ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް (ސިޑްސް)، އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ޕާޓްނަރުން އަދި ބައިނަލްއަޤްވާމީ ޖަމުޢިއްޔާ ޖަމާޢަތްތަކުގެ މަންދޫބުންނަށް އިނގިރޭސި ސަރުކާރުގެ ފަރާތުން ހުކުރުދުވަހު ދެއްވި ހެނދުނުގެ ފަރިއްކޮޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ މަންދޫބެއްގެ ހައިސިއްޔަތުން މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެވެރިޔާ ޢަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެންފިއެވެ.

ލަންޑަނުގެ ލެންކަސްޓަރ ހައުސްގައި ބޭއްވި ހެނދުނުގެ ފަރިއްކޮޅަކީ ސިޑްސްގެ 4 ވަނަ ބައްދަލުވުން 2024 ވަނަ ކާމިޔާބުކަމާއެކު ބޭއްވުމަށް އިނގިރޭސި ސަރުކާރުންދޭ އިސްކަން ފާހަގަކުރުމުގެ ގޮތުން ބޭއްވި ފަރިއްކޮޅެކެވެ.

މި މެއިމަހުގެ 6 ވަނަ ދުވަހު ވެސްޓްމިންސްޓަރ އެބީގައި ބާއްވާ އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް 3 ވަނަ، ރަސްކަމުގެ ތަޚުތުގައިވެޑުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން މިހާރު ހުންނެވީ އިނގިރޭސިވިލާތުގައެވެ.