އ.ދ.ގެ މޫސުމާބެހޭ ބައްދަލުވުމުން އެއްބަސްވުމެއް ގާއިމުކުރެވޭތޯ ޤައުމުތަކުން ކެނޑިނޭޅި ކުރަމުން ގެންދާ މަސައްކަތްތަކުގެ ދަށުން، މިކަމުގައި އެންމެ މުހިންމު ދައުރެއް ކުޅެމުންދާ ތޭވީހަކަށް ޤައުމުގެ ވެރިން ރޭ ވަރަށް ދަންވަންދެން ކޯޕަންހޭގަންގެ ބެލާ ސެންޓަރުގައި ބޭއްވެވި މަޝްވަރާތަކުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބައިވެރިވެވަޑައިގެން ވަރަށް މުހިންމު ދައުރެއް އަދާކުރެއްވިއެވެ.

ކޯޕަންހޭގަންގެ ގަޑިން ރޭގެ 3 ޖަހާ އެހާކަންހާއިރަށް ދެމިގެންދިޔަ މި މަޝްވަރާތަކުގައި، އ.ދ.ގެ ސެކްރެޓަރީ ޖެނެރަލާއި، ޔޫރަޕިއަން ކޮމިޝަނުގެ ރައީސާއި، އިނގިރޭސިވިލާތާއި، އޮސްޓްރޭލިއާއާއި، ރަޝިޔާއާއި، ޖަޕާނުގެ ވެރިންނާއި، އެމެރިކާގެ ޚާރިޖީ ވަޒީރު ހިލަރީ ކްލިންޓަންގެ އިތުރުން، ޗައިނާއާއި އިންޑިއާއާއި ބްރެޒިލް ފަދަ ކުރިއަރަމުން އަންނަ ޤައުމުތަކުގެ ވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރޭ ބޭއްވުނު މި މަޝްވަރާތަކުގައި، ރައީސުލްޖުމްހޫރިއްޔާ ބާރުއެޅުއްވީ ތަރައްޤީވެފައިވާ ޤައުމުތަކާއި ތަރައްޤީވަމުން އަންނަ ޤައުމުތައް ރަމްޒުކޮށްދޭ މަފްހޫމުތަކުގައި ޤައުމުތައް ގެނބިގެން ދިޔުމުގެ ބަދަލުގައި، ހުރިހާ ޤައުމުތަކުގެ ސަލާމަތާއި ދެމިއޮތުމަށް އިސްކަންދީގެން ކޯޕަންހޭގަންއިން ރަނގަޅު ނަތީޖާއެއް ނެރެވޭތޯ މަސައްކަތް ކުރެއްވުމަށެވެ.

ރޭގެ މި މަޝްވަރާތަކުގެ ސަބަބުން އެއްބަސްވުމަށް އާދެވިދާނެކަމާމެދު ބައެއް ޤައުމުތަކުންވަނީ އުންމީދު ފާޅުކޮށްފައެވެ.