އ.ދ.ގެ މޫސުމާބެހޭ ބައްދަލުވުމުގައި ބައިވެރިވަޑައިގަތުމަށް ކޯޕަންހޭގަންއަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ބައެއް ޤައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވަމުން އެބަގެންދަވައެވެ. މިގޮތުން، ޗައިނާގެ ޕްރިމިއަރ ވެން ޖިއަބައޯއާއި، ސިންގަޕޫރުގެ ބޮޑުވަޒީރު ލީ ޝެންގ ލޫންގއާއި، ތައިލެންޑްގެ ބޮޑުވަޒީރު އަބީސިތް ވެއްޖެޖިވާއާ ރައީސުލްޖުމްހޫރިއްޔާ އިއްޔެ ބައްދަލުކުރެއްވިއެވެ.

ޗައިނާގެ ޕްރިމިއަރ ވެން ޖިއަބައޯއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އިތުރުން، ސޫދާނާއި، ބަންގްލަދޭޝްއާއި، އިތިއޯޕިއާގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ޤައުމުތަކުގެ ވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުންތަކުގައި، މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ، މިހާރު ކޯޕަންހޭގަންގައި ކުރިއަށްދާ މޫސުމާބެހޭ ވާހަކަތަކާއި، މި ވާހަކަތަކުން ރަނގަޅު ނަތީޖާއެއް ޙާޞިލް ކުރުމާބެހޭގޮތުންނެވެ. މީގެއިތުރުން، އެޤައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމާއި، މިގުޅުން އިތުރަށް ބަދަހި ކުރެއްވޭނެ ގޮތްތަކާމެދު މަޝްވަރާ ކުރެއްވިއެވެ.

އަދި ސިންގަޕޫރުގެ ބޮޑުވަޒީރާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، އެޗް1އެން1 ވައިރަސްއިން ދިފާޢުވުމަށް ދެވޭ ވެކްސިން ރާއްޖެއަށް ލިބޭނެގޮތް ހައްދަވައިދެއްވާނެ ކަމުގައި ބޮޑުވަޒީރު ވިދާޅުވިއެވެ.

ޤައުމުތަކުގެ އެންމެ އިސްވެރިންނާއެކު އިއްޔެ ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުކުރެއްވުންތަކުގެ އިތުރުން، އެމެރިކާގެ ޚާރިޖީ ވަޒީރު ހިލަރީ ކްލިންޓަނާއި، ނޯވޭގެ މިނިސްޓަރ އޮފް އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެރިކް ސޮލެއިމްއާވެސް އިއްޔެ ރައީސުލްޖުމްހޫރިއްޔާ ވަނީ ބައްދަލުކުރައްވާފައެވެ.

މީގެއިތުރުން، އ.ދ.ގެ މޫސުމާބެހޭ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް މިހާރު ކޯޕަންހޭގަންއަށް ވަޑައިގެންއުޅުއްވާ ޤައުމުތަކުގެ އިސްވެރިންގެ ޝަރަފުގައި، ޑެންމާކުގެ ރާނީ މާގަރީތް ދެވަނަ ރޭ ބޭއްވެވި ފަރިއްކޮޅުގައިވެސް ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވިއެވެ.