بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

މުޅި ދުނިޔޭގައި މިއަދު ފާހަގަކުރާ މި އަހަރުގެ، ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު ހެޔޮއެދުމާއި ތަހުނިޔާ ފޮނުވަމެވެ. އަދި ދުންފަތާއި ދުންފަތުގެ އުފެއްދުންތަކުން ލިބޭ ގެއްލުންތަކާ މެދު ޢާންމުން ހޭލުންތެރިކޮށް، ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ނުބައި އާދައިން ރައްޔިތުން ދުރުކުރުމަށް މަސައްކަތް ކުރައްވާ އެންމެހައި ބޭފުޅުންނަށްވެސް، މިއަދުގެ މުނާސަބަތުގައި ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވަމެވެ.

މި އަހަރުގެ މި ދުވަހަށް، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ކަނޑައަޅާފައިވާ ޝިޢާރަކީ، "އަހަރެމެން ބޭނުމީ ކާނާ، ދުންފަތެއް ނޫން" މިއެވެ. މި ޝިޢާރުގެ މައިގަނޑު ބޭނުމަކީ މިވަގުތު ދުނިޔެއަށް ކުރިމަތިވެފައިވާ ކާބޯތަކެތީގެ މައްސަލައަށް ޙައްލެއް ހޯދުމުގެ ގޮތުން، ދުންފަތް ހެއްދުމުގައި ދަނޑުވެރިންގެ ވަގުތުތަކާއި ދަނޑުބިންތައް ނަގައިލުމުގެ ބަދަލުގައި، އެފަދަ ދަނޑުބިންތަކުގައި ގޮވާމުގެ ބާވަތްތައް ހައްދައި އުފެއްދުމަށް ބާރުއެޅުމެވެ.

އިންސާނާގެ ފުރާނައަށް ނުރައްކާކުރާ ދުންފަތް ހައްދައި އުފެއްދުމަށް ދަނޑުބިންތައް ބޭނުންކޮށް، ދަނޑުވެރިން ބުރަ މަސައްކަތްތަކެއް ކުރަމުން ދާއިރު، އިންސާނާގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ކޮންމެހެން ބޭނުންވާ ކާބޯތަކެތި ނުލިބި ހައިހޫނުކަމުގައި އުޅެންޖެހޭ މީހުންގެ އަދަދު ދަނީ އަހަރުން އަހަރަށް މައްޗަށެވެ. އ.ދ.ގެ ކާނާއާ ބެހޭ އިދާރާ، ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން (އެފް.އޭ.އޯ.)ގެ ތަފާސްހިސާބުތައް ބުނާ ގޮތުން، މިދިޔަ 2022 ވަނަ އަހަރުގެ ތެރޭގައި ވެސް، ދުނިޔޭގެ ޖުމްލަ އާބާދީގެ 10 އިންސައްތަ މީހުންނަށް، އެކަށީގެންވާ މިންވަރަށް ކާބޯތަކެތި ނުލިބުމުގެ ސަބަބުން، އެމީހުން ދިރިއުޅެމުން ދިޔައީ ހައިހޫނުކަމުގެ ތެރޭގައެވެ. އެއީ އޭގެ ކުރީގެ 2021 ވަނަ އަހަރާ އަޅައި ބަލާއިރު، ގާތްގަނޑަކަށް 465 މިލިއަން މީހުން އިތުރު މިންވަރެކެވެ. މިދިޔަ ދެތިން އަހަރުގެ ހިސާބުތަކަށް ބަލާއިރު، އެންމެ ގިނަ ބަޔަކު ހައިހޫނުކަމުގެ ތެރެއަށް ވެއްޓެމުން ދަނީ، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ތަފާތު ކާރިސާތަކާއި އެކި ސަރަޙައްދުތަކުގައި ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުންނެވެ.

އެ ކަންކަމަށް ބަލާއިރު، ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ، ދުނިޔޭގެ ހުރިހާ ޤައުމުތަކަށްވެސް މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ. ދުންފަތް ހެއްދުމާއި ދުންފަތުގެ އިސްތިޢުމާލުކުރުމަށް އަހަރަކު އެތައް ބިލިއަން ޑޮލަރެއް އިސްރާފުކުރާ އިރު، ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި މިވަގުތު ހައިހޫނުކަން ތަޙައްމަލުކުރަމުން ދާ އެތައް ބަޔަކު ތިބިކަން ހަނދާންކުރަންޖެހެއެވެ. އަޅުގަނޑުމެންގެ ތެރޭގައި ތިބި ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންވެސް އެ ކަމަށްޓަކައި ކޮންމެ ދުވަހަކު އެ ހޭދަކުރާ ފައިސާއަކީ، އެ މީހުންނާއި އެމީހުންގެ ޢާއިލާގެ މީހުންގެ ކެއިންބުއިމުގެ ކަންކަމަށް ހޭދަކުރެވިއްޖެ ނަމަ، މުޅި މުޖުތަމަޢަށް އޭގެ މަންފާކުރާނެ ފައިސާތަކެކެވެ. ހަމައެފަދައިން، އެއީ ތަފާތު ބަލިތައް ތަޙައްމަލުކުރާ އެތައް ބަޔަކަށް ފަރުވާ ކުރުމަށް ބޭނުންކުރެވިދާނެ ފައިސާތަކެކެވެ. ރަނގަޅު ކާނާ އާއި ބޯފެނާއި ދިރިއުޅުމުގެ ޒަރޫރީ އެތައް ކަމަކަށް ހޭދަކުރެވިދާނެ ފައިސާތަކެކެވެ.

ދުންފަތުގެ އިސްތިޢުމާލުކުރުމަކީ، އެކަން ކުރާ މީހާއަށާއި، އެ ޢަމަލުކުރާއިރު ކައިރީގައި ތިބޭ އެހެން މީހުންނަށާއި، އެފަދަ މީހުންނާ އެކުގައި އުޅޭ އެހެން މީހުންނަށް ވެސް ޞިއްޙީ އެތައް މައްސަލަތަކެއް ކުރިމަތިކުރުވާ ނުރައްކާތެރި އިޖުތިމާޢީ މައްސަލައެކެވެ. އަޅުގަނޑުމެންގެ ތެރޭގައި މިވަގުތު ފެތުރެމުން ދާ، ގައިން ގަޔަށް ނާރާ ބަލިތަކުގެ ތެރެއިންވެސް، އެންމެ ނުރައްކާތެރި ބައެއް ބަލިތަކަކީ، ދުންފަތުގެ އިސްތިޢުމާލުކުރުމާ ގުޅިފައިވާ ބަލިތަކެވެ. އެފަދަ ބަލިތަކުގައި ބައެއް ގުނަވަންތައް އެކުގައި ހަލާކުވެ ފުރާނަ ގެއްލިގެން ދިއުމަކީވެސް ކުރިމަތިވާ ވަރަށް ނުރައްކާތެރި ކަމެކެވެ.

މިފަދަ ދުވަސްތައް އަޅުގަނޑުމެންގެ ތެރޭގައި ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީވެސް، އެފަދަ ނުރައްކާތަކާ މެދު ހޭލުންތެރިވެ، އެފަދަ ނުރައްކާތަކުން ތިމާ އާއި އަނެކުންވެސް ރައްކާތެރިކުރުމަށް މަސައްކަތްކުރުމެވެ. އެހެންކަމުން، ދުންފަތުގެ އިސްތިޢުމާލުކުރާ ކޮންމެ މީހަކުމެ މިއަދު ޢަޒުމް ކަނޑައަޅަންވީ، ތިމާއަށާއި ތިމާގެ ސަބަބުން އެހެން މީހުންނަށް ޞިއްޙީ މައްސަލަތައް ކުރިމަތިކުރުވާ މިފަދަ ކޮންމެ ކަމަކުން ދުރުހެލިވުމަށެވެ. ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓައިލަންވީ، ތިމާގެ އަމިއްލަ ނަފްސުގެ ދުޅަހެޔޮކަމަށްޓަކައެވެ. ތިމާގެ އަނބިދަރިންނާއި ޢާއިލާގެ ހެވަށްޓަކައެވެ. ގާތް ރަޙުމަތްތެރިންނާއި އެކުވެރިންގެ ސަލާމަތަށްޓަކައެވެ. މުޅި މުޖުތަމަޢުގެ ޞިއްޙީ ރައްކާތެރިކަމަށްޓަކައެވެ.

އަޅުގަނޑުމެން ކޮންމެ މީހަކީ، އެންމެހައި ނުރަނގަޅު އާދަތަކުން ދުރުހެލިވެ، ތިމާ އާއި ތިމާގެ ޢާއިލާއާއި ގާތް ރަޙުމަތްތެރިންގެ ހެވައި ލާބައަށްޓަކައި މަސައްކަތްކުރާ މީހެއް ކަމުގައި، اللهُ سُبْحَانَهُ وَتَعَالَى ލައްވާށިއެވެ. އެންމެހައި ދިވެހިންގެ ޞިއްޙީ ދުޅަހެޔޮކަން އިތުރު ކުރައްވައި، މުޖުތަމަޢުގެ ޞުލްޙަ މަސަލަސްކަން ޤާއިމުކުރައްވައި، ފާގަތިކަމާއި ތަނަވަސްކަން އިތުރުކުރައްވާށިއެވެ.