޔިތުންނަށް ފަހިވާންޖެހޭނެ. އެކި ފަންތީގެ ފަތުރުވެރި ވަސީލަތްތަކަށް ފަހިވާގޮތަށް، ހަންކެޑެ ފަރުމާކޮށް ތަރައްޤީ ކުރާނީ، މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑުން. އެއީ، އިންޓަރގްރޭޓެޑް ރިޒޯޓް، ސިޓީ ހޮޓާ، ގެސްޓްހައުސް އަދި ވޯޓަރ ވިލާ އެކުލެވޭނެ ވަށާޖެހޭ ޕްރޮޖެކްޓެއް. މިހާރު ވަނީ އެ މަޝްރޫޢު ފެށުމުގެ މަރުޙަލާގައި. މުޅި މަޝްރޫޢު އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ނިންމައިލެވޭނެ. ރާއްޖެއަށް ޑިމޮކްރަސީގެ ހެޔޮ ބަދަލު ހޯއްދެވުމަށް ތިޔަބޭފުޅުން ނުކުމެވަޑައިގަތީ، މި ޕްރޮޖެކްޓްތައް އައްޑުއަށް ހޯއްދެވުމުގެ ބޭނުމުގައި. އެކަން މިއަދު އެދަނީ އައްޑޫ ސިޓީއަށް ހާސިލުވަމުން.

މިހާރު ހިނގަމުންމިދާ މަގު ހެދުމާއި، ބިން އިތުރުކުރުމުގެ މަސައްކަތް ޑިޒައިން ވެގެން ކުރިއަށް އެ ދަނީ، ހަންކެޑެ ނިމޭއިރު، އެތަނާ ގުޅޭ ފުރިހަމަ ޕްލޭނާ އެއްގޮތަށް. ހަންކެޑެ މަޝްރޫޢުގެ ތެރެއިން އައްޑޫ ސިޓީގެ އެހެން ރަށްތަކަށް، ޖުމްލަ 600 ޓޫރިސްޓް އެނދު އިތުރުވާނެ. މިއީ ޖުމްލަ 2682 އެނދު އިތުރުވެގެންދާނެ މަޝްރޫޢެއް. މިހާރު ޕްރޮޖެކްޓް ކުރެވިފައިވާ ތަފާތު މަޝްރޫޢުތައް ނިމޭއިރު، ޖުމްލަ 7000 ޓޫރިސްޓް އެނދު އައްޑޫސިޓީގައި އޮޕަރޭޓް ވެގެންދާނެ.

ދެމެހެއްޓެނިވި ގޮތުގައި އައްޑޫ ޝަންގްރިއްލާ ހިންގުމަށް އެޅޭ ކޮންމެ ހުރަހެއް ނައްތައިލުމަށް އަޅުގަނޑު މިހުރީ ތައްޔާރަށް. އެފަރާތާއެކު އޮތް ޒަމާންވީ ސަރުކާރުގެ ޙިއްޞާ ދެމެހެއްޓުމަކީ އޮތް ހުރަސް ކަމުގައި ވުމަކަށް އަޅުގަނޑު ނުހަދާނަން. ނިމިދިޔަ މާރިޗު މަހުގެ 18 ވަނަ ދުވަހު ޙިއްޞާ ބަދަލުކުރުމުގެ ލިޔުންތައް ސަރުކާރުން އެފަރާތާ ޙިއްޞާކޮށްފިން. އެކަން ނިމުމާއެކު، ބޭނުންވާ ބަދަލުގެނެވި، ޝަންގްރިއްލާ ހުޅުވި، ހިނގަން ފަށާނެ.

މީގެއިތުރަށް، އެސް.ޑީ.އެފް.ސީ.ގެ ފަރާތުން އަމިއްލަ ފަރާތްތަކުގެ ގެސްޓްހައުސްތައް އިމާރާތްކޮށް ނިންމައިދޭ ކޮންޓްރެކްޓަރ ފައިނޭންސް މޮޑެލް އައްޑޫއަށް އަންނާނެ. އައްޑޫގެ އެކި ރަށްރަށުން ފަތުރުވެރިކަމަށް ދޫކޮށްފައިވާ ބިންތައް، އެ ތަންތަން ދިގު މުއްދަތަށް ނަގާފައިވާ ފަރާތްތަކަށް ގެސްޓްހައުސް އަޅައި ނިންމައިދެވޭނެ. އަދި އެއީ ދިގު މުއްދަތުން އަނބުރާ ދައްކާގޮތަށް ހިންގޭ މަޝްރޫޢެއް. މި ދެންނެވި ގޮތަށް ދޫކުރެވިފައިވާ 73 ބިމެއް އެބަވޭ. އޭގެތެރެއިން 44 ފަރާތަކުން 58 ބިމުގައި ގެސްޓްހައުސް އިމާރާތް ކުރުމަށް މިހާރުވަނީ އެދިފައި. މިއީ ޖުމްލަ 2870 ޓޫރިސްޓް އެނދު ހިމެނޭ މަޝްރޫޢެއް. އައްޑޫގެ ގޯތިތައް ފަޅުވެ، ގެތައް ވީރާނާވެ، ގަސްބޯވެ، ވާވަނުމަކީ އައްޑޫ ރައްޔިތުން ހެޔޮ ބަދަލަށްޓަކައި ވީ ޤުރްބާނީއާއި، ކުރި އުންމީދުގައި އޮތް ކަމެއް ނޫން. އައްޑޫ ރައްޔިތުން ބޭނުންވީ، އައްޑޫ އާބާދުވެ، އާރާސްތުވެ ކުރިއަރައިދިޔުން. އެ މަގުތައް މިދަނީ ކޮށައި އަލިވެ އާރާސްތުވަމުން.

ތަރައްޤީގެ މަގުގައި އެޅޭ އެންމެ ހަރުދަނާ ފިޔަވަޅަކީ އިންސާނީ ވަސީލަތް ތަރައްޤީ ކުރުން. އަމިއްލަ ޒާތުގައި ހިނގާ، އަރަފޯދިގެންވާ ސަރަޙައްދީ އިޤްތިޞާދެއްގެ މުހިންމުކަން ރާއްޖެއަށް ކިތަންމެހާވެސް ބޮޑު. އެކަންކަން ހިންގައި ދެމެހެއްޓެނިވި ކުރެވޭނީ، އުފެދޭ ވަޒީފާތަކަށް ޤާބިލް މުވައްޒަފުން ލިބިގެން. އަޅުގަނޑުގެ މި ދައުރު ފެށުމާއެކު، އެންމެ އިސްކަންދިން މަޝްރޫޢަކީ، ސަރުކާރުން ހިންގަން ފެށި ހިލޭ ޑިގްރީ ޕްރޮގްރާމް. މިހާތަނަށް އައްޑޫ ސިޓީއަށް ނިސްބަތްވާ 1467 ޒުވާނުންނަށް ހިލޭ ޑިގްރީގެ ފުރުޞަތު ދެވިއްޖެ. އޭގެތެރެއިން 928 ދަރިވަރުން ހިލޭ ޑިގްރީ ހާސިލުކޮށްފި. އަދި އައްޑޫ ސިޓީގެ 539 ދަރިވަރުން މިހާރުވެސް ހިލޭ ޑިގްރީއަށް ކިޔަވަމުން އެބަދޭ. ހިނގަމުންމިދާ މަޝްރޫޢުތައް ނިމެމުން ފުރިހަމަވަމުންދާއިރު، އުފެދޭ ގިނަ ވަޒީފާތަކަށް ޤާބިލް ޒުވާނުން އެދަނީ އުފެދެމުން.

އެ ދުވަހު އެދިތިބި މާދަމާއަކީ މިއަދު. މިއަދު ހިނގަމުން މިދަނީ މާދަމާ ވަށާޖެހި، ފުރާފުރިހަމަވާނެ އައްޑޫ ސިޓީގެ ޒަމާންވީ ހުވަފެންތަކުގެ ތަޢުބީރު. ތަރައްޤީގެ މަގުގައި ކުރިއަށްދިޔުމަށްޓަކައި ބޭނުންވާ އަސާސީ ހުރިހާ ޚިދުމަތެއް ފުރިހަމަވުން ލާޒިމް. މުޅި ރާއްޖޭގައި ސަރުކާރުން ހިންގާ ހުރިހާ މަޝްރޫޢެއްގައިވެސް މިހާރު ސަރުކާރުން އިސްކަންދޭ އެއްކަމެއްވޭ. އެއީ، ރައްޔިތުން ބޭނުންވާ އަދި ރައްޔިތުން އެދޭގޮތަށް އެކަން ކުރުން. މިސާލެއް ދަންނަވާނަމަ، ސަރުކާރުން އެކަށައަޅައި މިހާރު ހިނގަމުންދާ އައްޑޫ ސިޓީގެ މަގުހެދުމުގެ މަޝްރޫޢު އަޅުގަނޑު ފާހަގަކުރަން. ސަރުކާރުން އެކަށައެޅީ ޖުމްލަ 119 ކިލޯ މީޓަރުގެ މަގު އައްޑޫގައި، ޒަމާނީ ފެންވަރަށް ހެދުމަށް. ކުރިން ސިމެންތި އަޅަން ހަމަޖެހިފައިވާ 67 ކިލޯ މީޓަރުގެ މަގަށް، ރައްޔިތުން އެދުނުގޮތަށް މިހާރު އެވަނީ ތާރުއަޅަން ނިންމައި ހަމަޖެހިފައި.

ހެޔޮވެރިކަމުގެ ނިޒާމަށް އެދި އައްޑޫ ސިޓީގެ ރައްޔިތުން އެ ދުވަހު އިޚްތިޔާރުކުރީ ނުހަނު ބުރަ، އެހާމެ އުނދަގޫ އަދި ކިތަންމެ ވޭނެއް ތަޙައްމަލް ކުރަންޖެހުނު އަޑިގުޑަން މަގެއް. ނަމަވެސް، އޭގެ އާޚިރު ނަތީޖާ އަޅުގަނޑުމެންގެ ކުރިމަތީގައި މި ހިނގާ މަޝްރޫޢުތަކަށް ބަލާއިރު ކިތަންމެހާވެސް ފޮނި. މިއަދު އަޅުގަނޑުމެންނަށް އާދެވިފައި މިވަނީ ހަމަޖެހޭ، އަމާން އޮމާން މާދަމާއަށް ވާޞިލްވެވޭނެ މަގަށް. ޝައްކެއްވެސްނެތް، މިއަދަކީ އެ ދުވަހެއް އަދި އިއްޔެއެއް ނޫން.

ހުވަދޫން ފެށޭ ބޮޑުދެކުނުގެ މި ސަރަޙައްދަކީ، ސާޅީސްހާސް މީހުންގެ އާބާދީއަކުން ދިރުން ލިބޭ ސަރަޙައްދެއް. އައްޑޫ ސިޓީގެ ބައިނަލްއަޤްވާމީ ކަނޑުބަނދަރު ނިމިގެންދާއިރު، މި ސަރަޙައްދުގެ މި ދެންނެވި ހުރިހާ ރައްޔިތުންނަށް އޭގެ މަންފާ ކުރާނެ. މާލެއަށް ލުއިވާނީ އުތުރާއި ދެކުނުގެ ކަނޑާއި ވައިގެ ބަނދަރުތަކުގައި މުދަލާއި ފަސިންޖަރުންގެ ކާރޫބާރޫ ހިނގަން ފަށައިގެން. ސަރުކާރުން މި ހިންގަނީ މި ދެންނެވި ބޮޑެތި މަޝްރޫޢުތައް. ކުޑަޔަސް، ބޮޑަސް އަދި ވަކިން އޮތް ގާމަތީ ރަށަކަސް، ދިރިއުޅެނީ ހަމަ ދިވެހި ރައްޔިތުން.

ތަރައްޤީގެ ތުނޑުތައް، އެއްކަމާ ގުޅޭ އަނެއް ކަންތަކާ އެކުވެ ލާމެހެންޖެހޭނީ. އެއްސޯބު އަނެއްސޯބާ ހިމުންވެގެން ހިނގާންޖެހޭ އެތައް ކަމަކުން މެނުވީ ތަރައްޤީއެއް ނުވެވޭނެ. ކޯވިޑުގައި ދުނިޔެ ހުއްޓުނު ވަގުތު، އަލަށް އުފެއްދި ސަރުކާރުގެ އާގުބޯޓު ކުންފުނި ދުއްވައިގަތް. ސުމަކުން ފެށި ނަމަވެސް، މިއަދު އެ ކުންފުނީގައި އަމިއްލަ ތިން އާގުބޯޓު އެބައޮތް. އިތުރު ބޯޓެއް، އަންނަ ޖުލައި މަހު އެ ކުންފުންޏަށް އިތުރުވާނެ. މިއީ ސީދާ އައްޑޫ ސިޓީގެ ސަރަޙައްދީ ބަނދަރަށް ދަތުރުކުރާނެ ބޯޓެއް. މި ބަނދަރުތަކުގެ ސޭލާތައް ހިންގުމަށް ބާރުދެނީ، މި ދެންނެވި އާގުބޯޓުފަހަރުގެ ސޯބު، އައްޑޫ ސިޓީ ޕޯޓުގެ ސޯބާ އެކުވެ ހިމުންވުމުން.

އައްޑޫ ސިޓީއަކީ އެއްފަސްވުމުން، ރާއްޖޭގެ އެންމެ ތަފާތު ސިޓީ. އެހެން ނަމަވެސް، އައްޑޫ ސިޓީގެ އުތުރަށް އެހުރީ އެކިވަރުގެ ޖަޒީރާ ރަށްތައް. ބޮޑުތިލަދުންމަތީގެ ހަމަ މި ޢަދަދުގެ އާބާދީ ހިމެނޭ 41 ރަށް ކޮންމެ ދުވަހަކު ބައްދަލުވެ، ވަކިވެ އެ ދަނީ އާރު.ޓީ.އެލް.ގެ ޛަރީޢާއިން. އޭގެ ސަބަބުން އަހަރެއްހާ ދުވަސްތެރޭ އެ ސަރަޙައްދުގެ އެތައް ކަމަކަށް ކިތަންމެ ހެޔޮ ބަދަލެއް އަތުވެއްޖެ. އިރާދަކުރެއްވިއްޔާ، ހުވަދޫ އަދި ފުވައްމުލަކާއި އައްޑޫ ހަމަ އެގޮތަށް އާރު.ޓީ.އެލް.ގެ ޛަރީޢާއިން ކަނޑުމަގުން ގުޅައިލުމުގެ މަސައްކަތް ބާރުމިނުގައި ކުރިއަށް އެބަދޭ. ނަމޫނާ ދޯނީގެ ބުރަ އަދި ބިރުވެރި ދަތުރު އައްޑޫން މާލެއަށް އެ ދުވަހު ކުރީ ބޭނުމަކު. އެއީ، އާރު.ޓީ.އެލް.ގެ ނަމޫނާ، އަރާމު، ހިތްގައިމު މި ދެންނެވި ދަތުރުފަތުރުގެ ނިޒާމުން މި ސަރަޙައްދު ގުޅައިލުމަށް. އާރު.ޓީ.އެލް. އައްޑޫގައި ބަނދަރު ކުރަން މިއަދު މިވަނީ ނުހަނު ގާތްވެފައި. މިއަދަކީ އެ ދުވަހެއް އަދި އިއްޔެއެއްވެސް ނޫން. މިއަދަކީ ތަރައްޤީއާއެކު ފަސޭހަކަން ލިބިގަނެ، ހަމަޖެހުމާއެކު ކުރިއަށް ދިޔުމުގެ ދުވަސް.

މި ފަސް އަހަރުތެރޭ މި ކުރެވުނު މަސައްކަތާއި، ކުރަންހުރި ކަންކަމުގެ މައްޗަށް ފެންނަ ނަތީޖާއެއް އެބަވޭ. އެއީ، ރާއްޖޭގެ ޙާލަތު، ވަރުހުރި އިޤްތިޞާދެއްގެ މައްޗަށް ބިނާކުރެވޭނެ ކަމުގެ އުންމީދު ބޮޑުކަން. 2028 ނިމޭއިރު، ރާއްޖޭގެ އިޤްތިޞާދު، ދެގުނަ ވެގެންދާ ދިޔުމަކީ، ކުރު މުއްދަތަކުން ގެނެވޭނެ އެންމެބޮޑު އެއް ބަދަލު. މީގެ ފަސް އަހަރު ކުރިން، 2018 ވަނަ އަހަރު ރާއްޖޭގެ ޖުމްލަ އުފެއްދުންތެރިކަމަކީ 81 ބިލިއަން ރުފިޔާ. މީގެ ފަސް އަހަރު ފަހުން، ރާއްޖޭގެ އިޤްތިޞާދު ދެގުނަކޮށް، 2028 ވަނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 177 ބިލިއަން ރުފިޔާއަށް ގެންދެވޭނެ. އެކަމަށް ބޭނުންވާ ހުރިހާ މަސައްކަތެއް މިހާރު މިދަނީ ކުރަމުން. ރާއްޖޭގެ އުތުރާއި ދެކުނުގައި ސަރުކާރުން މި ވިއްދަނީ މުޅި ރާއްޖެ އެކުގައި އުފުލާލަދޭނެ އިޤްތިޞާދީ ދުންކަރާސް. އޭގެ ބުޑު ބަހައްޓާނެ ބިން އައްޑޫ ސިޓީގައި މިދަނީ ސަރާސަރުވެ ފެތުރެމުން. ރާއްޖެ އެކުގައި ތަރައްޤީނުވެ، ދިވެހިން ބޭނުންވާ މަންޒިލެއް ނުހިފޭނެ. ހަމަހަމަ، އުފާވެރި، ތަނަވަސް ޖަޒީރާ ދިރިއުޅުމެއް ދިވެހިންނަކަށް ނުލިބޭނެ. ރާއްޖޭގެ ދެކުނުގެ ކުރިއެރުމާއި ތަރައްޤީގެ މުގޫލައިގަންނަންޖެހޭ އެންމެ ވަރުގަދަ އެއްތަނަކީ ހަމަ އައްޑޫ ސިޓީ.

ހަމަ މިގޮތަށް ރާއްޖޭގެ އުތުރަށް ބޭނުންވާ ހުރިހާ އިންތިޒާމެއް، މި އަމާޒުގައި ސަރުކާރުން މިދަނީ ހިންގަމުން. މިއީ 5 އަހަރެއްގެ ފެށުމާއި، އަނެއް 5 އަހަރެއްގެ ނިމުމަކަށް ހިންގޭ 10 އަހަރުން ދިވެހިރާއްޖޭގެ އިޤްތިޞާދު ދެގުނަކުރެވޭ އިޤްތިޞާދީ ބޮޑުބަދަލުގެ 10 އަހަރު. އިރާދަކުރެއްވިއްޔާ، މާދަމާ ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގެ ބޮޑު މަޝްރޫޢުގެ ޢަމަލީ މަސައްކަތްވެސް ފެށިގެންދާނެ.

ރާއްޖޭގައި މިހާރު ކުރިއަށްމިދާ ގިނަ މިފަދަ ބޮޑެތި ހުރިހާ ޕްރޮޖެކްޓްތަކަކީ، އިންޑިއާގެ ހިލޭ އެހީއާއި، ލޯނު އެހީގެ ދަށުން ހިނގަމުންދާ ޕްރޮޖެކްޓްތައް. ހަނިމާދޫ އެއަރޕޯޓް ކަމަށްވިޔަސް، މާލޭ ހައުސިންގ ޕްރޮޖެކްޓް ކަމަށްވިޔަސް، ތިލަމާލޭ ކަނެކްޓިވިޓީ ބްރިޖް ކަމަށްވިޔަސް، އައްޑޫ މަގުހެދުން، ބިން ހިއްކުން، ގަން އެއަރޕޯޓް، މިހެންގޮސް އެތައް އެތައް ދީލަތި އެހީތަކެއް އިންޑިއާ ސަރުކާރުން ރާއްޖެއަށް މިވަގުތު ވަމުން އެބަދޭ. އެހެންކަމުން، މިކަމަށްޓަކައި ދިވެހި ރައްޔިތުންގެ ނަމުގަޔާއި، ދިވެހި ސަރުކާރާއި، އަޅުގަނޑުގެ އަމިއްލަ ނަމުގައި އިންޑިއާގެ ސަރުކާރަށާއި، އިންޑިއާގެ ރައީސް ދުރްޕާދީ މޯރްމޯއާއި، ޕްރައިމް މިނިސްޓަރ ނަރެންދުރަ މޯދީއަށް އަދި އަޅުގަނޑުމެންގެ އެކުވެރި އިންޑިއާގެ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، اللَّـهُ سُبْحَانَهُ وَتَعَالَىٰ ބަރަކާތް ލައްވައި، އެކަލާނގެ ވާގިފުޅާއި ތަނަވަސް ރަޙްމަތުން، ހުރިހާ ދިވެހިންނަށް ތަނަވަސްކަމާއި ފާގަތިކަން މިންވަރު ކުރެއްވުން. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.