بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللَّـهُ سُبْحَانَهُ وَتَعَالَىٰ އަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީ، ފޭދޫ ސްކޫލްގެ ޕްރިންސިޕަލް އަޙްމަދު މިހާދު، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު ނިހާދު، އައްޑޫ ސިޓީގެ މޭޔަރ ޢަލީ ނިޒާރު، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ފޭދޫ ސްކޫލްގެ ޢިއްޒަތްތެރި ބެލެނިވެރިން، ފޭދޫ ސްކޫލްގެ މުދައްރިސުންނާއި، އެންމެހައި މުވައްޒަފުންނާއި، ލޮބުވެތި ދަރިވަރުން، ކައުންސިލްގެ ހުރިހާ މެންބަރުން، އަދި ޑަބްލިޔޫ.ޑީ.ސީ.ގެ ރައީސާއި، ހުރިހާ މެންބަރުން، އަދި ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އަޅުގަނޑަށް މިއަދު ފޭދޫ ފެންނަނީ ވަރަށް ތަފާތުގޮތަކަށް. ފޭދޫގެ ކޮންމެ ރައްޔިތެއްގެ މޫނުމަތިންވެސް ފެންނަމުންދަނީ ހިނިތުންވުމާއި އުފާވެރިކަން. އެ ބޭފުޅުންގެ މޫނުމަތީގައިވާ ހިނިތުންވުން އެ ރަމްޒުކޮށްދެނީ، މީގެ އެތައް އަހަރެއް ކުރިން މި ރަށު ރައްޔިތުންގެ ބުރަ މަސައްކަތުން އިންދައި ފެންދީގެން ހެއްދި ޢިލްމީ ގަހުގެ، 50 އަހަރުވީ ހިޔަލުން މި ރަށަށް ލިބޭ އުފާވެރިކަމާއި ހިތްހަމަޖެހުން.

އެހެންކަމުން، ފޭދޫ ސްކޫލްގެ މި އުފާވެރި ރަންޔޫބީލްގެ މުނާސަބަތުގައި، މި ސްކޫލްގެ ޕްރިންސިޕަލް އަޙްމަދު މިހާދަށާއި، ސްކޫލްގެ މެނޭޖްމަންޓްގެ އެންމެހައި ބޭފުޅުންނަށް، ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވަން. އަދި މި ސްކޫލްގެ ލޮބުވެތި ދަރިވަރުންނަށާއި އިސް ދަރިވަރުންނަށް، އަދި ބެލެނިވެރިންނަށާއި ރަށުގެ ކުދިބޮޑު އެންމެހައި ރައްޔިތުންނަށް ވެސް ތަހުނިޔާ ދަންނަވަން.

ރަސްމީ ގޮތުން ފޭދޫ ސްކޫލަށް 50 އަހަރު ފުރުނީ، މިދިޔަ އަހަރުގެ ޖުލައި މަހު. އެހެން ނަމަވެސް، މި ސްކޫލްގެ ޢުމުރުން އެއަށްވުރެ މާ ގިނަ ދުވަސްވެއްޖެ. މި ސްކޫލް އެންމެ ފުރަތަމަ ހިންގަން ފެށީ، ވީޑިއޯއިންވެސް ފެނުނު ފަދައިން، މިދިޔަ ޤަރުނުގެ މެދުތެރޭގައި، މި އަތޮޅުގެ ގަމުގައި. އެ ތާރީޚުން މުއްދަތު ގުނާއިރު، ފޭދޫ ސްކޫލަށް 60 އަހަރަށް ވުރެ މާ ގިނަ ދުވަސްވެއްޖެ.

އާދެ، މިއީ އިނގިރޭސި ސިފައިން ގަމަށް އައުމުގެ ވެސް މާ ކުރީގެ ސްކޫލެއް. ދެންމެ އަޅުގަނޑުމެންނަށް ފެނުނު ވީޑިއޯ ރިޕޯޓުންވެސް މި ސްކޫލްގެ ތާރީޚު ވަރަށް ރަނގަޅަށް އޮޅުންފިލައިފި. މި ސްކޫލްގެ ތާރީޚުން އެނގެނީ، މި އަތޮޅުގައި އަދި މި ރަށުގައި ތަޢުލީމުގެ އަލިކަން ފެތުރުމަށް، މި ރަށުގެ ރައްޔިތުންގެ ހިތްތަކުގައި އޮތް ލޯތްބާއި ކުރި ބުރަ މަސައްކަތް.

އެހެންކަމުން، މި ރަށުގެ ރައްޔިތުންނަށް ކިޔަވައިދިނުމަށް ސްކޫލެއް ބިނާކުރެއްވި ބޭފުޅުންނަށާއި، ސަރުކާރުގެ ބެލުމުގެ ދަށަށް މި ސްކޫލް ބަދަލުވުމާ ހަމައަށް، މި ސްކޫލްގެ ކަންކަން އިންތިޒާމު ކުރައްވައި ހިންގެވި ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން. އޭގެ ތެރެއިން މި ދުނިޔެ ދޫކުރެއްވި ބޭފުޅުންނަށް ހެޔޮ ރަޙްމަތް ލެއްވުން އެދި މާތް ގެ ޙަޟްރަތުގައި ދުޢާ ދަންނަވަން.

ރާއްޖޭގެ ރަސްމީ ތަޢުލީމުގެ ތާރީޚަށް ބަލާއިރު، 1980ގެ އަހަރުތައް ފެށިގެން އައިއިރުވެސް، މާލެ ފިޔަވައި ރާއްޖޭގެ އެހެން ހުރިހާ ރަށެއްގައިވެސް، ކުދިންނަށް ކިޔަވައިދެމުން އައީ، ރައްޔިތުންގެ އަމިއްލަ ޚަރަދުގައި ހިންގި އެދުރުގެތަކާއި މަކްތަބުތަކާއި މަދަރުސާތަކުގައި. ފޭދޫ މަދަރުސާއަކީވެސް، 1992 ވަނަ އަހަރާ ޖެހެންދެން، މި ރަށު ރައްޔިތުންގެ މިންނެތް މަސައްކަތުން ހިންގި މަދަރުސާއެއް.

ދަރިންނަށް ކިޔަވައިދިނުމަށް ރައްޔިތުން އޭރު އޮހޮރި ދަލާއި އުފުއްލެވި ބުރައިގެ ފޮނި ނަތީޖާ މިއަދު މުޅި އައްޑުއަށްވެސް އެބަ ލިބޭ. ފޭދުއަށް ބެލިޔަސް، މި ޖީލުގެ ގާތްގަނޑަކަށް ހުރިހާ ބޭފުޅުންނަކީވެސް، ފޭދޫ ސްކޫލުން ތަޢުލީމް ޙާޞިލުކުރެއްވި ބޭފުޅުން. މި ރަށުގެ އިސް މަޤާމުތަކުގައި ތިއްބެވި ގިނަ ބޭފުޅުންނަކީ، އެ ބޭފުޅުންގެ ތަޢުލީމީ ޙަޔާތުގެ ކޮންމެވެސް މަރުޙަލާއެއް، މި ސްކޫލްގައި ކަޑައްތު ކުރެއްވި ބޭފުޅުން.

ފޭދޫ ސްކޫލަށް 50 އަހަރު ފުރުނުއިރު، މި ސްކޫލްގެ ޙަޔާތުން އެންމެ ދިގު މުއްދަތެއް ހޭދަކޮށްފައިވަނީ، ފޭދޫގެ ލޮބުވެތި ރައްޔިތުންގެ ބެލެނިވެރިކަމުގެ ދަށުގައި. ސަރުކާރުގައި ރަޖިސްޓްރީ ކުރުމުގެ ކުރިން ވެސް 10، 12 ވަރަކަށް އަހަރު ވަންދެން، މި ސްކޫލްގެ ހުރިހާ ކަމެއް ބެލެހެއްޓީ ފޭދޫގެ ވިޔަފާރިވެރިންނާއި ވެރިންނާއި ރައްޔިތުން. ސަރުކާރުގެ ސްކޫލަކަށް ބަދަލުވީވެސް، ރައްޔިތުންގެ މަދަރުސާއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްގެން ހިންގަމުން އަންނަތާ 20 އަހަރު ފަހުން.

ސްކޫލެއް ހިންގުމަށް މި ރަށުގެ ރައްޔިތުން އެހާ ބޮޑު ސަމާލުކަމެއް ދިނީ، އަޅުގަނޑު ދެކޭ ގޮތުގައި ހަމަ އެންމެ ބޭނުމެއްގައި. އެއީ ފޭދޫގައި ތަޢުލީމީ ދަރިންތަކެއް އުފައްދައި ރަނގަޅު މުޖުތަމަޢެއް ބިނާކުރުން. މި ރަށާއި މި އަތޮޅުގެ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުން. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، ފޭދޫގެ މުޅި ތާރީޚުގައިވެސް، މި ރަށުގެ ކުރިމަގަށްޓަކައި ފޭދޫ ރައްޔިތުން ޤާއިމުކުރި އެންމެ ބޮޑު އިންވެސްޓްމަންޓަކީ، މި ރަށުގައި ސްކޫލެއް ޤާއިމުކޮށް، ދަރިންނަށް ކިޔަވައިދޭން ފެށުން.

މިދިޔަ ހަތަރު އަހަރުގެ ތެރޭގައި، އަޅުގަނޑުމެންގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދިނީ ވެސް، ހަމަ އެ މަސައްކަތަށް. ދަރިންނަށް ކިޔަވައިދީގެން، މުޅި ރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށް. މި ރާއްޖޭގެ ކޮންމެ އަތޮޅެއްގެ ކޮންމެ ރަށެއްގައި، އެ ރަށެއްގެ ތަރައްޤީއާއި ކުރިއެރުމަށް މަސައްކަތްކުރާނެ ތަޢުލީމީ މީހުން ބިނާކުރުމަށް. ކުރިއަށް އޮތް ތާނގައިވެސް އަޅުގަނޑު އެންމެބޮޑު އިސްކަމެއް ދޭނެ އެއް ދާއިރާއަކީ މިއީ.

މީހުން ބިނާކުރުމުގައި އަޅުގަނޑުމެން ގެންގުޅޭ ވިސްނުންތަކެއް އެބަހުރި. އެއީ ތަޢުލީމީ ނިޒާމުގެ ތެރެއިން ނުކުންނަ ކޮންމެ ދަރިވަރަކީ ޚުލްޤު ހެޔޮ، ދީނީ ޢަޤީދާ ވަރުގަދަ ދަރިވަރަކަށް ހެދުން. ހަމައެއާއެކު، މަސައްކަތްތެރިކަމުގެ ތަޢުލީމާއި ތަމްރީނު ލިބިފައިވާ ދަރިންތަކެއް އުފެއްދުން.

އެކަމަށްޓަކައި އަޅުގަނޑުމެން އެކުލަވައިލި ތަޢުލީމީ ސިޔާސަތަކީ، ތަޢުލީމީ ނިޒާމުގެ ހުރިހާ މަރުޙަލާއެއްގައިވެސް، އިސްލާމްދީނުގެ ޞައްޙަ ޢަޤީދާއަށް ދަރިން ހޭލުންތެރިކުރުމާއި، އިސްލާމީ އަދަބު އަޚްލާޤުގެ މަތީގައި ދަރިން ތަރުބިއްޔަތު ކުރުން. އަދި އެ ކުއްޖެއްގެ ކިބައިގައި ހުރި ހުނަރާއި ޤާބިލުކަން ތަރައްޤީ ކުރުމަށް ތަޢުލީމީ ނިޒާމުގެ ތެރެއިން އެހީތެރިވެދިނުން.

އަޅުގަނޑުމެން ދެކޭ ގޮތުގައި ޒިންމާދާރުކަމާއެކު އަމިއްލައަށް ދިރިއުޅުން ބިނާކުރާ ޤަދަރުވެރި ބަޔަކަށް ޒުވާނުން ހެދޭނީ، އެންމެ ރަނގަޅު ޒަމާނީ ތަޢުލީމާއި ތަމްރީނު ޒުވާނުންނަށް ދީގެން. އެ މީހެއްގެ ކިބައިގައި ހުރި ހުނަރާއި ފަންނުވެރިކަން ކުރިއަރުވައި ތަރައްޤީކޮށްގެން، އަމިއްލަ ޙަޔާތުގެ މިސްރާބު ސީދާކުރެވޭނެ ފުރުޞަތު ޒުވާނުންނަށް ފަހިކޮށްދީގެން. އަދި ޢާއިލާއާއި މުޖުތަމަޢުގައި ބަސްވިކޭ ހަރުދަނާ ބަޔަކަށް ޒުވާނުން ވެގެންދާނީވެސް އޭރުން.

އެކަމަށް ވަރަށް ގިނަ ކަންތައްތައް ރާވައި ތަންފީޒުކުރަމުން އެބަ ގެންދަން. ރާއްޖޭގެ ކޮލެޖް ޔުނިވަރސިޓީތަކުގައި ޑިގްރީ ފެންވަރަށް ހިލޭ ކިޔަވައިދޭން ފެށީ އެ ބޭނުމުގައި. ސްޓޫޑެންޓް ލޯނަށް ނަގަމުން އައި އިދާރީ ފީ ވެސް، 5 ޕަރސެންޓްގައި ހުއްޓައި، މިދިޔަ މާރިޗު މަހުން ފެށިގެން ވަނީ 1 ޕަރސެންޓަށް ކުޑަކޮށްދީފައި. އަދި ލޯނު ދައްކަންޖެހޭ މުއްދަތު، 25 އިންސައްތަ އިތުރުކޮށްދިނީ ވެސް ހަމަ ތަޢުލީމީ ޒުވާނުން ބިނާކުރުމުގެ ބޭނުންތެރިކަން ޤައުމަށް ބޮޑުކަމުން.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ތަޢުލީމުގެ ޤާނޫނެއް އެކުލަވާލައި ތަންފީޒުކުރަން ފެށީ 2021 ވަނަ އަހަރު. އެ ޤާނޫނު ތަންފީޒުކުރަން ފެށުމާއެކު، ޤާނޫނީ އޮނިގަނޑުގެ ތެރެއިން ކަށަވަރު ނުވެ ހުރި، އުނގެނުމާ ގުޅޭ އެތައް ޙައްޤެއް މިހާރު ކަށަވަރު ކުރެވިއްޖެ.

މި ދެންނެވި ޤާނޫނުން ރާއްޖޭގެ ތަޢުލީމީ ނިޒާމަށް އަންނާނެ އެންމެބޮޑު އެއް ބަދަލަކީ، ސްކޫލް މާޙައުލުގެ ތެރެއިން، ފަންނީ އަދި މަސައްކަތްތެރިކަމުގެ ތަޢުލީމު، މިހާރަށްވުރެ ފުޅާގޮތެއްގައި ފޯރުކޮށްދެވޭނެ ގޮތަށް ރާއްޖޭގެ ތަޢުލީމީ ނިޒާމު ބަދަލުވެގެން ދިއުން.
އެ ބަދަލާއެކު، ކުދިންގެ ކިބައިގައި ހުންނަ ތަފާތު ހުނަރުތަކާއި ފަންނުވެރިކަން ތަރައްޤީކުރުމަށް މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ފުރުޞަތު ހޯދައިދެވޭނެ. އަދި ޤައުމުގެ ތަރައްޤީއަށް ކޮންމެހެން ބޭނުންވާ ފަންނުވެރިކަމާއި މަސައްކަތްތެރިކަމުގެ ދާއިރާތަކަށް ކުދިން އަހުލުވެރިކުރެވޭނެ.

ޤާނޫނީ އޮނިގަނޑަށް ގެނައި މި ބަދަލުތައް ތަންފީޒުކުރުމުގެ މަސައްކަތްވެސް އަޅުގަނޑުމެން މި އަންނަނީ ކުރަމުން. މުދައްރިސުންގެ ފަންނީ ޤާބިލްކަން އިތުރުކުރުމަށް ހިންގި ތަފާތު ޕްރޮގްރާމްތަކުން މިހާތަނަށް 26500 އަށްވުރެ ގިނަ މުވައްޒަފުން ތަމްރީނު ކުރެވިއްޖެ.

މިދިޔަ އަހަރުގެ ޖަނަވަރީ މަހު އަޅުގަނޑުމެން ސެޓެލައިޓް ސްކޫލް ނިޒާމުވެސް ރާއްޖޭގެ ބައެއް ރަށްރަށުގައި ޤާއިމުކޮށް ކިޔަވައިދޭން ފަށައިފިން. މިއީވެސް، އެއްވެސް ތަފާތުކުރުމެއްނެތި އަދި ވަކި ޢުމުރަކަށް ބެލުމެއްނެތި، އުނގެނުމުގެ ޙައްޤު ލިބިދިނުމަށް ފެށި ވަރަށް މުހިންމު މަސައްކަތެއް.

ތަޢުލީމީ ދާއިރާގެ ސިޔާސަތުތައް ރަނގަޅަށް ތަންފީޒު ކުރުމަށްޓަކައި އެ ފަންނުގެ މީހުންނަށް ރަނގަޅު ގޮތްތައް ހަމަޖައްސައިދިނުމަކީ ކުރަންޖެހޭނެ ކަމެއް. މި ދާއިރާގައި އުޅޭ ޓީޗަރުން އެ އަދާކުރައްވަނީ ހަމައެކަނި ވަޒީފާއެއް ކަމުގައި އަޅުގަނޑުމެން ނުދެކެން. ދަރިންނަށް އުނގަންނައިދިނުމުގެ މަސައްކަތުގައި ޓީޗަރުން ވެވަޑައިގަންނަވާ މަތިވެރި ޤުރުބާނީއަކީ، މާއްދީ ބަދަލަކުން އަގުކުރެވޭނެ ކަމެއް ނޫން.

އެހެން ނަމަވެސް، ޕްރިންސިޕަލުންނާއި، ޑެޕިޔުޓީ ޕްރިންސިޕަލުންނާއި، ޓީޗަރުން، އަދި އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރުންގެ މުސާރައަށްވެސް، މިދިޔަ އަހަރުގެ މޭ މަހުން ފެށިގެން ވަނީ ހެޔޮ ބަދަލެއް ގެނެވިފައި. އަދި ތަޢުލީމީ ދާއިރާގެ އެހެނިހެން މުވައްޒަފުންނަށް، އަސާސީ މުސާރައިގެ 35 އިންސައްތަ، ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި ހަމަޖައްސައިދެވިއްޖެ.

ހަމައެކަނި މާލީ ޢިނާޔަތެއް ނޫން. ފަންނީ ތަމްރީނަކީ ވެސް ޒަމާނީ ތަޢުލީމު ފެތުރުމަށްޓަކައި ކޮންމެހެން ބޭނުންވާ ކަމެއް. ޕްރިންސިޕަލުން ތަމްރީނު ކުރުމަށް، މާސްޓަރ އޮފް އެޑިޔުކޭޝަނަލް މެނޭޖްމަންޓްގެ 20 ސްކޮލަރޝިޕް ފުރުޞަތު މިދިޔަ އަހަރު ވަނީ ހުޅުވާލެވިފައި. އެ ފުރުޞަތުގެ ބޭނުން ހިއްޕެވި 18 ޕްރިންސިޕަލުން މިހާރު އަންނަނީ ތަމްރީނުތައް ފުރިހަމަކުރަމުން.

މިދިޔަ އަހަރަކީ، ރާއްޖޭގެ ތަޢުލީމީ ޙަޔާތުގައި ވަރަށް ތާރީޚީ ކާމިޔާބެއް ޙާޞިލުކުރެވުނު އަހަރެއް. އެނގިވަޑައިގަންނަވާނެ، ވ. އަތޮޅަކީ ރާއްޖޭގެ އެންމެ ކުޑަ އަދި އާބާދީވެސް އެންމެ ކުޑަ އަތޮޅު. މިދިޔަ އަހަރާ ޖެހެންދެން ވެސް، މަތީ ސާނަވީއަށް ކިޔަވައިދޭ ސްކޫލެއް އެ އަތޮޅަކު ނެތް. އެ އަތޮޅުގައި މުޅިން އަލަށް މަތީ ސާނަވީއަށް ކިޔަވައިދޭން ފެށްޓީ މި ސަރުކާރުން. އެއާއެކު، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މަތީ ސާނަވީއަށް ކިޔަވައިދޭ ސްކޫލްތައް މިހާރު ހުންނާނެ. އަމާޒަކީ، ކުދިންނަށް ކިޔަވައިދިނުމުގައިވެސް، އެންމެ އަތޮޅެއްވެސް، އެންމެ ރަށެއްވެސް، އަދި އެންމެ ފަރުދަކު ވިޔަސް ބާކީ ނުކުރުން.

އަޅުގަނޑުމެން ނުކުމެ މިތިބީ އެ ކަންތައް ކޮށްދޭން. ދިވެހި ރައްޔިތުންނަށް ޚިދުމަތް ކުރުމަށް. ރައްޔިތުންގެ ޙައްޤުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިއްބައިދޭން. އަޅުގަނޑުމެން މިދަނީ އެކަން ސާބިތުކޮށްދެމުން. މާތް ﷲގެ ވާގިފުޅާއެކު، އަޅުގަނޑުމެން ކުރިއަށް ދާނީ ރައްޔިތުން ދައްކައިދޭ މިސްރާބުން.

އަޅުގަނޑު ހިތުން، ތަޢުލީމީ ދާއިރާގެ ކުރިއެރުމަށް މި ކުރެވޭ މަސައްކަތަކީ، ދިވެހި ޤައުމުގެ ކުރިމަގަށް އާރޯކަމާއި ފިނިކަން ގެނެސްދިނުމަށް އިންދޭ ހިޔާބޮޑު ގަހެއް. މިއަދު ނުވަތަ މާދަމާ އަޅުގަނޑުމެންނަށް އެ މަންޒަރު ނުފެނިދާނެ. ކުރިމަގުގެ ޖީލުތައް ހަމަގައިމުވެސް އެ ގަހުގެ މޭވާތައް ބިންނަން ފަށާނެ. ހުރިހާ ދާއިރާއަކުން ޤައުމުގެ ކުރިމަގާ ހަވާލުވާނެ ހީވާގި، ކެރޭ ދަރިންތަކެއް އުފެދިގެންދާނެ.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލުމުގެ ކުރިން އަދިވެސް އެއްފަހަރު، ފޭދޫ ސްކޫލްގެ މި އުފާވެރި ރަން ޔޫބީލްގެ މުނާސަބަތުގައި، މި ރަށުގެ ލޮބުވެތި ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރަން. އަދި ދެންމެ ޕްރިންސިޕަލް އެ ވިދާޅުވި ފަދައިން، ފޭދޫގެ އާ ސްކޫލްގެ އާ އިމާރާތް ވީހާވެސް އަވަހަކަށް ފެށުމުގެ އިންތިޒާމުތައް ހަމަޖައްސައިދޭނެ ކަމުގެ ޔަޤީންކަންވެސް އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް މިރޭ އަރުވަން.

އަޅުގަނޑުގެ ދުޢާއަކީ، އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގައި ސާބިތުވެ ތިބެ، ދިވެހި ދައުލަތަށް ވަފާތެރި، ތެދުވެރި އަދި ހުނަރުވެރި ޖީލެއް ބިނާކުރުމަށް މި ކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. ރާއްޖޭގެ ކޮންމެ ދަރިޔަކީވެސް، ޢިލްމު ހޯދުމަށް ލޯބިކުރާ އަދި އެކަމަށް މަސައްކަތްކުރާ، ހިތްއަލި ކުދިންތަކެއް ކަމުގައި ލައްވައި، ދިވެހިރާއްޖެއަށް ހުރިހާ ގޮތަކުން ވެސް ކާމިޔާބާއި އުފާވެރިކަން، މާތް މިންވަރު ކުރައްވާށި! އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.