بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيّدنا محـمَّدٍ وعلى آلـه وَصَحْبِـهِ أجمعـين.

އާދެ، މިރޭގެ މި އުފާވެރި ޖަލްސާއަށް ދަޢުވަތު ދެއްވި ކަމަށްޓަކައި، މިނިސްޓަރ އޮފް އެޑިޔުކޭޝަން އަލްއުސްތާޛް މުޙައްމަދު ޒާހިރު ޙުސައިނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ހަމައެއާއެކުގައި، އަސާސީ ތަޢުލީމުގެ ޤައުމީ މަޖިލީހުގެ މެންބަރުންނަށް އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މި މުހިންމު މަޝްރޫޢު ހިންގަވާ ފަރާތްތަކަށްވެސް ޝުކުރު ދަންނަވަން.

ތިޔަބޭފުޅުންނަށް ދެންމެ ތިޔަ އިވިވަޑައިގެންނެވި ފަދައިން، މިރޭ މި ފާޅުކުރެވުނީ އަސާސީ ތަޢުލީމުގެ މަޝްރޫޢުގެ 4 ވަނަ އިމްތިޙާނުގެ ނަތީޖާ. މި އިމްތިޙާނުގައި މިފަހަރު ވަރަށް ފުރިހަމަ އެއްވަނައަކަށް އައި އަތޮޅު ކަމުގައިވާ މާޅޮސްމަޑުލު ދެކުނުބުރިއަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އަދާކުރުމަކީ މިރޭ އަޅުގަނޑަށް ލިބޭ ވަރަށް ޚާއްޞަ އުފަލެއް. ހަމައެފަދައިން، މިރޭގެ ނަތީޖާ ދައްކާގޮތުން، އަސާސީ ތަޢުލީމުގެ މިއަހަރު ބޭއްވުނު އިމްތިޙާނުގައި މުޅި ރާއްޖެއިން ދެވަނައަށް އައި އަތޮޅު ކަމުގައިވާ މާޅޮސްމަޑުލު އުތުރުބުރިއަށްވެސް ތަހުނިޔާއާއި މުބާރަކުބާދީ ރައްދުކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. ތިންވަނަ އަތޮޅެއް ކަމަށް މިފަހަރު ފާހަގަކުރެވިފައި މިވަނީ އަދި އިމްތިޙާނުގައި ހޮވިފައިވަނީ ފާދިއްޕޮޅު. އެހެންވުމާއެކު، ފާދިއްޕޮޅަށްވެސް އަޅުގަނޑު އަދާކުރާ ޝުކުރަކީ ވަރަށް އިޚްލާޞްތެރި ޝުކުރެއް. އަދި ރައްދުކުރާ މުބާރަކްބާދީއަކީ ހަމަ އެހާމެ އިޚްލާޞްތެރި މުބާރަކްބާދީއެއް. އާދެ، މިތިން އަތޮޅާ ދޭތެރޭގައި ވިސްނާއިރު، މި ތިން އަތޮޅަކީވެސް ރާއްޖޭގެ އަތޮޅުތަކުގެ ތެރެއިން ވަރަށް ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވޭ ތިން އަތޮޅެކޭ ދަންނަވާލާހިތްވޭ.

އާދެ، އެންމެ ފުރަތަމަ މާޅޮސްމަޑުލު ދެކުނުބުރި ނުވަތަ ބ. އަތޮޅު. ބ. އަތޮޅަކީ އެތާނގެ ރައްޔިތުން ކުރިއެރުމަށް ލޯބިކުރާ އަދި ހުރިހާ ރޮނގަކުންވެސް ހީވާގިކަމާއެކު މަސައްކަތްކުރާ ބައެއް ކަމަށް ފާހަގަކުރެވިފައިވާ އަތޮޅެއް. މަސްވެރިކަމުގެ ރޮނގުން ބެލިނަމަވެސް ބ. އަތޮޅަކީ އަޅުގަނޑުމެން އެންމެން ދަންނަ އަތޮޅެއް. އަތްތެރި މަސައްކަތުގެ މަޢުރަޟްތަކުގައިވެސް ގިނަފަހަރަށް ވަރަށް މަތީ ވަނަތަކެއް ހޯދާ އަތޮޅެއް. އަދި ކުޅިވަރުގެ މައިދާނަށް ވިސްނާލިކަމުގައިވިޔަސް، ބ. އަތޮޅަކީ މިހާރުވެސް އެކަށީގެންވާ ކާމިޔާބީތަކެއް ހާޞިލްކުރަމުންދާ އަތޮޅެއް. އާދެ، މިހާރު ރާއްޖޭގައި މިހިނގާ 36 ވަނަ ފުޓްބޯޅަ މުބާރާތުގައިވެސް މާލޭގެ އެންމެ ކުރިއަރާފައިވާ ކްލަބުތަކާ ވާދަކުރާ އެއްވަނަ ޑިވިޜަންގެ އެއް ކްލަބަކީ ބ.އަތޮޅުގެ އޭދަފުށީގެ ކްލަބެއް. އެހެންވީމާ، އެ އަތޮޅުގެ ރައްޔިތުންގެ ހިތްތަކުގައި ހުރިހާ ރޮނގަކުންވެސް ކުރިއަށް ދިޔުމަށް އޮންނަ ހިތްވަރު އެއީ، އަޅުގަނޑު ހިތުން މިރޭ އަޅުގަނޑުމެން ފާހަގަކޮށްލަންޖެހޭނެ ކަމެއް.

އާދެ، ދެވަނައަށް އައި އަތޮޅަކީވެސް ހަމަ އެފަދަ އަތޮޅެއް. ރ. އަތޮޅު. ރ.އަތޮޅަކީ މަސްވެރިކަމުގެ ރޮނގުން ވަރަށްބޮޑަށް ފާހަގަކުރެވޭ އަތޮޅެއް. މިހާރު އެ އަތޮޅުގައި ހިނގާ އެންމެ މުހިންމު އެއްކަމަކީ އެ އަތޮޅު އަލިފުށީގައި ހިނގާ މަސްވެރިކަމުގެ މަސައްކަތްތައް ނުވަތަ މަސްވެރިކަމުގެ މުއްސަނދިކަން ހެޔޮގޮތުގައި ބޭނުންކުރުމަށް އުފެދިފައިވާ މަޝްރޫޢުގެ ދަށުން އެ އަތޮޅުގައި ދޯނިފަހަރު ބަނުމަށް ކުރެވެމުންދާ މަސައްކަތް. އެ އަތޮޅަކީ މިހާ މުހިންމު އަތޮޅަކަށްވެފައި، އަލިފުށީގައި މި މަސައްކަތް ހިނގަމުންދާތީ އެކަން ސަރުކާރުން ފާހަގަކުރުމުގެ ގޮތުން މިއަހަރު ވަރަށް ޚާއްޞަ އިޙްތިފާލެއް، މާދަމާ ނޫން އަނެއްދުވަހު އެރަށުގައި ބޭއްވޭގޮތަށް ވަނީ ހަމަޖެހިފައި. އެއީ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި އަދި މިއަހަރުގެ މަސްވެރިންގެ ދުވަހާ މި ދެ ދުވަސް އެއްފަހަރާ ފާހަގަކުރުމުގެ ގޮތުން ބޭއްވޭ އިޙްތިފާލެއް. އެ އިޙްތިފާލުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރާއްޖޭގެ ބައެއް ވަޒީރުންވެސް ވަނީ މިހާރު އެ އަތޮޅަށް ވަޑައިގެންފައި. މަސްވެރިކަމުގެ އިތުރަށް އެހެން ގޮތްގޮތުންވެސް އެ އަތޮޅަކީ ފާހަގަކުރެވޭ އަތޮޅެއް.

ހަމައެފަދައިން، ފާދިއްޕޮޅު، ތިންވަނައަށް އައި އަތޮޅު، އެއީވެސް މަސްވެރިކަމުގެ ގޮތުންވެސް އެހާ މުހިންމު އަތޮޅެއް. އަތްތެރި މަސައްކަތުގެ ގޮތުންވެސް އަބަދުވެސް ވަރަށް ކުރިއަށް ގޮސްފައި އޮންނަ އަތޮޅެއް. ހަމައެއާއެކު، މިރޭ ފާހަގަކޮށްލަން އަޅުގަނޑު ބޭނުންވާ ކަމަކީ ފާދިއްޕޮޅަކީ ތަޢުލީމީ ރޮނގުގައި އަދި މާ ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭ އަތޮޅެއްކަން. އާދެ، މާލެ ފިޔަވައި އެހެން ރަށެއްގައި 50 އަހަރު ދުވަސް ވަންދެން މެދުނުކެނޑި ހިނގަމުން އައިސްފައިވާ ހަމައެކަނި މަދަރުސާ ރާއްޖެތެރޭގައި ހުރީ ފާދިއްޕޮޅުގެ ނައިފަރުގައި. މަދްރަސަތުލް އިފްތިތާޙް. އެއީ ޝައްކެއްނެތްގޮތުގައި، އެ އަތޮޅުގެ ރައްޔިތުންނަކީ، ތަޢުލީމަށް ލޯބިކުރާ ބައެއްކަން ހާމަކޮށްދޭ ދަލީލެއް. ހަމައެއާއެކު، އަޅުގަނޑުމެން ފާހަގަކޮށްލަންޖެހޭ، ފާދިއްޕޮޅުގެ ދަރިންނަކީ ތަޢުލީމަށް ލޯބިކުރާ ބައެއްކަން. ފާދިއްޕޮޅުން އުފައްދާފައިވާ ދަރިންގެ ތެރޭގައި ރާއްޖެއަށް މަޝްހޫރު ޢިލްމުވެރިން ހިމެނިވަޑައިގަންނަވާކަން. މާޟީގައިވެސް އަދި މިހާރުވެސް. އެހެންކަމާއެކު، މި ތިން އަތޮޅަށް މިރޭ މުބާރަކްބާދީއާއި ތަހުނިޔާ އަދާކުރުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްވެސް ޚާއްޞަ އުފަލެއް.

އާދެ، މުޅި ރާއްޖެއިން އެއްވަނައަށް އައި ރަށަކާ ދޭތެރޭގައި ވިސްނާއިރު، މިއަހަރުގެ އިމްތިޙާނުގައި އެއްވަނައަށް އައިސްފައިވަނީ، މާޅޮސްމަޑުލު ދެކުނުބުރި ފެހެންދޫ. ބ. އަތޮޅު ފެހެންދޫ. އެހެންވުމާއެކު، އެރަށުގެ ވެރިންނަށާއި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު މުބާރަކްބާދީ ދެންނެވުމަކީވެސް އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. މިއަހަރު މުޅި ރާއްޖެއިން 1 ވަނައަށް އައި ރަށަކީ ފެހެންދޫ ކަމަށްވާއިރު، އެއާއެކުގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވާ ކަމަކީ، ފެހެންދުއަކީ މިވޭތުވެދިޔަ ތިން އިމްތިހާނުގައި ވިދިވިދިގެން ތިންފަހަރު ބ. އަތޮޅުން އެއްވަނައަށް އައި ރަށްކަން. އެއިންވެސް ދައްކައިދޭ އެއްޗަކީ، ފެހެންދޫގެ ވެރިންނާއި ރައްޔިތުން، އަސާސީ ތަޢުލީމުގެ މަޝްރޫޢަށް ދެއްވަމުން ގެންދަވާ އަހަންމިއްޔަތު. ހަމެއާއެކު، އަޅުގަނޑު ފާހަގަކޮށްލަން، މާލެއަތޮޅު ހުރާ. އެއީ މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، ވިދިވިދިގެން ނޫން ނަމަވެސް، ތިންފަހަރު މާލެއަތޮޅުން އެއްވަނަ މަޤާމް ހޯދާފައިވާތީ. އެގޮތުން، ހުރާގެ ވެރިންނަށާއި ރައްޔިތުންނަށް އަޅުގަނޑުމެން އަދާކުރަންޖެހޭ ތަހުނިޔާއަކީ، އެއީ ޝައްކެއްނެތްގޮތުގައި އޭގައި އަޅުގަނޑުމެން ބައިވެރިވާ ތަހުނިޔާއެއް.

މާލޭގައި އަސާސީ ތަޢުލީމުގެ މަޝްރޫޢު ހިންގުމުގައި އެންމެ ޚާއްޞަ މަޤާމެއް މިފަހަރު ހޯއްދަވާފައިވާ ފަރާތަކީ، ދެންމެ އިނާމު ޙާޞިލްކުރެއްވި ޖަމްޢިއްޔަތުލް ފަލާޙް. އެހެންވުމާއެކު، ޖަމްޢިއްޔަތުލް ފަލާޙުގެ ރައީސަށާއި، އެ ޖަމްޢިއްޔާގެ މެންބަރުންނަށް އަދި އެޖަމްޢިއްޔާގެ ފަރާތުން އަސާސީ ތަޢުލީމުގެ މަޝްރޫޢު ހިންގަވަމުން ގެންދަވާ ހުރިހާ ފަރާތްތަކަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު މުބާރަކްބާދީ ދަންނަވަން.

އާދެ، އަސާސީ ތަޢުލީމުގެ މަޝްރޫޢަކީ ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އިތުރު ތަޢާރުފަކަށް ބޭނުންފުޅުވާނެ މަޝްރޫޢެއް ނޫން. އެއީ، 1980 ވަނަ އަހަރުން ފެށިގެން މިހާތަނާ ޖެހެންދެން މެދުކެނޑުމެއްނެތި ހިނގަމުން އައިސްފައިވާ މަޝްރޫޢެއް. އެ މަޝްރޫޢުގެ ބޭނުމަކީ ހަމައެކަނި ރާއްޖޭގައި ތިބި ލިޔަންކިޔަން ނުދަންނަ މީހުންނަށް ލިޔަންކިޔަން ދަސްކޮށްދިނުމެއް ނޫން. އެމީހުންނަށް ލިޔަންކިޔަން ދަސްކޮށްދިނުމުގެ އިތުރަށް، އަޅުގަނޑުމެންގެ ދިވެހި އިސްލާމީ މުޖުތަމަޢުގައި އެމީހުން ދިރިއުޅުމަށް ބޭނުންވާ ތަފާތު މަޢުލޫމާތު ދިނުންވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނިފައިވޭ. ދީނާ ބެހޭގޮތުން އަޅުގަނޑުމެން މުސްލިމުންގެ ޙައިޘިއްޔަތުން އެނގެން ބޭނުންވާ މިންވަރު އަސާސީ ތަޢުލީމުގައި ހިމެނިފައިވޭ. އަޅުގަނޑުމެންގެ ތިމާވެށްޓާ ބެހޭގޮތުން އަޅުގަނޑުމެން ދިވެހިން ކޮންމެހެން ދަންނަން ބޭނުންވާ މިންވަރު މި މަޝްރޫޢުގައި ހިމެނިފައިވޭ. ދިރިއުޅުމަށް ބޭނުންވާ ކަންތައްތަކުގެ ތެރެއިން ހިސާބު ޢިލްމުންވެސް ކޮންމެ މީހަކަށްވެސް އެނގުން ލާޒިމު މިންވަރު މި މަޝްރޫޢުގައިވޭ. އަޅުގަނޑުމެންގެ ޞިއްޙަތާ ބެހޭގޮތުން، އަޅުގަނޑުމެންގެ އިޖްތިމާއީ ކަންތައްތަކާ ބެހޭގޮތުން، މިހެންގޮސް ދިވެހި ރައްޔިތަކު ދިވެހިރާއްޖޭގައި ދިރިއުޅެމުން ގެންދާއިރު، ދިވެހި މުޖުތަމަޢަށް އެކަށީގެންވާ ގޮތަކަށް އެމީހެއްގެ ދިރިއުޅުމާއި، އެމީހެއްގެ ކަންތައްތައް ގެންދިޔުމަށްޓަކައި ބޭނުންވާ ތަންދޮރުފިލުން، ކޮންމެވެސްވަރަކަށް މި މަޝްރޫޢުގައި ހިމެނިފައިވޭ. އެހެންވީމާ، މި މަޝްރޫޢަކީ ހަމައެކަނި ދިވެހިރާއްޖެއިން ލިޔަންކިޔަން ނުދަތުމުގެ ބަދުނަޞީބު ފިލުވައިލުމަށް ރޭވިފައިވާ މަޝްރޫޢެއް ނޫން. އޭގެ އިތުރުން، ދިވެހިރައްޔިތުން ދިވެހިރާއްޖޭގައި ދިރިއުޅުމަށް ކޮންމެވެސް ފެންވަރަކަށް ތައްޔާރުކުރުމުގެ މަޤްޞަދުގައިވެސް ރޭވިފައިވާ މަޝްރޫޢެއް.

އާދެ، މި މަޝްރޫޢުގެ އެންމެ މުހިންމު ބޭނުމަކީ މިދެންނެވީ. ލިޔަންކިޔަން ދަތުމާއެކު، ރާއްޖޭގައި ކޮންމެވެސްވަރަކަށް ތަންދޮރުފިލާ މުވާޠިނުންތަކެއް އުފެއްދުން. އަދި އަސާސީ ތަޢުލީމަކީ، އަޅުގަނޑު ދަންނަވާނީ، އަސާސީ ތަޢުލީމު އަމާޒު ކުރެވިފައިވާ ފަރާތްތަކަށް މުޅިން އާ ދުނިޔެއަކަށް ވަނުމުގެ ދޮރު ހުޅުވައިދޭ މަޝްރޫޢެކޭ. އެމީހުންނަށް ކުރިން ކަންތައްތައް ދިމާވެފައި އޮތްގޮތުން ތަޢުލީމު ޙާޞިލްކުރުމުގެ ފުރުޞަތު ލިބިފައި ނުވިކަމުގައިވިޔަސް، މި މަޝްރޫޢުގެ ސަބަބުން ތަޢުލީމުގެ ފުރަތަމަ ހަރުފަތާ ހަމައަށް ވާޞިލްވެވޭގޮތް ދިމާވުމަކީ ޝައްކެއްނެތްގޮތުގައި، އެމީހުންގެ ކުރިމަތީގައި ހުޅުވިގެންދާ އާ ދުނިޔެއެއް. ތަޢުލީމުގެ ދުނިޔެ، ލިޔަންކިޔަން ދަތުމުގެ ދުނިޔެ، އެއީ ވަރަށް މުއްސަނދި، ވަރަށް ފުޅާ ދުނިޔެއެއް. އެހެންވީމާ، އަޅުގަނޑުމެންގެ ރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ ތެރެއިން އެކަށީގެންވާ ފެންވަރަކަށް ތައުލީމު ޙާޞިލްނުވެ ތިބި މީހުންނަށް އެދުނިޔެއާ ހަމަޔަށް ދިޔުމުގެ ފުރުޞަތު ނުވަތަ އެ ދުނިޔެއަށް އެމީހުން ފުރަތަމަ ފިޔަވަޅު އެޅުމުގެ ދޮރު ހުޅުވައިދޭ މަޝްރޫޢަކީ އަސާސީ ތަޢުލީމުގެ މަޝްރޫޢު.

ހަމައެއާއެކު، އަސާސީ ތައުލީމުގެ މަޝްރޫޢު އެކަށީގެންވާ ގޮތެއްގައި ހިންގިއްޖެ ކަމުގައިވަނީނަމަ، އެ މަޝްރޫޢުގެ ސަބަބުން އަޅުގަނޑުމެންގެ ރައްޔިތުންގެ ތެރެއިން ވަރަށްގިނަ ބަޔަކަށް، އެމީހުންގެ އަމިއްލަ ދިރިއުޅުން ކުރިއަށްދިޔުމުގެ މަގުވެސް ތަނަވަސްވެގެންދާނެ. ޝައްކެއްނެތް، ކޮންމެ މީހަކުވެސް އެދޭނެ، ތިމާގެ ދިރިއުޅުން ކުރިއަށްދާން. ތިމާއަށް ލިބޭ އާމްދަނީ އިތުރުވާނެ މަގުތައް ފަހިވެގެންދާން. އެހެންވީމާ، މި މަޝްރޫޢުގެ އެންމެ މުހިންމު ބޭނުމަކީ، ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ލިޔަން ކިޔަން ނުދަންނަ މީހުން ނުވަތަ އެހެން ޢިބާރާތަކުން ދަންނަވަނީނަމަ، އަސާސީ ތަޢުލީމުގެ ފެންވަރަށް ތަކެތި ނުދަންނަ މީހުންނަށް، އެމީހުންގެ އަމިއްލަ ދިރިއުޅުން ކުރިއަށް ގެންދިޔުމުގެ މަގު ތަނަވަސްކޮށްދިނުން. އެމީހުންނަށް އިތުރު އާމްދަނީއެއް ލިބޭނެ ގޮތްތަކެއް ހޯދައިދިނުން. އެއީ، ޝައްކެއްނެތްގޮތުގައި ވަރަށް މުހިންމު މަޤްޞަދެއް. މިޒަމާނަކީ ކުރީގެ ޒަމާނެއް ނޫން. މިހާރު ވަޒީފާ ލިބެނީވެސް ކޮންމެވެސްވަރަކަށް ތަޢުލީމު ލިބިފައިވާ މީހުންނަށް. މުސްތަޤްބަލްގައި އަދި އެކަން ދާނީ އެއަށްވުރެވެސް ބޮޑަށް. އެގޮތަށް މުސްތަޤްބަލްގައި އަޅުގަނޑު ހިތުން ރާއްޖޭގައިވެސް ތަޢުލީމު ނެތް މީހުންނަށް ވަޒީފާ ނުލިބޭނޭ ދުވަސްތަކެއް އަންނާނެ. އެހެންވުމާއެކު، ރާއްޖޭގެ ހުރިހާ ރައްޔިތުންނަކީ ލިޔަންކިޔަން ދަންނަ އަދި އޭގެއިތުރަށް، އަސާސީ ތަޢުލީމުގެ ފެންވަރަށް ތަކެތި ދަންނަ މީހުން ކަމުގައިވުމަކީ، އެމީހުން ދިރިއުޅުމަށް ކުރާ މަސައްކަތަށް ލިބޭ ވަރަށްބޮޑު ފަހިކަމަކަށްވާނެ. މި މުހިންމު މަޤްޞަދުތައް އެކުލެވިފައިވާތީ އަސާސީ ތަޢުލީމުގެ މަޝްރޫޢު ރާއްޖޭގައި ހިންގަން ފެށުނީ.

ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، 1978 ވަނަ އަހަރުގެ ފަހުކޮޅު ރާއްޖޭގައި އާ ސަރުކާރެއް ޤާއިމުވުމާ ވިދިގެން ސަރުކާރުން އެންމެބޮޑު އަހަންމިއްޔަތެއް ދިން މައިދާނަކީ ތަޢުލީމުގެ މައިދާން. އޭރު ކަންތައްތައް ހުރި ގޮތުގެ ވާހަކަ އަޅުގަނޑު ކޮންމެހެން މި ޖަލްސާގައި ދަންނަވާކަށް ބޭނުމެއްނުވޭ. އެކަންތައްތައް އެއީ މާޟީއާ އެކުވެގެން ގޮސްފައިވާ ކަންތައްތަކެއް. އަޅުގަނޑު ދަންނަވާލަން ބޭނުންވާ އެއްޗަކީ ހަމައެކަނި އޭރު ކަންތައްތައް ހުރިގޮތުން ސަރުކާރުގެ ކުރިމަތީގައި އެންމެ އިސްކަންދޭންޖެހޭ ކަމަކަށްވެފައި އޮތީ، ރާއްޖޭގެ ދަރިންނަށް ތަޢުލީމު ދިނުމޭ. މާލޭގައި ކޮންމެވެސްވަރަކަށް މަދަރުސާ ހުރި. ރާއްޖެތެރޭގައި އެންމެ މަދަރުސާއެއް ފިޔަވައި، ސަރުކާރުން ޚަރަދުކޮށްގެން ސަރުކާރުން ހިންގާ އެއްވެސް މަދަރުސާއެއް އޭރަކު ނެތް. އެހެންވުމާއެކު، ސަރުކާރުން ހަމަޖެއްސީ ދެގޮތަކަށް ތަޢުލީމުގެ ކަންތައްތައް ކުރިއަށް ގެންދިޔުމަށް ރާވަން. އެއްގޮތަކީ ރާއްޖެތެރޭގައި އިތުރު މަދަރުސާތަކެއް ހެދުން، ސަރުކާރުގެ ޚަރަދުގައި ނުވަތަ ސަރުކާރުން މަސައްކަތްކޮށްގެން ބޭރުން ލިބޭ އެހީގައި ރާއްޖެތެރޭގައި ކޮންމެ އަތޮޅެއްގައިވެސް އެންމެކުޑަމިނުގައި އެއް މަދަރުސާ، ނުވަތަ އެއަށްވުރެ ގިނަ ޢަދަދަކަށް ސަރުކާރުން ހިންގާ މަދަރުސާތަކެއް އުފެއްދުން. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، އެ މަޝްރޫޢު ދިޔައީ ކާމިޔާބު ގޮތެއްގައި ހިނގަމުން. މިހާރު ރާއްޖެތެރޭގައި ހަމަ ކޮންމެ އަތޮޅެއްގައިވެސް މިދެންނެވިފަދަ މަދަރުސާތައް އެބަހުރި.

އާދެ، މަދަރުސާތަކުން ކޮށްދެވޭ ކަމަކީ ކިޔަވާ ޢުމުރުގެ ކުދިންނަށް ތަޢުލީމު ޙާޞިލްކޮށްދިނުން. ކިޔަވާ ޢުމުރުގެ ބޭރުން ރާއްޖޭގައި ވަރަށް ގިނަ ޢަދަދަކަށް މީހުން އެބަތިބި. އަދި އެމީހުންގެ ތެރޭގައި ލިޔަންކިޔަން ނުދަންނަ މީހުންވެސް އެކަށީގެންވާ ޢަދަދަކަށް ތިބި. ކުރިން އަޅުގަނޑުމެންނަށް އިވިގެންދިޔަ ތަފާސްހިސާބުން އެނގޭގޮތުގައި، 1921 ވަނަ އަހަރު އަޅުގަނޑުމެންގެ ރާއްޖޭގައި ތިބި މީހުންގެ ތެރެއިން ގިނައީ ލިޔަންކިޔަން ނުދަންނަ މީހުން. ސަތޭކައަކުން ފަންސާސް އެއް މީހުން އޭރު ލިޔަންކިޔާކަށް ނުދަނޭ. 1931 ވަނަ އަހަރު އެއަށްވުރެ ތަންކޮޅެއް ޙާލަތު ރަނގަޅުވި. އެހެން އައިސް، 1970ގެ އަހަރުތަކުގެ ތެރޭގައިވެސް ލިޔަންކިޔަން ނުދަންނަ މިހުންގެ ޢަދަދު ވަރަށްގިނައޭ ދަންނަވަންޖެހެނީ. މި މަޝްރޫޢު ފެށުނުއިރު އެ ހިސާބަކީ މާ އަދި އިތުބާރު ހިސާބެއް ކަމުގައިނުވިޔަސް، ހިސާބުން ދައްކާގޮތުގައި ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ގާތްގަނޑަކަށް ސަތޭކައަކުން ސައުވީސް މީހުންނަކީ ލިޔަންކިޔަން ނުދަންނަ މީހުން.

އެހެންވީމާ، އޭރު ސަރުކާރުން ރޭވީ، ކުރިން ދެންނެވި އުޞޫލުގެ މަތިން އިތުރު މަދަރުސާތައް ރާއްޖޭގައި ހަދަމުން ގެންދިޔުމަށާއި އަދި އޭގެ އިތުރުން މަދަރުސާގައި ޤަވާޢިދުން ރަސްމީ ތަޢުލީމު ޙާޞިލްކުރުމުގެ ފުރުޞަތު ނުލިބޭ މީހުންނަށް، އަސާސީ ތަޢުލީމުގެ މަޝްރޫޢުގެ ނަމުގައި އެމީހުންނަށް ކިޔަވައިދޭނެ އެހެން މަސައްކަތެއް ފަށަން. މި ދެ ރޮނގުގައި ސަރުކާރުން މަސައްކަތް ކުރަމުން ގެންދިޔައީ، މިވޭތުވެދިޔަ ހަ އަހަރު ދުވަހުގެ ތެރޭގައި. ނަތީޖާ ތިޔަބޭފުޅުންނަށް ތިޔަ ފެނިވަޑައިގަންނަވަނީ. މިރޭ އިވިގެން އެދިޔައީ. މިހާރު އަޅުގަނޑުމެންގެ ތެރޭގައި ލިޔަންކިޔަން ނުދަންނަ މީހުންގެ ޢަދަދު ވަރަށްބޮޑުތަން މަދުވެގެން ހިނގައްޖެ. މިކަހަލަ ކަންތަކުގެ ޢަދަދުތައް ކޮންމެ ތަނެއްގައިވެސް ބަލަނީ ވަކި ޢުމުރުތަކަކަށް ނިސްބަތްކޮށްގެން. އާދެ، ރާއްޖޭގައި ފުރަތަމަ އަޅުގަނޑުމެން ބަލަމުން ގެންދިޔައީ އެ ޢުމުރަކީ 15 އަހަރާ 50 އަހަރާ ދޭތެރޭގެ ޢުމުރު ކަމަށް. މި މަޝްރޫޢު ދެތިން އަހަރު ހިންގުމަށްފަހު، އެ ޢުމުރަށް ބަދަލެއް ގެންނަންޖެހުނު. މިހާރު އަޅުގަނޑުމެން ބަލަމުން ގެންދިޔައީ އެ ޢުމުރަކީ 10 އަހަރާއި 40 އަހަރާ ދޭތެރޭގެ ޢުމުރު ކަމަށް. މި ޢުމުރަށް ވިސްނާއިރު، މިހާރު ލިޔަންކިޔަން ނުދަންނަ ތިބީ ސަތޭކައަކުން 6.75. އެއީ، ދެންމެ މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ވާހަކަފުޅުގައި އެ ވިދާޅުވިފަދައިން، ރާއްޖެފަދަ ޤައުމަކަށް ވަރަށް އެކަށީގެންވާ ނަތީޖާއެއް. މި ހިސާބުގަނޑުގެ ޤައުމުތަކުގައި މި ފެންވަރަކަށް އަދި ލިޔަންކިޔަން ދަސްކޮށްދެވިފައެއް ނެތް. އަދި ދުނިޔޭގެ ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ތެރޭގައި މި ހިސާބުގަނޑުގައި ނޫން ނަމަވެސް، އަޅުގަނޑުމެން ފެންވަރަށް ލިޔަންކިޔަން ދަތުން ސަތޭކައަކުން ނުވަދިހަ ތިނަކަށް ގެންދެވިފައިވަނީ ވަރަށްވެސް މަދު ޤައުމަކަށް.

އާދެ، މިއީ އަޅުގަނޑުމެން ފަޚުރުވެރިވުން ޙައްޤު ކަމެއް. އަޅުގަނޑުމެންނަށް މި ފަޚުރު ލިބުމުގެ އެންމެ ބޮޑު ސަބަބެއް ކަމުގައި އަޅުގަނޑު ދަންނަވާނީ އެއީ، މާތްވެގެންވާ އިސްލާމްދީނޭ. އާދެ، އިސްލާމްދީނުގައި އޮންނަގޮތުން ކޮންމެ މީހަކުވެސް ކޮންމެވެސްވަރަކަށް، އެންމެކުޑަމިނުގައި ދީނުގެ މަޢުލޫމާތުތައް، ދީނުގައި މުސްލިމުންގެ މައްޗަށް ވާޖިބު ކުރައްވާފައިވާ ކަންތައްތަކާއި ޙަރާމް ކުރައްވާފައިވާ ކަންތައް ދެނެގަންނަންޖެހޭ. ނަމާދުކުރަންޖެހޭ. ނަމާދުގައި، ޤުރްއާނުން ފާތިޙާ ސޫރަތާއި އަދި އެނޫންވެސް ބައެއް ތަންތަން ކިޔަވަންޖެހޭ. އަދި މިނޫންވެސް ތަފާތު ތަކެތި ދަސްކުރަންޖެހޭ. މިގޮތަށް އިސްލާމްދީނުގައި ކަނޑައެޅިފައި އޮތުމުގެ ސަބަބުންނޭ އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންގެ ރާއްޖޭގައި ލިޔަންކިޔަންދަތުން މިހާ މަތީ ފެންވަރަކަށް ކުރިން ގޮސްފައި ވަނީ.

އާދެ، މީގެކުރިން 70 އިގެ އަހަރުތަކުގެތެރޭގައިވެސް، އަދި އޭގެކުރިންވެސް ރާއްޖޭގައި ލިޔަންކިޔަން ދަންނަ މީހުންގެ ނިސްބަތަކީ، ދުނިޔޭގެ ނިސްބަތުން ބަލާއިރު، އަޅުގަނޑު މިދެންނެވީ، ދުނިޔޭގެ ކުރިއަރާފައިވާ ބޮޑެތި ޤައުމުތައް ނަގާފައި، ކުރިއަރަމުން އަންނަ ޤައުމުތަކުގެ ނިސްބަތުގައި ވަރަށް މަތީ ޢަދަދެއް. އެ ޢަދަދާ ހަމައަށް އަޅުގަނޑުމެންނަށް ދެވުނީ ހަމައެކަނި އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިން ކަމުގައި ވުމުގެ ސަބަބުންނޭ އަޅުގަނޑު ދަންނަވާނީ. އާދެ، ކޮންމެއަކަސް އެއީ، އަޅުގަނޑުމެންނަށް ލިބިފައިވާ މަތިވެރި ނިޢުމަތެއް. ވަރަށް މަތިވެރި ނަޞީބެއް. އެ ނަޞީބު ލިބިފައިވުމާއެކު، އަޅުގަނޑުމެންގެ ރާއްޖޭގައި އެކަށީގެންވާ ގޮތަކަށް މި މަޝްރޫޢުގެ ކަންތައްވެސް ހިންގަމުން މި ގެންދެވުނީ. އެހެންވީމާ، މިހާރު އަޅުގަނޑުމެންނަށް ދެވިފައިމިވާ ހިސާބަކީ ޝައްކެއްނެތްގޮތުގައި، އަޅުގަނޑުމެން ފަދަ ކުޑަ ޤައުމަކަށް ވަރަށް އެކަށީގެންވާ ހިސާބެއް.

އާދެ، ދެން އޮތް ނުކުތާއަކީ މި މަޝްރޫޢު ފެށުނީއްސުރެ އަޅުގަނޑުމެން މިކިޔަނީ މި މަޝްރޫޢުގެ ބޭނުމަކީ ހަ އަހަރު ދުވަހުގެ ތެރޭގައި މުޅި ރާއްޖެއިން ލިޔަންކިޔަން ނުދަތުމުގެ ބަދުނަޞީބު ފޮހެލުމޭ. ލިޔަންކިޔަން ނުދަތުން ނައްތާލުމޭ. މާނައަކީ ރާއްޖޭގެ ރައްޔިތުންނަކީ އެމީހުންގެ ސައްތައިގެ ނިސްބަތުން ބަލާއިރު، ސަތޭކައިން ސަތޭކަ ލިޔަންކިޔަން ދަންނަ ބަޔަކަށް ހެދުމޭ. ރާއްޖޭގައި ލިޔަންކިޔަން ނުދަންނަ މީހަކު ހުއްޓަނުދިނުމޭ. އެހެން އަޅުގަނޑުމެން ބުނަމުން މިއައީ. އެހެންނަމަވެސް، މިރޭ އަޅުގަނޑުމެންނަށް އިވިގެންމިދިޔަ ގޮތުގައި އަދިވެސް އަޅުގަނޑުމެންގެތެރޭގައި ސަތޭކައަކުން ހަތެއް އެބަތިބި. ނުވަތަ ހަތަކާ ގާތްކުރާ ޢަދަދަކަށް އެބަތިބި، ލިޔަންކިޔަން ނުދަންނަ މީހުން. ނުވަތަ އެހެން ޢިބާރާތަކުން ދަންނަވަންޏާ، އަސާސީ ތަޢުލީމުގެ ފެންވަރަށް ތަކެތި ނުދަންނަނީ. އެހެންވީމާ ސުވާލަކީ، އަޅުގަނޑުމެންގެ މި މަޝްރޫޢު ބެލޭނީ ކާމިޔާބު މަޝްރޫޢަކަށްތޯއޭ؟ ނުވަތަ ކާމިޔާބުނުވި މަޝްރޫޢަކަށްތޯއޭ؟

އާދެ، އަޅުގަނޑުގެ ޚިޔާލަކީ، މި މަޝްރޫޢަކީ ވަރަށް ކާމިޔާބު މަޝްރޫޢެކޭ. އާދެ، މަޝްރޫޢުގެ ނަތީޖާ ސަތޭކައަކުން ސަތޭކައަކަށް ނުދިޔަ ސަބަބުތައް، ދެންމެ މިނިސްޓަރ އޮފް އެޑިޔުކޭޝަން ބަޔާންކުރެއްވި. އޭގެ އިތުރުން، އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، ރާއްޖޭގެ ޖިއޮގްރަފީ، ޠަބީޢަތް އޮންނަގޮތުން، ރާއްޖޭގައި މިކަހަލަ މަޝްރޫޢެއް ހިންގުމަކީ އެހެން ތަންތަނާ އަޅައިބަލާއިރު ވަރަށްދަތި ކަމެއް. އާދެ، އެއް ފަސްގަނޑަކަށް އޮންނަ ތަނެއްނަމަ، ދެތިން މޭލު ދުރުގައި ހުންނަ މަދަރުސާއަކަށްވެސް ކުދިންނަށް ދެވިދާނެ. ހިނގާފައި ދެވިދާނެ. މިއީ މިހާރުވެސް ދުނިޔޭގެ އެހެން ތަންތާނގައި ކަންތައް އޮންނަ ގޮތް. އަޅުގަނޑު ދަންނަ، ވަރަށް ގިނަ ޤައުމުތަކުގައި، ކުޑަކުދިން ކޮންމެ ދުވަހަކު ހިނގާފައި މަދަރުސާއަށް އެބަދޭ. އެމީހުންގެ ގެޔާ ދެ މޭލު، ތިން މޭލު ނުވަތަ ހަތަރު މޭލު ދުރުގައި ހުންނަ މަދަރުސާތަކަށް. ގަޑިއެއްހާއިރުން، އެއްގަޑި ފަނަރަ މިނިޓުން، ދޮޅު ގަޑިއިރުން ހިނގާފައި މަދަރުސާއަށް ދަނީ. ބައެއް ކުދިން ބަހުގައިވެސް ދާނެ. ނުވަތަ މުވާޞަލާތުގެ އެހެން ވަސީލަތްތައް ބޭނުންކޮށްގެންވެސް ދާނެ. އެހެންނަމަވެސް، ހަމަ ހިނގާފައިވެސް އެ ހިސާބަށް ދެވޭނެ. މެންދުރުފަހުން މަދަރުސާ ނިމުނީމާ، ހަމަ ހިނގާފައި ގެޔަށް އަންނަނީ. އެކަމަކު ރާއްޖޭގައި އެހެންވާކަށް ނެތް. ރާއްޖެ މިއޮންނަނީ ޖަޒީރާތަކެއްގެ މައްޗަށް އެކުލެވިފައި. އަޅުގަނޑުމެންނާ ދެމޭލު ކައިރީގައި އޮންނަ ޖަޒީރާއަކުންވެސް ހިނގާފައި އަޅުގަނޑުމެން ތިބޭ ޖަޒީރާއަކަށް ނުދެވޭ. އެހެންވީމާ، މަދަރުސާ ހުންނަ ތަނަކަށް ރާއްޖޭގެ ކިޔަވާ ކުދިންނަކަށް ހިނގާފައި ދެވޭނެގޮތެއް ނެތް. ދާކަމަށްވަންޏާ ދާންޖެހޭނީ ދަތުރުކޮށްފައި. އެގޮތަށް ކޮންމެ ދުވަހަކު މަދަރުސާއަށް ދަތުރުކޮށްފައި ދިޔުން، އެނބުރި މަދަރުސާއިން ދަތުރުކޮށްފައި އެމީހެއްގެ، އެ ކުއްޖެއްގެ އަމިއްލަ ރަށަށް އައުން އެއީ، އަޅުގަނޑުމެންގެ ރާއްޖޭގައި މުސްތަޙީލް ކަމެއް.

ހަމައެއާއެކުގައި، މި ދެންނެވި ޠަބީޢަތު އެހެން އޮތުމާއެކުގައި އަޅުގަނޑުމެންގެ ރަށުގައި އަބަދު ތިބެގެން، އަޅުގަނޑުމެން ބޭނުންވާ ކަންތައްތައް ފުއްދޭކަށްވެސް ނޯވޭ. ބަލިވެއްޖިއްޔާ ބޭސްކުރަން ދާންޖެހެނީވެސް ކޮންމެވެސް އެހެން ރަށަކަށް. ބޭސްވެރިޔަކު ހުންނަ ކައިރި ރަށަކަށް ނުވަތަ ސަރަޙައްދީ ހަސްފަތާލެއް، ކައިރީގައި ހުރިއްޔާ އެތަނަށް. އެހެންނޫންނަމަ މާލެއަށް. ބޭހަށްވެސް މީހުން ދަތުރުކުރަންޖެހޭނެ. ދިރިއުޅުމުގެ އެހެން ކަންތައްތަކަށްވެސް ދަތުރުކުރަންޖެހޭނެ. ރަށް ދޫކޮށްފައި ދާން ޖެހޭނެ. އެހެންވީމާ، ރަށުގައި ޤަވާޢިދުން އަސާސީ ތަޢުލީމުގެ ކްލާހަށް ދާން ތިބުމަކީ މީހުންނަށް އެއްވެސް ޙާލެއްގައި ފަސޭހަކަމަކަށް ނުވާނެ.

ހަމައެއާއެކުގައި، އަޅުގަނޑުމެންގެ މައިގަނޑު މަސައްކަތް، މަސްވެރިކަން. މި މަސައްކަތް ކުރަން ޖެހިފައި އޮންނަ ގޮތުންވެސް އަޅުގަނޑުމެންނަށް، މަސްވެރިކަމުގެ ދާއިރާގައި އުޅޭ މީހުންނަށް، މި ދެންނެވީ، ޤަވާޢިދުން ކޮންމެ ދުވަހަކު ނުވަތަ ދެ ދުވަހުން އެއްދުވަހު އަސާސީއަށް ދާން އޮންނަ ގަޑިއަށް އަސާސީއަށް ދިޔުމަކީ އެއްގޮތަކަށްވެސް އެމީހުންނަށް ވެވޭނެކަމަކަށެއް ނުވޭ. އެއީ އަޅުގަނޑުމެން މަސްވެރިން ފަތިހާ ނުކުންނަންޖެހެނީ. މަސްވެރިކަމުގައި ދުވާލު ހަތަރުދަމު އުޅެފައި، އިރުއޮއްސޭއިރު ނުވަތަ އޭގެފަހުން ރަށަށް އަންނަނީ. އަންނައިރު ހުންނާނީ ވަރުބަލިވެފައި. ފެންވަރާލައިގެން ކާލައިގެން، ދެން އިންސާނީ ޠަބީޢަތު ނިޔާކުރާ ގޮތުގެމަތިން ދެވޭނީ އަރާމުކޮށްލަން އެނދަށް ނިދަން. އެކަން އެހެން އޮތުމުގެ ސަބަބުން އަޅުގަނޑަށް އަސާސީ ތަޢުލީމަށް ނުދާ މީހުންގެ ޢުޛްރު ރަނގަޅަށް އިޙްސާސް ކުރެވޭ. ދުނިޔޭގެ އެހެން ތަންތާނގައި މި ފެންވަރުގެ މީހުން މިސާލަކަށް، ކާރުޚާނާތަކުގައި މަސައްކަތްކުރާ މީހުން، އެމީހުން މަސައްކަތް ކުރަނީ ކޮންމެ ދުވަހަކުވެސް މިވެނި ގަޑިޔަކުން އެވެނި ގަޑިޔަކާ ހަމައަށް. 6 ގަޑިއިރު، 7 ގަޑިއިރު، ނުވަތަ 8 ގަޑިއިރު، ހަމަޖެހިފައި އޮންނަ ފޯރީއަކަށް ދާންޖެހެނީ. އޭގެ އިތުރުން އޮންނަ ގަޑިތަކަކީ ހުސްގަޑި. އެމީހަކު ބޭނުންކަމެއް ކުރަން އެމީހަކަށް ލިބޭ ގަޑި.

މަސްވެރިކަމުގެ ދާއިރާގައި އުޅޭ މީހުންނަށް، ރާއްޖޭގައި އެހެން އެކަން ވާކަށްނެތް. އެހެންވީމާވެސް ޤަވާޢިދުން އަސާސީއަށް ދިޔުމަކީ ރާއްޖެތެރޭގެ މީހުންނަށް އެއްވެސް ޙާލެއްގައި ފަސޭހަކަމަކަށް ނުވާނެ. މިކަންތައްތައް މިހެން އޮތުމާއެކު، އަޅުގަނޑުމެންނަށް މިކަހަލަ މަޝްރޫޢެއް ހިންގުމުގައި ސަތޭކައަކުން ސަތޭކައަށް ދިޔުމަކީ، އަޅުގަނޑު ހިތުން އެއްވެސް ޙާލެއްގައި ވާނެ ކަމެއްނޫން. އާދެ، މިނިސްޓަރ ވިދާޅުވިފަދައިން، މުސްތަޤްބަލްގައި އަޅުގަނޑުމެން މަސައްކަތް ކުރަންޖެހޭނީ އެހިސާބަށް ދެވޭތޯ. އެހެންނަމަވެސް، އެހިސާބަށް ނުދެވިއްޖެނަމަ، އެއީ މަޝްރޫޢު ނާކާމިޔާބުވީ ކަމަށް ބަލަންވީ ކަމެއްނޫން.

އިންސާނުން ކުރާ ކޮންމެ ކަމަކީ އޭގައި ރަނގަޅަށް ކުރެވޭ ކަންތައްތަކާއި ނުރަނގަޅުކޮށް ކުރެވޭ ކަންތައްތައް އެކުލެވިފައިވާނޭ ކަމެއް. އަސާސީ ތަޢުލީމުގެ މަޝްރޫޢަކީވެސް ހަމަ އެފަދަ ކަމެއް. އެހެންވީމާ، މީގައި ހުރި ރަނގަޅަށް ކުރެވުނު ކަންތައްތަކާއި، އެންމެ އެކަށީގެންވާ ގޮތުގައި ނުކުރެވި ހުރި ކަންތައްތައް އަޅުގަނޑުމެން ފާހަގަކުރަންޖެހޭނެ. މަޝްރޫޢު ހިނގާދިޔަގޮތް ރަނގަޅަށް ބަލައި، އޭގެ އަގު ވަޒަންކުރަންޖެހޭނެ. އެ މަޝްރޫޢުން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ، އެއްކުރާ ފާހަގަތަކާއި، ކަނޑާ ފާހަގަތަކަށް ރަނގަޅަށް ބަލައި، މުސްތަޤްބަލްގައި މިކަންތައްތަކުން ތަޖްރިބާ ލިބިގަނެގެން ކުރިއަށްދެވޭނެ މަގު އަޅުގަނޑުމެން ވާނެ ރާވައި އިންތިޒާމުކުރަން.

އާދެ، މި މަޝްރޫޢުގެ އެންމެބޮޑު އެއް ކާމިޔާބީއަކީ، އަޅުގަނޑު ހިތުން ޖަމާޢަތުގެ އެއްބާރުލެއްވުން މި މަޝްރޫޢަށް ލިބުނު މިންވަރު. ޝައްކެއްނެތް، މި މަޝްރޫޢު މިހާ ކާމިޔާބު މަޝްރޫޢަކަށްވެގެން އެދިޔައީ ޖަމާޢަތުގައި ހިމެނޭ އެތައް ފަރާތްތަކެއް، އެއްވެސް އުޖޫރައަކަށް ނޫންގޮތެއްގައި، ހިލޭސާބަހަށް، ތެދުވެރިކަމާއެކު މަސައްކަތްކޮށްދެއްވައިގެން. މަޝްރޫޢުގައި ކިޔަވައި ދެއްވި ބޭފުޅުންނަކީ އެއްވެސް ފައިސާއެއް، އުޖޫރައެއް ހިއްޕެވުމަކާނުލައި، އިޚްލާޞްތެރިކަމާއެކު ޤައުމީ ޚިދްމަތެއްގެ ގޮތުގައި މަސައްކަތްކޮށްދެއްވި ފަރާތްތަކެއް. ހަމައެފަދައިން، މަޝްރޫޢު ހިންގެވި ފަރާތްތައް، އެކިއެކި މަދަރުސާތައް، އެކިއެކި ކްލާސްތައް، މާލޭގައްޔާއި ރާއްޖެތެރޭގައި. މިހުރިހާ ފަރާތްތަކުންވެސް މިކަންތައްތައް ކުރެއްވީ އެއްވެސްކަހަލަ އުޖޫރައެއް ހިއްޕެވުމާނުލައި. ސަރުކާރުން ފެށްޓެވި މަޝްރޫޢެއްގައި އެއްބާރުލެއްވުމުގެ ގޮތުން.

އެހެންވީމާ، އަޅުގަނޑު ދަންނަވާނީ މި މަޝްރޫޢުން އަޅުގަނޑުމެންނަށް ލިބުނު އެންމެބޮޑު ކާމިޔާބީއަކީ ރައްޔިތުންގެ އެއްބާރުލެއްވުން، ރައްޔިތުންގެ މިދެންނެވި ފަރާތްތަކުގެ އެއްބާރުލެއްވުން، މި މަޝްރޫޢަށް ލިބުނު މިންވަރުން. ހަމައެއާއެކުގައި، އަޅުގަނޑުމެންގެ ތެރޭގައި ތިބި ލިޔަންކިޔަން ނުދަންނަ މީހުން މިކަމަށް ދިން އަހަންމިއްޔަތު އެއީވެސް ފާހަގަކޮށްލަންޖެހޭ ކަމެއް. އޭގެތެރޭގައި ޚާއްޞަ ގޮތެއްގައި އަންހެނުން. އާދެ، އަންހެނުންގެ ފަރާތުން މި މަޝްރޫޢަށް ލިބުނު ތަރުޙީބަކީ، މީގެ ކުރީ ފަހަރެއްގައި އަޅުގަނޑު ހަމަ މިކަހަލަ އެހެން ޖަލްސާއެއްގައި ދެންނެވިފަދައިން، އަޅުގަނޑުމެން އުފާކުރުން ޙައްޤު ތަރުޙީބެއް. އާދެ، އެވެސް ސަބަބުތަކެއް ހުރެގެން. ކުރިންވެސް އަޅުގަނޑު ދެންނެވިފަދައިން، ފިރިހެނުން މަސައްކަތުގައި އުޅެންޖެހޭގޮތާ، މި ކަންތައްތައް ހުރިގޮތުން، ފިރިހެނުންނަށް އަންހެނުންނާ އެއްވަރަށް މި މަޝްރޫޢުގައި ބައިވެރިނުވެވުނީ ކަމުގައިވުމަކީ އެކަށީގެންވާ ކަމެއް.

އާދެ، ކޮންމެއަކަސް މަޝްރޫޢު ހިންގެވުމުގައި ވަރަށްގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބިގެންދިޔަ. އަމިއްލަ ފަރާތްތައް، އެކިއެކި މަދަރުސާތަކާއި ކްލާސްތައް ހިންގެވި ފަރާތްތައް. އެހެންނަމަވެސް، މަޝްރޫޢު ހިންގެވުމުގެ ބުރަ ތަކްލީފެއް އުފުއްލަވަމުން ގެންދެވީ ޝައްކެއްނެތްގޮތުގައި، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން. އެހެންވީމާ، މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް، އަދި ޚާއްޞަކޮށް، އެ މިނިސްޓްރީ ހިންގަވަން ހުންނެވި މިނިސްޓަރ އަލްއުސްތާޛް މުޙައްމަދު ޒާހިރު ޙުސައިނަށް، މި މުނާސަބަތުގައި އަޅުގަނޑުގެ އަމިއްލަ ނަމުގައި އަދި ދިވެހި ސަރުކާރުގެ ނަމުގައި އަދި އަޅުގަނޑު ހިތުން ތިޔަބޭފުޅުންގެ ނަމުގައި އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަންޖެހޭ. މިނިސްޓަރުގެ ބެއްލެވުމުގެ ދަށުން އެ މިނިސްޓްރީގައި މިކަން ހިންގަވަން ތިއްބެވި ހުރިހާ ފަރާތްތަކަށްވެސް އަޅުގަނޑުމެން އެންމެންގެ މުބާރަކްބާދީއާއި ތަހުނިޔާ ޙައްޤުވެގެންވޭ. ހަމައެފަދައިން، އަސާސީ ތަޢުލީމާބެހޭ ޤައުމީ މަޖިލީހުގެ މެމްބަރުންވެސް މިކަމުގައި އަބަދުވެސް ވަރަށްބޮޑު އަހަންމިއްޔަތެއް ބަހައްޓަވައިގެން، އެބޭފުޅުންގެ މަޝްވަރާއާއި ލަފާ ދެއްވައި، އެބޭފުޅުންގެ އެހީތެރިކަން މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ދެއްވަމުން ގެންދެވި ކަމަށްޓަކައި އެބޭފުޅުންނަށްވެސް އަޅުގަނޑު ދަންނަވަންޖެހޭ ޝުކުރަކީ ވަރަށްވެސް ފުން ޝުކުރެއް.

އާދެ، އަޅުގަނޑު ކުރިންވެސް ދެންނެވިފަދައިން، މިފަދަ ކޮންމެ ކަމެއް ވަކި ހިސާބަކަށް ދިޔުމުން، އެކަން ހިނގާދިޔަގޮތާ ދޭތެރޭގައި ވިސްނައި، އެއިން ފިލާވަޅުތަކެއް ލިބިގަންނަންޖެހޭ. މުސްތަޤްބަލްގައި، ވޭތުވެދިޔަ ތާނގައި ކަންތައް ގެންދެވުނުވަރަށްވުރެ ފުރިހަމަގޮތަކަށް، އެއަށްވުރެ ނަތީޖާ ރަނގަޅުވާނެހެން ހީވާކަހަލަ ގޮތަކަށް ކަންތައް ގެންދެވޭތޯ ބެލުމަކީ، ކޮންމެހެން ކުރަންޖެހޭ ކަމެއް. އެހެންވުމާއެކު، މިހާރު ސަރުކާރުން ޤަޞްދުކޮށްފައި ވަނީ ކުރިއަށް އޮތް ތާނގައި، މި މަޝްރޫޢަށް ބަދަލުތަކެއް ގެންނަން. މިވޭތުވެދިޔަ ތާނގައި، މި މަޝްރޫޢު ވަރަށް ކާމިޔާބު ގޮތެއްގައި ހިނގައިފި. ކާމިޔާބު ނަތީޖާތަކަކާ ހަމަޔަށް އަޅުގަނޑުމެންނަށް ދެވިއްޖެ. ކުރިއަށް އޮތް ތާނގައި، މިހާރު އަޅުގަނޑުމެންގެތެރޭގައި އަސާސީ ތަޢުލީމުގެ ފެންވަރަށް ތަކެތި ނުދަންނަ މީހުންނަށް އެއެއްޗެތި ކިޔަވައިދިނުމަށް މަޝްރޫޢު އެހެން ގޮތަކަށް ބަދަލުކޮށްލުމަކީ، ބޭނުންތެރި ކަމެއްކަމުގައި މިހާރު ސަރުކާރަށް ވަނީ ފެނިފައި.

އެހެންވީމާ، ކުރިއަށް އޮތް ތާނގައި މި މަޝްރޫޢު ހިނގަމުންދާނީ ތަފާތު ގޮތަކަށް. މިހާރުވެސް މިހިންގާ ކްލާސްތައް ހިނގަމުންދާނެ. އޭގެ އިތުރުން، ތަފާތު ތިން ފެންވަރަކަށް މަޝްރޫޢު އަމާޒުކުރުމަށް މިހާރުވަނީ ޤަސްދުކުރެވިފައި. އެއީ، އެންމެ ފުރަތަމަ 11 އަހަރުން 16 އަހަރާ ދޭތެރޭގެ ކުދިންނަށް. އެއްވެސް މަދަރުސާއެއްގައި ތަޢުލީމު ޙާޞިލްކުރުމުގެ ފުރުޞަތު ލިބިފައިނުވާ، އެ ޢުމުރުގެ ކުދިންނަށް ޚާއްޞަ ކްލާހެއް އުފައްދައިގެން، އެ ކުދިންނަށް ކިޔަވައިދެމުން ގެންދިޔުން. ހަމައެފަދައިން، 16 އަހަރުން 25 އަހަރާ ދޭތެރޭގެ ޒުވާނުންނަށް، އެއީ އިބްތިދާއީ ފެންވަރަށް ތަކެތި ނުދަންނަ މީހުންނަށް. އެމީހުންނަށްވެސް އިބްތިދާއީ ފެންވަރަށް ތަކެތި ދަސްކޮށްދިނުމަށް ޚާއްޞަ ކްލާހެއް ހިންގުން. އަދި
26 އަހަރުން މަތީގެ، 25 އަހަރުން މަތީގެ މީހުންނަށްވެސް، ޚާއްޞަ ކްލާސްތަކެއް އުފައްދައިގެން ހިންގަމުން ގެންދިޔުން. މިކަންތަކާ ބެހޭ ތަފްޞީލް މިހާރު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ރާއްވަވަމުން އެބަ ގެންދަވާ. އެ ތަފްޞީލްތައް، އަސާސީ ތަޢުލީމާބެހޭ ޤައުމީ މަޖިލީހަށް ހުށަހަޅުއްވައިގެން، އެމަޖިލީހުގެ ލަފައާއި މަޝްވަރާގެ މަތިން މުސްތަޤްބަލްގައި ކުރިއަށް ގެންދަވާނެ.

އާދެ، އަޅުގަނޑު މިފަދަ ޖަލްސާއަކަށް އައި އެހެން މުނާސަބަތެއްގައި ދަންނަވާލި ހަނދާންވޭ، އަސާސީ ތަޢުލީމުގެ މަޝްރޫޢު ހިންގުމުގެ އެންމެބޮޑު އެއް ބޭނުމަކީ، ޤައުމުގައި ކޮންމެވެސްވަރެއްގެ ހޭލުންތެރިކަމެއް އުފެއްދުމޭ. އާދެ، އެރޭ ތަންކޮޅެއް ތަފްޞީލްކޮށް އެވާހަކަ ދެއްކިން. ސިޔާސީ ހޭލުންތެރިކަން، އިޖްތިމާޢީ ހޭލުންތެރިކަން، ދީނީ ހޭލުންތެރިކަން، ޞިއްޙީ ހޭލުންތެރިކަން، މިހުރިހާ ބާވަތެއްގެ ހޭލުންތެރިކަން އުފެއްދުން ހިމެނެނީ، މި މަޝްރޫޢުގެ މަޤްޞަދެއް ކަމުގައޭ އަޅުގަނޑު ދެންނެވިން. މިރޭވެސް ހަމަ އެ ނުކުތާގައި ކުޑަކުޑަ އެއްޗެއް އަޅުގަނޑު ދަންނަވާލަން ބޭނުންވޭ. އެއީ، މިފަދަ މަޝްރޫޢެއް ހިންގުމުގެ ވަރަށްބޮޑު ބޭނުމެއް އެއީ، އަޅުގަނޑުމެންނަކީ ތަންދޮރުފިލާ ބައެއް ކަމުގައިވުން. ތަންދޮރުފިލުން އެއީ ހަމައެކަނި ވަކިބަޔަކަށް ޚާއްޞަވެފައި އޮންނަންވީ ކަމެއް ނޫން. ހަމައެކަނި މަތީ ތަޢުލީމު ހޯދައިގެން ތިބި މީހުންނަކަށް ނޫން. ނުވަތަ އެއަށްވުރެ އެހިސާބަށް ނުދެވުނަސް، ދެން ތަޢުލީމު ޙާޞިލްކުރުމުގެ ފުރުޞަތު ލިބިފައިވާ މީހުންނަށް އެކަންޏެއްވެސް ނޫން. އެއީ، މުޅި ރާއްޖޭގެ އެންމެންނަށް އޮތް ކަމެއް. އެކަށީގެންވާ ހޭލުންތެރިކަމެއް ރާއްޖޭގައި، ރާއްޖޭގެ އެންމެންގައި އުފެދިގެން ނޫނީ ރާއްޖެ ތަރައްޤީޤެ މަގުގައި ކުރިޔަށް ނުދާނެކަން އެއީ، ޝައްކެއްވެސް އޮތް ކަމެއް ނޫން.

ހޭލުންތެރިކަމުގެ ތެރެއިން އަޅުގަނޑު ދަންނަވާލާހިތްއޮތީ ހަމަ އެންމެ ނުކުތާއެއް. އާދެ، އެއީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީ އެމީހެއްގެ އަމިއްލަ މިނިވަންކަމާއި، އަމިއްލަ ދިރިއުޅުން އެމީހަކު ބޭނުންވާގޮތަކަށް ހަމަޖައްސައިގެން ކުރިއަށް ގެންދިޔުމުގެ ޙައްޤު ނުވަތަ އިޚްތިޔާރު ލިބިފައިވާ މީހަކު ކަމުގައިވިޔަސް، ކޮންމެ މީހަކުވެސް ދަންނަންޖެހޭނެ، އެމީހަކީ ޖަމާޢަތުގެ ފަރުދެއްކަން. ކޮންމެ އިންސާނަކީވެސް، އެމީހަކު އެ ދިރިއުޅޭ މުޖުތަމަޢުގެ ފަރުދެއް، މެންބަރެއް. އެހެންވީމާ، މުޖުތަމަޢުގެ މެންބަރެއްގެ ޙައިޘިއްޔަތުން އެމީހަކު ކުރަންޖެހޭ ކަންތައްތަކެއް ހުންނާނެ. އަދި އެމީހަކު ކޮށްގެންނުވާނެ ކަންތައްތަކެއްވެސް ހުންނާނެ. ތިމާ، ތިމާގެ އަމިއްލަ ދިރިއުޅުން ކުރިއަށް ގެންދާއިރު ނުވަތަ ތިމާގެ އާމްދަނީ އިތުރުކުރަން މަސައްކަތްކުރާއިރު، ތިމާއަށް ހަމަޖެހޭގޮތަކަށް ޙަޔާތުގެ ކަންތައްތައް އިންތިޒާމު ކުރުމަށް މަސައްކަތް ކުރަމުން ގެންދާއިރު ބަލަންވީ ހަމައެކަނި ތިމާގެ އަމިއްލަ ފަސޭހައަށާއި ފައިދާއަކަށް ނޫން. ތިމާ ކުރާ ކަމަކުން މުޖުތަމަޢުގެ އެހެން މީހުންނަށް ދަތިކަމެއް، އުނދަގުލެއް، އުނިކަމެއް އާދޭތޯ އަބަދުވެސް ބަލަންޖެހޭ.

އާދެ، މިއީ ހަމައެކަނި އަޅުގަނޑުމެންގެ ރާއްޖޭގައެއް ނޫން. ދުނިޔޭގެ އެންމެންވެސް ޤަބޫލުކުރާ ކަމެއް. ޢާންމު ފައިދާ، އިނގިރޭސި ބަހުންނަމަ "ޕަބްލިކް ގުޑް" މުޖުތަމަޢުގެ ފައިދާ، މިއީ ކޮންމެ ތަނެއްގައިވެސް މީހުން ޤަބޫލުކުރާ އުޞޫލެއް. އެ އުޞޫލަށް ކަންތައް ކުރަންޖެހޭނެކަން، އެ އުޞޫލު ނުވަތަ އެ ތަޞައްވުރު ރައްކާތެރިކުރުމަށްޓަކައި ކޮންމެ ތަނެއްގައިވެސް ޤާނޫނުތަކެއް ހެދިފައި ހުރޭ. ޤަވާޢިދުތަކެއް ހެދިފައި ހުރޭ. އެ ޤާނޫނުތަކާއި، އެ ޤަވާޢިދުތަކާ ހެދިފައި އެ ހުންނަނީ އެމީހުންގެ މިނިވަންކަމަށް ހުރަސްއަޅާކަށެއް ނޫން. މީހުންނަށް ކަންތައްތައް ދަތިކުރާކަށްނޫން. މީހުން ދިރިއުޅުމަށް ކުރާ މަސައްކަތްތައް ހުއްޓުވާކަށް ނޫން. އެއީ، މި ދެންނެވި މުޖުތަމަޢުގެ ޢާންމު ފައިދާ ރައްކާތެރިކުރުމަށް. އެއީ، އަޅުގަނޑުމެންގެ ހޭލުންތެރިކަން ކުރިއަށްގެންދާއިރު ވިސްނަންވީ ނުކުތާއެއް. އަޅުގަނޑުމެން ކުރާ ކަމަކުން މުޖުތަމަޢަށް ގެއްލުމެއް ލިބޭ ޒާތުގެ އެއްވެސް ކަމެއް، މުޖުތަމަޢުގެ އެއްވެސް ފަރުދަކު ކޮށްގެން ނުވާނެކަން. އެ އިޙްސާސް އަޅުގަނޑުމެންގެ ކޮންމެ މީހަކަށްވެސް ލިބެންވީ.

ޝައްކެއްނެތް، ތިމާ ތިމާގެ ދިރިއުޅުން ކުރިއަށްގެންދަން، ޤާނޫނާއި ޤަވާޢިދު ތަންދޭ ކޮންމެ ކަމެއް ކުރުން އެއީ، އެމީހެއްގެ އިޚްތިޔާރުގައި އޮތް ކަމެއް. އެހެންނަމަވެސް، އެކަން ކުރާއިރު، އޭގެ ސަބަބުން މުޖުތަމަޢުގެ އެހެން ބަޔަކަށް ގެއްލުމެއް ލިބޭ ކަމުގައިވަންޏާ، އެކުރެވެނީކީ އެއްވެސް ޙާލެއްގައި ރަނގަޅު ކަމަކަށް ނުވާނެ. އާދެ، ކޮންމެ މީހަކަށްވެސް ފަސޭހަ، އެމީހަކު ގޭތެރެ ކުނިކަހާލާފައި ކުނިކޮޅު މަގުމައްޗަށް އުކާލުން، އެހެން ތާކަށް ނުގޮސް. އެކަމަކު އެހެން ހެދީމާ، އެހެން މީހުންނަށް މަގުމަތި ހަޑިވުމުގެ ސަބަބުން އެލިބޭ އުނދަގޫ އަޅުގަނޑުމެން އިޙްސާސް ކުރަންޖެހޭނެ. އެއީ އަޅުގަނޑުމެން ޢާންމު ފައިދާއަށް މަސައްކަތް ނުކުރެވޭތީ ދިމާވާގޮތެއް. ކަންފަސޭހަ ގޮތެއް، ތިމާއަށް އަބަދުވެސް ކަންތައްކޮށްލަން ފަސޭހަގޮތެއް. އެހެންނަމަވެސް، އޭގެ ސަބަބުން އެހެން މީހުންނަށް އޭގެ އުނދަގޫތަކެއް ރައްދުވާ ގޮތެއް.

ދިރިއުޅުމުގައި މިބާވަތުގެ ވަރަށްގިނަ ކަންތައްތައް ހަމަޖެއްސުމަށްޓަކައި ތަފާތު ޤާނޫނުތަކާއި ޤަވާޢިދުތައް މިހާރު ހެދިފައި ހުރޭ. ކާރުޚާނާތައް ހަދާއިރުވެސް، އެ ފައިސާ ހުރި މީހާވެސް، ބޭނުންހާ ތަނެއްގައި ކާރުޚާނާއެއް ނުހެދޭނެ. ސަރުކާރުން ހުއްދަ ހޯދަންޖެހޭ. އެކާރުޚާނާއެއް އެތާނގައި ހެދުމުން، އެހިސާބުގަނޑުގެ މީހުންނަށް ލިބިދާނެ ގެއްލުމެއް ނުވަތަ ނުރައްކަލެއް އޮތްތޯ ބަލާފައި، ނެތް ކަމުގައި ވަނިއްޔާ ނޫނީ، އެކާރުޚާނާއެއް އެތާނގައި ހެދުމުގެ ހުއްދައެއް ނުދޭނެ. އެއީ ފަހަރެއްގައި އެތަނުން އަރާ ދުމުން ޖައްވު ކިލަނބުވެ، މީހުން ނޭވާލާން ހުންނަ ތާޒާވައި ގެއްލި، ތަން ނުސާފުވެ، މިހެން ދިމާވެދާނެ. ނުވަތަ ކާރުޚާނާއިން ބޭރުކުރާ ކޮންމެވެސް ބާވަތެއްގެ އެއްޗެއްގެ ސަބަބުން ކައިރީގައި އޮންނަ ކޮންމެވެސް ކޯރަކަށް އަސަރު ފޯރައިގެން، ކޯރުގައި ހުންނަ މަސްތައް މަރުވެ، ނުވަތަ ގަސްގަހާގެއްސަށް ކޮންމެވެސް ކަހަލަ އުނިކަމެއް ލިބި، މިކަހަލަ ކަމެއް ދިމާވެދާނެ.

އެހެންވީމާ، އެމީހާ އަތުގައި ފައިސާ ހުއްޓަސް އަދި އެތަނަކީ އެމީހެއްގެ މިލްކު ބިމެއް ކަމުގައިވިޔަސް، އެތަނެއްގައި ކާރުޚާނާއެއް ނުހެދޭނެ. އެއީ މި ދެންނެވި މުޖުތަމަޢުގެ ފައިދާއަށް ވިސްނާފައި. އެގޮތަށް ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ކަންތައް ހުންނަނީ. އަޅުގަނޑުމެންވެސް މިއީ ޤައުމެއް. މިއީވެސް މުޖްތަމަޢެއް ކިތަންމެ ކުޑަނަމަވެސް. އެހެންވީމާ، އަޅުގަނޑުމެން ކުރިއަށްދާއިރުވެސް ކުރިއަށް ދާންވާނީ، ކޮންމެ މީހަކުވެސް އެހެން މީހުންގެ ހެވާއި، އެހެން މީހުންގެ ފައިދާއަށްވެސް ކުޑަކޮށް ވިސްނާލުމެއް ބަހައްޓައިގެން. ތިމާ ހަމަ ބޭނުންހާ ގޮތަކަށް، ތިމާއަށް ފައިދާހުރި ކޮންމެ ގޮތަކަށް ކަންތައް ކޮށްގެން ޙަޤީޤަތުގައި މުޅި ޤައުމަކަށް ކުރިއަކަށް ނުދެވޭނެ.

އާދެ، އެއީ އަޅުގަނޑު މިރޭ ހޭލުންތެރިކަމާ ބެހޭގޮތުން ފާހަގަކޮށްލަން ބޭނުންވި ނުކުތާއަކީ. ހޭލުންތެރިކަން އުފައްދަމުން ގެންދާއިރު، އަޅުގަނޑުމެންނަކީ މުޖުތަމަޢުގެ ބައެއްކަން. ކޮންމެ އިންސާނަކީވެސް، އެމީހަކު އެ ދިރިއުޅޭ ޖަމާޢަތުގެ ފަރުދެއްކަން. ޖަމާޢަތުގެ ފަރުދެއްގެ ޙައިޘިއްޔަތުން އޭނާއަށް ކުރެވޭނެ ކަންތައްތަކާއި، އޭނާ ކޮށްގެން ނުވާނެ ކަންތައްތައް ހުންނާނެކަން ރަނގަޅަށް ޤަބޫލުކޮށްގެން، އެ އުޞޫލުގެ މަތިން އަޅުގަނޑުމެންގެ ޙަޔާތުގެ ކަންތައް ރާވައިގެން ކުރިއަށް ގެންދިޔުން އެއީ ޖަމާޢަތެއްގެ ގޮތުން، ކޮންމެ ޖަމާޢަތެއްގެ މީހުންވެސް ހަމަ ޢަމަލުކުރަންޖެހޭނެ ގޮތޭ ދަންނަވާލުން. އެއީ، އަޅުގަނޑު މިރޭ މި ނުކުތާގައި ފާހަގަކޮށްލަން ބޭނުންވި ކަމަކީ.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، އަދިވެސް އެއްފަހަރު، އަސާސީ ތަޢުލީމުގެ އިމްތިޙާނުގައި އެކިއެކި މުހިންމު މަޤާމުތައް ހޯއްދެވި އަތޮޅުތައް އަދި އެކިއެކި މަޤާމުތައް ހޯއްދެވި ރަށްތައް އަދި މި މަޝްރޫޢުގައި އެހީތެރިވެދެއްވުމުގެ ގޮތުން ފާހަގަކުރެވުނު ޖަމްޢިއްޔާފަދަ ތަންތަނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމުން. އަސާސީ ތަޢުލީމުގެ މަޝްރޫޢު މިހާ ކާމިޔާބު ގޮތެއްގައި ހިންގަވައިދެއްވި މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށާއި، އެޑިޔުކޭޝަންގެ އެކިއެކި ވެރިންނަށާއި ހިންގުންތެރިންނަށްވެސް ޝުކުރު ދަންނަވަމުން. އަދި މި މަޝްރޫޢުގެ ދަށުން އަޅުގަނޑުމެންނަށް ލިބުނު ކާމިޔާބީއަށްޓަކައި اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ދަންނަވަމުން. ހަމައެއާއެކުގައި، ކުރިޔަށް އޮތް ތާނގައި ތަޢުލީމުގެ ރޮނގުގައި ރާއްޖެއަށް ފައިދާހުރި ގޮތްތަކެއް ﷲ އަޅުގަނޑުމެންނަށް މެދުވެރިކޮށްދެއްވައި އަދި މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތުގެ އަލީގައި، އަޅުގަނޑުމެންނަށް ފައިދާހުރި ގޮތްތަކުގެވެސް އަލީގައި، ރާއްޖޭގެ ރައްޔިތުންނައިގެން ކުރިއަށްދިޔުމުގެ ހެޔޮ ތައުފީޤު ރާއްޖޭގެ ސަރުކާރަށާއި އަދި ސަރުކާރުގެ އެކިއެކި ކަންތައްތައް ހިންގަވަން ތިއްބެވި ވެރިންނަށް اللهُ سُبْحَانَهُ وَتَعَالَى ދެއްވުން އެދި އަޅުގަނޑު ދުޢާކުރަން.

والسّــلام عليكم ورحمـة اللّـه وبركاته.