بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

އިންސާނީ ދަރިފަސްކޮޅަށް ހިދާޔަތެއްގެ ގޮތުގައި، އަލިކަމެއްގެ ގޮތުގައި ކީރިތި ޤުރްއާން ބާވައިލެއްވި اللهُ سُبْحَانَهُ وَتَعَالَىގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ދެ ދުނިޔޭގެ ބާއްޖަވެރިކަން ހޯދުމުގެ މަގު ދައްކަވައިދެއްވި ކައު އިތުރު ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّمގެ ކިބަޔަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލްކުރަން.

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު ޢަލީ، ޔޫތު މިނިސްޓަރ އަޙްމަދު މަޚްލޫފް، ރާއްޖެ ޓީ.ވީ.ގެ މެނޭޖިންގ ޑައިރެކްޓަރ އަޙްމަދު ސަލީމް، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ވަޑައިގެން ތިއްބެވި ސަފީރުން، ކުންފުނިތަކުގެ އިސްވެރިން، ކޮލެޖް، ޔުނިވަރސިޓީތަކުގެ އިސްބޭފުޅުން، މި މުބާރާތުގެ ފަނޑިޔާރުން އަދި ވަކިން ޚާއްޞަކޮށް، މުބާރާތުގައި ބައިވެރިވެވަޑައިގަންނަވާ އެންމެހައި ބޭފުޅުން، ދުރާއި ގާތުން މި މުބާރާތް ބައްލަވަމުން ގެންދަވާ އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އެންމެ ފުރަތަމަވެސް ބަރަކާތްތެރި ރަމަޟާން މަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ތިޔަ އެންމެހައި ބޭފުޅުންނަށާއި، ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް އަޅުގަނޑު އަރިސްކުރަން.

އާދެ، ދިވެހި ދަރިންގެ ހިތްތަކުގައި ޤުރްއާނަށް ޝައުޤު އުފެއްދުމަށްޓަކައި، އަދި ލޯބި އިތުރަށް ޖެއްސުމަށްޓަކައި މިފަދަ މަތިވެރި މަޤްޞަދެއްގައި މިހާ ފުރިހަމައަށް މުބާރާތެއް އިންތިޒާމުކޮށް ކުރިޔަށް ގެންދަވަން ނިންމެވި ކަމަށްޓަކައި މިކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކަށް ވަކިން ޚާއްޞަކޮށް، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، އަދި މިނިސްޓަރ އޮފް ޔޫތު އަދި ރާއްޖެ ޓީ.ވީ.، މި ތިން ފަރާތުގެ އެންމެހައި އިސް ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި މިހާ މުހިންމު މަތިވެރި މަޤްޞަދެއްގައި ކުރެވޭ ކަމަކަށް އެހީތެރިވެދެއްވާ އެންމެހައި ފަރާތްތަކަށް އަޅުގަނޑު ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، ދެންމެ ފާހަގަކުރެވިގެން ދިޔަގޮތުގައި، މިއީ ދިވެހިރާއްޖޭގައި ޤުރްއާން މުބާރާތެއް މިހާ ފުރިހަމަކޮށް ބޭއްވޭ ފުރަތަމަ ފަހަރު. އާދެ، ޤުރްއާން މުބާރާތެއް ބޭއްވުމުގެ މަޤްޞަދު އަޅުގަނޑުމެން އެއްގޮތަކަށްވެސް ހަނދާންނައްތާލައިގެންނެއް ނުވާނެ. އެނގިވަޑައިގަންނަވާނެ، ރަމަޟާން މަހަކީ ޤުރްއާނުގެ މަސް. ރަމަޟާން މަހަކީ އެ މަހެއްގައި ޤުރްއާން ބާވައިލެއްވުނު މައްސަރު. އަޅުގަނޑުމެން ދިވެހިރާއްޖޭގައި ޒަމާނުއްސުރެ ފެށިގެން، ޚާއްޞަކޮށް ރަށްރަށުގައި ދެ ނަމާދު ދޭތެރޭގައިވެސް އަޅުގަނޑުމެން ހިނގާލާއިރު، އަޅުގަނޑުމެންނަށް ކޮންމެ ގެޔަކުންވެސް އިވެނީ ޤުރްއާން ކިޔަވާ އަޑު. ޤުރްއާނަށް އެ އޮންނަ ލޯބި އެއީ، ދިވެހި ރައްޔިތުންގެ ހިތްތަކުގައި ތާއަބަދު އޮންނަ ކަމެއް. އާދެ، މިއަދު މިފަދަ މުބާރާތެއްގެ މަޤްޞަދަކަށްވެގެން މިދަނީ ޤުރްއާނަށް އިތުރަށް ލޯބި ޖައްސައި ޚާއްޞަކޮށް، ރިވެތިކޮށް ތަޖުވީދުގެ މަގުން ޤުރްއާން ކިޔެވުމަށް ބާރުއެޅުން. ހަމަ އެއާއެކު، އަޅުގަނޑުމެން މާތްވެގެންވާ އިސްލާމްދީނުގައި ތިބި ބަޔަކު އަބަދުވެސް ޤުރްއާން ކިޔަވައި، ޤުރްއާނުގައި ބަޔާންކޮށްދީފައިވަނީ ކޮން އެއްޗެއްކަން ދެނެގަންނަން އެބަޖެހޭ.

އާދެ، އެނގިވަޑައިގަންނަވާނެ، ޤުރްއާނަކީ އަޅުގަނޑުމެން އެ މަގުން ހިނގައްޖެ ކަމަށްވަންޏާ، ދެ ދުނިޔޭގެ ބާއްޖަވެރިކަން އިންސާނާއަށް ލިބިދޭ ހަމައެކަނި ގޮތް. އެހެންވީމާ، މިއަދު ޚާއްޞަކޮށް ޤުރްއާނުގައި ބަޔާންކޮށްފައި އެވާ އެއްޗެއް ހޯދައި، ބަލައި، އަޅުގަނޑުމެންގެ އުޅުން އަބަދުވެސް އެ މަގުން ބެހެއްޓުމަކީ އެއީ، އަޅުގަނޑުމެންގެ ޢަޒުމަކަށް ވާންޖެހޭނެ. ޚާއްޞަކޮށް، ބަރަކާތްތެރި ރަމަޟާން މަހު ރެޔާއިދުވާލު ގިނަ ވަގުތު އަޅުގަނޑުމެން ޤުރްއާން ކިޔެވުމަށާއި، އަދި އަޅުކަމުގައި ހޭދަކުރުމަކީ އެއީ އަޅުގަނޑުމެންނަށް އޮތް އެންމެ މޮޅު ގޮތް.

އާދެ، ދުނިޔޭގައި އުޅުމަށްޓަކައި ބޭނުންވާ ހުރިހާ ކަމެއް، ހުރިހާ ފިލާވަޅުތަކެއް އަޅުގަނޑުމެންނަށް ލިއްބައިދޭ. މިއަދު އަޅުގަނޑުމެން އިސްކަންދޭންޖެހޭ އެންމެ ބޮޑު ކަމަކީ ރިވެތިކޮށް މުޖުތަމަޢެއްގެ ތެރޭގައި އެކަކު އަނެކަކަށް އިޙްތިރާމުކޮށް، އެކަކު އަނެކަކަށް އަޅައިލާ އުޅުމުގެ ވިސްނުން ކުރިޔަށް ނެރުން. އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއްގައި، އަނެކާއަށް އެހީތެރިވުމާއި ހެޔޮގޮތްތައް އެދުމަކީ އެއީ، އަޅުގަނޑުމެންނަށް ކުރެވޭނެ އެންމެ ރަނގަޅު ކަންތައް. ދުނިޔެމަތީގައިވެސް ކުރެވޭ އެންމެ ރަނގަޅު ކަމަކަށް މިވަނީ އެހެން މީހުންނަށް ހެޔޮކޮށްހިތާ، ހެޔޮބަސް ބުނާ، ހެޔޮ ޢަމަލުތައް ކުރުމަށް ބާރުއަޅައި، ހެޔޮ މަގު ދައްކައިދީ، މި ކަންތައްތައް ކުރުން.

މިއަދު އަޅުގަނޑު ވަކިން ޚާއްޞަކޮށް، މި މުބާރާތުގެ އެންމެހައި ބައިވެރިންނަށާއި އަދި ދިވެހިރާއްޖޭގެ ވަކިން ޚާއްޞަކޮށް، ދަރިވަރުންނަށް އަޅުގަނޑު ދޭން ބޭނުންވާ ނަސޭހަތަކީ، އަޅުގަނޑުމެންގެ މުޖުތަމަޢެއްގައި ހުންނަންޖެހޭނެ މިންގަނޑުތަކާ އެއްގޮތަށް ނަމޫނާ ދައްކާ ބައެއްގެ ގޮތުގައި އަބަދުވެސް އުޅުމަށް ބާރުއަޅައި، އެ މަގުން ކުރިޔަށް ދިއުން.

އާދެ، އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ ތެރޭގައި އޮންނަ ކޮންމެ ސަރުކާރަކީވެސް ދިނީ ކަންތައްތަކަށް ވަރަށް ބޮޑު ސަމާލުކަމެއްދޭ ސަރުކާރެއް. ވޭތުވެދިޔަ ދުވަސްތަކުގައްޔާއި އަދި މިއަދުގެ ސަރުކާރުންވެސް، ޚާއްޞަކޮށް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، ދީނީ ކަންތައްތަކަށް، ދީނަށް ލޯބި ޖެއްސުމަށްޓަކައި އަދި ވަކިން ޚާއްޞަކޮށް، ޤުރްއާން މުބާރާތްތައް ބާއްވަވައި، ޤުރްއާނަށް ލޯބި ޖެއްސުމަށްޓަކައި ވަރަށް ގިނަގުނަ މަސައްކަތްތަކެއް ސަރުކާރުން ކުރައްވާ.

އެނގިވަޑައިގަންނަވާނެ، ކޯވިޑުގެ އެންމެ ދަތި އުނދަގޫ ވަގުތުވެސް އަޅުގަނޑުމެން އެހެން ހުރިހާ މަސައްކަތެއް ހުއްޓާލާފައި ތިބެންޖެހުނު ދުވަސްވަރުވެސް، އަޅުގަނޑުމެން ޤުރްއާން މުބާރާތް ހުއްޓާނުލަން. އެވަގުތު ކުރެވެން އޮތްގޮތަށް، ރާއްޖެއާއި އަދި ރާއްޖެއިން ބޭރުގައި ދިރިއުޅުއްވާ ދިވެހި ފަރާތްތަކަށް ފުރުޞަތު ލިބޭގޮތަށް ދިވެހި ސަރުކާރުން ޚާއްޞަކޮށް، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު ޢަލީގެ އިސްނެންގެވުމުގެ މަތިން، އެ މަސައްކަތްވެސް ވަނީ އަޅުގަނޑުމެން ކުރިޔަށް ގެންގޮސްފައި. އަދި މި އަހަރު، މި ބަރަކާތްތެރި ރަމަޟާން މަހު އެހެން އަހަރުތަކާ ޚިލާފަށް، މި ސަރުކާރުން މިވަނީ ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމުގެ ޕްރޮގްރާމްތައް އިތުރުކޮށްފައި. އާދެ، އެނގިވަޑައިގަންނަވާނެ، ކުރިން މި ކަންތައްތައް އޮންނަނީ ކޮންމެވެސްވަރަކަށް ލިމިޓް ކުރެވިފައި. އާދެ، މާލޭގައި އެކަނި ބޮޑުކޮށް އެކަންތައް ގެންދާގޮތަށް ކުރިޔަށް ގެންދެވިފައި އޮތީ. އެހެންނަމަވެސް، މި ސަރުކާރު އައުމާއެކު، އަޅުގަނޑުމެން މިވަނީ ރާއްޖޭގެ އަތޮޅުތަކަށް މި ޕްރޮގްރާމްވެސް ފުޅާކޮށް، އިރާދަކުރެއްވިއްޔާ، ވޭތުވެދިޔަ އަހަރަށްވުރެ ގިނަ ރަށްތަކުގައި، ގިނަ އަތޮޅުތަކުގައި މި އަހަރުވެސް އެ ޕްރޮގްރާމް ކުރިޔަށްދާނެ. މިއިން ކޮންމެ ކަމެއްގައިވެސް ސަރުކާރުގެ މަޤްޞަދަކީ، ބޭނުމަކީ، ދިވެހިންނަކީ ދީނަށް ލޯބިކުރާ، އެކަކު އަނެކަކާ އަޅައިލާ، އެކުގައި ދިރިއުޅެވޭ ރަނގަޅު ރައްޔިތެއް އުފެއްދުން.

އަޅުގަނޑުގެ އުންމީދަކީ، މިފަދަ މުބާރާތަކުންވެސް، މިފަދަ ރީތި ނަމޫނާ ކަންތައްތަކެއް އަޅުގަނޑުމެންނަށް ދައްކައިދީ، އެކަންކަން ފެނިގެންދިއުން.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، މި މުބާރާތް މިހާ ފުރިހަމަގޮތަކަށް ފުރަތަމަ ފަހަރަށް، "ރަންތާޖު" މިހާ ފުރިހަމަގޮތަކަށް އިންތިޒާމު ކުރެއްވީތީވެ، މި ހުރިހާ ފަރާތްތަކަށް، މިކަމުގައި ޝާމިލްވާ ހުރިހާ ފަރާތްތަކަށް، މިކަމުގައި ތަރުޙީބު ދެއްވި، އެހީތެރިކަން ފޯރުކޮށްދެއްވި އެންމެހައި ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، اللهُ سُبْحَانَهُ وَتَعَالَى މި ބަރަކާތްތެރި ރަމަޟާން މަހަކީ، ހުރިހާ ގޮތަކުންވެސް އަޅުގަނޑުމެން ކުރާ މަސައްކަތުގައި ބަރަކާތްލައްވައި އަދި ދެ ދުނިޔޭގެ ބާއްޖަވެރިކަން ހޯދުމަށްޓަކައި، އަޅުގަނޑުމެން ކުރާ ހެޔޮ މަސައްކަތުގައި ބަރަކާތް ލައްވައި، އެ މަގުން ދިޔުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެންނަށް ދެއްވާ މައްސަރެއް ކަމުގައި ލެއްވުން. ދިވެހި ރައްޔިތުންނަށް އަދަށްވުރެ ފެހި، ފަހި މުސްތަޤްބަލެއް މިންވަރު ކުރައްވާށި! ރަމަޟާން މަހުގެ ދުވަސްތައް ހެޔޮގޮތުގައި ހޭދަކުރުމުގެ ތައުފީޤު އަޅުގަނޑުމެން އެންމެންނަށް ދެއްވާށި! އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.