ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މި އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު ބައްލަވައިލައްވައި، މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައިފިއެވެ. މި މުބާރާތުގެ ފައިނަލް މެޗާއި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިރޭ ގަލޮޅު ރަސްމީ ދަނޑުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތަށްޓަށް ކުޅޭ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލްގައި ބައްދަލުކުރީ ކްލަބް އީގަލްސްއާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުންނެވެ. އަދި، މި މެޗު 2 - 0 އިން ކާމިޔާބު ކުރީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުންނެވެ.

މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް އެމަނިކުފާނު ހުށަހަޅުއްވާފައިވާ ވާދައިގެ ތަށްޓާއި، މެޑަލް ޙަވާލުކޮށްދެއްވާފައެވެ. މި ރަސްމިއްޔާތުގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ބައްސާމް ޢަދީލް ޖަލީލް ވަނީ 2023 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖޭގެ ޤައުމީ ޓީމުން ބޭނުންކުރާ ޖަރޒީއެއް ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އަރުވާފައެވެ.

މިއީ ޕްރެޒިޑެންޓްސް ކަޕްގެ ފުޓްބޯޅަ މުބާރާތް ރާއްޖޭގައި ބާއްވާ 69 ވަނަ ފަހަރެވެ. މި މުބާރާތް އެންމެ ފުރަތަމަ ބާއްވާފައި ވަނީ 1946 ވަނަ އަހަރުގައެވެ.