މާލޭ ސަރަޙައްދުން ދަތުރުދާން ޚާއްޞަކޮށްގެން ސަރުކާރުން ތަރައްޤީކުރި ކުޑަގިރި ޕިކްނިކް އައިލެންޑް އަންނަ ހޮނިހިރު ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހުޅުއްވައިދެއްވާނެކަމުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަން މިޢްވާން މުޙައްމަދު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ކުރައްވަމުން ގެންދަވާ ކަންކަމާއި ގުޅޭ ގޮތުން ރާއްޖޭގެ މީޑިއާތަކަށް މަޢުލޫމާތު ދެއްވުމަށް ބާއްވަވާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިޢްވާން ވިދާޅުވީ ކުޑަގިރި ޕިކްނިކް އައިލެންޑަށް ދަތުރު ދިޔުމަށް ކުޑަގިރި އެޕްގެ ބޭނުން ހިފައިގެން ގިނަ ރައްޔިތުންތަކެއް އެރަށަށް ދަތުރުދާނެކަމަށް އުންމީދުކުރައްވާކަމުގައެވެ.

މީގެ އިތުރުން ވެސް މިޢްވާން ވަނީ ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރައީސުލްޖުމްހޫރިއްޔާ މި ޙަފްތާގައި ދެއްވެވި މި ދައުރުގެ ފަހު ރިޔާސީ ބަޔާނުގައި އެމަނިކުފާނު ފާހަގަކުރެއްވި މުހިންމު ނުކުތާތަކަށް އަލިއަޅުއްވާލައްވާފައެވެ. މިގޮތުން، އަންނަ ޖޫން މަސް ނިމުމުގެ ކުރިން މާލެ ސަރަޙައްދުން ދޫކުރާ ބޯހިޔާވަހިކަން ލިބޭ ފަރާތްތަކަށް އެކަމުގެ ލިޔުން ޙަވާލުކުރައްވާނެ ކަމަށާއި، ކުރިން އިޢުލާނު ކުރައްވާފައިވާ މިންވަރަށް ވުރެ މާލެ ސަރަޙައްދުން ދޫކުރާ ގޯތީގެ ޢަދަދު އިތުރުކުރައްވާނެކަން ރައިސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވިކަމުގައި މިޢްވާން ވިދާޅުވިއެވެ.

އަދި، އަންނަ މޭ މަހުން ފެށިގެން ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުވެގެންދާނެކަމަށާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ރަޖިސްޓްރީ އެކުލަވާލައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް އަންނަ ޖޫން މަހުން ފެށިގެން ބޮޑުކުރައްވަން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާކަން އިޢުލާންކުރައްވާފައިވާ ކަމުގައި ވެސް މިޢްވާނު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ވެސް ޢުމްރާނީ ތަރައްޤީގެ ތެރެއިން ރާއްޖެއަށް ބޭނުންވާ ހުރިހާ ޑޮމެސްޓިކް އެއަރޕޯޓްތައް ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިޔަށްދާކަމުގައި މިޢްވާން ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި މިޢްވާން ވަނީ، ނިމިދިޔަ ޙަފްތާގައި ހިނގާ ދިޔަ މުހިންމު ކަންކަމާއި އަދި ކުރިޔަށް އޮތް ޙަފްތާގައި ހިނގާނެ މުހިންމު ކަންކަމާ ގުޅޭ މަޢުލޫމާތު ވެސް ނޫސްވެރިންނާ ޙިއްޞާކުރައްވާފައެވެ. މިގޮތުން، އަންނަ ޙަފްތާގައި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ) ގެ ބޮޑުވަޒީރު، ޔޫ.އޭ.އީގެ މިނިސްޓަރ އޮފް ޑިފެންސް، އަދި ދުބާއީގެ ވެރިޔާ ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަކްތޫމްގެ ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވޯލްޑް ގަވަރމަންޓް ސަމިޓްގައި ބައިވެރިވެ ވަޑައިގެންނެވުމަށް ދުބާއީއަށް ފުރާވަޑައިގަންނަވާނެ ކަން މިޢްވާން ހާމަކުރެއްވިއެވެ.

މިޢްވާން ވަނީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ފުރަތަމަ ދައުރަށް ހުށަހަޅަން ގަސްދުކުރާ 23 ބިލެއްގެ މަޢުލޫމާތު ބަންޑާރަ ނައިބުގެ އޮފީހުގެ ފަރާތުން މިހާރު ހާމަކޮށްފައިވާކަމަށާއި، އޭގެ ތެރެއިން 7 ބިލެއް މިއަދު ސަރުކާރުގެ ފަރާތުން މަޖިލީހަށް ފޮނުވުމުގެ މަސައްކަތް ކުރިޔަށްދާކަމުގައި ވިދާޅުވެފައެވެ. މީގެ އިތުރުންވެސް ނޫސްވެރިން ކުރެއްވި އިތުރު ސުވާލުތަކަށްވެސް މިޢްވާން ވަނީ ޖަވާބު ދެއްވާފައެވެ.