بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللَّـهُ سُبْحَانَهُ وَتَعَالَىٰ ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، އައްޑޫސިޓީގެ މޭޔަރ ޢަލީ ނިޒާރު، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގެ ވެރިންނާއި މުދައްރިބުން، ދިވެހި ފުލުހުންގެ ތަމްރީނު ފުރިހަމަކުރައްވައި ޚިދުމަތާ ގުޅިވަޑައިގެންނެވި ހުރިހާ ފުލުހުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

ފުލުހުންގެ 34 ވަނަ އިނީޝިއަލް ޓްރޭނިން ކޯސް ފުރިހަމަކުރައްވައި، މި ޙަފްލާގައި ދަސްވެނިވި ހުރިހާ ފުލުހުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި މުބާރަކްބާދީ އަދާކުރަން. އަދި ޚާއްޞަކޮށް، މި ތަމްރީނުތަކުން 1 ވަނަ ދަރިވަރަކަށް ހޮވުނު ކޮންސްޓަބަލް މުޙައްމަދު މިސްދާދު މީޝާޤްގެ މަސައްކަތަށް އަޅުގަނޑު އިޚްލާޞްތެރިކަމާ އެކުގައި މަރުޙަބާ ދަންނަވަން. އަދި މި ޓްރޭނިންގ ކޯހުގައި ވަނަތައް ހޯއްދެވި ބޭފުޅުންގެ ތެރޭގައި، އަންހެން ބޭފުޅުން ހިމެނިވަޑައިގެންނެވިކަމީ، އަޅުގަނޑުމެން މިކުރާ މަސައްކަތަށް ލިބުނު އާ އުންމީދެއް ކަމުގައިވެސް އަޅުގަނޑު ދެކެން. ތިޔަ ޒުވާނުން މިއަދު ތިޔަ ގުޅުނު ޚިދުމަތުގައި، ސާބިތުކަމާއި ފަރުވާތެރިކަމާއި ތެދުވެރިކަމާއެކު، ރައްޔިތުންނަށް ޚިދުމަތް ކުރުންމަތީ ދެމިތިބުމަށް އަޅުގަނޑު އިލްތިމާސް ކުރަން.

ތަމްރީނުތަކެއް ފުރިހަމަކޮށްގެން ތިޔަ ޒުވާނުން މިއަދު ތިޔަ ނުކުންނަނީ، ވަޒީފާއެއް އަދާކުރުމަށްވުރެ މާމަތިވެރި ވާޖިބުތަކެއް އަދާކުރުމަށް. ދިވެހި ފުލުހުންގެ އެންމެ އިސް ވާޖިބަކީ، ރައްޔިތުން ޙިމާޔަތްކުރުމާއި ރައްޔިތުންނާއި ޤައުމަށް ޚިދުމަތް ކުރުން. އެ ޚިދުމަތުގެ އެންމެ މުހިންމު ޒިންމާއަކީ، ޤައުމެއްގެ ހަމަޖެހުމާއި، އަމަންއަމާންކަމާއި، ޞުލްޙަ މަސަލަސްކަން ދެމެހެއްޓުން.

ތިޔަ ފުލުހުން ފުރިހަމަކުރި ތަމްރީނުތަކުގައި، ފުލުހުންގެ ކިބައިގައި ހުންނަންޖެހޭނެ އަޚްލާޤީ ސިފަތަކާއި، އަބަދުމެ ސާބިތުވެ ތިބެންޖެހޭނެ ސުލޫކީ މިންގަނޑުތައް، ވަރަށް ރަނގަޅަށް އޮޅުންފިލުވައިދީފައިވާނެ. ތަމްރީނުތަކުގައި އުނގަންނައިދިން އެއްޗެހީގެ ބޭނުން ހެޔޮގޮތުގައި ހިފައި، ފުލުހުންގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް، ތިޔަ ހުރިހާ ޒުވާނުންވެސް ވަރަށް ތެދުވެރިކަމާއި އިޚްލާޞްތެރިކަމާ އެކީގައި އަދާކުރާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން.

ފުލުހުންނަކީ މުޖުތަމަޢުގެ އެއްބައި. ފުލުހުންނާ މެދު ރައްޔިތުން ކުރާ ވަރަށް ފޮނި އުންމީދުތަކެއް އެބަހުރި. އެއީ މުޖުތަމަޢުގެ ހަމަޖެހުމާއި ޞުލްޙަ މަސަލަސްކަން ޤާއިމުކޮށްދިނުން. އެ އުންމީދު ޙަޤީޤަތަކަށް ހަދައިދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ފުލުހުންނަށް ދެވޭ ތަމްރީނުތައް. އެ ސަބަބަށްޓަކައި، ފުލުހުންނަށް ބޭނުންވާ ޒަމާނީ ތަމްރީނުތައް ހޯދައިދިނުމަކީ، ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ކަމެއް.

ފުލުހުންނަކީ ރައްޔިތުންގެ ޚިދުމަތުގައި ތިބޭ ބަޔަކަށްވާތީ، ފުލުހުންގެ އެންމެ އިސް ވާޖިބަކީ ރައްޔިތުންގެ އިންސާނީ ޙައްޤުތައް ޙިމާޔަތް ކުރުން. ފުލުހުންގެ ކޮންމެ އޮފިސަރަކީވެސް، އެމީހުންގެ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި، ރައްޔިތުންގެ އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ނެގެހެއްޓުމަށް މަސައްކަތްކުރާ ފުލުހަކަށް ވުމަށް އަޅުގަނޑު އެދެން.

ޒަމާނީ ތަމްރީނުތަކާއެކު ފުލުހުން ޚިދުމަތަށް ނުކުންނައިރު، އެ ޚިދުމަތްތައް ދެވޭނެ ވަސީލަތްތައް ފުރިހަމައަށް ހުރުމަކީ ވަރަށް މުހިންމު ކަމެއް. ދިވެހި ފުލުހުންނަށް ބޭނުންވާ އިންސާނީ ވަސީލަތްތަކާއި، ޓެކްނޮލޮޖީގެ ވަސީލަތްތައް ހަމަކޮށްދިނުމަށް ވަރަށް މުހިންމު މަސައްކަތްތަކެއް މިހާރު އެބަ ކުރެވޭ. އަދި އެއްގަމާއި ކަނޑު އުޅަނދުފަހަރު ހޯދައިދިނުމަށް ވެސް މި އަންނަނީ މަސައްކަތްތަކެއް ކުރަމުން.

މުޖުތަމަޢުގައި އުފެދޭ ނުރަނގަޅު އޮއިވަރުތަކުގެ ސަބަބުން، ފުލުހުންނަށް ކުރިމަތިވާ ދަތިތަކާއި ގޮންޖެހުންތައްވެސް އެހާމެ ގިނަ. އެ ގޮންޖެހުންތައް ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް އެބަހުރި. އެ ގޮންޖެހުންތަކާއެކުވެސް، ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ދިވެހި ފުލުހުން އަދާކުރަމުން އަންނަނީ ވަރަށް މުހިންމު ދައުރެއް.

ދިވެހި ފުލުހުންގެ ޚިދުމަތް ތަރައްޤީކޮށް، އެންމެ މަތީ ފަންތީގެ ޕްރޮފެޝަނަލް ޚިދުމަތަކަށް ހެދުމަކީ، ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ކަމެއް. އެކަން ފުރިހަމަކުރެއްވުމަށް، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދާއި، ފުލުހުންގެ އިސް ވެރިން ކުރައްވާ މަސައްކަތްތަކުގެ އަގު ވަޒަންކޮށް، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

ދިވެހި ފުލުހުންގެ މުއައްސަސާގެ ޕްރޮފެޝަނަލްކަމާއި ޤާބިލްކަމާމެދު، ބައިނަލްއަޤުވާމީ މުޖުތަމަޢުގައިވެސް އިތުބާރާއި ޔަޤީންކަން މިއަދު އެބައޮތް. އިންޓަރޕޯލްގައި ދިވެހި ފުލުހުންގެ ޚިދުމަތުން އަންނަނީ، ބައިނަލްއަޤުވާމީ ޞުލްޙަޔާއި ހަމަޖެހުން ޤާއިމުކުރުމުގައި މުހިންމު މަސައްކަތްތަކެއްކޮށް، އެހެން ޤައުމުތަކަށް މިސާލު ދައްކަމުން.

އަޅުގަނޑު ދެކޭގޮތުގައި، ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކަށް ފުލުހުންގެ ޚިދުމަތް ދެވޭނީ، ކޮންމެ މުޖުތަމަޢެއްގައި ވެސް ހުރި، އެ ބަޔަކު އެންމެ ކަންބޮޑުވާ ކަންކަން ޙައްލުކުރުމަށް އަމާޒު ހިފައިގެން. އަވަށްޓެރި ފުލުހުންގެ ނިޒާމުގެ ބޭނުމަކީވެސް އެއީ. އެއީ، ލާމަރުކަޒީ އުޞޫލުން ފުލުހުންގެ ޚިދުމަތް ދީގެން، ކުށްމަދު އަމާން މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން ކަނޑައެޅި ސިޔާސަތު ތަންފީޒު ކުރުމަށް ވެސް ފަސޭހަ ނިޒާމެއް.

ފުލުހުންގެ މަސައްކަތަކީ ކޮންމެ ދުވަސްވަރެއްގައި ވެސް، އެއިރެއްގެ ޙާލަތަށް ބަލާއިރު، ގޮންޖެހުން ގިނަ އަދި ބުރަ މަސައްކަތެއް. މީގެ އެތައް އަހަރެއް ކުރިން ފެށިގެން، މިއަދާ ހަމައަށް ވެސް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މަސްތުވާތަކެތީގެ މައްސަލަ. ގޮންޖެހުންތައް ކިތަންމެ ގިނަޔަސް، މަސްތުވާތަކެތީގެ ވިޔަފާރި އާއި، އެ ތަކެތި އެތެރެކުރުން ހުއްޓުވުމަށް، ފުލުހުންނާއި ތަންފީޒީ އިދާރާތަކުން މިހާރުވެސް ވަރަށް ގިނަ މަސައްކަތްތަކެއް އެބަ ކުރައްވާ.

އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަކީ ވެސް ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަރަށް މުހިންމު ބައެއް. އެފަދަ މައްސަލަތަކާ ދެކޮޅަށް ހޭލުންތެރިކަން އިތުރުވަމުންދާ ވަރަކަށް، އެފަދަ މައްސަލަތައް ސިއްރުނުކޮށް ރިޕޯޓްކުރާ ޢަދަދު އަންނަނީ އިތުރުވަމުން. އެކަމުގެ ސަބަބުން، އެފަދަ މައްސަލަތައް ހުއްޓުވުމަށް ފުލުހުން ކުރަންޖެހޭ މަސައްކަތް ވަރަށް ބޮޑަށް ފަސޭހަވެގެންދޭ. އަދި އެފަދަ އަނިޔާތަކުގެ ޝިކާރައަކަށްވާ މީހުންނާއި ކުދިންނަށް އެކަށީގެންވާ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ވެސް މަގު ފަހިވެގެންދޭ.

މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުގައިވެސް އޮތް އެންމެ ނުރައްކާތެރި އަނެއް ކަމަކީ، ހަރުކަށި ފިކުރުގެ މައްސަލަ. ހަރުކަށި ފިކުރުގައި ޖެހުމުން، އެމީހާގެ ވިސްނުން ގޮސް ހުއްޓެނީ ޓެރަރިޒަމްގެ އަނގޮޅިއަށް. އެ ވިސްނުމުގައި ތިބެގެން ނުރައްކާތެރި ބޮޑެތި ޖަރީމާތައް ހިންގުމުގެ ކުރިއަށް، ފުލުހުން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅަކީ، ރައްޔިތުންނަށް ލިބޭ އިތުބާރާއި ޔަޤީންކަން.

އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، މި ދެންނެވި ގޮންޖެހުންތަކާ ކުރިމަތިލުމުގެ ޢިލްމީ އަދި ފަންނީ ޤާބިލުކަން ދިވެހި ފުލުހުންގެ ކިބައިގައި މިހާރު އެބަހުރި. އަދި ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ޤާބިލްކަން ވެސް އެބަހުރި. އެކަން ދިވެހި ފުލުހުން އަންނަނީ ސާބިތުކޮށްދެމުން.

އެހެން ނަމަވެސް، ދިވެހި ފުލުހުންނަށް ހުރި ގޮންޖެހުންތައް އަދިވެސް ވަރަށް ގިނަ. އޭގެ ތެރެއިންވެސް އެންމެ ބޮޑު އިސްކަމެއް ދެއްވަންވީ، ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ފުލުހެއްގެ ހައިސިއްޔަތުން ދަމަހައްޓަންޖެހޭ ޕްރޮފެޝަނަލިޒަމް ދަމަހައްޓަން. ތިޔައިން ކޮންމެ ފުލުހެއްގެ ހަނދާނުގައި ބަހައްޓަންވީ ކަމަކީ، ފުލުހުންގެ އިދާރާއަކީ ވެސް ބޮޑު އެއް ޢާއިލާކަން. މި ޢާއިލާގެ ބަދަހިކަމާއި، ރީތި ނަން ދެމެހެއްޓުމަކީ، ތިޔައިން ކޮންމެ ފުލުހެއްގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއް.

ހަމައެއާއެކު، ފުލުހުން ޤަބޫލުކުރަންޖެހޭ އަނެއް ޙަޤީޤަތަކީ، އެންމެ ފުލުހަކަށް ހެދޭ އެންމެ ގޯހަކުން ވެސް، މުޅި މުއައްސަސާގެ އަގު ވެއްޓިގެން ހިނގައިދާނެކަން. ފުލުހުންގެ ޚިދުމަތާމެދު ކުރާ އިތުބާރާއި ޔަޤީންކަމަށް ބުރޫއަރާފާނެކަން. ތަމްރީނު ފުރިހަމަ ކުރައްވައިގެން ޚިދުމަތަށް ނުކުންނަވާ ހުރިހާ ފުލުހުންވެސް އެންމެ ބޮޑު އިސްކަމެއް ދެއްވަންވީ އެއް ކަމަކީ، މި ދެންނެވި އިތުބާރާއި ޔަޤީންކަން ދެމެހެއްޓުން.

އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން ވަރަށް ދަތި އުނދަގޫތަކެއްގެ ތެރޭގައި، ތިން އަހަރު ވަންދެން އުޅެފިން. މި ދެންނެވީ ކޯވިޑުގެ ބަލިމަޑުކަމުގެ ވާހަކަ. އެ ދަތިކަމުގެ ތެރޭގައި ފުލުހުންގެ މުއައްސަސާއިން ވަރަށް އަގުހުރި، ވަރަށް ބުރަ މަސައްކަތްތަކެއް ދިވެހި ރައްޔިތުންނަށް ފޯރުކޮށްދިން. ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދާއި، ކޮމިޝަނަރުގެ ޓީމުން އެ ކުރެއްވި މަސައްކަތްތައް، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންވެސް ހެޔޮހިތުން ބަލައިގަނޭ.

އެ ދަތިކަމަށްފަހު މުޅި ރާއްޖެ މިއަދު މިސްރާބު ޖަހާފައި މިވަނީ، ދެމެހެއްޓެނިވި ތަރައްޤީގެ މުޅިން އާ މަންޒިލަކަށް. ދެމެހެއްޓެނިވި ތަރައްޤީއަކީ މުޖުތަމަޢުގެ ޞުލްޙަޔާއި ހަމަޖެހުމާ އެކުގައި ޙާޞިލުކުރެވޭ ކަމެއް. މުޖުތަމަޢުގެ ޞުލްޙަ މަސަލަސްކަން ދެމެހެއްޓުމުގެ އެންމެ ބޮޑު މަސްއޫލިއްޔަތެއް އުފުލާ ބަޔަކީ ދިވެހި ފުލުހުން.

އެހެންކަމުން، މުޅި ރާއްޖޭގެ ތަރައްޤީއަށްޓަކައި މިކުރާ މަސައްކަތް ކާމިޔާބު ކުރުމުގައި، ދިވެހި ފުލުހުންގެ ބައިވެރިވުމާއި އެއްބާރުލުން ވަރަށް ފުޅާ ދާއިރާއެއްގައި ޤައުމަށް ބޭނުންވޭ. ކޮންމެ ޤައުމެއްގައިވެސް އިޤްތިޞާދީ ހަމަޖެހުމާއި، ތަރައްޤީގެ އަރުތަ ޙާޞިލުކުރެވެނީ، ހަރުދަނާ ފުލުހުންގެ ޚިދުމަތެއް ޤާއިމުވެ އޮވެގެން. މިއަދު ތަމްރީނު ފުރިހަމަކުރުމަށްފަހު، އަލަށް ފުލުހުންގެ ޚިދުމަތާ ގުޅޭ ފުލުހުންގެ ސިކުނޑީގައި ވެސް މި މުހިންމު ޒިންމާ އަބަދުވެސް ހަރުލައި ހުރުމަކީ އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް.

ތިޔަބޭފުޅުން ހޯއްދެވި ތަމްރީނާ އެެއްގޮތަށް، ދިވެހި ދައުލަތަށް ވަފާތެރިކަންމަތީ، ދިވެހި ރައްޔިތުންނާއި ދިވެހި ޤައުމަށް ޚިދުމަތް ކުރުމުގައި ސާބިތުވެ ތިބުމުގެ ހެޔޮ ތައުފީޤު ދެއްވުން އެދި اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތުގައި ދުޢާ ދަންނަވަން. ދިވެހި ޤައުމަށް ޞުލްޙަވެރިކަމާއި ހަމަޖެހުމާއި، ތަރައްޤީއާއި، ކުރިއެރުން ހޯދައިދިނުމަށް މިކުރާ މަސައްކަތުގައި އެކަލާނގެ ބަރަކާތް ލައްވައި ކާމިޔާބީ މިންވަރު ކުރައްވާށި. ދިވެހި ފުލުހުންނަކީ، ދިވެހި ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި، އެއްވެސް ފަސްޖެހުމެއް ނެތި، ހިތްވަރާއި، ކެރުމާއި، ޤާބިލްކަމާ އެކީގައި ކުރިއަށްދާ ބަޔަކު ކަމުގައި ލައްވާށި! އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.