ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަދި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ނޭޝަނަލް އާޓް ގެލެރީގެ ޕަރމަނަންޓް ކަލެކްޝަން ރަސްމީގޮތުން ހުޅުވައިދެއްވައިފިއެވެ.

ނޭޝަނަލް އާޓް ގެލެރީގެ ޕަރމަނަންޓް ކަލެކްޝަން ރަސްމީގޮތުން ހުޅުވައިދެއްވާފައި ވަނީ މިކަމަށްޓަކައި މިއަދު ހަވީރު ނޭޝަނަލް އާޓް ގެލެރީގައި ބޭއްވި ޙަފްލާގައެވެ.

ރާއްޖޭގެ ފުންނާބުއުސް އަދި ކުރިއަރަމުން އަންނަ ފަންނާނުންގެ ހުނަރުތައް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް އިޝްތިހާރުކުރުމަށް މަގުފަހިކޮށްދިނުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

2005 ވަނަ އަހަރު ނޭޝަނަލް އާޓް ގެލެރީ ހުޅުވީއްސުރެ ގެލެރީގައި ޕަރމަނަންޓް ކަލެކްޝަނެއް ޤާއިމް ކުރުމުގެ ސިޔާސަތެއް އޮތްނަމަވެސް މިއަދާ ހަމައަށް ޕަރމަނަންޓް ކަލެކްޝަނެއް ޤާއިމްކޮށް، އާންމުންނަށް ފެންނާނޭހެން މައުރަޒުކުރެވިފައެއް ނުވެއެވެ.

މިއަދު އިފްތިތާޙު ކުރި ނޭޝަނަލް އާޓް ގެލެރީގެ ޕަރމަނަންޓް ކަލެކްޝަންގައި އެކިއެކި ދިވެހި ކުރެހުންތެރިންނާއި، ބޭރުގެ ބައެއް ފަރާތްތަކުން ހަދިޔާކުރައްވާފައިވާ ޖުމްލަ 44 ކުރެހުން ހިމެނެއެވެ. މީގެ ތެރެއިން ދިވެހި ކުރެހުންތެރިންގެ 24 ކުރެހުމެއް މިވަގުތު ޕަރމަނަންޓް ކަލެކްޝަންގައި މައުރަޒުކުރެވިފައިވެއެވެ. މި24 ކުރެހުމުގެ އިތުރުން މިވަގުތު ޤައުމީ ދާރުލްއާސާރުގެ ދާއިމީ ކަލެކްޝަންގައި ހިމެނޭ ދެ ކުރެހުމަކާއި، ބޭރުގެ ބައެއް ޤައުމުތަކާއި، ރާއްޖޭގައި އެކި ދުވަސްވަރު ޚިދުމަތްކުރެއްވި އެކި ޤައުމުތަކުގެ ސަފީރުން ހަދިޔާކުރައްވާފައިވާ ބައެއް ކުރެހުންތައްވެސް ޕަރމަނަންޓް ކަލެކްޝަންގައި ހިމެނެއެވެ.

ނޭޝަނަލް އާޓް ގެލެރީގެ ޕަރމަނަންޓް ކަލެކްޝަން ހުޅުވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ނޭޝަނަލް އާޓް ގެލެރީގެ ޕަރމަނަންޓް ކަލެކްޝަނާއި ރާއްޖޭގެ ބައެއް ސީނިއަރ އާޓިސްޓުންގެ ކުރެހުންތައް އަދި އެތަނުގައި ކުރިޔަށްދިޔަ ކުރެހުމުގެ ހަރަކާތްތައް ބައްލަވާލައްވާފައެވެ.