ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރައްވާ ކޮމިޓީއާ ބައްދަލު ކުރައްވައިފިއެވެ. މިބައްދަލު ކުރެއްވުން އޮތީ، މިއަދު މެންދުރުފަހު ދަރނބޫދޫ ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަނީ ރަށްރަށުގެ ތަރައްޤީއާ ގުޅުންހުރި ކަންކަން ކައުންސިލްތަކާއި މަޝްވަރާ ކުރައްވައި ރައްޔިތުންގެ ބައިވެރިވުން ހިމެނޭ ގޮތަށް ކުރިޔަށް ގެންދިޔުމަށް ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ރަށު ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށް މި ސަރުކާރުން ގިނަ މަޝްރޫޢުތަކެއް ހިންގަމުންދާކަން ފާހަގަ ކުރައްވާފައެވެ. އޭގެ އިތުރުން ރައްޔިތުން ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ކައުންސިލުން ދެންނެވިއެވެ. އެކަންކަމުގެ ތެރޭގައި ރަށުގެ ގިރާ ސަރަޙައްދު ޙިމާޔަތް ކުރުމާއި، ރަށުގައި ރަނގަޅު ފެންވަރުގެ ދަނޑެއް ޓްރެކަކާއި އެކު އެޅުމާއި، އިޖުތިމާޢީ މަރުކަޒެއް ޤާއިމްކުރުން ހިމެނެވެ. އަދި، މިހާރު ސަރުކާރުން ދަރަނބޫދޫގައި ޔޫތް އެންޑް ކޮމިއުނިޓީ ސެންޓަރެއް އެޅުމަށް ޢިޢުލާނު ކޮށްފައިވާަކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، ކައުންސިލްތަކަށް ގްރާންޓް ދިނުމުގައި އޮތް އުޞޫލުގެ ސަބަބުން ދިމާވެފައިވާ މައްސަލަތަކާއި، ދަރަނބޫދޫ ސްކޫލުގައި މަލްޓިޕަރޕަސް ހޯލެއްގެ މުހިންމުކަމާއި، ޞިއްޙީ މަރުކަޒުގައި ނަރުހުން މަސައްކަތްކުރުމަށް އެކަށީގެންވާ ޖާގަ ބޭނުންވުން ހިމެނެއެވެ.

މި ބައްދަލުވުމުގައި، ދަރަނބޫދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން ވަނީ، އެކޮމިޓީން މިދައުރުގެ ތެރޭގައި ހިންގާފައިވާ އެކި އެކި ޙަރަކާތްތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. އަދި އ.ތ.މ ކޮމިޓީގެ ޙަރަކާތްތައް ކުރިޔަށް ގެންދިޔުމަށް އޮތް ބަޖެޓުގެ ދަތިކަންވެސް ކޮމިޓީގެ ފަރާތުން ވަނީ ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ކައުންސިލްތަކަށް ގްރާންޓް ދިނުމުގައި މިހާރު އޮތް އުޞޫލަށް ބަަދަލުގެންނަން ޖެހިފައިވާކަމަށެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރަށުގެ ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަން ސަރުކާރުގެ ކަމާއި ގުޅުން ހުރި މުއައްސަސާތަކާ ގުޅިގެން ކުރިޔަށް ގެންދެވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފ. އަތޮޅުގެ ރަށްތަކަށް މިއަދު ފެއްޓެވި ރަސްމީ ދަތުރުފުޅުގައި، ދެން ވަޑައިގެންނަވާނީ، ފ. މަގޫދޫއަށެވެ.