މޫސުމަށް އަންނަމުންދާ ބަދަލުތަކާބެހޭގޮތުން ބާއްވަމުންގެންދާ މަޝްވަރާތަކުގައި، ރަނގަޅު ނިންމުން ނިންމުމަށްޓަކައި މަގުދައްކައިދިނުމަށް ޔޫރަޕްގެ ޤައުމުތަކަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ގޮވާލައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް ގޮވާލެއްވީ، ޔޫރަޕިއަން ކޮމިޝަންގެ ރައީސް ހޯޒޭ މެނުއަލް ބައްރޯސޯއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، 2020ވަނަ އަހަރާހަމައަށް ޖައްވަށް ވިހަގޭސް ބޭރުކުރާ މިންވަރު %20އަށް ދަށް ކުރުމަށާއ، ކުރިއަރާފައިވާ އެހެން ޤައުމުތަކުންވެސް މިކަމަށް މަސައްކަތްކުރާ ކަމަށްވަނީނަމަ މި މިންވަރު %30އަށް ދަށްކުރުމަށް ޔޫރަޕިއަން ޔޫނިއަނުން ނިންމާފައިވާ ނިންމުމަށް އަލިއަޅުއްވާލައްވަމުން %30އަށް ދަށްކުރުމުގައި ޝަރުޠެއް އޮވެގެންނުވާނެކަން ހާމަކުރެއްވިއެވެ. އަދި، ކާބަން ނިއުޓްރަލް ޤައުމަކަށް ރާއްޖެ ހެދުމަށް ނިންމަވާފައިވާ ނިންމެވުމާބެހޭގޮތުން ވާހަކަފުޅުދައްކަވަމުން، މިކަމަށް ބޭނުންވާ ޓެކްނޮލޮޖީއާއި މަޢުލޫމާތު ޔޫރަޕް ޤައުމުތަކުގައި ހުރިކަމަށް ޤަބޫލުފުޅުކުރެއްވޭ ކަމަށާއި، މިކަމަށް ޤައުމުތަކުގެ އެހީތެރިކަން ބޭނުންފުޅުވާ ކަމުގައި ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، ކޮޕް15 ބައްދަލުވުން ނިމުމުގެ ކުރިން އެއްބަސްވުމަކަށް އައުމާބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާއާއި މިސްޓަރ ބައްރޯސޯއާ ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.