ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލްގެ ]އޯޕަން ޑޭ] އިފްތިތާޙް ކޮށްދެއްވައިފިއެވެ.
މިއަދު ހެނދުނު އެ ސްކޫލްގައި ބޭއްވެވި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ސަރުކާރުގެ ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕް ސިޔާސަތުގެ ދަށުން، ޕްރައިވަޓައިޒް ކުރެވުނު ފުރަތަމަ ސްކޫލަކީ، ޣިޔާޘުއްދީން ސްކޫލްކަން ފާހަގަކުރެއްވިއެވެ. އަދި މިފަދަ އެހެން ސްކޫލްތައް މާލެއާއި އަދި ރާއްޖޭގެ އެހެން ހިސާބުތަކުގައިވެސް ހުޅުވިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ވަށާޖެހޭ ތަޢްލީމުގެ މުހިންމުކަމުގެ މައްޗަށް ބައްލަވާލައްވަމުން، ދަރިވަރުންނަށް އުނގަންނައިދެވޭނީ ހަމައެކަނި ފޮތްތަކަކުން ނޫން ކަމަށާއި، އިތުރު ޙަރަކާތްތަކަކީވެސް ހަމަ އެހާމެ މުހިންމު ކަންތައްތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި، މަރްޙަބާ ދެންނެވުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ، ޝްރީ އެޑިއުކެއަރ ލިމިޓެޑްގެ ފަރާތުން މިޒް މަނިކާ ޝަރްމާއެވެ. ޝުކުރު ދެންނެވުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ، ސްކޫލްގެ ޕްރިންސިޕަލް ޠާހާ ސަލީމެވެ. އަދި އިންޑިއަން ހައިކޮމިޝަނަރ މިސްޓަރ މުލޭވެސް މިއަދުގެ މިރަސްމިއްޔާތުގައި ވާހަކަފުޅު ދެއްކެވިއެވެ.
ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލަށް މިކުރެއްވި ޒިޔާރަތުގައި، އެސްކޫލް ބައްލަވައިލައްވައި، ސްކޫލުގެ ޓީޗަރުންނާއި ބައެއް ދަރިވަރުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވިއެވެ.
ޣިޔާޘުއްދީން ސްކޫލް ޕްރައިވަޓައިޒް ކުރެއްވުމަށްޓަކައި އިންޑިއާގެ ޝްރީ އެޑިއުކެއަރ ޕްރައިވެޓް ލިމިޓެޑާއެކު ސަރުކާރުން ސޮއި ކުރައްވާފައިވަނީ، 4 ނޮވެމްބަރ 2009 ގައެވެ. ރާއްޖޭގެ ސްކޫލްތަކުގެ ދިރާސީ އާ އަހަރު، އަންނަ އާދީއްތަ ދުވަހު ފެށޭއިރު މިސްކޫލް ހުޅުވިގެންދާނީ، ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ ގޮތުގައެވެ.