އިންޓަރނޭޝަލް ޓްރައިބިއުނަލް ފޯރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގެ ނިންމުމާއެކު މިއަދު ރާއްޖެ ވެގެން ގޮސްފައި މިވަނީ ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އެއްގޮތަށް ފުރިހަމައަށް އިންވަކިކުރެވިފައިވާ ޤައުމަކަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނާއި އެކު މިރޭ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މީގެ ކުރިން ރާއްޖޭގެ ދެކުނުން ރާއްޖޭގެ އިން އޮތީ ވަކިނުކުރެވިކަމަށެވެ. އަދި މިއަދު ނިމިގެން ދިޔައީ، ރާއްޖެއާ މޮރިޝަސްގެ ފުށުއަރާ ސަރަހައްދާއި ގުޅޭ ގޮތުން، ބައިނަލް އަޤުވާމީ ޤާނޫނުތަކާއި އެއްގޮތަށް، ކަނޑައަޅަންޖެހޭ އިން ކަނޑައެޅުން ކަމަށެވެ. އަދި ރާއްޖެއިން 2000 ވަނަ އަހަރު ބައިވެރިވެފައިވާ މުއާހަދާ އާއި އެއްގޮތަށް އެއްވެސް ސަރަހައްދެއްގައި ޚާއްޞަ އިޤުތިޞާދީ ސަރަހައްދު ފުށުއަރާނަމަ އެސަރަހައްދެއް ބަހަންޖެހެނީ މެދުން ހަމަޔަށް ވާގޮތަށް ކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއަދު ރާއްޖެއަކީ ބައިނަލް އަޤުވާމީހަމަތަކާއި މިންތަކާއި އެއްގޮތަށް އިންވަކިކުރެވިފައިވާ ފުރިހަމަ ޤައުމަކަށް ބަދަލުވެގެން ދިޔުން އެއީ ދިވެހިރާއްޖެއަށާއި ދިވެހިރައްޔިތުންނަށާއި މިސަރުކާރަށް ލިބިގެން ދިޔަ ކާމިޔާބީއެއް ކަމަށެވެ.

ނޫސްވެރިންގެ މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވައި އެމައްސަލައިގައި ދިވެހިރާއްޖޭން ޢަމަލުކުރި ގޮތްތަކުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އަދި ދިވެހިރާއްޖެއިން އެއްވެސް އިރެއްގައި ފޯޅަވަހީގެ މައްޗަށް ސިޔާދަތީ ބާރު ހޯދުމަށް މަސައްކަތްކޮށްފައި ނުވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ޗާގޯސްގެ އުތުރުން އޮތް ސަރަހައްދަކީ ހިމާޔަތް ކުރެވިފައިވާ ކަނޑުގެ ސަރަހައްދަކަށް ހެދުމަށް މޮރިޝަސްއިން ނިންމާނެކަން ހާމަކުރައްވާފައިވާ ކަމަށާ، އެހެންވުމުން ދެކުނުގެ މަސްވެރިކަމަށް އެކަމުން ފައިދާކުރާނެކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ނޫސްވެރިންގެ މިބައްދަލުވުމުގައި ވަޒީރުންގެ މަޖިލީހުގެ މެމްބަރުންވެސް ވަނީ މިކަމާއި ގުޅޭ ގޮތުން ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވައި، މި ނިންމުމާއިއެކު ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތާއި ގުޅޭ މައުލޫމާތު ދެއްވާފައެވެ.

ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަޙައްދުން ފުށުއަރާ ސަރަޙައްދުގެ އިން ވަކި ކުރުމުގެ މައްސަލާގައި އިޓްލޮސްއިން، ގޮތް ނިންމަވާފައި ވަނީ ރާއްޖޭން ފާހަގަކުރި ނުކުތާތަކަށް ތާއީދުކޮށް ރާއްޖެއަށް ފައިދާވާ ގޮތަށެވެ. އަދި މި ނިންމުމާ ގުޅިގެން، ފުށުއަރާ ސަރަހަދުން ރާއްޖެއަށް 47232 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ވަނީ ލިބިފައެވެ.