ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޤާނޫނު ނަންބަރު 2020/34_(ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު) އަށް އެއްވަނަ އިސްލާޙު ގެނައުމުގެ ބިލު މިއަދު ތަސްދީޤު ކުރައްވައިފިއެވެ. މި ބިލަކީ 20 މާރިޗު 2020 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 19 ވަނަ ޖަލްސާއިން ފާސްކުރައްވައިފައިވާ ބިލެކެވެ.

މި ބިލުގައި އިސްލާޙު ހުށަހަޅައިފައި ވަނީ ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ 17 ވަނަ މާއްދާއަށާއި 100 ވަނަ މާއްދާގެ (ކ) އަށެވެ.

ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ 17 ވަނަ މާއްދާ އަކީ ރެކްރޫޓްކުރުމުގެ ކުރިން އިތުރު ބެކްގްރައުންޑް ޗެކްކުރުމާ ގުޅޭ މާއްދާއެވެ. މި މާއްދާއަށް ހުށަހަޅައިފައި އިސްލާޙަކީ ފުލުހުންގެ ޚިދުމަތާ އަލަށް ގުޅޭ ފަރާތްތަކަކީ މިފަދަ ވަޒީފާއެއް އަދާކުރަން އެކަށީގެންވާ ފަރާތެއްތޯ ބެލުމަށް ޓަކައި ލާޒިމުކުރާ ބެކްގްރައުންޑް ޗެކް ހެދުމުގެ ގޮތުން ކޮންމެހެން ފުރިހަމަ ކުރަންޖެހޭ ކަންތައްތަކެއްވާއިރު، އެފަދަ ބެކްގްރައުންޑް ޗެކެއް ހަދާ ކޮންމެ ޙާލަތެއްގައި އެ ހުރިހާ ކަމެއް އެކުގައި ފުރިހަމަކުރުމަކީ އެކަށީގެންވާ ކަމެއްކަމަށް ނުވެދާނެތީ، ހުށަހަޅައިފައިވާ އިޞްލާޙެކެވެ. އެގޮތުން ބެކްގްރައުންޑް ޗެކްކުރުމުގެ ގޮތުން ހަދާ ބެކްގުރައުންޑް އެނަލިސިސްއަކަށްފަހު، ޕޮލިގްރާފް ނުވަތަ އެނޫންވެސް ވަޞީލަތެއް މެދުވެރިކޮށް އިތުރު އެނަލިސިސް އެއް ހެދުމަށް ހުރަހެއް ނެތްކަން މި އިސްލާޙުގައި ބަޔާންކޮށްފައި ވެއެވެ. މީގެ އިތުރުން، ފުލުހުންގެ ޚިދުމަތާ އަލަށް ގުޅޭ ފަރާތްތަކުގެ ބެކްގްރައުންޑް ޗެކްކުރުމުގެ ގޮތުން ޢަމަލުކުރާނެ އުސޫލުތަކާއި، ބޭނުންކުރެވިދާނެ އިތުރު ވަޞީލަތްތައް މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަން ވާނެ ކަމުގައި ވެސް މި އިޞްލާޙުގައި ވެއެވެ.

މި ޤާނޫނުގެ 100 ވަނަ މާއްދާގެ (ކ) އަށް ހުށަހަޅައިފައިވާ އިޞްލާޙަކީ، ތަހުޤީޤުކުރާ ފުލުހުން ފުރިހަމަ ކުރުމަށް ލާޒިމް ކުރާ ސަނަދު ހާސިލުކުރުމަށް، މިހާރު ޤާނޫނުގައި ބަޔާންކޮށްފައިވާ 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި ތަޙްޤީޤުކުރާ އެންމެހައި ފުލުހުންނަށް އެ ފެންވަރުގެ ސަނަދެއް ހާސިލުކޮށް ނިންމިދާނެ ކަމަށް ނުފެންނާތީ، މިހާތަނަށް އެފަދަ ސަނަދެއް ޙާޞިލުކޮށްފައި ނުވާ ތަޙްޤީޤުކުރާ ފުލުހުންނަށް އެ ފުރުޞަތު ދިނުމުގެ ބޭނުމުގައި، ޤާނޫނުގައި ބަޔާންކޮށްފައިވާ 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތު، 27 މާރިޗު 2024 ގެ ނިޔަލަށް އިތުރުކުރުމުގެ އިޚްތިޔާރު ކޮމިޝަނަރ އޮފް ޕޮލިހަށް ލިބިދޭގޮތަށް ކަނޑައަޅައިފައިވާ އިޞްލާޙެކެވެ.

ފުލުހުންގެ ޚިދުމަތުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވުމާ ގުޅިގެން މި ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވައިފައެވެ.
މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ މި ޤާނޫނު ފާސްވެ ތަޞްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.